އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުކުރުމަށް ނައްޓާލި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ އަހްމަަދުއާބާދުގެ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބޯޓު ވެއްޓުނީ އަހްމަދުއާބާދުގެ މެގަނީ ނަގަރް ސަރަހައްދަށެވެ. ބޯޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ފަސް މިނެޓު ތެރޭގައެވެ.
އެ ބޯޓުގައި 242 ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. ނަމަވެސް އެ މީހުންގެ ހާލަތު އަދި ސާފެއް ނުވެއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޓު ވެއްޓުނު ވަގުތު ޖައްވުގެ ތެރޭގައި ކަޅު ކުލައިގެ ބޯ ދުންގަަނޑު ފެތުރިފައިވާ މަންޒަރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ މައްޗަށް އަރަން ދަމުން ގޮސް ކުއްލިއަކަށް މަޑުމަޑުން ބޯޓު ތިރިއަށް ޖެހި ބޯޓު ގޮވައި އަލިފާން ރޯވުމަށްފަހުއެވެ.
ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށް މިހާރު ވަނީ ރެސްކިއު އެންޑް ރިލީފް އޮޕަރޭޝަނެއް ފަށައިފައެވެ. އެގޮތުން ޒަހަމްވެފައިވާ މީހުންނަށް އެއާޕޯޓުގައި އަވަސް ފަރުވޭ ދެވޭނެ އިންތިޒާމްތައްވެސް ދަނީ ހަމަޖައްސަމުންނެވެ.
ބޯޓު ވެއްޓުނުއިރު ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީވެސް ބޯޓުގައި ދަތުރުކުރަމުންދިޔަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔޫނިއަން ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިދޫ ކިންޖަރަޕޫ ވަނީ އެ ހާދިސާ ވަރަށް ގާތުން ބަލައި މޮނިޓާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އާއިޝަތު މާހާ
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ