ފޯނު ކުރުކޮށްލުމަށްފަހު އަންހެންކުއްޖާ ބުނި ގޮތަށް އޭނާ އެތެރެއަށް ވަދެ ލިފްޓަށް އެރިއެވެ. ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުނުއިރު އަންހެންކުއްޖާ ހުރީ ވައަތް ފަރާތުގައި ހުރި އެޕާޓްމަންޓު ދޮރު ކައިރީގައެވެ. ކުރިއަށް ހިނގާފައި އައި ހެލީން ފެނުމުން އަންހެންކުއްޖާގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ކައިރިވުމާއެކު އެއްކުއްޖަކު އަނެއް ކުއްޖަކު ގައިގައި ނިކަން ލޯބިން ބައްދާލިއެވެ.
"ހެލީ ރަނގަޅުތަ؟ ހީވަނީ ކުރިއަށް ވުރެވެސް ހިކިއްޖެހެން" ހެލީންގެ ގައިގައި ބައްދައިލަމުން ސަބްރާ ބުންޏެވެ.
"ރަނގަޅެއްނު. ސަބީ ކިހިނެއްތަ؟ ކޮބާ އައްކި؟" ހެލީން ބުންޏެވެ.
"ހިނގާބަލަ އެތެރެއަށް. އައްކި އެބައޮތް" ސަބްރާ ބުންޏެވެ.
ހެލީން އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑު އެޕާޓްމަންޓްގެ ތެރެއަށް ނަޒަރެއް އޭނާ ދިނެވެ. ސޯފާގައި ޓެބްލެޓެއް ހިފައިގެން އޮތް ހަތަރު އަހަރުގެ ފިރިހެންކުއްޖަކަށް ހެލީން ގެ ނަޒަރު ހުއްޓުނެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އައްކި ހަމަ އެހާ ބޮޑުވީ ހެއްޔެވެ؟
"އެއީ އައްކި. ދަރިފުޅު މިކުއްޖާއަށް ގޮވާލަބަލަ" ސަބްރާ ގޮވާލުމާއެކު ސޯފާގައި އޮތް އަޝްކާން ބަލައިލިއެވެ.
"ހައި ހެލީ..." އަޝްކާން އަތުން ހަނާއަޅާލިއެވެ.
ހެލީންއަށް ހެވުނެވެ. ތިންއަހަރުގެ އަޝްކާން ހައި ޖަހާލި ގޮތުންނެވެ. އެންމެ ކުޑައިރުވެސް އަޝްކާން ގޮވާނީ ހެލީ ގެ ނަމުންނެވެ. އެކަމަކު އެހާ ދުވަހަށްފަހު ހެލީން ފާހަގަކުރަން އަޝްކާން އަށް އެނގުނީތީ މޫނުމަތިން ހައިރާންކަން ފެނިލިއެވެ.
"މަ ދައްކަމޭ އަހަރެމެންގެ ތިންމީހުންގެ ގުރޫޕުގެ ފޮޓޯ. ނައި ވެސް އެނގޭނެ ވަކިކުރަން މިހާރު ފެނުނަސް" ހީލަމުން ސަބްރާ ބުންޏެވެ. ހެލީންގެ މޫނުމައްޗަށް ވެރިވި މޮޅިވެރިކަން ސަބްރާ އަށް ނުފެނެއެވެ.
"ސޮއްބެ އާ ވައްތަރީ" ހީލަމުން ހެލީން ބުންޏެވެ.
"އާއެނކޭ... މަ ނުވަމަހާ ނުވަ ދުވަހު ބަނޑަށް ލައިގެން އުޅެފަ އެތައް ވޭނަކާއެކު މިދުނިޔެއަށް ގެނައިރު ވައްތަރުމިވީ އޭނަގެ ބަފަޔާ" ސަބްރާ ބުންޏެވެ.
ހެލީން އަތުގައި ހިފައިގެން ސަބްރާ ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ. ސިޓިންގރޫމުގައި ވާހަކަދައްކާލަން އަދި ތިބެވޭކަށް ނެތެވެ. މެލޭޝިޔާ އިން ސަބްރާގެ އާއިލާ މާލެ އައީ މިއަދު އެވެ. ފޮށިތަކާ ހިފާ ގެންގުޅޭ އެއްޗެހި އަދި ހުރީ ސިޓިންގރޫމުގައެވެ.
"މިގަޑީގަ ކޯޗެއް ހެލީއަށް ދޭނީވެސް" ކޮޓަރިއަށް ވަންނަމުން ސަބްރާ ބުންޏެވެ.
"ރަނގަޅުވާނެ އެއްޗެއް ނުދިނަސް" ހެލީން ބުންޏެވެ.
ހެލީން ގޮވައިގެން ސަބްރާ ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ހެލީން ބޭންދީ އޭނާ ނިދާ އެނދުގައެވެ. އޭސީ ރޫޅާލާފައި ހުރުމުން އޭނާ އައީ ކުޑަދޮރު ހުޅުވާލާފައެވެ.
"ސޮއްބެ ކޮބާ؟" ހެލީން އަހާލިއެވެ.
"ކަމެއްގަ މިއަންނަނީއޭ ބުނެފަ ދިޔައީ" ސަބްރާ ބުންޏެވެ.
ހެލީން ބަސްމަދުހެން ހީވެ ފަރުވާތެރި ނަޒަރަކުން ސަބްރާ ހެލީންއަށް ބަލައިލިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ހެލީންގެ މޫނުމަތީގައި އުޖާލާކަމެއް ނުވެއޭ އޭނާގެ ހިތް ބުނެފިއެވެ.
" ހާދަ ފާޑަކަށޭ ތިއިންނަނީ" ސަބްރާ ބުންޏެވެ.
"ފާޑަކަށްތަ؟ ސަބީ ފެނުނީމަ އުފަލުން މީނީ" ހެލީން ބުންޏެވެ.
"އެހެންތަ... އެހެންވިއްޔާ އެބައަންނަން ހަދިޔާއެއް ހިފައިގެން" ސަބްރާ ނިކުތީ ބޭރަށެވެ. އައި އިރު އޭނާގެ އަތުގައި ޗޮކްލެޓެއް އޮތެވެ.
"ސޮރީ ސަބީ. ވަރަށް ބުރަކޮށް އުޅެނިކޮށް ދޯ މިއާދެވުނީ" ހެލީން ބުންޏެވެ.
"ކޮންމެހެން ސޮރީވާނެ ކަމެއް ނެތް.. ހެލީ ނޫނީ އަހަރެން ކައިރިއަށް އަންނާނެ ގާތް ރައްޓެއްސެއް މިދުނިޔޭގަ ނުހުންނާނެ" ސަބްރާ ބުންޏެވެ.
"އަހަރެން މިތާ އިނީމަ އަނެއްކާ ސޮއްބެ ރުޅި ނާންނާނެތަ؟" ހެލީން އަހާލިއެވެ.
"ހެލީ ހާދަ އާވެގެން ތިއުޅެނީ. ސޮއްބެއަށް މިއަދުތަ ހެލީ ފެނިގެން އުޅެނީ. އަހަރެން ދަންނަ ހެލީ ތިހާ ދުރުދުރުންނެއް ނޫޅޭނެ. ކިހިނެއްވެގެން ތިއުޅެނީ. އަހަންނަށް ކީއްވެތަ މި ހީވަނީ ހެލީއަށް ބަދަލުތަކެއް އަތުވެއްޖޭ. ކަމެއް ގޯސްވީތަ؟ ކިޔާދީބަލަ" ސަބްރާ ބުންޏެވެ.
ހެލީން ބަހެއް ނުކިޔައެވެ. އެއްދިމާލަކަށް ބަލަން އޭނާ އިނެވެ. ސިކުނޑީގައި ދައުރުވަމުން ދިޔަ ނައިޝަމްގެ ހަނދާންތައް އޭނާ ގެ ހިތް ތޮރުފަމުން ދިޔައެވެ. ހިތުގައި ގިނަވަމުންދިޔަ ޝަކުވާތައް ފަށަންވީ ދިމާލެއް އޭނާއަށް ނޭނގުނެވެ. ދިރިއުޅުން އޭނާއަށް ދަތިކުރަމުން ގޮސް އެންމެފަހުން މަޖުބޫރީ ކައިވެންޏެއްގައި އޭނާ ބެދި ނޭވާ ނުލެވޭ ހިސާބަށް ކަންތައްދިޔަ ގޮތުގެ ވާހަކަތައް ފަށަން އޭނާ ބޭނުންވިއެވެ. ފިކުރަކަށް ގެއްލި ގޮތްހުސްވެފައިވާ މީހަކު ފަދައިން އޭނާ އަށް އިނދެވުނީ ސަބްރާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ސޮރީ. މިދިޔަ ދުވަސްތަކުގައި އަހަރެންވެސް އުޅުނީ އެހާ ފްރީކޮށެއްނޫން. ސޮއްބެގެ ކިޔެވުމާ ގުރެޖުއޭޝަނާ ހެދި އަހަރެން އުޅުނީ ވަރަށް ބުރަކޮށް. ސެޓްފިކެޓް ހާސިލުކުރީ ސޮއްބެއަށް ވިޔަސް ހުރިހާ އެސައިމަންޓްތަކާ ޕްރެޒެންޓޭޝަންތައް ހެދީ އަހަރެން. ނުވީތާކަށް އައްކި ވެސް ބަރާބަރަށް ކިންޑަރގާޑެންއަށް ގެންދަން. ޕާޓް ޓައިމް ޖޮބަކަށްވެސް ދިޔައިން. އިނގޭ ހެލީއަށް ހަބަރެއްނުވެ އެތައް ދުވަހެއް ދިޔަކަންވެސް. ތެދަށް ބުނަންޏާ އަހަރެން ހެލީ މަތިން ހަނދާންނުވާ އެންމެ ވަގުތުކޮޅެއްވެސް ނުދޭ. މިހާރު މިތިބީ އާދެވިފައެއްނު. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ޖެހޭނެ ވަރަށް ކަންކަން ހިންގާލަން. ކޮބާ ނައި؟ ކީއްވެ ގޮވައިގެން ނައީ.... ޕްލީޒް ނުބުނާތި ނައި ތިމަންނަ ދޫކޮށްލައިފިއޭ.. ބުންޏަސް އަހަންނަށް ގަބޫލެއްވެސް ނުކުރެވޭނެ. މަށަށް އިނގޭ ދުވަހަކުވެސް ނައި ހެލީ ދޫކޮށެއްނުލާނެކަން. ނައި ދޫކޮށް ދަންޏާ ދާނީ ހެލީ" ސަބްރާ ވާހަކަދެއްކިއެވެ.
ހެލީންއަށް އެބަސްތައް އަހަން އުނދަގުވިއެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ދެ ކަކުލުގައި ބޯ އަޅާލެވުނެވެ. ކުއްލިއަކަށް ހެލީން އަށް ވިގޮތުން ބޮޑު ކަމެއް ހިނގައިފިކަން ސަބްރާއަށް އެނގުނެވެ. އޭނާ ހެލީންގެ އަތުގައި ފިރުމާލިއެވެ. ހެލީން އާއި ނައިޝަމް ވަކިވެއްޖެކަން ގާތްގަނޑަކަށް އޭނާއަށް ޔަގީންވެއްޖެއެވެ.
"އަހަރެންގެ ދިރިއުޅުން ހަލާކުވެއްޖެ. އަހަރެންގެ ދިރިއުޅުމުގަ މިހާރު ނައި ނެތް. ދިރިއުޅޭނެ ގޮތެއް އަހަންނަކަށް ނޭނގޭ. އަހަންނަށް ރަނގަޅަށް ނޭވާ ލެވޭނެ ތަނެއް ހޯދަން މަސައްކަތްކުރާތާ ކިހާދުވަހެއްވެއްޖެ. ހަފަރާތުން އަހަންނަށް ވަނީ މަޖުބޫރު. އަހަންނާމެދު ވިސްނާލާ ހަމަ އެކަކުވެސް ނެތް. މަރުވަންދެން މިހެން އުޅެން އަހަންނަށް މިވަނީ މަޖުބޫރުވެފަ. އެދި އެދި މަރެއްވެސް ނުވި. ދުވަހަކުވެސް އަހަންނަށް އުފަލެއް ނުލިބޭނެތަ؟ ކޮބާ އަހަރެންގެ ކުށަކީ؟ އަހަރެން އެކަކަށްވެސް ދެރައެއް ލިބޭކަށް ނޭދެން. އަހަންނަކަށް ނޭނގެ ކަންތައް މިކުރެވެނީ ރަނގަޅަކަށް ކަމެއް. ޒަމްރުގެ އެއްވެސް ކުށެއް ނެތް. އެ އާއިލާވެސް އަހަންނަށް ވަރަށް ހެޔޮ. އަހަރެން މޮޔަވެދާނެހެން ހީވަނީ. އަހަރެން ބޭނުންވަނީ ހެޕީކޮށް އުޅެން. އެންމެ ދުވަހެއްގެ ފަސް މިނެޓަށް ވިޔަސް އުފާވެރިކަމެއް އިހުސާސުކޮށްލަން" ހެލީން ރޮމުން ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހި ދަތްދޮޅީ ކޮޅުން ތިކިޖަހަން ފަށައިފިއެވެ.
ހެލީން ދައްކަމުންދިޔަ ވާހަކަތައް މާނަކުރަން ނޭނގިފައި ސަބްރާ އިނެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައެވެ. ކޮން ޒަމްރު އެއް ހެއްޔެވެ؟ ހެލީއަށް ވީ ކޮންމަޖުބޫރެއް ހެއްޔެވެ؟ އެވާހަކަތަކުގެ ތެރެއިން ނައިޝަމްގެ ވާހަކަ ނައީ ކިއްވެ ހެއްޔެވެ؟ ސަބްރާ ދެރަވެއްޖެއެވެ. ހެލީންގެ ދިރިއުޅުމުގައި އޭނާއަށް ނޭނގޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އޭނާ ކިހާ ގޯސް ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާ އޭ ބުނަނީ ހަމަ ދުލަށް ފަސޭހައަކަށެވެ. އެކަން ސާބިތުކޮށްދެވިފައެއް ނެތެވެ. ރަހްމަތްތެރިޔާ އޭނާއަށް އެންމެ ބޭނުންވި ވަގުތު އެހީޔެރިކަމެއް ފޯރުކޮށެއް ނުދެވުނެވެ.
"ދެން ހުއްޓާލާ ހެލީ. އައިމް ސޮރީ... " ސަބްރާ ބުންޏެވެ.
ހެލީންގެ ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދާ ކަރުނަތައް ފެނުމުން ސަބްރާގެ ހިތަށް ތަދުވެއްޖެއެވެ. އިސާހިތަކު އޭނާގެ ދެލޯވެސް ކަރުނުން ތެންމާލައިފިއެވެ. ހެލީން ދެއަތްތިލައިން ކަރުނަތައް ފޮހެލިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭންތަކެއް ކުޑައެއް ނުވިއެވެ.
"ކޮން ޒަމްރުއެއް؟ ހެލީއަށް ކޮންކަމެއް ދިމާވީ. އަހަންނަށް ކިޔައިދީ. އަހަރެން އަޑުއަހާނަން. ކޮބާ ނައިޝަމް؟ ހަމަ އަސްލަށްވެސް ހެލީ ދޫކޮށްލާފަ އޭނަ ދިޔައީތަ؟" ސަބްރާ އަހާލިއެވެ.
"ނައިޝަމްގެ ވާހަކަނުދައްކާ. އެ ނަން އިވުނަސް އަހަންނަށް ހީވަނީ ހިތް ކުކުދިވާހެން. ހާދަ ވޭނެކޭ އަހަންނަށް މިލިބެނީ. އަހަރެން ހިތަށް އަރަނީ މި ވޭނާ ކެކުޅުންތައް އަހަންނަށް ހަމަ ހައްގުބާއޭ” ހެލީން ބުންޏެވެ. މާގިނައިން ރުއިމުގެ ސަބަބުން ހެލީންގެ ދެލޮލާ ނޭފަތް އެއްކޮށް ރަތްވެއްޖެއެވެ.
"ތަކުލީފާއި ވޭނާ ކެކުޅުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން. އެކަމަކު އެއީ ދިރިއުޅުމުގެ ބައެއް. ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމެއް. ތަފާތަކީ އެކި މީހުން އެ އިހުސާސްކުރަންޖެހޭ މިންވަރު" ހެލީންގެ ދެލޯ ކައިރި ފޮހެދެމުން ސަބްރާ ބުންޏެވެ. އިރުކޮޅަކުން ސަބްރާ ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭނާ އަތުގައި ކުޑަ ފެންފުޅިއެއް އޮތެވެ. ފުޅީގެ މަތިގަނޑު ކަނޑާލިގޮތަށް އޭނާ ހެލީންގެ އަނގައިގައި ފެން ފުޅި ޖައްސާލިއެވެ. ހެލީން އަށް ދިރުވާލެވުނީ އެންމެ ކޯވަރެކެވެ. އޭނާ ކެއްސައިގަތެވެ. ސަބްރާ ހެލީންގެ ބުރަކަށީގައި ކުޑަކޮށް ޖަހާލިއެވެ.
"އަހަންނަށް އެއްވެސް އެއްޗެއް ނުދިރޭ ސަބީ. ފެނުންވެސް ލަނީ ހިތި ރަހަ. ތިވެސް އަހަންނަށް ޒަހަރެއްފަދަ" ހެލީން އަސަރާއެކު ބުންޏެވެ.
"ތިހެން ނުބުނޭ. އެއްޗެއް ނުކެވެނީ އެހެން ހުރިހާ އިހުސާސަކަށް ވުރެ ބޮޑަށް ހެލީގެ ފިކުރުތައް ގިނަވީމަ. އެއީ އެހާ ރަނގަޅުކަމެއް ނޫން. ފިކުރަކީ އިންސާނާ މިދުނިޔެއިން ނެތިކޮށްލާ ނުބައި ބައްޔެއް. ތިކަމުގަ މާބޮވަރު ވިއްޔާ ދެން ދާނީ ޑިޕްރެޝަނަށް. އޭރުން އޮންނާނީ ތިމާގެ އަމިއްލަ ނަފްސު ތިމާގެ އަމިއްލަ ބާރު ހިނގާ ވަރަށް ވުރެ މާދުރަށް ގޮސްފައި. ޕްލީޒް އެދަރަޖައަށް ހެލީގެ ހާލަތު ދާކަށް އަހަރެން ބޭނުމެއްނޫން" ސަބްރާ ބުންޏެވެ.
"އަހަރެން ކީއްކުރާނީ؟ މިއީ އަހަންނަށް ހުރި ގޮތް" ހެލީން ބުންޏެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ވެއްޓިގެން ދިޔައީ ތާޒާ ކަރުނައެކެވެ.
"ވީގޮތެއް އަހަންނަށް ކިޔައިދީ. އަހަންނަށް އެހީއެއްވެވޭނީ އޭރުން" ސަބްރާ ބުންޏެވެ.
ހެލީން އިތުރަށް ހިތުގައިޖެހުނެވެ. އޭނާއަށް އަދި ހުރިހާ ވާހަކައެއް ސަބްރާ އަށް ވެސް ކިޔައިދެވޭކަށް ނެތެވެ. ހިތަށް ހަމަޖެހުމެއް ލިބޭ މިންވަރަށް އިހުސާސްތައް ދޫކޮށެއް ނުލެވޭނެއެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ މިންވަރަށް ރޯލެވިދާނެއެވެ. ބޭނުން އިރެއް ވަންދެން ސަބީގެ ހިޔާވަހިކަމުގައި އޭނާއަށް އިނދެވިދާނެއެވެ. ހަމަޖެހިގެން ނޭވާ ދޫކޮށްލުމަށް ފުރުސަތު ލިބިދާނެއެވެ.
"ނައިޝަމް ހަމަ އެހާ ގޯހީތަ؟ އަހަރެން އެއްވެސް ނުކުރަން" ސަބްރާ ބުންޏެވެ.
"ނޫން" ސަބްރާގެ ބަސްތައް ހެލީން ހުއްޓުވިއެވެ.
"ސަބީ ބުނީ ރަނގަޅަށް. ނައި އަހަރެން ދޫކޮށެއްނުލާ. އަހަރެން ނައި ދޫކޮށްލީ. ހަމައެކަނި ދޫކޮށްލީކީއެއްވެސް ނޫން. ބޭވަފާތެރިވީ. ޒަމްރު އާ ކައިވެނިކުރީ. އަހަންނަށް މަޖުބޫރުވީ" ހެލީން ބުންޏެވެ.
"ކީކޭ؟" ސަބްރާ އަށް ބުނެވުނެވެ.
"ކައިވެންޏޭ" ސަބްރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
"ނައި ގެ އާއިލާ އާ ބައްދަލުކުރިފަހުން ހުރިހާ ކަމެއް ބަދަލުވީ. ދައްތަ... ދައްތަ ވެސް އަހަންނަށް މަޖުބޫރުކުރީ. އެއީ އަހަންނަށް މައެއްގެ ލޯތްބާ އަޅާލުން ދޭން ހުރި މީހަކީ. ދައްތަ އެހާ ރަހުމެއްނެތި އަހަރެންގެ އުފާތަކުގައި އަލިފާން ރޯކުރީމަ އެހެންމީހެއްގެ ފަރާތުން އުފަލެއް ލިބިދާނެކަމަށް އަހަންނަށް އުންމީދު ކުރެވޭނެތަ؟" ހެލީން ބުންޏެވެ.
"ކޮންކަމަކަށް ހެލީ އަށް މަޖުބޫރުވީ" ސަބްރާ ބުންޏެވެ.
ހެލީން ސަބްރާއަށް ބަލައިލިއެވެ. އޭނާއަށް ވި މަޖުބޫރީ ސަބްރާއަށް ކިޔައިދޭން ފެށިއެވެ. ހުރިހާ ދިމާލަކުން އޭނާ ފިއްތާލާފައި ހުރި މިންވަރެވެ. އޭނާގެ އެކައުންޓަށް ބޮޑެތި އަދަދުން ވަންނަމުންދާ ފައިސާގެ އަދަދެވެ. ޒަމްރު އާ ކައިވެނިކުރި ދުވަހު ނައިޝަމްގެ އަމަލުތައް ހުރި ގޮތެވެ. އެދުވަހު އެންމެންގެ ތެރެއިން އޭނާގެ އަތުގައި ހިފައިގެން ނައިޝަމް ނިކުންނަން އުޅުނު ވާހަކަތަކެވެ. ޒަމްރުއަށް މަރުގެ އިންޒާރު ނައިޝަމް ދިން ގޮތެވެ. ފުލުހުން އައިސް ނައިޝަމް ހައްޔަރުކޮށްގެން ގެންދިޔަ ގޮތެވެ. އެއަށްފަހު ނައިޝަމްގެ އެއްވެސް ހަބަރެއް އޭނާއަށް ނުލިބޭ ކަމެވެ. ނައިޝަމްގެ ހަބަރު ހޯދަން އޭނާ ނޫޅުނު ސަބަބެވެ.
"އެދުވަހު ނައި ވަރަށް ރުއި. ވޭނާއި ކެކުޅުން އޭނަގެ ދެލޮލުން އަހަރެން ދުށިން. ނައި އަހަރެންދެކެ ވަރަށް ލޯބިވޭ. ފަހުން ނައި އަށް ވީގޮތެއް އަހަންނަކަށް ނޭނގޭ. މިފަހުން އެއްދުވަހު މަގުމަތިން ނައި އަށް އަހަރެން ފެނިގެން ފަހަތުން ގޮވަމުން އައީ. އަހަރެން ފިލީ. މޫނު ބަލާލުމުށް އެންމެ ހިނދުކޮޅެއްވެސް ނުލިބުނު. އަހަންނަށް އިނގޭ ނައި އަށް އަހަރެން ފެނުނިއްޔާ ދެންވާނެ ގޮތް. މިއަދާ ހަމައަށްވެސް އަހަރެން މިހުރީ ނައި އަށް ފިލައިގެން. ނައި ގެ ކުރިމައްޗަށް އަރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ގެ ސަބަބުން ނައި އަތުން އިންސާނެއް މަރުވެގެންދާކަށް އަހަރެން ނޭދެން" ހެލީން ވާހަކަދެއްކިއެވެ.
ހެލީންގެ ވާހަތަކަށްފަހު ގަބޫލުނުކުރެވި ސަބްރާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރަހްމަތްތެރިޔާގެ ހާލަށް އޭނާ ހަމްދަރުދީ ވިއެވެ.
"އެކަމު ނައިޝަމް... އަހަންނަށް އެނގޭ ހެލީ އާ ވަކިވާންޖެހޭ ދުވަހަކުން ނައިގެ ބުއްދި ފިލާދާނެކަން" ސަބްރާ ބުންޏެވެ.
"އަހަންނަށްވެސް ހާދަ އުނދަގުލެއްވެޔޭ ދިރިއުޅެން. ގިނަފަހަރަށް އަހަރެން ހުންނަނީ އަހަރެން މަތިންވެސް ހަނދާންނެތިފަ. މަރުނުވާކަން އެނގެނީ ނޭވާލެވޭކަން އެނގުނީމަ. ނޭވާ ލާންވެސް އަހަންނަށް މިވަނީ މަޖުބޫރުވެފަ" އަސަރާއެކު ހެލީން ވާހަކަދެއްކިއެވެ.
" ހެލީ އަށް ހީވޭތަ ތިކަހަލަ މާސްކެއްގެ ނިވަލުގަ ހެލީ އަށް ނައި ފޮރުވިގެން އުޅެވިދާނޭ. ހެލީއަށް ހީވޭތަ ތިހެން ފިލައިގެން އުޅެވިދާނެހެން. ނައި ހެލީ ހޯދާނެ. އެއީ ހިމޭނުން ހުންނާނެ ޒުވާނެއް ނޫން. އަހަރެން ބިރުގަނޭ ނައި އަތުންފައިން ގޯހެއް ހަދައިފާނެތީ" ސަބްރާ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ނައި އުފަލުގަ ހުންނަން. އަހަރެންމަތިން ނައި ހަނދާންނެތެން. އަހަރެންވެސް އުފަލުގަ ހުންނަން. އެކަނި ދިރިއުޅެން. އެހެން އެއްވެސް މީހެއްގެ ނުފޫޒު އަހަރެންގެ މައްޗަށް ނުފޯރާ ހިސާބުގަ" ހެލީން ބުންޏެވެ.
"އެވަރަށް ނުވިސްނާ. އެމީހެއްގެ ތަގުދީރުގަ ހުރި ގޮތަކަށް އެކަމެއް ވެގެންދާނީ. އަބަދުވެސް ހަނދާންކުރައްޗޭ އިންސާނެއްގެ ފުށުން ވަފާތެރިކަމެއް ލިބޭނީ މަދު މީހަކަށް. އަމުދުން ލޭގެ ގުޅުމުގައި ވަފާތެރިކަމެއް ނޯންނާނެ. އެކަން ގުރުއާނުން އަހަރެމެންނަށް ސާބިތުވޭ. ހެލީގެ ދައްތަ ބޮޑުދައިތަގެ މަގާމުގައި ހުރެ އެގޮތަށް ކަންތައްކުރާނީ އެހިތުގަ ހެލީގެ މައްޗަށް އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތީމަ. އަހަރެން އަބަދުވެސް ހުންނާނީ ހެލީ އާއެކު. ހެލީންގެ ދެއަތްތިލައިގައި ސަބްރާ ހިފާލިއެވެ. ހެލީން ބަލައިލުމުން ބޯޖަހާލާފައި އޭނާގެ ބަސްތަކުގެ ޔަގީންކަން ހެލީންއަށް ދިނެވެ.
****
ހަވީރުގެ ވަގުތެވެ. ކުރަހާ ބޯޑު ކައިރީގައި ހުރި ނައިޝަމް ބަލައިލީ ދޮރުފަތުގައި ޓަކިޖަހާލި އަޑަށެވެ. ފަރުވާކުޑަ ގޮތަކަށް ދެފަރާތަށް އޭނާ ބޯ ހޫރާލިއެވެ. އޭނާ ކުރަހަން ހުންނަ ވަގުތުގައި އެއްވެސް މީހަކު އޭނާއަށް އުނދަގޫ ކުރުމަކީ އޭނާ ރުހޭކަމެއް ނޫނެވެ.
"ދަރިފުޅާ ނައި" ބޭރުން އިވުނީ ނިގާރުގެ އަޑެވެ.
ނައިޝަމް ޖަވާބެއް ނުދިނެވެ. އެ އަޑަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ.
"ނައި... މަންމަ އެބަ ވަންނަން" އަނެއްކާވެސް ނިގާރުގެ އަޑު އިވުނެވެ.
ނައިޝަމް އަޅައެއް ނުލިއެވެ. ނިގާރު ދޮރުހުޅުވާލިއެވެ. އޭނާ ވެދެގެން ގޮސް ހުއްޓުނީ ދޮރަށް ފުރަގަސްދީގެން ހުރި ނައިޝަމްގެ ފަހަތުގައެވެ.
"ދަރިފުޅާ..." ނިގާރު ގޮވާލިއެވެ.
ނައިޝަމްގެ ސަމާލުކަން ނުލިބުމުން ނިގާރު ބޯއަރިކޮށްލާފައި ބަލައިލިއެވެ. ނައިޝަމް ކުރަހަމުންދާ ތަސްވީރު ފެނުމުން ނިގާރު މޫނު ފުސްކޮށްލިއެވެ. ހިތްހަމަނުޖެހުނެވެ.
"މަންމައަށް ވުރެ ތި ކުރެހުންވެސް ދަރިފުޅަށް މުހިންމު ދޯ" ނިގާރު ބުންޏެވެ.
"އެނގެއެއެނު އެކަން" ފަރުވާކުޑަ ގޮތަކަށް ނައިޝަމް ބުންޏެވެ.
ނިގާރު ދެރަވިއެވެ. ނައިޝަމްގެ ޖަވާބު އައިގޮތުންނެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖައްސާލިއެވެ. ނައިޝަމްގެ ވާހަކަދެއްކުން ހުންނާނީ އެފަދަ ގޮތަކަށެވެ.
"މަންމަ މިއައީ ވާހަކައެއް ބުނަން ދަރިފުޅު ގާތު" ނިގާރު ބުންޏެވެ.
"އަހަރެން ބިޒީ މިވަގުތު" ނައިޝަމް ބުންޏެވެ.
"މާދަމާ ނާމީ އަންނަކަން އެނގޭތަ؟" ނިގާރު ބުންޏެވެ.
"ދާނަން އެއާޕޯޓަށް" ނައިޝަމް ބުންޏެވެ.
ނިގާރުގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ނާމީ އަންނަކަން ނައިޝަމް ހަނދާން ނައްތާލާނުލާކަން އެނގުމުން އޭނާ ހިތްހަމަޖެހުނެވެ. ކޮޓަރިން ނިކުންނަން އުޅެފައި އަނެއްކާ މަޑުކޮށްލިއެވެ.
"ޔޫހާގެ މައިންބަފައިން މިއަދުގެ އަތުވެއްޖެ. ދަރިފުޅުމެންގެ ދެކުދީންގެ ކައިވެނީގެ ކަންކަން ވަރަށް އަވަހަށް ފެށޭނެ" ނިގާރު ބުންޏެވެ.
އެހިސާބުން ނައިޝަމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައިކަމެއް ނިގާރުއަކަށް ނޭނގެއެވެ.
"މަންމައަށް އެނގޭ މިހާރު މިކަމާ ދަރިފުޅު ނުރުހުނަސް ފަހުން ރުހޭނެކަން. ދަރިފުޅަށްވެސް އެގނެއެއްނު ޔޫހާ އަކީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއްކަން. ދަރިފުޅުގެ ތި ބަލި"
ކުއްލިއަކަށް ކޮޓަރިއަށް ހީވީ ނަގޫ ރޯޅިއެއް އަރައިގެން ދިޔަހެންނެވެ. ނައިޝަމް ކުރަހަން ގެންގުޅުނު ކުލަތަކާއި ބޯޑާ ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހިތައް ވަނީ ބިމާ ހަމަވެފައެވެ. ނިގާރުއަށް ދެކަންފަތުގައި އަތް އެޅުނެވެ. އޭނާއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ.
"ކާކު ބުނީ އަހަރެން ބައްޔޭ. ކާކު ބުނީ އަހަރެން މޮޔައޭ" ނައިޝަމް ހަޅޭއްލަވަން ފެށިއެވެ.
"ދަރިފުޅާ. ހަމަޖެހިބަލަ" ނިގާރު ނައިޝަމް އާ ގާތަށް އަންނަން އުޅުނެވެ.
"ރަނގަޅަށް އަޑުއަހާ. އަހަރެން އިންނާނީ ހެލީން އާ. އަހަރެން ލޯބިވަނީ ހެލީންދެކެ"
ނައިޝަމް އިނގިލި ދިއްކޮށްލަމުން އިންޒާރުގެ ބެލުމަކުން ނިގާރު އާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނައިޝަމްގެ ދެލޮލުން ނިގާރަށް ފެނުނީ ރުޅިވެރިކަމެވެ. ރަތްވެފައިވާ ނައިޝަމްގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެގެން ދިޔައީ ނިގާރު ބަލަން ހުއްޓައެވެ. ނައިޝަމްގެ ވަރުގަދަ ބަސްތަކާއެކު ނިގާރަށް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވިގެން ދިޔަހެންނެވެ. އެހެންނަމަވެސް ނައިޝަމް ހަމަޔަކަށް އެޅުވުން މުހިންމު ކަމެއް ކަމަށް އޭނާ ދެކުނެވެ. ކުރިއަށް ފިޔަވަޅެއް އޭނާ އެޅިއެވެ. ބިއްލޫރި ތަށީގެ މެދަށް ފެން އަޅައިގެން އައިސް އޭނާ ނައިޝަމް ކައިރީގައި ހުއްޓުނެވެ. ރީތިވާ މޭޒުގެ ދެފަރާތުގައި ހިފަހައްޓައިގެން ކުރިމައްޗަށް ކުޑަކޮށް ލެނބިގެން އޮވެ ނައިޝަމް ފުންނޭވާތަކެއް ބޭރުކުރަމުން ދިޔައެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ވވ ރީތިމިބައިވެސް
ފާތު - 1 އަހަރު ކުރިން
ވަރަށް ރީތި މިވާހަކަ
ރަމް - 1 އަހަރު ކުރިން
މާޝާﷲ. ވަރަށް ރީތި މިބައިވެސް. މިހާރު ހީވާ ގޮތުން ނިގާރު މައިތިރިވާނީ ނައިޝަމް ޔޫހާއާ ކައިވެނި ކުރުވާފަ.
ނަންނަ - 1 އަހަރު ކުރިން