ޤައިލާގެ ޖުމްލައާއެކު އަސަލްގެ މެޔަށް ފިނިވިއެވެ. ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައިވި ރުޅިވެރިކަމުގެ ތޫފާނަށް ވެސް ނިމުން އަތުވެއްޖެއެވެ. ސަމާލުވެ ޤައިލާގެ މޫނަށް ބަލަހައްޓައިގެން އަސަލްއަށް ހުރެވުނެވެ. ޤައިލާގެ މޫނުން އަސަލްއަށް ބުނެދިން ހަޤީޤަތާއެކުގައި، އަސަލްގެ ސިކުނޑީގައި ހައިޖާންގަނޑެއް އުފައްދާލައިފިއެވެ. ޤައިލާގެ އަޑުގައިވި މަލާމާތާއި ތުންފަތުގައިވި ވިހަ ހިނިތުންވުން އަސަލްއަށް ދޭހަކުރެވުނީ ދެނެވެ. ހިތުގެ އަޑީގައި ފޮރުވަމުން ދިޔަ އިހުސާސްތަކުގެ ހިލަން ޤައިލާއަށް ވެއްޖެކަމުގެ ޔަޤީންކަމާއެކު އަސަލްއަށް ހުރެވުނީ ހިމޭންވެފައެވެ. ވިސްނަންވީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ފުނިޖެހުނު ޚިޔާލުތަކުން ސިކުނޑީގެ ނާރުތަކަށް ވާންކޮށްލައިފިއެވެ.

''ކިހިނެއްވީ؟، ދުލުން ބަސްހުއްޓުނީތަ؟، އަސަލް ހީކުރީ އަހަންނަށް އޮޅުވާލެވޭނެ ކަމަށްތަ!...'' އަސަލްގެ ހިމޭންކަން ފެނި ޤައިލާގެ ތުންފަތް ދެމިލީ ހިނިތުންވުމަކުންނެވެ. ''އަހަންނަށް ހުރިހާ ކަމެއް ފެނުނޭ، ދަ ވޭއި ޔޫ ލުކް އެޓް ހާ...''

''ތެދަށް ބުނާނަމަ އަހަރެން ހިޔެއް ނުކުރަން އޭރު އަހަންނާ ރައްޓެހިވާން އަސަލް އެއްބަސްވެދާނެޔޭ، އެކަމަކު އަސަލްގެ ފިނޑިކަމާ ހުރެ ތިހިތުގެ ހާލު މައިހާއަށް ކިޔައި ނުދެވުނެއްނު، އެހެންވެގެންނު އަހަންނާ ހަޤީޤަތުގަ ރައްޓެހިވީ، އަސަލްއަށް އަހަރެން ފެނުނީ ފަސޭހަ މަގެއްގެ ގޮތުގައެއްނު؟، މީ ދޮގެއްތަ؟...'' ޤައިލާ ދެލޯހަނިކޮށްލިއެވެ. އޭނަ އަމާޒު ހިފީ ހުރިހާކަމެއްގެ އިލްޒާމު އަސަލްގެ ބޮލުގައި އަޅުވާށެވެ.

އަސަލްއަށް ހުރެވުނީ ޤައިލާއާއި ނަޒަރުވަކިކޮށްލަން ނޭނގިފައެވެ. ޤައިލާ ހާމަކުރީ ތެދެވެ. ލޯބިވާންކަން މައިހާ ގާތު ބުނަން ފަސްޖެހެވުމާއި އެކުވެރިކަމަށް އައިސްދާނެ ހީނަރުކަމެއްގެ ސަބަބުން ޤައިލާއަށް އަސަލް ލޯބި ހުށަހެޅިއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޤައިލާއަށް އޭނަގެ ހިތް އަސަލް ދިނެވެ. ވަފާތެރިކަން މަތީ ދެމިހުއްޓެވެ. ސިކުނޑިއަށް ބާރުބޮޑުވި ވަރަކަށް އޭނައަށް ޤައިލާގެ ރުޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ފަހުމުރުކުރެވުނެވެ. ނަފުރަތުގެ ދިލަ ހޫނުކަން ވެސް ނަގައިގަނެވުނެވެ.

އަސަލްއަށް ދޫކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ. އޭނަގެ ހިތާއި ދިގު ހަނގުރާމައެއް ކުރެވިއްޖެއެވެ. ނަމަވެސް ކުރިމަގެއް ނުލިބުނެވެ. ނާކާމިޔާބުވި ލޯބީގެ ރިހުމާއި ދުރެއް ނުވެވުނެވެ. ޤައިލާގެ އަމަލުތައް އެދަރަޖައަށް ދިޔައީ އޭނަގެ ސަބަބުން ކަމުގައި ހީކުރެވުނެވެ. މައިހާއަށްޓަކައި ވިންދު ޖަހަމުން ދިޔަ ޖަޒުބާތުތައް ކަފުންކުރެވުނު ނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. އޭނައާއި ޤައިލާގެ ކައިވެނީގެ ގުޅުން އެހާލަތަށް ނުދިޔައީހެވެ. ފަހަރެއްގައި އުފާވެރި ހަޔާތެއް އެކުގައި ހޭދަކޮށްލަން ލިބުނީހެވެ. ޤައިލާގެ ހިތުގައި މައިހާއާއި މެދު ނަފުރަތު އުފަންނުވީހެވެ. ހުރިހާ ކަމެއް ގޯހުންގޯހަށް ދިޔައީ އޭނަގެ ސަބަބުންނެވެ.

''އެހެންވެތަ މޭއި ދެކެ ރުޅިއަންނަނީ؟...'' ހަމަހިމޭންކަން ވިރިވެފައި އޮތް މާހައުލުގެ ތެރޭގައި އަސަލްގެ ސުވާލު ގުގުމާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޤައިލާ ދެފަރާތަށް ބޯހޫރާލިއެވެ. ޤައިލާގެ އެއަމަލުން އަސަލްއަށް ލިބުނީ ހައިރާންކަމެވެ.

އަސަލް ތަޅުވާލުމުގެ ބޭނުމުގައި އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން ޤައިލާ މަޑުކޮށްލިއެވެ. މޭގައި ހުރަސްކޮށްގެން ހުރި ދެއަތް ވެސް ތިރިކޮށްލައި އުނަގަނޑުގައި ކަނާއަތް ވިއްދާލިއެވެ. އަސަލްއާއި އޭނަ ކުރިމަތިލީ ދެނެވެ. އޭނަގެ އަނދިރި ފަރާތް ބޭޒާރުވުމާއެކު ދެއްކުންތެރިކަމުގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިގެން ހުރުމުގެ ބޭނުމެއް ނެތޭ ޤައިލާގެ ޒަމީރު އޭނައަށް އިރުޝާދުދިނީއެވެ. ހީލަތްތެރި ވިސްނުމާއެކު މަސްރަހު ގަޑުބަޑުކޮށްލަން މޮޅު ޚިޔާލެއް އެވަގުތު ޤައިލާއަށް ލިބުނެވެ.

''ނޫން!، އޭގެ ކުރިން ވެސް އަހަރެން މައިހާދެކެ ލައިކެއް ނުވޭ، ފުރަތަމަ ސްކޫލުން ބައްދަލުވި ދުވަހު ވެސް ފޫހިވި، ތެދަށް ބުނާނަމަ ބޮލަށް ތުރާވެފަ ހުރީ، ތިމާވަރުގެ މާތް މީހަކު ނެތްކަމަށް ހެދިގެން އުޅުނީ، އެނޯއިންގް ބިޗް...'' ފޫހިކަމާއެކުގައި ޤައިލާ ބުންޏެވެ. މާޒީގެ ދުވަސްތައް ހަނދާނަށް އައުމުން ލޮލުގެ ކަޅި މައްޗަށް އަރުވާލެވުނެވެ. ޤައިލާ އުޅުނީ އަސަލް ރުޅި އަރުވާލާށެވެ. ހުތުރު ބަސްތަކުން މައިހާއަށް މުހާތަބުކުރީ އެހެންވެގެންނެވެ. އޭނަގެ އެމަޤުސަދު ހާސިލުވުމާއެކު ޒާތަކަށް ހިނިތުންވެލަމުން އަސަލްއަށް ބަލަން ޤައިލާ ހުއްޓުނެވެ. އަސަލް ކަންތައްކުރާނީ ކިހިނެއްކަމާމެދު ޝައުޤުވެރިކަން އުފެދިފައެވެ.

''ޤައިލާ...'' އަޑަށް ބާރުލާފައި އަސަލް ގޮވިއެވެ. ޤައިލާގެ ދުލުން ހާމަވި ހަޤީޤަތާއި މައިހާއަށް އަމާޒުކުރި ބަދު ބަސްތަކުން އަނެއްކާ ވެސް އަސަލްއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. ބަނދެވެމުން ދިޔަ ކުށްވެރިކަމުގެ އިހުސާސްތަކާ ދުރުކޮށްދިނީ ޤައިލާގެ ވާހަކަ ތަކުންނެވެ. އޭނަގެ ހިތުން މައިހާއަށް ދެވިފައިވާ މަޤާމު އެނގޭ ހާލުގައި ވެސް އޭނައާއި ރައްޓެހިވާން ޤައިލާ އެއްބަސްވި ސަބަބާއި މެދުގައި ސުވާލު އުފެދުނެވެ. މިހުރިހާ އަހަރެއް ވީއިރުގައި ވެސް އެކަމަށް ޤައިލާ އަލިއަޅުވާލާފައި ނުވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

''ވަރަށް އަސަރުކުރޭދޯ މައިހާއާއި ދިމާއަށް އެއްޗެކޭ ބުނީމަ...'' އެއް ބުމަ އަރުވާލަމުން ޤައިލާ ބުނެލިއެވެ.

''ކީއްވެ ހުރިހާކަމެއް އެނގިހުރެ އަހަންނާއި ރައްޓެހިވީ؟...'' ޤައިލާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަސަލްއަށް އަހާލެވުނެވެ. އޭނަ ބޭނުންވީ އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބު އޮޅުން ފިލުވާށެވެ.

ޤައިލާގެ ދޫ ހަރަކާތްކޮށްލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އޭނަ ދައްކަން އުޅުނު ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެސިއްރު އަސަލްއަށް އަންގަން ޤައިލާ ބޭނުން ނުވާތީއެވެ. އެތަސައްލީ އަސަލްއަށް ދޭން ޤައިލާގެ ޒަމީރު ދެކޮޅުހެދިއެވެ. އިތުރު މައްސަލަތަކެއް ފެންމަތިކުރަން އެދެވޭތީއެވެ. އޭނައަށް ވާނެނަމަ މައިހާއާއި އަސަލްގެ ލޯބި ކާމިޔާބުވިޔަކަ ނުދޭނެއެވެ. އެކުވެރިކަމުގެ ހިޔަނީގައި ހުރެގެން އޭނަ ރޭވި ނުބައި ރޭވުންތަކާއި ގުޅިފައިވާ މަޤުސަދަކީ ވެސް އެއީއެވެ. ކޮންމެހެން ވިޔަސް ލޮލަށް ފެންނަ މަންޒަރުތަކުން ޤައިލާ ހުރީ މަޖާވެފައެވެ. އެހެން ބައެއްގެ ޖަޒުބާތުތަކާއި ކުޅެލެވޭކަން އޭނައަށް ރޭކާނުލިއެވެ. ނާއުއްމީދާއި މާޔޫސްކަމުގެ ވޭނުން އަސަލްއާއި މައިހާގެ ދިރިއުޅުމުން އަހަތުރަކެއް ނަގާލެވިއްޖެކަން ވެސް މެއެވެ.

''އަހަންނަށް އަސަލް ފެނިފަ ކަމުދިޔައީ، އޭރު ރަށުގަ އުޅުނު އެންމެ ރީތި ޒުވާނާއަކީ އަސަލް، އަންހެންކުދިންގެ މެދުގައި މަޝްހޫރީ ވެސް އަސަލް، އެހެންވެ އަހަރެން ބޭނުންވީ އަހަރެންގެ މީހަކަށް އަސަލް ހަދަން، އަހަރެންގެ މިލްކަކަށް ހަދަން... އަސަލްގެ ހިތުގައި މައިހާއަށްޓަކައިވި އިހުސާސްތައް ނުފެންނަ ކަމަށް ހެދީ އެހެންވެގެން......'' ޤައިލާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. ޤައިލާގެ ނަޒަރުގައި އޭނަ ނޫން މީހެއްގެ އިހުސާސްތަކަށް ސަމާލުކަން ދިނުމަކީ ބޭކާރުކަމެވެ. ކުރާނެ މަންފާއެއް ނެތް ކަމެކެވެ. ހިތާމައިގެ ޒައްރެއްގެ މިންވަރު ވެސް އެދެލޮލުން ފާޅު ނުވިއެވެ.

ޤައިލާގެ ވާހަކަތައް އަސަލްގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރީގެ ސިފައިގައެވެ. އިތުރަށް ނުސިހޭނެޔޭ ހީވާ ކޮންމެ ފަހަރަކު ޤައިލާ އެކަން ދޮގުކޮށް އެއް ފިޔަވަޅު ކުރިއަށް ޖެހިލައެވެ. އޭނަގެ ޖަޒުބާތުތަކާއި ޤައިލާ ކުޅެފައިވާ މިންވަރު އަސަލްއަށް ތަސައްވަރުކުރެވުނެވެ.

އަސަލްއަށް ސިފަކުރެވުނީ ޤައިލާއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެކެވެ. ބައްޖަވެރި ދިރިއުޅުމެއް ލިބިދާނެ ކަމަށް ދެކެވުނު ހުވަފެންތަކެވެ. ޤައިލާގެ ލޯބިން އޭނަގެ ހިތަށް ދިރުން ލިބިދާނެ ކަމަށް ވެސް އުއްމީދުކުރިއެވެ. ކޮންމެ ފަދަ ހާލަތެއްގައި ލޯބީގެ ގުޅުން ފެށުނުކަމުގައި ވިޔަސް އަސަލް ހުރީ ވަފާތެރިކަމާއި ސާބިތުކަމުގައި ދެމިހުންނާށެވެ. ޤައިލާ ވެސް އޭނަ ދެކެ ވީ ތެދުވެރި ލޯބިކަމުގައި އަސަލް ޔަޤީންކުރިއެވެ. ނަމަވެސް އެއީ އޮޅުވާލުމެކެވެ. އޭނަގެ ލޮލުގައި އަޅުވާލި ކެހިވެރިކަމުގެ އަނދުނެކެވެ. ކަޝްފުވެފައިވި ޤައިލާގެ މަކަރުވެރިކަން ހާމަވީ ވަގުތު ފާއިތުވީފަހުންނެވެ.

''އެއްއިރެއްގައި ވެސް އަހަރެން ދެކެ ޤައިލާ ލޯބިވިންތަ؟...'' އަސަލްއަށް އަހާލެވުނެވެ. ޤައިލާއާއި އަސަލް ހަތަރުކަޅި ހަމަކޮށްލިއެވެ. އަސަލްގެ ދެލޮލުން ފާޅުވީ މޮޅިވެރިކަމުގެ އަސަރެވެ. ކުލަޖެހުމެއް ނުވާ ހުވަފެނަކަށް ދިރުން ގެނެސްދޭން ހަދައިގެން ހަޔާތުން ބޭކާރުވެގެން ގޮސްފައިވާ ދުވަސްތަކާއި މެދުގައި އަސަލްއަށް ފިކުރު ހިންގާލެވުނެވެ. ޤައިލާގެ ކެހިވެރިކަމަށްވުރެން އޭނަ ދެރަވީ ގެއްލިގެން ދިޔަ ފުރުސަތުތަކާއި މެދުގައެވެ. ޤައިލާގެ ފަރާތުން އުއްމީދުތަކެއް ނުލިބުނުނަމަ އެހިތުގެ ހާލު އޭނަ މައިހާއަށް ބުނެދިނީހެވެ. އެކުވެރިކަމަށް އައިސްދާނެ ބަދަލަކާމެދުގައި ހިނދުކޮޅަކަށް ވިޔަސް ހަނދާންނައްތާލާފައި ލޯބިވާކަމަށް އިޤުރާރުވީހެވެ. ކަށިން ހިތްވަރު ނެރެ އެކުގައި މުސްތަޤުބަލެއް ލިބޭތޯ ބެލީހެވެ. ނަމަވެސް އޭނައަށް އެފުރުސަތެއް ނުލިބުނީ ޤައިލާގެ މަކަރުވެރިކަމުންނެވެ. ޝައުވާތަކުން އަސަލްގެ ސިކުނޑި ފުރުނެވެ. މުޅި މީހާ މާޔޫސްކޮށްލަމުންނެވެ.

''ޤައިލާ، އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ، ޕްލީޒް!...'' ޤައިލާގެ ހިމޭންކަމުން އަސަލްއަށް ހަރުކަށިކަމާއެކު ބުނެވުނެވެ. ހިތާމަޔާއި އުދާސްތައް ބަދަލުވީ އާދޭހަށެވެ.

''ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ، ޖަވާބު ދީބަލަ!... ޤައިލާ އަހަރެން ދެކެ ދުވަހަކު ވެސް ލޯބިވިންތަ؟، ނޫނީ ހަމައެކަނި އަހަންނަށްތަ ޤައިލާ ދެކެ ލޯބި ވެވުނީ؟...'' އަސަލްއަށް ބުނެވުނެވެ. އޭނަގެ ނަފުސު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އަސަލްއަށް އޭނަގެ މޫނުގައި ދެއަތުން ފިރުމާލެވުނެވެ. އިސްތަށިގަނޑުގައި ވެސް އަތްފުނާއަޅާލެވުނެވެ. ޖަވާބުނުދީ ޤައިލާ ހުންނަން ފެށުމުން، ޤައިލާގެ އަތުގެ މުލައްދަނޑީގައި އަސަލް ހިފިއެވެ. ލުއްކިއެއް ޖެހީ ޤައިލާ ގަދަހަދަން ފެށުމުންނެވެ.

އަސަލް ގެނައި ކުއްލި ހަރަކާތުން ޤައިލާ ސިހުނެވެ. ދެލޯ ބޮޑުކޮށްލަމުން އަސަލްއަށް ބަލަން ފެށިއެވެ. މީގެ ކުރިން އަސަލްގެ ފަރާތުން ދެކެފައިނުވާ ހަރުކަށި އަމަލެކެވެ. ފުރަތަމަ ފަހަރަށް ޤައިލާގެ ނާރުތަކުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދައުރުކޮށްލިއެވެ. އަސަލްގެ ތޫނުފިލި ދެލޮލުން ކަރުނައިގެ ތެތްކަން ޤައިލާ ދުށްޓެވެ. ހިމޭންވެފައި ބަލަން އޭނައަށް ހުރެވުނެވެ. އަސަލް ހަޤީޤަތުގައި ވެސް އޭނަ ދެކެ ލޯބިވާކަން ޤައިލާގެ ހިތަށް އިލްހާމަވީ ދެނެވެ. ނަމަވެސް ސަމާލުކަންދޭކަށް ޤައިލާ ބޭނުމެއް ނުވިއެވެ. އޭނަގެ ހިތާއި ޖާން ލޫކަސްއަށް ހިބައިން ދެވިފައިވާތީއެވެ. ލޫކަސްގެ މުއްސަނދިކަމަށް ދީލާލާފައިވާތީއެވެ. އަސަލްގެ އަންބެއްގެ މަޤާމުގައި ހުންނާކަށް ވެސް މިހާރު ޤައިލާގެ ޒަމީރު ތަނެއް ނުދެއެވެ. ފަރުވާކުޑަކަން ފެނުނުނީ އެހެންވެގެންނެވެ.

''ނުވޭ!...'' ޤައިލާ އިއްވާލިއެވެ. އެއާއެކު މާހައުލަށް ވެރިވީ މަރުގެ ހިމޭންކަމެވެ. އަސަލް ދޫކޮށްލި ލަސް ނޭވާގެ އަޑު ފިޔަވައި އިތުރު އަޑެއް ވެސް ނީވެއެވެ. މާހައުލަށް ވެރިވި ނުތަނަވަސްކަން އިންތިހާއެވެ.

''ކީއްވެ؟، ލޯބި ނުވާނަމަ އަހަރެންގެ ހުށަހެޅުން ޤަބޫލުކުރީ ކީއްވެގެންތަ؟، ކިތައް އަހަރު، ކިތައް އަހަރު ޤައިލާގެ ސަބަބުން ބޭކާރުވެގެން ދިޔައީ!، އަހަންނާއެކު ދިރިއުޅުމެއް ފެށުމުގެ ވިސްނުމެއް ނުވާއިރުގައި ކައިވެންޏާއި ހަމައަށް ދިޔައީ ކީއްވެގެންތަ؟، ވައި ޑިޑް ޔޫ ޑޫ އިޓް!... ޤައިލާއަށް އަހަރެން ފެނުނީ ކުޅޭކުޅެ ބުދެއްގެ އުސޫލުންތަ؟، އަހަންނަށް ޖަވާބުދީ...'' ޤައިލާއާއި ހަތަރުކަޅިހަމަކުރަމުން އަސަލް އަމުރުކުރިއެވެ. . އަސަލްގެ ދެލޮލުން ފާޅުވި ކަރުނައިގެ ދިލަކަމުން ރަމްޒުކޮށްދިނީ މޭގައި އުފެދުނު ރިހުމެވެ. ލިބުނު ހަމައެކަނި ތަސައްލީއަކީ އޮޅުވާލުމެއްގެ ތެރޭގައި އުމުރު ނަގާނުލެވެނީސް ހަޤީޤަތް އެނގުނުކަމެވެ.

''ދޫކުރޭ!، އަހަރެންގެ މައްޗަށް އަސަލްއަށް އަނިޔާވެރިއެއް ނުވެވޭނެ!...'' އަސަލްގެ އަތްފޮޅުވާލަން ޤައިލާ ގަދަހެދިއެވެ. މިފަހަރު އަސަލް ޤައިލާގެ އަތުން ދުލެއް ނުކުރިއެވެ. ޤައިލާ ނުތަނަވަސްވިއެވެ. ތޫނު ނިޔަފަތިތައް އަސަލްގެ އަތަށް ހަރާލައި ހަމަލާދިނީ ދުރަށް ދާންވެގެންނެވެ. ވީތަދުން އަސަލްއަށް ޤައިލާގެ އަތުން ދޫކޮށްލެވުނެވެ.

''ސްޓޮޕް ޓްރައިންގް ޓު ބީ އެ ވިކްޓަމް!...'' އަސަލްއަށް ހަޅޭއްލަވައިގަނެވުނެވެ.

އަސަލް އާއި ދުރަށް ޖެހިލުމާއެކުގައި އަސަލްއަށް ޤައިލާ ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. މޫނު ރަތްވެ ފަޅައިގެންދާން ކައިރިވެފައި ހުރި އަލިފާން ފަރުބަދައަކާ ތަފާތެއް ނެތެވެ. ދުލުގެ ވިހައިން އަސަލްއަށް ހަމަލާދޭން ޤައިލާ އަވަސްވެގަތެވެ.

''އަހަރެން ލޯތްބެއް ނުވޭ، ބުނެވިދާނެ ލަސްޓޭ، އަހަރެން ބޭނުންވީ އަހަރެންގެ މީހަކަށް އަސަލް ހަދަން...'' އަޑަށް ބާރުލަމުން ޤައިލާ ބުނެލިއެވެ. ''އަޑުއިވިއްޖެ؟، ސާފުވެއްޖެތަ؟...''

އިސްތަށިގަނޑުގެ ތެރެއަށް ދެއަތްތިލަ މަހާލަމުން ޤައިލާއަށް އަސަލް ފުރަގަސްދިނެވެ. ސިކުނޑިއަށް ބާރުބޮޑުވުމާއެކުގައި އަސަލްއަށް ސޯފާގައި އިށީނދެވުނެވެ. ހުރިހާ ކަމަކާއި ކުރިތިލާން އޭނައަށް ވަގުތު ކޮޅެއް ބޭނުންވީ އެވެ. މޭގައި އުފެދުނު ހައިޖާނާއެކުގައި އަސަލްއަށް މޭގައި ދެފަހަރަކު ފިރުމާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މައިހާއާއި މެދު އުފެދުނު ކަންބޮޑުންތަކުން ކުރިފަޅައިގެން ގޮސް ހާމަވި ހަޤީޤަތްތަކުން އޭނަގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައްޖެ އެވެ.

''އަހަރެން އެއްބަސް ވަން، އަހަރެން ޤައިލާއާއި ރައްޓެހިވީ ސޭފް އޮޕްޝަންއެއް ގޮތުގައި އެވަގުތު ފެނުމުން، އެކަމަކު އަހަރެން ޤައިލާއާއި ރައްޓެހިވި ހިސާބުން މޭއިއަށްޓަކައިވި އިހުސާސްތަކާއި ދުރުވީން، ޤައިލާ ދެކެ ލޯބިވީން، ރައްޓެހިވީ ވެސް އެޔަޤީންކަން ލިބުމުން... ވަފާތެރިކަން މަތީ ދެމި ހުރީން، އަހަންނާ މެދު ޤައިލާ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން ޤައިލާއަށް ބޭވަފާތެރިއެއް ނުވަން، ނުވެސް ވާނަން... އަހަންނަކީ އެކަހަލަ މީހެއް ނޫން... ޤައިލާ އެދުނު ކޮންމެ ކަމެއް އަހަރެން ކޮށްދިނިން، އެއީ ވެސް އަހަރެން ވި ލޯބީގެ ރަމްޒެއް، އެކަމަކު ލޯބި ވެވުނީ ހަމައެކަނި އަހަންނަށް، ކައިވެނީގައި މައްސަލަ ޖެހެން ފެށީ އެހެންވެގެން... ކުރިން ވި ލޯތްބެއް މިހާރަކު ނެތް، ދެމީހުން އަބަދު ޒުވާބުކުރުން ނޫންކަމެއް ނުވޭ... ސުލްހަވެރިކަމާއެކުގައި ވަކިވުން ރަނގަޅުވާނީ...'' އަސަލް ބުންޏެވެ. އޭނަ ހުރީ ވަރުބަލިވެފައެވެ. ވަރިކޮށްފައޭ ދުލުން ބޭރުނުކުރީ އޭގެ ކުރިން ވިސްނަންޖެހޭ ކަންތައް ހުރީތީ އެވެ. ނަމަވެސް އިތުރަށް އެކައިވެނީގައި ދެމިހުންނާކަށް އަސަލް ބޭނުމެއް ނުވިއެވެ. ކައިވެނި ރޫޅާލުމުގެ ޚިޔާލު ޤައިލާއަށް ހުށަހެޅީ ދެބަސްވުމަކާއި ނުލައި ވަކިވާންވެގެންނެވެ. ނަމަވެސް ޤައިލާ ހުރީ އެފަދަ ވިސްނުމެއްގައެއް ނޫނެވެ. ތަންފުކެއް ދޫކޮށްލުމެއް ނެތި ޤައިލާ ފެށީ ޒުވާބުކުރާށެވެ.

''އެހެންތަ؟، އަސަލްއަށް ހީވަނީ އަހަރެން ވަރިކޮށްފަ މައިހާ ލިބޭނެ ކަމަށްތަ، އަސަލް ތީ މޮޔައެއްދޯ؟، އޭނަ އެކުވެރިކަމުގެ ނަޒަރުން ނޫން ގޮތަކަށް އަސަލްއަށް ބަލައެއް ނުލާނެ، އުމުރު ހުސްވިޔަސް އަސަލްއަށް މައިހާ ނުލިބޭނެ، އެކަން އަސަލްއަށް އެނގޭނެހެން އަހަންނަށް ހީވަނީ... ހެހެހެ، މީގަ އަހަރެން ކުށްވެރިކުރަން އުޅޭނެކަމެއް ނެތް، އަސަލްގެ ފިނޑިކަމުން ހުރިހާ ކަމެއް ވީ، ވީ އާ އިން ދިސް މެސް ބިކޯޒް އޮފް ޔޫ... ތީ ބޮޑު ފިނޑިއެއް، ނިކަން ދޭބަލަ މައިހާގެ ފަހަތުން އޭނަ އަސަލްގެ ލޯބި ޤަބޫލުކުރޭތޯ ބަލަން...'' ޤައިލާ އުޅުނީ އަސަލްގެ ވިސްނުމާއި ކުޅެލާށެވެ. އަސަލްގެ މޭ ޒަހަމްވާނެހެން ބަސްތައް އަތުރާލީ އެހެންވެގެންނެވެ. އެއިން ކޮންމެ ލަޒުފަޒުން އަސަލްއަށް ލިބޭ ވޭން ބޮޑުކޮށްލުން އެއީ ޤައިލާގެ މަޤުސަދެވެ. އޭނަ ދޫކޮށް ދިޔަޔަސް މައިހާގެ ލޯބި ކާމިޔާބުނުކުރެވޭނެކަމުގެ ޝައްކާއި ވަހުމު އުފައްދާލަން މަސައްކަތްކުރީ އެހެންވެގެންނެވެ.

ޤައިލާގެ ޖުމްލައިން އަސަލްގެ ހިތަށް ތަދުކުރުވިއެވެ. އޭނަގެ މުސްތަޤުބަލު އަސަލްއަށް ފެނުނީ އަނދިރިކަމާއެކުގައެވެ. އަލަތު ކައިވެނި އެވަނީ ރޫޅުމަކާ ހަމައަށް އައިސްފައެވެ. މުޅި ދިރިއުޅުން ވިއްސިވިހާލިވެގެން ގޮސްފައިވާ ކަހަލައެވެ. ސިކުނޑިއަށް ކޮންޓްރޯލް ނުކުރެވޭވަރުވުމުން ގަދަޔަށް ބޮލުގައި ރިއްސައިގަތެވެ. ޤައިލާގެ ވިހަގަދަ ބަސްތަކުން ޒަމާނުއްސުރެން މޭގައި ލެވިފައިވި ޒަހަމްތަކުގެ ފާރުގަނޑުތަކުން ލޭ ހިލުނެވެ. އޭނައަށް އެވާހަކަތައް ޤަބޫލު ކުރެވުނެވެ. ޤައިލާ ހާމަކުރީ ތެދުކަމުގައިވާތީ އެވެ.

އިސްޖެހިފައި ހުރި އަސަލްއަށް ޤައިލާ ބަލައިލީ ކާމިޔާބީގެ ހިނިތުންވުމަކާއެކުގައެވެ. ހަރުކޮށް ހިނގާފައި އޭނަ ވަނީ ކޮޓަރިއަށެވެ. މިނެޓެއް ނުވަނީސް އަތްސަދަބަސް ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ. ކަންފަތުގައި ފޯނު ޖައްސައިގެން ހުރެފައި އޭނަ މިސްރާބުޖެހީ އެޕާޓްމެންޓްގެ މައިދޮރާއި ދިމާއަށެވެ. އަސަލްއަށް ޤައިލާ ނިކުތް މަންޒަރު ފެނުނެވެ. އެންމެ ރަނގަޅުވާނީ ވެސް ދެމީހުން އެއްތާކު ނުވުންކަމުގައި އަސަލްއަށް ނަގައިގަނެވުނެވެ.

ޤައިލާ ނިކުމެގެން ދިއުމާއެކުގައި އަސަލް ވަށާލީ އެކަނިވެރިކަމާއި ހިމޭންކަމުންނެވެ. އެޕާޓެމެންޓްގެ ހަތަރު ފާރު ވެސް އޭނަ ފިއްތާލަން އުޅުނު ކަހަލައެވެ. ހަމަޖެހުން ލިބުމެއް ނެތެވެ.

ހާސްކަމާއެކު އަސަލްއަށް ކޮޅަށް ތެދުވުނެވެ. ބޮޑުކޮޓަރީގައި ކުރުކާލި ކަނޑާލެވުނެވެ. ކަންތައް ކުރަން ވީ ކިހިނެއްކަން އަސަލްއަށް އެނގެއެވެ. މައްސަލައަކީ އެކަނި އެކަމާ ކުރިމަތިލާން ޖެހޭތީ އެވެ. މަންމަމެންނަށް ވެސް އެކަމުގެ ޚަބަރު ދޭން ޖެހޭނެއެވެ. އޭނަގެ ނިންމުންތަކަށް މަންމަ އެއްބާރުލުންދޭން އެއްބަސްވި ކަމުގައި ވިޔަސް މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކެން ގައިމެވެ.

އުދާސްކަން އިންތިހާއަށް ދާން ފެށި ހިނދުގައި އަސަލްގެ ކަންފަތާއި ހަމައަށް ފޯރީ އިޝާ ނަމާދުގެ ބަންގީގެ އަޑެވެ. ފިޔަވަޅުތައް މަޑު ޖައްސާލަމުން ބަންގިއަށް އޭނަ ސަމާލުކަން ދިނެވެ. ބަންގި ނިމުމާއެކު އަސަލް ވަނީ ކޮޓަރިއަށެވެ. ގަމީހާއި ފަޓުލޫނު އަތްކުރު ޓީޝާޓަކާއި ޖިންސަކަށް ބަދަލުކޮށްގެން އަސަލް ނިކުތީ މިސްކިތަށް ދާށެވެ. އޭނަ ވާގިއާއި މަދަދަށް އެދެން ބޭނުންވީ ﷲގެ ހަޒްރަތުންނެވެ. ދާންވީ ރާސްތާ އޭނައަށް ފަސޭހަކޮށްދެއްވައި، ސާބިތުކަން މިންވަރުކޮށްދެވޭނީ އެކަލާނގެއަށެވެ.

(ނުނިމޭ)