އީރާނާއި އިޒްރޭލުގެ މެދުގައި އެއޮތީ ހަގުރާމަ ފެށިފައެވެ. އިޒްރޭލުން އޮޕަރޭޝަން ރައިޒިން ލަޔަންގެ ނަމުގައި އީރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނަށް ސައުވީސްގަޑި ހަމަވާން ކައިރިވިއިރު މި އޮޕަރޭޝަނަށް ހުއްޓުމެއް ނުގެނެއެވެ. އީރާނުގެ އެކި ކަންކޮޅުތަކުގައިވާ ތަންތަނަށް ދަނީ ހަމަލަދެމުންނެވެ. ޚާއްސަގޮތެއްގައި ވެރިރަށް ތެހެރާނާއި އިސްފަހާނަށެވެ. މި ހަމަލާތަކުގައި އީރާނުގެ ނިއުކުލިއަރ ސައެންސްވެރިންނާއި އަސްކަރީ ކޮމާންޑަރުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެއްޖެއެވެ. އަސްކަރީ އަދި އިގްތިސާދީ ކާރުޚާނާތަކަށް ލިބުނު ގެއްލުންތައްވެސް ގިނަގުނައެވެ. މި ހަމަލާތަކުގައި އިޒްރޭލުން ބަލަމުންދަނީ ރައްދުގައި އީރާނުން މިސައިލް ހަމަލާތަކެއް ފަށައިފާނެތީ އީރާނުގެ މިސައިލް ލޯންޗަރުތައް ހޯދައި އެތަކެއްޗަށް ހަމަލަދެވޭތޯއެވެ. މިތަކެތީގެ ހަރަކާތްތައް ބަލައި ސެޓެލައިޓްގެ އެހީގައި މައުލޫމާތު ފޯރުކޮށް ދެމުންދާ ކަމަށް ފެންނަނީ އެމެރިކާއިންނެވެ.
އީރާނުގެ ރައްދު ހަމަލާތައް އިޒްރޭލަށް ދަނީ އަމާޒުވަމުން
އިޒްރޭލާއި އެމެރިކާއިން ހުއްޓުމެއްނެތި އީރާނުގެ މިސައިލް ލޯންޗަރުތަކާއި މިސައިލް ގުދަންތަކަށް ފާރަލަމުން ހަމަލާދެމުން ގެންދިޔަކަމަށް ވިޔަސް އީރާނުން ވަނީ ބަދަލުހިފުމުގެ ހަމަލާތައް ފަށައިފައެވެ. އެންމެ ފުރަތަމަ މިއަދު ހެނދުނު ޑްރޯނުންނެވެ. އެއަށްފަހު ދެވަނަ ރާޅުއައީ އިރުއޮއްސުނުފަހުން މިރޭގެ ވަގުތެއްގައެވެ. މިސައިލުންނެވެ. އީރާނުގެ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައިގެތެރޭގައި ގޮއްވާލުމުގައި އެމެރިކާގެ އިތުރަށް އިނގިރޭސިންނާއި ފަރަންސޭސިންވެސް ބައިވެރިވެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ޖޯޑަންވެސް އެކަމުގައި ބައިވެރިވެއެވެ. އެކަމަކު މިކަން މުޅިއަކުން ކާމިޔާބެއް ނުވެއެވެ. އިޒްރޭލުގެ އެންމެބޮޑު ސިޓީކަމަށްވާ ޓެލަވީވަށް ކިތަންމެ މިސައިލެއް އަރައިފިއެވެ. އިޒްރޭލުގެ ހަގުރާމަތަކާބެހޭ ވުޒާރާއަށްވެސް މިސައިލްތަކެއް އަމާޒުވެއްޖެއެވެ. އިޒްރޭލުގެ އަސްކަރީ ބޭސްތަކަށްވެސް ހަމަލާތަކެއް އަމާޒުވެއްޖެއެވެ. އެކަން ޔަގީންވެއެވެ. ކަމެއް ނުވެޔޭ، ގެއްލުމެއް ނުލިބެޔޭ ތަކުރުކޮށް ބުންޏަސް ޓެލަވީވުން ގިނަގުނަ ގޮވުންތަކެއްގެ އަޑުވަނީ އިވިފައެވެ. މިހާރުވެސް ދަނީ އިވެމުންނެވެ.
އީރާނުގެ ރައްދުގައި ޖެހިފައިވަނީ ކޮންކުލައެއް؟
ޓެލަވީވްގެ އެކި ތަންތަނުން ފެންނަނީ ދުންއަރަމުންދާ މަންޒަރެވެ. އީރާނުގެ ރައްދު ހަމަލާގެ ދެވަނަ ރާޅު މިއައީ އިޒްރޭލުގެ އުދުވާނުގެ ރައްދުގައި ޒަޔަނިސްޓް ދައުލަތް ކުޑަކަކޫ މައްޗަށް ތިރިވާވަރުގެ ހަމަލާތަކެއް ފެށުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ އަމުރު ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައެވެ. އޭނާގެ އަމުރު އައީ އީރާނުގެ ސަލާމަތީ އެންމެ އިސް ކޮމިޓީ އެއްތަންވެފައި އިޒްރޭލްށް ރައްދުދޭނޭ ގޮތަކާމެދު މިއަދު މެންދުރުފަހު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްފަހުގައެވެ. ފެންނަ ފެނުމުގައި އީރާނުން ހަމަލަދެނީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. އާއްމުން ދިރިއުޅޭ ތަންތަނަށް ފަރުވާތެރިވެ އަސްކަރީ ތަންތަނަށެވެ. ހަމައެޔާއެކު އަސްކަރީ ކާރުޚާނާ ތަކަށެވެ. މިކަންކަމަށް ރިއާޔަތްކުރީމާ ގަބޫލުކުރެވެނީ މައްސަލަ އިތުރަށް ފުޅާކޮށް ނުރައްކާ ކުރުމުގެ ވިސްނުމެއް ނެތްކަމެވެ. މިއީ އިޒްރޭލުގެ އުދުވާނަށް ޖަވާބުދާރީވުމަށް މަޖުބޫރުވީމާ ދެމުންދާ ހަމަލަތަކެއް ކަމެވެ. ހަގުރާމަ ފުޅާނުކޮށް މައިތިރިކަން އިސްކުރުމަށް އިނގިރޭސިވިލާތާއި ފްރާންސުން ތަކުރާރުކޮށް އީރާނަށް އިލްތިމާސް ކުރަމުންދާކަން އެގައުމުތަކުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
ހަގުރާމަ ފުޅާކުރުމަށް އީރާނުގެ ޝައުގެއް ނެތް
އެމެރިކާއިން ހުރިހާ މާނައެއްގައި އިޒްރޭލަށް ވާގިވެރިވަމުންދާކަން ސާބިތުވިޔަސް މެދުއިރުމަތީގައިވާ އެމެރިކާގެ މަރުކަޒުތަކާއި ސިފައިންނަށް އީރާނުން އެއްވެސް ބާވަތެއްގެ ހަމަލައެއް އަދި ނުދެއެވެ. ގަބޫލުކުރެވޭ ގޮތުން ހަގުރާމަ ފުޅާކޮށް އިތުރު ބަޔަކު މީގެ ތެރެއަށް ވެއްދުމަށް އީރާން ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކެވެ. ދެން ތުރުކީވިލާތެވެ. އީރާނަށް ހަމަލަދިނުމުގައި ބޭނުންކުރާ އިޒްރޭލުގެ ފައިޓަރ ޖެޓްތަކުގެ ތެރެއިން މަދުވެގެން ދޭތި ވައްޓާލައި އެކަތީގެ ޕައިލެޓް ހިފައި ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަން އިޒްރޭލުން ދޮގުކުރެއެވެ. ވަކިއަތަކަށް ނުޖެހޭ ތިންވަނަ ފަރާތަކުން މިކަން ކަށަވަރުކޮށެއް ނުދެއެވެ. އީރާނުގެ ބުނުން ތެދުކަމަށްވަނީވިއްޔާ އެއީ މިހަގުރާމައިގެ ވަރަށް މުހިންމު ހަރުފަތެކެވެ. އީރާނުގެ ވައިގެ ދިފާއީ ކެރިފޯރުންތެރިކަން އެބަހުރިކަމުގެ ހެއްކެކެވެ.
އިޒްރޭލުގެ އަމާޒަކީ އީރާނުގެ ވެރިކަންވެސް ބަދަލުކުރުންތަ؟
އިޒްރޭލުން މިހާރު އަމާޒު ހިފާފައިވަނީ އީރާނުގެ ވެރިކަންވެސް ބަދަލުކުރުމަށް ބާވައެވެ. އާނއެކެވެ. އެހެން ހީވާ ސަބަބުތައް އެބަހުއްޓެވެ. އިޒްރޭލުން އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށިތާ ބާރަވަރަކަށް ގަޑިއިރު ތެރޭގައި އިޒްރޭލުގެ ވަޒީރަކު ވަނީ މީސްމީޑިއާއަށް ޒާތެއްގެ އެއްޗެއް ދޫކޮށްފައެވެ. ފުން މާނަތަކެއް ދޭހަވާ އެއްޗެކެވެ. ގައުމުން ބޭރުގައި ދިރިއުޅޭ ޔަހޫދީންގެ ކަންކަން ބެލެހެއްޓުމާބެހޭ ވަޒީރު އަމިޝާއީ ޗަކްލީ ވަނީ އޭނާ އީރާނުގެ ކުރީގެ ވަލީއަހުދު ރިޒާ ޕަހެލަވީއާ ސަލާންކުރާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެފޮޓޯއާއެކު އޭނާ ލިޔެފައިވެއެވެ. ދާދިއަވަހަށް ތެހެރާނަށް ދެވިދާނެއެވެ. މި ބުނަނީ ކީކޭ ބާވައެވެ. ރިޒާ ޕަހެލަވީއަކީ ކާކުބާވައެވެ. ރިޒާ ޕަހެލަވީއަކީ އީރާނުގައި އެންމެފަހުން ހުންނެވި ރަސްގެފާނު ޝާހު މުހައްމަދު ރިޒާ ޕަހެލަވީގެ ދަރިކަލުންނެވެ. ޝާހު ޕަހެލަވީއަކީ 1979 ގެ އިސްލާމީ އިންގިލާބުގައި ވެރިކަމުން ދުރުކުރެވުނު ރަސްގެފާނެވެ.
ގައުމުން ބޭރުގައި އަރުވައިލެވިގެން ހުންނަވަނިކޮށް ރަސްގެފާނު އަވަހާރަވީއެވެ. އޭނާގެ ދަރިކަލުންނަކީ މިހާރު އީރާނުގެ ސަރުކާރާ ދެކޮޅު ހަރަކާތްތަކުގެ ލީޑަރެކެވެ. ދިރިއުޅުއްވަނީ ފްރާންސްގައެވެ. ފްރާންސްގެ ހިމާޔަތް ހޯއްދަވައިގެންނެވެ. ރިޒާ ޕަހެލަވީއާއި އޭނާގެ އެހީތެރިންނަކީ އިޒްރޭލުގެ މަދަދުވެސް ލިބޭ ބައެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދެއެވެ. އިޒްރޭލުގެ ވަޒީރު މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯއަކީ ކޮންއިރަކު ކޮންތާކު ނެގިފައިވާ ފޮޓޯއެއްކަން ނޭގުނަސް މިދަނޑިވަޅުގައި މިފޮޓޯ ހިއްސާކުރުމުން ދޭހަވާ މާނަ ވަރަށް ބޮޑެވެ. އިޒްރޭލުން އަމާޒު ހިފާފައިއެވަނީ އީރާނުގެ ވެރިކަންވެސް ބަދަލު ކުރުމަށެވެ. އިޒްރޭލް ބޭނުންވަނީ އިޒްރޭލަށް ތާއީދުކޮށް އެއްބާރުލުން ދޭނެ ގޮނޑިކޮއްކޮ ވެރިއެކެވެ. އެމީހަކީ ރިޒާ ޕަހެލަވީއެވެ. އުމުރުން މާދުވަސްވީ ބޭފުޅެއްވެސް ނޫނެވެ. ގާތްގަޑަކަށް 64 އަހަރެވެ. އީރާނުގެ ރަސްކަން ފުރޮޅައިލެވުނުއިރު އޭނާގެ އުމުރަކީ އެންމެ 19 އަހަރެވެ. އީރާނުގެ ދީނީ ވެރިކަމާ ދެކޮޅު ވަރަށް ގިނަ މީހުންގެ ރުހުން ރިޒާ ޕަހެލަވީއަށް އޮތްކަމަށް ހީކުރެވެއެވެ.
އިމާދު ލަތީފު
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ކޮމެންޓް