މިއަހަރުގެ ކުރީކޮޅު ރިލީޒްކޮށް ބޮކްސް އޮފީސް ރެކޯޑުތައް ކާމިޔާބުކުރި "މައިންކްރާފްޓް" ފިލްމު މިމަހު 20 ގައި މެކްސްގައި ސްޓްރީމްކުރަން ފަށާނެ ކަމަށް އިއުލާނުކޮށްފިއެވެ.

ވޯނަރ ބްރަދާސްގެ މި ފިލްމުގައި ޖޭސަން މަމޯއާ، ޖެކް ބްލެކް، އެމާ މަޔަރސް އަދި ޑެނިއެލް ބްރޫކްސް ފަދަ ތަރީން ފެނިގެންދެއެވެ. މި ފިލްމަކީ މަޝްހޫރު ވީޑިއޯ ގޭމް "މައިންކްރާފްޓް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ދައްކާ ވާހަކައަކީ އޯވަރވާލްޑް ކިޔާ ބިޒާރު، ކިއުބިކް ދުނިޔެއަކަށް ވަދެގެންދާ ބައެއްގެ ވާހަކައެވެ. އެ ދުނިޔެއިން ނުކުތުމަށް އެމީހުން އެކްސްޕާޓް ކްރާފްޓަރެއް ކަމަށްވާ ސްޓީވް (ޖެކް ބްލެކް) ގެ އެހީ ހޯދައެވެ.

މި ފިލްމު ވަނީ ދުނިޔޭގެ ބޮކްސް އޮފީހުން 951 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފައެވެ. މިއީ މި އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރެއިން އެއް ހިޓެވެ. ޖަރެޑް ހެސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާތަނަށް އެންމެ ގިނަ ފައިސާ ހޯދި ދެވަނަ ވީޑިއޯ ގޭމް އެޑެޕްޓޭޝަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގެ "ޗިކަން ޖޮކީ" މޮމަންޓަކީ ވައިރަލް ވެފައިވާ މަންޒަރެކެވެ. އެ މަންޒަރުގައި ޖެކް ބްލެކް އަދި ޖޭސަން މަމޯއާ ބޮކްސިން ރިންގެއްގައި މައިންކްރާފްޓް ޗިކަނެއްގައި އިނދެގެން އަންނަ ކެރެކްޓަރަކާ ކުރިމަތިލާ މަންޒަރު ފެނިގެންދެއެވެ.

މި އަހަރުގެ އެހެން ބޮޑެތި ހިޓްތަކުގެ ތެރޭގައި "ލީލޯ އެންޑް ސްޓިޗް" އަދި ޓޮމް ކްރޫޒްގެ "މިޝަން: އިމްޕޮސިބަލް - ދަ ފައިނަލް ރެކޮނިންގ" ހިމެނެއެވެ.