އަހްމަދާބާދުގައި ހިނގި އެއާ އިންޑިއާ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެއާ އިންޑިއާ އަދި އޭގެ ޕޭރެންޓް ކުންފުނި ޓާޓާ ގްރޫޕުން 1.25 ކްރޯޑު ރުޕީސްގެ މާލީ އެހީ ދޭން ނިންމައިފިއެވެ.

އެއާ އިންޑިއާގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "އެއާ އިންޑިއާއިން މަރުވި މީހުންގެ އާއިލާތަކަށް އަދި ދިރިހުރި މީހާއަށް 2.5 މިލިއަން ރުޕީސްގެ އިންޓަރިމް ޕޭމަންޓެއް ދޭނެ" ކަމަށެވެ.

މީގެ އިތުރުން މި ހާދިސާގައި ޒަހަމްވި މީހުންގެ މެޑިކަލް ހަރަދުތައް ވެސް އެއާ އިންޑިއާއިން ދޭނެ ކަމަށް ބުނެފައިވެއެވެ.

އެއާ އިންޑިއާގެ ސީއީއޯ ކެމްބެލް ވިލްސަން ބުނެފައިވަނީ މި ހާދިސާއާ ގުޅޭ ތަހުގީގަށް އެއާ އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާގައި ފްލައިޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތް ވީ އެންމެ މީހެކެވެ. ބޯޓު ވެއްޓުނީ އަހްމަދާބާދުގެ ސަރްދާރު ވަލަބްްބާއީ ޕަޓެލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި މެޑިކަލް ކޮލެޖެއްގެ ސަރަހައްދަށެވެ.

ހާދިސާއާ ގުޅިގެން އެއާ އިންޑިއާއިން ވަނީ 100 އަށްވުރެ ގިނަ ކެއާގިވަރުންނާއި 40 އިންޖިނިއަރުން އަހްމަދާބާދަށް ފޮނުވައިފައެވެ. އަހްމަދާބާދު، މުންބާއީ، ދިއްލީ އަދި ލަންޑަންގައި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ގާއިމުކޮށްފައިވެއެވެ.

މި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، ބްލެކް ބޮކްސް ވަނީ ފެނިފައެވެ. ނަމަވެސް އޭގެ ވޮއިސް ރިކޯޑަރު ފެނިފައެއް ނުވެއެވެ. މީގެ އިތުރުން ފްލައިޓް ޑާޓާ ރިކޯޑަރު ވެސް ވަނީ ހޮސްޓެލްގެ މަތިން ފެނިފައެވެ. އެކަމު އޭގެވެސް ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައެއް ނުވެއެވެ. މިދެ ޑިވައިސަކީ ހާދިސާ ހިނގަން ދިމާވި ގޮތް ދެނެގަންނަން މުހިންމު ޑިވައިސްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އެއާ އިންޑިއާއަށް އަމުރުތަކެއް ނެރެފައެވެ. އޭގެ ތެރޭގައި ހުރިހާ ބޯއިންގް 787-8 އަދި 787-9 މަތިންދާބޯޓުތަކުގެ ޖީއެންއެކްސް އިންޖީންތައް ޗެކްކުރުން ހިމެނެއެވެ.