އިޒްރޭލާއި އިރާނާ ދެމެދު ބަދަލުކުރާ ހަމަލާތަކުގައި އިރާނުން އިޒްރޭލަށް މިސައިލު ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ފޮނުވާލި މިސައިލު ހަމަލާތައް އަމާޒުވެފައިވަނީ އިޒްރޭލުގެ ހައިފާ ސިޓީއަށެވެ. އެ ހަމަލާގައި ފަސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލާފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް، އީރާންގެ ސައުތު ޕާސްއަށް އިޒްރޭލުން ހަމަލާދިންތާ މާގިނައިރުތަކެއް ނުވަނީހެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ގޭސް ފީލްޑްގައި ވަނީ ހުޅު ރޯވެފައެވެ.

އޭގެ ފަހުން ބަދަލުގައި އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލާފައިވަނީ އެ ގައުމުގެ މިލިޓަރީ އޮޕަރޭޝަން، "ޓްރޫ ޕްރޮމިސް-3"ގެ ދަށުންނެވެ. މިސައިލުގެ އިތުރުން ޑްރޯން ހަމަލާތަކެއް ވެސް އިޒްރޭލަށް ފޮނުވާލާފައިވާ ކަމަށް އިރާންގެ އަސްކަރިއްޔާ އިން މިރޭ ބުނެފައިވެއެވެ.

އިރާނުން ހަމަލާދިން ހައިފާ ސިޓީއަކީ އިޒްރޭލުގެ ގޭސް ފީލްޑްތައް ހިމެނޭ ސަރަހައްދެވެ. ނަމަވެސް އެ ހަމަލާގެ އަސަރު އިޒްރޭލުގެ ގޭސް ފީލްޑަށް ކުރިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

އިރާނުން ހަމަލާދޭން ފެށުމުން، ސަލާމަތީ ސަރަހައްދުތަކަށް ދިއުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ރައްޔިތުންނަށް އިލްތިމާސްކުރިއެވެ. އެގޮތުން ގިނަ ބަޔަކު ސަލާމަތީ ސަރަހައްދުތަކަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ފެށި ހަނގުރާމައިގައި އިރާނަށް އިސްވެ ހަމަލާދޭން ފެށި ފަހުން އިރާނުގެ ނިއުކްލިއާ ސައިޓުތަކާއި ހަތިޔާރު އުފައްދާ ފެކްޓްރީތަކުގެ އިތުރުން މިސައިލު ލޯންޗު ކުރާ ތަންތަކަށް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގައި 20 ކުޑަކުދިން ހިމެނޭހެން އިރާނުން ޖުމުލަ 80 މީހަކު ވަނީ މަރުވެފައެވެ. އަދި އިޒްރޭލުން ހަތަރު މީހަކު މަރުވެފައިވާ އިރު، ދެ ގައުމުން ވެސް ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.