ރައްދުގައި ދޭ ހަމަލާ ހިތިވެފައި ވޭންވެސް ބޮޑުވާނެ ކަމަށް އިރާނުގެ އާ ކޮމާންޑަރު ބުނެފިއެވެެ.

އިރާނުގެ އިސްލާމިކް ރިވޮލުޝަން ގާޑް ކޯޕްސްގެ އާ ކޮމާންޑަރު މޭޖަރ ޖެނެރަލް މުހައްމަދު ޕަކްޕޫރު އެ ގައުމުގެ ލީޑަރު އާޔަތުﷲ ހާމަނާއި އަށް ފޮނުވި ސިޓީއެއްގައި ވަނީ އިސްރާއީލަށް އެމީހުންގެ އަމަލުގެ ބަދަލުގައި ހިތި އަދި ވޭން ބޮޑު ހަމަލާއެއް ދޭނެ ކަމަށް ބުނެފައެވެ.

ޕަކްޕޫރު ވަނީ ޓެރޮރިސްޓު ޒައިނިސްޓުން އިއްޔެ ހިންގި އަމަލަކީ އެ ގައުމުގެ ނެޝަނަލް ސެކިއުރިޓީއާ ދެކޮޅަށް ހިންގި އަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި އޭގެ ބަދަލު ނުހިފާނެ ގޮތެއް ނެތް ކަމަށް ޕަކްޕޫރު ފާހަގަކޮށްފައިވެއެވެ.

އެއީ އިރާނުގެ ކޮމާންޑަރުންނާއި ސައިންޓިސްޓުންގެ އިތުރުން އިރާނުގެ ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށާއި މަރުވި މީހުންގެ ލޭގެ ބަދަލު ހިފާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން އިރާނަށް އިއްޔެ ދިން ކުއްލި ހަމަލާގެ ސަބަބުން މެދުއިރުމަތި ހަލަބޮލިވެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކޮޅުމަތި ފެނިފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.