މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި ފޮއްތެޔޮގެ ބަދަލުގައި ފަޅެއް ހޯދައިގެން ޑްރައި ޑޮކިންގެ ވިޔަފާރިއަށް ވަންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ޒޯން ތިނެއްގައި ފެރީ ހިދުމަތް ދިނުމަށް ސަރުކާރާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވ. ފޮއްތެޔޮ އެ ކުންފުންޏަށް ދިނީ ކްރޮސް ސަބްސިޑީގެ ދަށުން 2011 ގައެވެ. ނަމަވެސް އެ ރަށް ތަރައްގީ ނުކުރެވި ވަނިކޮށް، އެމްޓީސީސީ އަތުން 2014ގައި ރަށް އަނބުރާ ސަރުކާރަށް ނެގުމަށްފަހު އެއް މިލިއަން ޑޮލަރު އެ ކުންފުންޏަށް ދިނެވެ.
ބާސެލޯ ނަސަންދުރާގެ އަރި ބޯލްރޫމްގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީ ސައުދީ ވިދާޅުވީ، ފޮއްތެޔޮގެ ބަދަލުގައި ބޭނުންވާ ފަޅެއް ދެނެގަނެ، އެ ތަނުގައި ކުރާނެ މަސައްކަތަކާ ގުޅޭ ގޮތުން ޕްރޮޕޯސަލެއް ހުށަހަޅަން ރައީސް އޮފީހުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ފަޅެއް ހޯދައިގެން ޓޫރިޒަމް ސިނާއަތަށް ވަނުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން ރިވިއު ކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ނޯޓިސް ކުރެވުނީ ޓޫރިޒަމްގެ އެއްޗަކަށްވުރެ އަޅުގަނޑުމެންނަކީ މެޝިނަރީޒް އާއި މަހާ ޖައްރާފައި ޑްރެޖަރުތަކާ އެއްޗެހި ބޭނުންކުރާ ބަޔަކަށްވާތީވެ އަދި ރާއްޖޭގައި އެ ކަހަލަ ސެކްޓާއެއް ނެތީމަ ޑްރައި ޑޮކިން ފެސިލިޓީއަކަށް އެތަން ބަދަލުކުރަން. އެގޮތުން އަޅުގަނޑުމެންނަށް ސެލެކްޓް ކުރެވުނު ދެ ފަޅަކީ ސަރުކާރުގެ މުހިންމު އެހެން ޕްރޮޖެކްޓަކަށް ރިޒާވް ކޮށްފައި އޮތް ދެ ފަޅު. އެ ޕްރޮޖެކްޓް އަންނަ އަހަރުގެ ފެބްރުއަރީގައި ސްޓާޓް ކުރާ ގޮތަށް އޮތީ. އެހެންވެ ރައީސް އޮފީހުގެ އެންގެވުމަކާއެކު އަޅުގަނޑުމެން މިހާރު އޮތީ މިކަމަށް ބޭނުންވާ އެންމެ އައިޑިއަލް ލޮކޭޝަން އައިޑެންޓިފައި ކޮށްފައި ސަރުކާރަށް ދެއްކުން. ދެއްކީމަ އެކަން ހަމަޖައްސައިދޭގޮތަށް. އަޅުގަނޑު ރައީސް އާއެކު ޕާސަނަލީ ވަންޓުވަން މީޓިންއެއްގައިވެސް މިކަމަށް އެދިފައިވާނެ،" ސައުދީ ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ