މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާކުޑަކޮށް ކަމަށާއި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.

އެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައިވާ ގޮތުން ފުލުހުންގެ ކޮމާންޑް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހެންވޭރު ޕެޓްރޯލް ބީޓަށް އަންގައި، އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެ އަށް ގޮސްފައިވާ ކަމަށާއި ޕެޓްރޯލް ފުލުހަށް ދިން މައުލޫމާތަށް ބަލައި އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ފޮނުވި ކަމަށް ބުންޏެވެ.

ނަމަވެސް، އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ އޭގެ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯ އަށް އެ ސަރަހައްދަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނީ އައިއޯއަށް ލަހުން ދެވުމުގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެއްކުރެވިފައިނުވާ ކަމަށާއި ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައިވެސް ނުވާ ކަމަށެވެ.

"ޔުމްނު އެ ރޭގައި އުޅުނީ ހ. ފެންޓެނޯއީ ގެ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި ކަމާއި އަދި ޔުމްނު އޮތީ ހ. މިޓާޒްގެ ފުރާޅުމަތިގައިކަން ތަހުގީގަށް އެނގިފައި އޮތް އިރު، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން އެނގެއެވެ. އަދި މައްސަލައިގެ އެންމެ މުހިންމު އެއް ތަން ކަމަށްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެތް ލިބޭތޯ މަސައްކަތް ކޮށްފައިނުވާ ކަމާއި ކުށުގެ ވެށީގެ ބައުންޑަރީ ކަނޑައެޅިފައިނެތް ކަމާއި ކުށުގެ ވެށި ރައްކާތެރި ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ،" ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓްގައި ބުނީ އޭގެ ފަހުން އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ގޮސް ތަހުލީލަށް ބޭނުންވާ ބައެއް ހެއްކި ހޯދި ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައި ނުވާ ކަމަށެވެ. އަދި ޔުމްނު ވެއްޓިފައި އޮތީ ގުދަނެއް ހިންގާ ތަނެއްގައި ކަމަށްވެފައި އެތަނުގެ އެތެރެއަކީ ވެސް ބަލަންޖެހޭ މުހިންމު ތަނެއް ނަމަވެސް އެތަން ބަލާފައިނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޕޯޓްގައި އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާތެރިކަމާ އެކު ނޫން ކަމަށާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންގެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީތައް ރިވައިސްކޮށް އެ އެސްއޯޕީތަކަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށެވެ.

"މި ހާދިސާގައި ފަރުވާކުޑަ ކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް މި ކޮމިޝަނުން ދެކެމެވެ،" ރިޕޯޓުގައި ބުންޏެވެ.