ވޭލާނާ އިންޓަރނޭޝަނަލް އެއަޕޯޓް (ވީއައިއޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން "ޓޯބާލެސް" ޓްރަކް ބޭނުން ކުރަން ފަށަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ޓީޕީއެކްސް – 200 އެމްޓީއެކްސް މޮޑެލްގެ މިޓްރަކަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ހިދުމަތް ދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ހިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެއް ކަމަށެވެ.
އެމްއޭސީއެލުން ބުނީ މި ޓްރަކް، ވީއައިއޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުން ކުރަން ފެށުމާ އެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 ޕަސެންޓަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ ކަމަށެވެ.
"މިއީ ޒަމާނީ ބަދަލުތަކާ އެކު ތަރައްގީވަމުން އަންނަ އެއާޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއާޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކްކެވެ،" އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މި މޮޑެލްގެ ޓްރަކް އޮޕަރޭޓް ކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެ ކަމަށާއި ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށް ވެސް މި ޓްރަކްއިން ހިދުމަތް ދެވޭނެ ކަމަށެވެ. މިއީ، މަރާމާތު ކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ހަރަދު ކުޑަ ޓްރަކެއް ކަމަށްވެސް ބުންޏެވެ.
މިޓްރަކް ބޭނުންކުރަން ފެށުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން، ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް ވިދާޅުވީ، ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްހީ ކުރަމުން އަންނަ އިރު، މަތިންދާ ބޯޓުތަކަށް ހިދުމަތްދޭ އުޅަނދުތަކަކީ ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ހިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކާ އެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ހިދުމަތެއް ދެވޭނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން މިހާރު ވަނީ މިޓްރަކް އޮޕަރޭޓްކުރުމަށް ހާއްސަ އަށް އޮޕަރޭޓަރުން ތަމްރީން ކޮށްފައެވެ. މިހާރު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތައް ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް