އިޒްރޭލުން އިރާނަށް ހަމަލާދިންތާ ގިނަ އިރުތަކެއް ނުވަނީސް، ބަދަލުގައި އިރާނުން އަނެއްކާވެސް މިސައިލު ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދު އިޒްރޭލުން ހަމަލާ އަމާޒުކޮށްފައިވަނީ އިރާނުގެ ވެރިރަށް ތެހެރާނަށެވެ. އެ ސިޓީގެ އުތުރުގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިިޕޯޓުތައް ބުނެއެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް އިރާނުން ވަނީ އިޒްރޭލަށް ބެލިސްޓިކް މިސައިލުތަކެއް ފޮނުވާލައިފައެވެ. އެކަން އިރާނާއި އިޒްރޭލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލާފައިވާތީ، އިޒްރޭލުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް މީގެ އިރުކޮޅެއް ކުރިން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ އަންގައިފައެވެ.

އިރާނުން އިޒްރޭލަށް ބެލިސްޓިކް މިސައިލުތަކެއް ފޮނުވާލާފައިވާކަން އިރާނުގެ ދައުލަތުގެ މީޑިއާ އިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ހަމަލާ އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ކޮން ސަރަހައްދަކަށް ކަމެއް ކަށަވަރެއް ނޫނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގައި ފާއިތުވެދިޔަ ދެ ދުވަހު އިރާނުން 20 ކުޑަކުދިން ހިމެނޭހެން މިހާތަނަށް 80 މީހަކު މަރުވެ، 800 މީހުންނަށް ވަނީ އަނިޔާވެފައެވެ.

އިޒްރޭލު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 13 މީހަކު މަރުވެ، 380 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.