2006 ވަނަ އަހަރު ނެރުނު މަޝްހޫރު ފިލްމު "ދަ ޑެވިލް ވިއަރސް ޕްރަޑާ" ގެ ދެވަނަ ބައި ޖުލައި މަހު ޝޫޓްކުރަން ފަށާނެ ކަމަށް އެންޓަރޓެއިންމަންޓް ޓުނައިޓް (އީޓީ) އިން ބުނެފިއެވެ. މި ފިލްމުގައި އެމިލީ ބްލަންޓް އޭނާގެ އައިކޮނިކް ރޯލުން އަލުން ފެނިގެންދާނެއެވެ.

އީޓީއަށް ދިން އިންޓަވިއުއެއްގައި އެމިލީ ބްލަންޓް ބުނެފައިވަނީ މި ފިލްމުގެ ދެވަނަ ބައި އަންނަކަން ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

އެމިލީ އިތުރަށް ބުނެފައިވަނީ ސްކްރިޕްޓެއް ވެސް އަދި ނުބަލާ ކަމަށާއި، 20 އަހަރު ފަހުން އޭނާގެ ކެރެކްޓަރު ހުންނާނީ ކިހިނެއްކަން ނޭނގޭ ކަމަށެވެ. މެރިލް ސްޓްރީޕްއާއެކު އޭނާ ކުޅޭ ރޯލުތަކުގައި އަބަދުވެސް ދެމީހުން ދިމާވާ ކަމަށް ވެސް އެމިލީ ފާހަގަކޮށްފައިވެއެވެ.

އެމިލީގެ ދެ ދަރީން ކަމަށްވާ ހޭޒަލް (11) އަދި ވަޔަލެޓް (9) ވެސް މި ފިލްމު ބަލަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެމިލީ ބުނެފައިވެއެވެ.

މި ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭ 1 ވަނަ ދުވަހުއެވެ.