ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އެ ކައުންސިލަރުންނަށް ދޭ މުސާރަ ބޮޑުކޮށްފިނަމަ ކިޔަވައިގެން ތިބި އުފެއްދުންތެރި ބަޔަކު ރަށަށް ގޮސް ހިދުމަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ޕީއެންސީން އިއްޔެ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކިޔަވައިގެން ތިބި ހަރުދަނާ އެތައް ބަޔަކު ރަށުން ބޭރުގައި މަސައްކަތްކުރާ ކަމަށާއި އެ މީހުން ރަށަށްދާނީ ރަށުގައި ހުރެގެން ރަނގަޅު މުސާރަ ލިބޭނެ ގޮތްތަކެއް ފަހިކޮށްދީގެން ކަމަށެވެ.
"އަޅުގަނޑުމެން ގައުމަށް މިހާރު ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނުކުމެ އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން. އޮފީހަށް ނުކުމެލާފައި އެ މީހާގެ އިނގިލީގެ ނިޝާން ދީފަ ދާނެ މީހުންނެއް ނޫން ބޭނުންވަނީ، ކޮލެޓީ މީހުން ދުރު ރަށްރަށުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ރަށަށް އައިސް ރަށަށް ހިދުމަތް ކުރާނެ ގޮތެއްވެސް އެބަޖެހޭ ހަދަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަރުންގެ މުސާރައަށް މިހާރު ބޮޑު ހަރަދެއް ކުރާ ކަމަށް ފެނުނު ނަމަވެސް ހަގީގަތުގައި ކައުންސިލަރުންނަށް ލިބޭ މުސާރައަކީ ވަރަށް ކުޑަ މުސާރައެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް މީހުން މަދުކޮށްފައި މުސާރަ ބޮޑުކޮށްދީފަ އެގޮތަށް އެ ފުރުސަތު ހޯދައިދެވިއްޖެއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން [ކިޔަވައިގެން ތިބި އުފެއްދުންތެރިން ރަށަށް ހިދުމަތްކުރަން] ވާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން ވަޒީފާ ނެތް މީހުންނަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވޭނެ ފުރުސަތު ހޯދައިދިނުމުން އިގުތިސޯދަށް ދިރުން އަންނާނެ ކަމަށެވެ.
އާއިޝަތު މާހާ
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް