މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް އާ އެއްވަރަށް އޭނާގެ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދުގެ އިހުމާލުވެސް އެބަ އޮތް ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.
ޔުމްނުއަށް އެހީތެރިކަން ފޯރުކޮށްނުދިން ކަމަށް ބުނެ ރައުދުގެ މައްޗަށް ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ކޮމިޝަނުން މިއަދު އާންމު ކުރި ރިޕޯޓްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތް ކުރިކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އޭނާއާ ދިމާވި މީހުންގެ ބަޔާނުން އެނގޭ ކަމަށެވެ. ނަމަވެސް ރައުދު، ދާއޫދާއި އޭނާގެ ރައްޓެހިންނާ ދިމާވިފަހުން ހާދިސާ ހިނގި ވަގުތުގެ އެއްވެސް ކަމެއް ހަނދާނެ ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
"ބައެއް މީހުންގެ ބަޔާނުން ދާއޫދާއި ރައުދު ބައްދަލުވެ ވާހަކަ ދެއްކި ކަމަށްވާ އިރު، ޔުމްނު ވެއްޓި ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރުން ބަލާ އިރުވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ފެންނާާތީ މި ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދާއި އެވަގުތު ރައުދުއާ ބައްދަލުވި މީހުންގެ ހިމެނޭ ކަމަށް ކޮމިޝަނަށް ފެންނާތީ، އެކަން ކަމާބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ފެނެއެވެ." ރިޕޯޓްގައިވެއެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ދުވަހު ރައުދުއާ ދިމާވީ ފަތިހު 5:30 އާއި 6:30 އާ ދެމެދު ވަގުތެއްގައި ކަމަށް އޭނާގެ ބޭބެ ދާއޫދު ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ސީނިއާ އެއްވެސް ބޭފުޅަކަށް، ފުލުހަކަށް އަދި ވަޒީރަކަށް ވެސް ގުޅާފައި ނުވާނެ ކަމަށް ދާއޫދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔުމްނު ވެއްޓުމުގެ އެއްވެސް ވާހަކައެއް ރައުދު، ދާއޫދު ކައިރީގައި ބުނެފައިނުވާ ކަމަށް ދާއޫދު ވިދާޅުވެފައިވީ ނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއާ އެ ދުވަހު މުއާމަލާތްކޮށް ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.
އޭގެ އިތުރުން ރައުދު ބަލާ ޔުމްނު ވެއްޓުނު ގެ ކައިރިއަށް ދާއޫދު ދިޔަ ކަމަށް އިޔާން އިމްލާގު އާއި ސާއިފް މުހައްމަދު ބުނެފައިވާ ކަމަށެވެ. އަދި ދާއޫދު ފުލުހަށާއި ކޮމިޝަނަށް ދެއްވި ބަޔާނުގައި ތަފާތުތަކެއް ހުރުމުން، އޭނާ ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައި ބުނީ ދާއޫދާއި އޭނާގެ ރައްޓެހިންގެ ބަޔާނުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި އެމީހުން ތަހުގީގަށް ދޮގުބަޔާން ދީފައިވާތީ، ތަހުގީގަށް ކަމެއް ސިއްރު ކުރާ ކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ދުނިޔެ