ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޖޭއެސްސީގެ އެ މަގާމުގައި މިހާރު ހުންނެވީ އައިމިނަތު އުއްމުކުލްސޫމްއެވެ. އޭނާގެ ދައުރު މިއަހަރުގެ އޮގަސްޓަށް ހަމަވާނެއެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 12:00 އާ ހަމައަށް ކަމަށެވެ. މަގާމަށް ކުރިމަތިލާ ފޯމާއެކު އެ މީހެއްގެ ކުށާއި ދަރަނީގެ ރިކޯޑް ފޯމު ހުށަހަޅަންވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

ޖޭއެސްސީގެ އާންމުންގެ މެންބަރުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތު:

  • ދިވެއްސަކަށްވުމުން/ އުމުރުން 30 އަހަރުވެފައިވުން
  • އިސްލާމްދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށްނުވުން
  • ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން

ޖޭއެސްސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.