ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުން ބަންދު ނުކުރަން ހައިކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައިގެ މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.
އަނަސް މަރާލާފައިވަނީ 31 ޖުލައި 2017ގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީއެއްގައެވެ. އަނަސްގެ މަރުގެ ދައުވާ ލިބޭ މީހުން ބަންދު ނުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފުތާ ތެރޭގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތު ނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. ހައިކޯޓުން ހުކުމް ކުރީ ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.
އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށް ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައެވެ. ހައިކޯޓުން އެ އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ދައުވާ ލިބޭ މީހުން ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުން ހުކުމް ކުރީ ދައުވާ ލިބޭ މީހުން ބަންދު ނުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ މި އަހަރުގެ އެޕްރީލް މަހުގެ 28 ގައެވެ. ކޯޓުން ވަނީ އެ މައްސަލަ އަލުން ހައިކޯޓަށް ތަހުވީލު ކުރަން ހުށަހަޅަންވެސް ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ހުކުމް ކުރީ ދައުވާ ލިބޭ މީހުން ބަންދު ނުކުރުމަށެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ ދައުވާ ލިބޭ މީހުންނަށް ތުހުމަތު ކުރެވޭ ކުށް އެ މީހުން ކުރި ކަމަށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.
ދައުލަތުން އެދޭ ގޮތަށް ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދައުލަތުގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުގެ އެ ހުކުމެވެ.
އެ މައްސަލައިގައި މިދިޔަ ހަފުތާ ބޭއްވި ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައިރު، ދައުލަތުން އެދުނީ ހައި ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ހާލަތެއްގައި ތިބި ބައެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުން ޖަވާބުދާރީވެފައެއް ނުވެ އެވެ. އެގޮތުން ދެ މީހަކު މައްސަލައިގައި ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފައިވާއިރު ތިން މީހަކު ވަނީ ވަކީލަކު ހޯދަން ފުރުސަތަކަށް އެދިފައެވެ. އަނެއް މީހާ ވަނީ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތަށް އެދިފަ އެވެ.
އެ މައްސަލައިގެ ދައުވާ ލިބޭ މީހުން ޖަވާބުދާރީވާން މިއަދު ބޭއްވި އަޑުއެހުންވެސް ލިޔެކިޔުންތައް ހަމަނުވާތީއާއި ބައެއް ވަކީލުން ހާޒިރު ނުވާތީ ވަނީ ކުރިއަށް ގެންދެވޭނެ ގޮތް ނުވެފައެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ، މާދަމާ އިތުރު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައެވެ. އަދި އެއީ ޖަވާބުދާރީވާން ދެވޭނެ އެންމެ ފަހު ފުރުސަތުކަމަށްވެސް ފަނޑިޔާރުން އެންގެވި އެވެ.
އަލީ ޔާމިން
ސުޕްރީމް ކޯޓް