"ފެންފޮދެއް ބޯލަބަލަ" ނައިޝަމްގެ ބުރަކަށީގައި ނިގާރު މަޑުމަޑުން އަތްޖައްސާލިއެވެ.
ނައިޝަމް އެއްވެސް ޖަވާބެއް ނުދިނެވެ. ހީވާގޮތުން ރުޅިގަނޑު ހިންދާލަން އޭނާ މަސައްކަތްކުރަނީއެވެ.
"ދަރިފުޅު މިހާރު ތި އަންނަ ރުޅިގަނޑު ކޮންޓްރޯލްކުރަން ވެއްޖެ. ނައި ކިތަންމެ ރުޅިއަޔަސް ހަގީގަތް ބަދަލެއްނުވާނެ. އެ ހެލީނެއް ނާންނާނެ. މާލޭގެ މުއްސަންޖަކާ އިނދެގެން ގެއެއްގެ ރާނީއެއްހެން އޭން އެބައުޅޭ. ނައި އޭނައަށް މަރުދަންޖެހޭއިރު އެ އަންހެނާ އެކައްޗެކޭވެސް ހިތަކަށް ނާރާ. ދަރިފުޅާ އެކަށީގެންވާ އަންހެނެއް ނޫން އެއީ. މީގެކުރިން މަންމަމެންގެ ރުހުން ދިނިން. އެކަމަކު ދެން ދުވަހަކުވެސް ރުހުން ނުދޭނަން"
ކުއްލިއަކަށް ވީގޮތެއް ނިގާރަށް ނޭނގުނެވެ. ބާރު އަޑުފަށްގަނޑެއް އިވުނެވެ. އޭނާގެ ހަށިގަނޑަށް ގުޑުމެއް ނާންނަކަން ޔަގީނެވެ. އަތުގައި ފެންތައްޓެއް ނެތެވެ. ބިރުން ސިހިސިހި ހުރެ އޭނާ ހަމަޔަކަށް އެޅިލެވޭތޯ އުޅުނެވެ. އޭނާގެ ފަހަތުގައި ހުރި ފަސްދޮޅަސް ފަސް އިންޗީގެ ޓީވީ މުގުރިފައި ހުރިތަން ފެނުނެވެ. ޑްރެސިންގޓޭބަލް މަތީގައި އެއްވެސް އެއްޗެއް ނެތެވެ. ކޮޓަރިއަށް ނަޒަރު ހިންގާލުމުން އޭނާއަށް ފެނުނީ ސުންނާފަތިވެފައިވި މަންޒަރުތަކެވެ. ދާދި ކައިރީގައި ރުޅިވެރި ނަޒަރަކުން އޭނާއަށް ބަލަން ހުރި ނައިޝަމް ފެނިފައި ދެފައިގައި ތުރުތުރު އަޅައިގަތެވެ. ނަސީބަކުން އެއީ ފަހުމީ އާއި ނަހުމާ ކޮޓަރިއަށް އައިސް ވަތް ވަގުތެވެ. "މިބުނީނު މިތަނުން ދާށޭ. މަންމަ ދެން މިތަނަށް އައިސްގެން ނުވާނެ" ހަޅޭއްލަވަމުން ދިޔަ ނައިޝަމް އާ ގާތަށް ނަހުމާ ދިޔައެވެ. ފަހުމީ އައިސް ހިފީ ނިގާރުގެ އަތުގައެވެ. ޖެހިލުންވެ ނައިޝަމް އަށް ބަލަންހުރި ނިގާރު އަތުގައި ހިފައިގެން ފަހުމީ ކޮޓަރިން ނިކުތެވެ. ނައިޝަމް ގޮވައިގެން ގޮސް އެނދުގައި ނަހުމާ ބޭންދިއެވެ. ނައިޝަމްގެ ރުޅިގަނޑު އެއްކޮށް ފިލައި ދެލޮލުން ކަރުނައިގެ ސާލެއް އޮހިގަތީ އެހިނދުއެވެ. އޭނާ ނަހުމާގެ ގައިގައި ބައްދައިގަތެވެ.
"އަހަރެން ބައްޔެއްނޫނޭ ދޮންތާ" ނައިޝަމް ބުންޏެވެ. ނައިޝަމް ރުއިތަން ފެނުމުން ނަހުމާގެ ހިތަށް ހީވީ ހަންޖަރެއްގެ ތޫނުކަން އިހުސާސު ވެގެން ދިޔަހެންނެވެ.
"އަހަރެންގެ ހިތުގައި ލެވިފައިމިވާ ޒަހަމްތަކަށް ފަރުވާއެއް ނުދެވެންޏާ މަންމަ ކައިރީގަ ބުނޭ ހިމޭނުން ހުންނާށޭ. އަހަރެން ހިތްހަމަޖެހޭވަރުގެ ލަފްޒެއް ބުނަން މަންމަގެ ދުލަށް ނާންނަންޏާ އަހަންނަށް ރަނގަޅީ އެއްގޮތަކަށްވެސް އަހަންނާ ވާހަކަނުދެއްކިއްޔާ. އެގޮތަށް އަހަރެން ހިތުގައިޖައްސަންޏާ މަންމައެއް ހުރުމުގެ ބޭނުމަކީ ކޮބާ؟" ނައިޝަމް ބުންޏެވެ.
"އެކަން ހަނދާންނައްތާލާ. ނައި އަށް އެނގެއެއްނު މަންމަގެ ވައްތަރު. ހުރިހާވެސް މައްސަލައަކީ ނައި ޔޫހާ އާ ނީންނާނަމޭ ބުނީމަ. މަންމަ ބޭނުންވަނީ ނައި އާ ޔޫހާގެ ކައިވެނި ކުރުވަން. މަންމައަކީ އަބަދުވެސް މަންމަ ބުނާ ބަހުގަ ހިފަހައްޓާ މީހެއް. ކުރަން މަންމަ ވިއްދާލި ކަމެއް ކޮށްފަ ނޫނީ ހުއްޓައެއްނުލާނެ. ނައި ހަނދާންވޭތަ ޒާލިފް ދޮންތަ ދޫކޮށްލާފަ ދިޔަ ކަންތައްގަނޑު. ޒާލިފް އާ މަންމަ ނުރުހުނީ. އެންމެފަހުން މަންމަ މޮޅުވެ ދޮންތަ ބަލި ގަބޫލުކުރަންޖެހުނީ" ނައިޝަމް ހަމަޖެއްސޭތޯ ނަހުމާ މަސައްކަތް ކުރަމުން ދިޔައެވެ.
"އެކަމަކު އަހަންނަކީ ފަސް އަހަރުގެ ކުޑަ ކުއްޖެއްނޫނޭ މި ބޯޅަ މާ ރީތިވެފަ މީގަ ފައިން ޖަހާށޭ ބުނީމަ އެގޮތަށް ކަންކަން ކުރަން. އަހަރެން ބޮޑުވެފަ މިހުރީ. އަހަރެންވެސް ހިތްއެދޭ ކަންކަން އެބަހުރި. ހެލީންއަކީ އަހަންނަށް ކިހާ މިހުންމު މީހެއްކަން މަންމައަށް އެނގޭނެ. މިސާލަކަށް ހެލީން އަހަރެން ދޫކޮށްލީ. އަހަންނަށް ހެލީން އެހެން ހެދީތީ މަންމަ ހިތްހަމަނުޖެހިދާނެ. އެއީ ވެދާނެ ކަމެއް. ނޫނީ މަންމަ އަހަންނަށް ރަނގަޅަކަށް ނޫނީ އެހެން މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ހިފަހައްޓަން އުޅުމަކީވެސް ގާތްކަމެއް. އެކަމަކު ބޮޑުފިރިހެނަކަށް މަންމައެއް ކަމަކު މަޖުބޫރެއް ނުކުރެވޭނެއްނު. އަހަރެން ބައްޔޭ ކިޔާކަށް ނުޖެހޭ. ކިތައްފަހަރު ބުނާނީ އަހަރެން ބައްޔެއްނޫނޭ. އަހަރެންގެ ސިކުނޑި ބަރާބަރަށް މަސައްކަތްކުރޭ. އަހަރެން ދޫކޮށްލާފަ ހެލީން ދާންޖެހުނު ހަގީގީ ސަބަބު ނުބުނަނީސް އަހަރެން ފަހަތަކަށް ނުޖެހޭނަން. އަހަންނަކަށް ނޭނގެ ހެލީންދެކެ އަހަރެން މިހާ ލޯބިވެވޭ ސަބަބެއް. ސޮރީ ދޮންތާ... އަހަރެން ރުޅިގަދަވާކަށް ބޭނުމެއްނޫން. އަހަރެން ތަންކޮޅެއް ހިތް ބަލީ. މަންމަގެ ސަބަބުން ނޫނީ އަހަރެން މިހެން ރުޅިގަދައެއްނުވޭ. މިވީ ދެން ވަރަށް ދެރަގޮތެއް. މަންމަ ހާދަ ދެރަވާނޭ އަހަރެން އެހެން ކަންތައްކުރީމަ" ނައިޝަމް ވާހަކަދެއްކިއެވެ.
"އިނގެއެއްނު ދޮންތަ ޒާލިފް އާ ރައްޓެހިވެގެން އުޅޭކަން އެނގުނީމަ މަންމަ ކޮށްލިވަރު. ޒާލިފްގެ މާލޭގަ ގެދޮރު ނެތީމަ. އެންމެފަހުން ދޮންތަ އެގުޅުން ކަނޑާލަންދެން ހިފަހައްޓާލިއެއްނު. އެކަމު ނައި ޔަގީންކުރޭ. ދޮންތަގެ އުފާތަކުގައި މަންމަ ހުޅުޖެހިޔަސް ނައި އާ މެދު އެގޮތަށް ކަންތައްކުރާކަށް ލާހިކެއްނޫން" ޔަގީންކަމާއެކު ނަހުމާ ބުންޏެވެ.
ކުއްލިއަކަށް ނައިޝަމް އެނުން ތެދުވެގެން ގޮސް އެނާ ކުރަހާ ސާމާނުތައް ހޮވަން ފެށިއެވެ. ބޯޑު ސީދާކޮށްލާފައި އޭނާ ކުރަހަން ފަށާފައި އިން ހެލީންގެ ތަސްވީރުގައި ފިރުމަން ފެށިއެވެ. އެވަގުތު އާދެވުނު ރުޅީގައި ހެލީންގެ ތަސްވީރަށް ވެސް އޭނާއަށް އިހާނެތި ވެވިއްޖެއެވެ. އިސާހިތަކު އަލުން އޭނާ ކުރަހަން ފެށިއެވެ. ނައިޝަމް ހަޔަކަށް އެޅުނީކަން އެނގުމުން ނަހުމާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމަށްފަހު އޭނާ އަވަސްވެގަތީ އެތަން ހަމަޔަކަށް އެޅުވުމަށެވެ.
****
އިޝާނަމާދަށް ދާން ޒަމްރު ގެއިން ނިކުތް ވަގުތު އެއީ ހެލީން ގެއަށް އައި ވަގުތެވެ. ޒަމްރު އަށް ހެލީންގެ މޫނަށް ބަލައިލެވުނެވެ. ހެލީންގެ މޫނަށް އައިސްފައިވާ ބަދަލުން އޭނާ ރޮއެފައި ހުރިކަން ޒަމްރުއަށް އެނގުނެވެ. ޒަމްރު ކަންބޮޑުވިއެވެ. ސުވާލުކުރަން ބޭނުންވިއެވެ. ބޭކާރުކަމެކޭ ހިތް ބުންޏެވެ. ޒަމްރުއަށް ސަމާލުކަންނުދީ ހެލީން ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ދަބަސް އެނދުމަތީގައި ބާއްވާފައި އޭނާ އެނދުގައި ހަމަޖެހިލިއެވެ. މުޅި ދުވަސް މިދިޔައީ ސަބްރާގެ އެޕާޓްމަންޓުގައެވެ. މާސްކު މޫނާ ވަކިކޮށްލާފައި އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދެލޮލަށް ވާންވެ އެސްފިޔަތަކުގައި ރިހުމެއް ހުރިކަން އިހުސާސްވިއެވެ. ބޭނުންވީ ބޮލުގައި ރިހެމުންދާ ރިހުމަށް ލުޔެކެވެ. އަރިމަތީ ކަބަޑުމަތީގައި ހުރި ފެންޖަގުން ތައްޓަށް ފެންފޮދެއް އަޅައިގެން ކޯވަރެއް ބޯލިއެވެ. ތަށި ހުރިތަނުގައި ބަހައްޓާފައި އޭނާ ބާލީސް މަތީގައި ބޯ އަޅާލިއެވެ. ކަނާއަތް ފަރާތަށް ޖެހިލެވުނު ގޮތަކުން އަރިމަތީ ކަބަޑުމަތީގައި ހުރި ފްރޭމް އަނެއްކާވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބޮލުގެ ރިހުން ވީ އިތުރެވެ. ފްރޭމް އެއްލައި ފާރުގައި ޖަހަން ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރިއެވެ. ފްރޭމް ބަންޑުން ބާއްވާފައި އޭނާ ސީދާވެލިއެވެ. އެއް އަތް ގެންގޮސް ބޭއްވީ ނިތްމަތީގައެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން އޭނާއަށް ނިދެމުން ދިޔައެވެ. އެހެން އޮތްއިރުވެސް އޭނާގެ ތެތްކަން އެކުލެވިފައިވާ އެސްފިޔަތަކުގެ ތެރެއިން އޭނާއަށް ސިފަވަމުން ދިޔައީ ނައިޝަމްގެ ތަސްވީރެވެ. އެހިނދު އޭނާގެ ހިކިފައިވާ ދެތުންފަތް ވެސް ނައިޝަމް ގެ ނަން ކިޔާލާ ގޮތަކަށް ހެލިލިއެވެ.
ވަގުތުކޮޅެއް ފަހެވެ. މަޑުމަޑުން ދޮރު ހުޅުވުނެވެ. ޒަމްރު އެތެރެއަށް ވަނެވެ. ހެލީން ނިދާފައި އޮތްއިރު ޒަމްރު ހުރީ ގާތުގައެވެ. ހެލީން ތިރިއަށް ކާން ނުފައިބާތީ އޭނާ އައީ ކާން ގޮވާށެވެ. އެހެންނަމަވެސް ހެލީން އަށް ގޮވާކަށް އޭނާއަށް ނުކެރުނެވެ. ހާމައަށް ފެންނަން އޮތް ހެލީންގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. ހިތްހަމަޖެހޭވަރަށް އޭނާއަށް ހެލީންގެ މޫނަށް ބަލަން ހުންނަން ލިބެނީ މިފަދަ މަދު ފުރުސަތެކެވެ. އަނެއްކާވެސް ހެލީން އަށް ގޮވާލަން ހިތަށް އެރިއެވެ. ހެލީން ނުކައި އޮތީމައެވެ. މުޅި ދުވަހު ގެއިން ބޭރުގައި އުޅުނު އިރު އެއްޗެއް ކެއި ކަމެއް ޔަގީން ނުވާތީއެވެ. އެހެންނަމަވެސް އޭނާ ފަސްޖެހުނެވެ. އެއްވެސް ކަމަކާ ހެލީން އޭނާދެކެ ރުޅިއަންނާކަށް އޭނާ ނޭދެއެވެ. އޭނާ އެނދު ކައިރީގައި އިށީނެވެ. ކަޅިޖަހާނުލާ އޭނާ އިނީ ހެލީން އަށް ބަލާށެވެ. ވަރަށް ގާތުންނެވެ. ބައެއްފަހަރު ހެލީންގެ ނޭފަތުން ބޭރުވާ ހޫނު ނޭވާގެ އިހުސާސްވާހާ ގާތަށް މޫނު ކައިރިކޮށްލައެވެ. އޭނާ އެތެރެހައްޓަށް އެހޫނުކަން ދަމާލާފައި އަނެއްކާ ދުރުވެލައެވެ. ހިތްއެދުނީ ހެލީންގެ އަތުގައި ހިފާލާށެވެ. މޫނުގައި ފިރުމާލާށެވެ. ހެލީންގެ މޫނުމަތީގައިވާ މައުސޫމުކަމާއި އެއްވަރަށް އޭނާ ތަހައްމަލުކުރަމުންދާ ހިތްދަތިކަން ޒަމްރުއަށް އިހުސާސް ވިއެވެ. އެހިނދު ޒަމްރުއަށް އިސްޖަހާލެވިއްޖެއެވެ. ހިތާހިތުން ހެލީންގެ ކިބައިން މަޢާފަށް އެދުނެވެ. ކަރުނަވީ ދެލޮލުން އޭނާ ހެލީންއަށް ބަލައިލިއެވެ. އޭނާގެ ދެތުންފަތް ކުޑަކޮށް ދުރުވެލިއެވެ. އެއްޗެއް ބުނަން އުޅުނު ކަހަލައެވެ. އެހެންނަމަވެސް އަޑު ނިކުތީ ދެތުންފަތް ދޭތެރެއިންނެއް ނޫނެވެ. އޭނާގެ ހިތުންނެވެ.
"މަޢާފްކުރޭ ހެލީ. ތިއީ އަހަރެންގެ ކުޑައިރުގެ ލޯބި. އަހަރެން ހެލީންދެކެ އިންތިހާއަށް ލޯބިވޭ. ހެލީގެ ނުރުހުމުގައ ކައިވެނި ކުރެވުނުކަމުގެ އިހުސާސް އަހަންނަށް ނުކުރެވޭ. ކައިވެނީގެ މަޖިލީހުގައި ހެލީ އިށީނީ އަމިއްލައަށް އަށް. އަހަރެން މަޖުބޫރެއް ނުކުރަން. އަހަރެން ލޯބވާކަން ހެލީ އަށް އެނގުނު ހިސާބުން ފެށިގެން އަހަރެން ހެލީއަށް ބީރައްޓެއްސަކަށްވެއްޖެ. ރިއްސަނީ ހެލީގެ ހިތުގަ އެކަންޏެއްނޫން. އަހަރެންގެވެސް.... ބަރުދާސްތު ތިކުރާ ހިތްދަތިކަން.... ހާލަތު ތަފާތު ވިޔަސް އަހަރެންވެސް ބަރުދާސްތުމިކުރަނީ ހިތްދަތިކަން... ހެލީ އަށްޓަކައި. ދުވަހަކުވެސް އަހަރެން މިކުރާ އިންތިޒާރަށް އުފާވެރި ނިމުމެއް އަންނާނެކަމެއް ނޭނގޭ...! އަހަރެންގެ މައްޗަށް ހިތްހެޔޮކުރާނީ ކޮންއިރަކުން؟ ކިހާ ދުވަހަކު އަހަރެން އިންތިޒާރުކުރަންވީ؟ އަހަންނަށް ލޯބިން ބަލާލާނީ ލޯބިން ބަހެއް ކިޔާނީ ކޮންއިރަކުން؟" ޒަމްރުގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެހިނދު އޭނާ އެއް އަތުގެ ބޮޑުވާ އިނގިލިން ކަރުނަތިކި ފޮހެލިއެވެ.
ކުއްލިއަކަށް ޒަމްރުއަށް ސިހުނީ ނިދީގައި އޮތް ހެލީން ހަރަކާތްކޮށްލި ވަގުތު ހެލީންގެ އަތް އެނދުގެ އެއްފަރާތުގައި އޮތް ޒަމްރުގެ އަތްތިލަ މަތީގައި އަޅާލުމުންނެވެ. ޒަމްރުއަށް ހެލީންއަށް ބަލައިލެވުނެވެ. ޔަގީނުންވެސް އެއީ ހެލީންގެ އިހުތިޔާރުގައި ކުރި ކަމެއް ނޫނެވެ. އެހެންނަމަވެސް ނިދީގެ ދުނިޔޭގައި ވިޔަސް ހެލީންގެ އެފަދަ ކުޑަކުޑަ އަމަލަކުންވެސް ޒަމްރުގެ ހިތަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ.
"ހެލީ..." ޒަމްރުގެ ހިތް އަނެއްކާވެސް ހެލީން އަށް ގޮވާލިއެވެ. އެވަގުތު އެތަނުން ދުރަށް ދާން އޭނާގެ ހިތް ނޭދުނެވެ. ދެން އެފަދަ ފުރުސަތެއް ލިބޭނެ އިރެއް ނޭނގެއެވެ.
"އަހަންނަށް ހެލީ ދޫކޮށްލަން މަޖުބޫރު ނުކުރައްޗޭ. އެއީ އަހަންނަށް ވާނެ ކަމެއްނޫން. މިގޭ ހަތަރުފާރުން އެތެރޭގައި ހެލީ ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރެވޭނެ. އަހަރެން ހެލީގެ އެއްވެސް މިނިވަންކަމަކަށް ހުރަހެއް ނާޅާނަން. ހެލީގެ ވެރިމީހާ އަކީ ހެލީ. އެކަމަކު... ދުވަހަކުވެސް އަހަރެން ހިތުގައިޖެހޭފަދަ ކަމެއް ނުކުރައްޗޭ. މިބުނީ... އެ މޮޔަ ޒުވާނާ... ނަމެއް ނޭނގޭ. އަހަރެމެންގެ ކައިވެނީގެ ދުވަހު އައިސް މާރާމާރީ ހިންގި މީހާ. އޭނަ ކައިރިއަށް ނުދައްޗޭ. އޭނައަށް ފުރުސަތު ނުދެއްޗޭ. ކޮންމެ ކަމެއްވެސް ބަރުދާސްތު ކޮށްފާނަން. ހެލީ އެހެން މީހަކު ކައިރިއަށް ދާތަން ބަލާކަށް ނުހުރެވޭނެ. ހެލީ ދޫކޮށް ދިރިއުޅުމައިގެން ކުރިއަށް ދިޔުމަކީ އަހަންނަށް ވާނެ ކަމެއް ނޫން. ހުވާކޮށްފަ މިބުނީ އަހަރެންގެ އިހުތިޔާރުގަ އެކަމެއް ނެތް" ޒަމްރުގެ ލޮލުން ވެއްޓުނު ކަތުނަތިކި އައިސް ޖެހުނީ ހެލީންގެ އަތްތިލަ މަތީގައެވެ. އެހިނދު ޒަމްރުއަށް ބަލައިލެވުނީ ހެލީންގެ މޫނަށެވެ. ދެލޯ ހުޅުވަން އުޅޭކަހަލަ ގޮތަކަށް ހެލީންގެ ހަރަކާތްތައް ހުރުމުން ޒަމްރު ފުންމައިގެން ތެދުވަން އުޅުމުގެ ތެރޭގައި ހެލީންގެ އަތަށް ވާންކޮށްލެވުނެވެ. އޭނާއަށް ދުރަށް ހިނގައިގަނެވުނީ ކިރިޔާއެވެ. ނަސީބަކުން އެއީ ޖީބުގައި އޮތް ފޯނުވެސް ރިންގުވީ ވަގުތެވެ.
"މިދަނީ" ޒަމްރު ބުންޏެވެ. ޒަމްރު ލަސްވެގެން ގުޅީ މާޔޫން އެވެ.
އޭނާ ފާހާނާ އާ ދިމާލަށް ހިނގައިގަތީ ހެލީންއަށް ސަމާލުކަންނުދީއެވެ. ތެދުވެ ހެޑްބޯޑުގައި ލެގިލައިގެން ބުރުގާ ރީތިކުރަން ހެލީން އިންކަން އޭނާއަށް އެނގެއެވެ. ފޯނަށް ހެލީން ބަލައިލިއެވެ. ބަރާބަރު އަށްގަޑި ބައިވީއެވެ. ބުރުގަލާއެކު ނިދުމުން ގައިގެ އެތެރޭގައި ކުޑަކޮށް އުދާސްކަމެއް އުފެދިއްޖެއެވެ. ފާހާނާއަށް ޒަމްރު ވަތްކަން އޭނާ އަށް އިނގެއެވެ. ކޮޓަރިން މިނިވަންކަމެއް ލިބޭނީ ޒަމްރު ނިކުތް އިރަކުންނެވެ. އެކަމަކު ޒަމްރު ކައިރިވީހެން އޭނާއަށް ހީވަނީ ކީއްވެގެން ހެއްޔެވެ؟ ފާހާނާގެ ދޮރަށް ހެލީން ބަލައިލީ ނުރުހުން ވެފައެވެ. އެއީ ޒަމްރު ފާހާނައިން ނިކުތްވަގުތެވެ.
"ހިނގާ ކާން. މަންމަ އެބަ އިންތިޒާރުކުރޭ" ހެލީން އަށް ބަލައިލުމެއްނެތި ޒަމްރު ބުންޏެވެ.
"ނުކާނަން. ބަނޑުހައެއްނުވޭ" ހެލީން ބުންޏެވެ.
"ތިހެން ނަހަދާ" ޒަމްރު ބުންޏެވެ.
އެނދުގެ ހެޑްބޯޑުގައި ހެލީން ބޯއަޅުވާލިގޮތަށް މައްޗަށް ނަޒަރު ހުއްޓާލިއެވެ.
"މިބުނީނު އަހަރެން ނުކާނަމޭ"
ހެލީންއަށް ބަލައިލާފައި ޒަމްރު އިށީނީ ކައުޗްގައެވެ. ހެލީންއަށް ކުރިމަތިލައިގެންނެވެ.
"މިއަދު އެއްޗެއް ކެއި ކަމެއްވެސް ނޭނގޭ. ބަނޑުހައިނުވެ ހުންނާނެތަ؟" ޒަމްރު ބުންޏެވެ.
ހެލީން ބަހެއް ނުކިޔައެވެ. އޭނާގެ ދެލޮލުގެ ދެފަރާތުން ވެއްޓުނު ކަރުނަތިކި ވަދެގެން ދިޔައީ ކަންފަތާ ދިމާލުން ބުރުގަލުގެ ތެރެއަށެވެ. އެމަންޒަރު ބަލަން ޒަމްރުއަށް އުނދަގުވިއެވެ.
"ހެލީ.. ޕްލީޒް. މިހާރު ކިހާ ދުވަހެއް މިވަނީ. ތިގޮތަށް ހެލީ ރޯ މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއްނުވާނެ. އައި ލަވް ޔޫ ހެލީ..." ޒަމްރު ބުންޏެވެ.
ހެލީން ފުންމައިގެން ތެދުވިއެވެ. އަތުގައި އޮތް ކުޝަން އެނދުމައްޗަށް އެއްލިއެވެ. ޒަމްރު އާ ކުރިމަތިލިއެވެ.
"އަހަރެން ބުނިންތަ ޒަމްރު ކައިރީގަ އަހަރެންދެކެ ލޯބިވާށޭ. ކީއްވެތަ ތިއެންމެން ތިހާ އަމިއްލަ އެދުން ބޮޑީ" ހެލީން ބުންޏެވެ.
"ލޯބިވުމަކީ ކުށެއްތަ؟ ފާފައެއްތަ؟ ހެލީދެކެ ލޯބިވީ އަހަރެންގެ އިހުތިޔާރެއްނެތި"
އިތުރަށް އެބަސްތައް އަޑުއަހާކަށް ހެލީން ބޭނުމެއް ނުވިއެވެ. ބާރު ހިނގުމުގައި ގޮސް އޭނާ ވަނީ ފާހާނާއަށެވެ. ފާހާނަގެ ދޮރަށް ބަލަހައްޓައިގެން އިރުކޮޅަކު ޒަމްރު އިނެވެ. ދެން އޭނާ ތެދުވެގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާ މޫނުމަތި ސާފުކޮށްލިއެވެ. އޭނާ ދެލޮލުގައި ރަތްކަމެއް ހުރީތީ ކަންބޮޑުވިއެވެ. އޭނާއަށް ކިރިޔާ ބަދަލެއް އަޔަސް އެކަން މަންމަ ފާހަގަކުރާނެއެވެ. އެހެންވިޔަސް އެނޫން ގޮތެއްވެސް ނެތެވެ. އޭނާގެ ހިތްދަތި ދުނިޔެ ކޮޓަރީގެ ހަތަރުފާރުން ބޭރަށް ނިކުތްތާ ކިތަންމެ ދުވަހެކެވެ.
ކާ މޭޒު ކައިރިއަށް ދިޔައިރު މާޔޫން އާއި ގާޔާ ތިއްބެވެ. އެކަކުވެސް ކާއެއްޗެއްގައި އަތްނުލައެވެ. ޒަމްރު އެކަނި އައުމުން ބަލައިލިއެވެ. އިސްޖަހާލާފައި ޒަމްރު ދެފަރާތަށް ބޯހޫރާލިއެވެ. އެހިނދު މާޔޫންގެ ދެލޮލުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.
"ދަރިފުޅު ކާންވީނުން. ހެލީން ފައިބާނެ ކާން. މަންމަ ކާނަން އެމަންޖެ ފޭބީމަ" މާޔޫން ބުންޏެވެ.
"ނޫނޭ މަންމާ. އަޅުގަނޑު ބަނޑުހައެއްނުވޭ" ޒަމްރު ބުންޏެވެ.
މާޔޫން އަށް އެނގުނެވެ. ހެލީން ކާއެއްޗެއް ނުކާހާ ހިނދެއްގައި ޒަމްރު ނުކާނެއެވެ. އިތުރަށް ޒަމްރުއަށް އޭނާ މަޖުބޫރެއްވެސް ނުކުރާނެއެވެ. އެހެންނަމަވެސް އަބަދު އެއްގޮތަކަށް އެކަން ދޫކޮށްލާކަށް އޭނާ މިފަހަރު ބޭނުމެއް ނުވިއެވެ. ދަރީންގެ ދިރިއުޅުމަށް ބަދަލެއް އަންނަންޏާ އަންނަންވާނީ އޭނާއަށް ވެސް ކޮންމެވެސް މަސައްކަތެއް ކޮށްގެންނެވެ. ޒުވާން އުމުރުގައި ހަގީގީ ލޯބި ކާމިޔާބުނުވެ ކައިވެނީގެ ފޮނި ރަހަ އަރު ބުޑުގައި ނުލަނީސް އެ ދިރިއުޅުން ރޫޅިގެންދާން އޭނާއަށް ދޫކޮށެއް ނުލެވޭނެއެވެ. ޒަމްރުއަށް ހެލީންގެ ލޯބި ހާސިލްވުމަކީ އޭނާ އަށް ކުރެވޭ އެންމެ ބޮޑު އުންމީދެވެ.
"ދަރިފުޅު އިށީނދޭ ކާން" އިކުރާމާ ބުންޏެވެ.
ޒަމްރު އިށީނީ މާ ގަޔާވެފައެއް ނޫނެވެ. މަންމަ އެއްފަހަރު ކާން ބުނުމުން އޭނާއަށް ނޫނެކޭ ބުނެވިއްޖެއެވެ. އެއްކަމަކަށް ދެފަހަރު މަންމައަށް އިންކާރު ކުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ.
"ގާޔާ އާ ދެކުދިން ކާލާ. މަންމަ ކާނީ ހެލީންއާއެކު" މާޔޫން ބުންޏެވެ.
އޭނާ މަސައްކަތު ކުއްޖަކަށް ގޮވާލިއެވެ. ވަރަށް އަވަހަށް ކާއެއްޗެހި ޓްރޭ ތައްޔާރުކޮށްދިނުމަށް ބުންޏެވެ. މާ ލަސްތަކެއްނުވެ އެތަނުން ކުއްޖަކާއެކު އޭނާ އެދިމާލަށް ހިނގައިގަތެވެ. އެހިނދު ޒަމްރު މާޔޫންގެ އަތުގައި ހިފެހެއްޓިއެވެ. މަންމަގެ އެ އަމަލުން ހެލީން ފަހަރެއްގައި މާބޮޑަށް ހިތްހަމަނުޖެހިދާނެއެވެ.
"ދަރިފުޅު ފަދައިން މަންމައަކީ ވެސް ހެލީންގެ ކުރިމަތީގައި ބީރައްޓެއްސެއް. ހެލީންގެ ހިތުގައި މަންމައަށް ވެސް މާބޮޑު ޝައުގުވެރިކަމެއް ނޯވޭ. އެކަމަކު އެހެން އެކަން ބާއްވާކަށް މަންމަ ބޭނުމެއްނޫން. ދަރިފުޅަށް ހެލީންގެ ލޯބި ހޯދައިދިނުމަށް މިފަހަރު މަންމަ މި ނިކުންނަނީ. ދަރިފުޅު ފަދައިން ހެލީންގެ ދުރުކަން މަންމަވެސް ބަރުދާސްތު އެބަކުރަން. އެހެންވީމަ މިކަން މަންމައަށް ދޫކޮށްލާ. ހެލީ ރުއްސަން މަންމައަށް އެނގޭނެ. ދަރިފުޅު ފަދައިން ހެލީ އަކީ ވެސް މަންމަގެ ދަރިއެއް" މާޔޫން ޔަގީންކަމާއެކު ވާހަކަދެއްކިއެވެ.
ސިޑިން އަރައިގެން މާޔޫން ދާ މަންޒަރު ބަލަން ޒަމްރު އިނެވެ. އޭނާ ސިހުނީ ފިނި އަތްތިލައަކުން އޭނާގެ އަތުގައި އަތްޖައްސާލުމުންނެވެ.
"ދޮންބެދައްތަ ކީއްވެތަ ގާޔޫމެންނާ ވާހަކަނުދައްކަނީ. ގާޔޫ ވަރަށް ބޭނުން އެންމެންގެ ކަނެކްޝަން ރަނގަޅުވާން. ދޮންބެދައްތަ މިގެއަށް އައިމަ ގާޔޫ މިހުންނަނީ ވަރަށް ކަންކަން ޕްލޭންކޮށްގެން. ވަރަށް އެކްސައިޓްވެގެން. އެކަމަކު... އަނެއްކާ ގާޔޫދެކެތަ ލައިކް ނުވަނީ"
ގާޔާގެ ޖުމްލައާއެކު ޒަމްރުއަށް ގާޔާގެ މޫނަށް ބަލައިލެވުނެވެ. ގާޔާގެ މޫނުގައި އެއް އަތުން އޭނާ ފިރުމާލިއެވެ.
"ދޮންބެދައްތަ ކުޑަކޮށް ބަލިކޮށް އުޅެނީ. އަދި ރަނގަޅުނުވާތީ އެ އުޅެނީ. ފަހުން ރަނގަޅުވާނެ. ގާޔޫ ވާނެ ދޮންބެދައްތައަށް ޓައިމްދޭން" ލޯތްބާއެކު ޒަމްރު ވިސްނައިދިނެވެ.
"ހެލީ އަކީ ގޯސް ކުއްޖެއްނޫން. މައްސަލައަކީ ދޮންބެއަށް ލޯބިވެވުނީ. ހެލީ އަށް ދޮންބެ ކަމުނުދަނީ. ހެލީގެ ހިތް އެމީހަކަށް ހާސިލްނުކުރެވޭ ކޮންމެ މީހަކީ އުނި މީހެއްކަން ޔަގީން. އެހެންވީމަ އެންމެ އުނި މީހަކީ ދޮންބެ" އެވާހަކަތައް ވި ކާން އިން ގާޔާ އާ ދިމާލަށް ބަލަން އިން ޒަމްރުގެ ހިތުގައެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ްއްއްއްއަސްލު މިވާހަކަ ކިޔާފަ ވަރަށްދެރަވޭ. ޒަމްރު ހެލީން ނައި މިތިންމީހުންކުރެ އެއްވެސް މީހެއްގެހިތަކަށް ހަމަޖެހުމެއް ނުލިބޭ ނައިއާޒަމްރުއެހާލޯބިވޭ ހެލީންދެކެ ދެންކިހިނެއްބާމިވާހަކައިގަވާނީ ވަރަށް ސައުގުވެރި ވާހަކައެއްމީ ވަރަށްރީތި މާށާﷲ
ފާތު - 1 އަހަރު ކުރިން
ވަރަށް ރީތި މިބައިވެސް. އެކަމަކު ހާދަ ދެރަގޮތެކޭ މިވަނީ. ތިން ކުދިން ވެސް ރޮއެ ރޮއެ ހަލާކުވަނީނު މިއޮއްގެން...
ނަންނަ - 1 އަހަރު ކުރިން