ފްލައިދުބާއީގެ ކެޕްޓަން ސްމިތު މަޗާރާއި އެ ބޯޓުގެ ފަޅުވެރިން ޒާޔިދު 2 ވަނަ ދަރަޖައިގެ ކޮމާންޑާ މެޑަލް، އެކުވެރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިހް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާން ދެއްވައިފިއެވެ.

ޔޫއޭއީގެ ދައުލަތުގެ ނޫސް އެޖެންސީ (ވާމް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޑަލްތައް ހަވާލުކޮށްދެއްވީ ދުބާއީގެ ވަލީއަހުދު އަދި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވަޒީރު ޝެއިހް ހަމްދާން ބިން މުހައްމަދު އަލް މަކްތޫމެވެ.

މި ޝަރަފު ދެއްވާފައިވަނީ ސެޕްޓެންބަރު 30 ގައި ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 އަށް ވައިގެ ތެރޭގައި ދިމާވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ބޯޓުގައި ތިބި 170 އަށް ވުރެ ގިނަ ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރުމަށް ފަޅުވެރީން ދެއްކި ހިތްވަރާއި އަވަސް ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޝެއިހް މުހައްމަދު ވަނީ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަޅުވެރިން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައިފައެވެ. ޝެއިހް ހަމްދާންވެސް ވަނީ ފަޅުވެރިން ދެއްކި ޒިންމާދާރުކަމަށް ތައުރީފުކުރައްވާފައެވެ.

ދަ ނޭޝަނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީން ތެލް އަވީވްގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބޯއިން 737 މަރުކާގެ އެ ބޯޓުގެ ކޮކްޕިޓް ތެރޭގައި ހިންގި ކަމަށް ބުނާ މި ހާދިސާގައި، އުމުރުން 29 އަހަރުގެ އޮމާންގެ ކޯ-ޕައިލެޓް ވަނީ ކެޕްޓަން ސްމިތު މަޗާރަށް ކޯރާޑިއަކުން ތަކުރާރުކޮށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެ ނޫހުން ބުނި ގޮތުގައި، ތަހުގީގުކުރާ ފަރާތްތަކަށް ކޯ-ޕައިލެޓް ދިން އިއުތިރާފުގައި ބޯޓު ވައްޓާލަން އުޅުނު ކަމަށް ބުނެފައިވީ ނަމަވެސް، މި ހަމަލާގެ ތަފްސީލުތައް ފްލައިދުބާއީން ނުވަތަ ރަސްމީ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.