"އޮޕަރޭޝަން ސެކިއާ" ގެ ނަމުގައި އިންޓަޕޯލް އިން އިސްނަގައިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭން ބައިވެރިވެ އެކި މައްސަލަތަކުގައި 32 މީހުން ހައްޔަރުކޮށްފިއެވެ.

ހަތަރު މަސްދުވަހަށް ދެމިގެންދިޔަ އެ އޮޕަރޭޝަންގައި ރާއްޖޭގެ ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރު ހިމެނޭހެން ޖުމުލަ 32 ގައުމަކުން ބައިވެރިވެފައިވެއެވެ. ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗާ ނައްތާލުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި އިންފޮމޭޝަން ސްޓީލިން މަލްވެއާ އާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ވަނީ ނައްތާލައިފައެވެ.

ފުލުހުން ބުނިގޮތުގައި "އިންފޮމޭޝަން ސްޓީލާސް" އަކީ ބްރައުޒާ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައި ހުންނަ ނުރައްކާތެރި މަލްވެއާ އެކެވެ. އަދި މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބާ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވާ ކަމަށާއި އެ މަސައްކަތުގައި އިންޓަޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކޮށްފައިވާނެ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ދިވެހި ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތުތައްވެސް ހޯދާފައިވާނެ ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެކު ޖުމުލަ 41 ސާވާ އާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގެންފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި ގާނޫނާ ހިލާފު ސައިބާ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކޮށް 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ އިންޓަޕޯލްއާއި ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވޯކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބާ ކްރައިމް ސެންޓަރުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.