މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ނިންމައިފި އެވެ.

ބާސެލޯ ނަސަންދުރާގެ އަރި ބޯލްރޫމްގައި މިހާރު ކުރިއަށްދާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99.95 ޕަސެންޓް ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެމްޓީސީސީގެ ހިއްސާދާރުންގެ ތެރެއިން 256 ހިއްސާދާރަކު ބައިވެރިވި އެވެ. އެއީ ކުންފުނީގެ ރައުސްމާލުގެ 69.52 ޕަސެންޓެވެ.

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކުރި އިރު, 2023 ވަނަ އަހަރު އެ ކުންފުނިން ބެހީ ތިން ރުފިޔާ އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ ދެ ބިލިއަން ރުފިޔާ އެވެ. އެއީ 2023 ވަނަ އަހަރާ އަޅައި ބަލާއިރު 33 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.