"ދޮންތަގެ ފްރެންޑެއްގެ ގެއަށް" ނަހުމާ ބުންޏެވެ.
ނައިޝަމް އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. އޭނާ ބޭރަށް ނިކުންނަ ހިތެއް ނެތެވެ. ނަހުމާ އަށް ސީދާ ދެކޮޅުހަދަންވެސް ނުކެރުނެވެ. ނޫނެކޭ ބުނެ އިންކާރުކޮފިނަމަ ދޮންތަ ދެރަވާނެއެވެ. ނައިޝަމް ވިސްނާލިއެވެ. ދޮންތަ ދެރަނުވާނޭ ކަހަލަ ގޮތަކަށް ޖަވާބުދޭން ޖެހޭނެއެވެ.
"ބައްޕައަށް ގުޅަންތަ؟" ނައިޝަމް ބުންޏެވެ.
"ނައި އަށް ނުދެވޭނެތަ ދޮންތަ ގޮވައިގެން. ބައްޕަ ގޮވައިގެން ދިޔައިއްޔާ ކާރުތެރޭގަ ނިދެންދެކަށް ލައިފް ލެސަންތައް އިއްވާނީ... އެހެންނޫނަސް ނައި އަށް ނުދެވެންޏާ އަޅާނުލާ" ނަހުމާ ހަށަމަށް އަތް ނަގަމުން ހިތްހަމަނުޖެހުމުގެ ކުލަވަރު މޫނުމަތިން ދައްކާލިއެވެ. ނައިޝަމްގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވިއެވެ.
"އޯކޭ. މި އަންނަނީ ރެޑީވެލައިން" ފުން ނޭވައެއް ދޫކޮށްލުމަށްފަހު ނައިޝަމް ބުންޏެވެ.
ނަހުމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނައިޝަމް ދާ މަންޒަރު ބަލަން ހުރެފައި އެތެރެއަށް އޭނާ ވަނީ ދަބަސް ނެގުމަށެވެ.
****
ގޭތެރެއަށް ވަތްގޮތަށް ޒަމްރު ދެފަރާތް ބަލައިލިއެވެ. ބޮޑު ހޯލުތެރެއިން އެއްވެސް އިންސާނެއްގެ ހިލަމެއް ނެތެވެ. ސޯފާގައި ދަތްދޮޅީގައި އަތްވިދެލައިގެން އިން މާޔޫން ޒަމްރުގެ ލޮލުގައި އަޅައިގަތެވެ. ރެކް ކައިރީގައި ހުރެ ބޫޓު އޭނާ ބޭލިއެވެ. އެއާއެކު އޭނާގެ ހާއްސަ ނޯކަރަކު އައިސް އޭނާގެ ދަބަހުގައި ހިފައިފިއެވެ. އޭނާ ހިނގައިގަތީ ސޯފާ އާ ދިމާލަށެވެ.
"ހާދަ ބޮޑު ފިކުރެއްގަ މަންމާ" ޒަމްރު އިށީނީ މާޔޫން އާ ޖެހިގެންނެވެ.
"މިއަދު މާ އަވަހަށް ތިއައީ. ބަލިވީތަ؟" ސޯފާގައި ފަހަތުން ބޯ ލައްކޮށް ޒަމްރު ދެލޯ މަރާލިގޮތުން މާޔޫން އަހާލިއެވެ.
"ބައްޔެއް ނޫން މަންމާ" ޒަމްރު ބުންޏެވެ.
މާޔޫން މާޔޫސީ ބެލަމުން ޒަމްރުގެ މޫނަށް ބަލައިލިއެވެ. ޒުވާން ދަރިފުޅާމެދު މާޔޫން ގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ދަރިފުޅަށް ދެއްވުމަށް އޭނާއަށް އެދެވުނެވެ. ދުނިޔެއިން އެދަރިފުޅު އެންމެ އެދޭ ކަންތައް ހަސިލުނުވާނޭކަން ހަނދާންވި ހިނދު މާޔޫންގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ކޮންމެ ދުވަހަކު ދަރިފުޅު ކުރަމުންދާ ހިތާމަ އޭނާއަށް ކޮންމެ ހިނދަކުން ހަނދާން ކުރުވަމުން ދެއެވެ. ދަރިފުޅުގެ އެ ހިތާމަތަކަށް ލުޔެއް ހޯދައިދެވޭނީ ކިހިނެއްކަން އޭނާ ވިސްނާ ވިސްނާ ސިކުނޑި ވަރުބަލި ކުރުވައިފިއެވެ. ޒަމްރު ދެލޯ ހުޅުވާލީ އޭނާގެ ނިތްމަތިން ލޯބިވާގެ މަންމަގެ އިނގިލިތަކުގެ ފިރުމުންތައް އިހުސާސުވުމުންނެވެ. ޒަމްރުގެ ތުންފަތަށްވެރިވީ ހިތި ހިނިތުންވުމެކެވެ.
"ކެތްތެރިވޭ ދަރިފުޅާ. މުޅިއުމުރު މިހެނެއް ނުދާނެ. ދަރިފުޅު އެމަންޖެ ގޮވައިގެން ދިރިއުޅެން ހުރިއްޔާ އަބަދުވެސް މަންމަގެ އެއްބާރުލުން ލިބޭނެ. ކާމިޔާބަކީ ދަރިފުޅުގެވެސް ހައްގެއް" މާޔޫންގެ ދެއަތްތިލައިގެ ތެރޭގައި އޮތް ޒަމްރުގެ އަތްތިލައިގައި މާޔޫން ފިރުމަމުން ދިޔައެވެ.
"އެކަމާ ނުވިސްނަމޭ މަންމާ" ޒަމްރު ބުންޏެވެ. އެހިނދު މާޔޫންގެ ތުންފަތަށް ވެރިވީ އެއްވެސް މާނައެއް ނެތް ހިނިތުންވުމެކެވެ. އެއީ ހަމައެކަނި ޒަމްރު ބުނެލި ޖުމްލައެކެވެ. އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ މާނައެއް ނެތް ބަހެކެވެ.
"ކޮބާ ގާޔާ؟ މިއަދު ގޭތެރެއިން ނުފެންނާތީ ވަރަށް ފަޅު" ޒަމްރު ހީލަމުން ބުންޏެވެ.
"ވާހަކަފޮތެއް ހިފައިގެން އެބައޮތް ކޮޓަރީގަ" މާޔޫން ބުންޏެވެ.
"މިއަދު ރުފިޔާ ބޭނުންވެގެން ބުނީމަ ޓްރާންސްފާ ކޮށްދިނިން. ޕޮކެޓް މަނީ ކޮބާހޭ އަހާލީމަ ކިޔައިފި ތިމަންނަ ހައްޖަށް ދާން ފޮރުވާފައޭ..." ޒަމްރު އަހާލިއެވެ.
"މޭކްއަޕްކުރާ ސާމާނުތަކެއް. ދޮންބެދައްތައަށް ވެސް ގެނައިމޯ" މާޔޫން ބުންޏެވެ.
ގަހަށް ނެތް ކުލުނެއް ފަތަށް ނުހުންނާނޭ މީހުން ބުނާ ބުނުން ޒަމްރު ހަނދާންވިއެވެ. ހެލީން އޭނާ އާ މެދު ހިތްހަމަނުޖެހެންޏާ އޭނާގެ އާއިލާ ކުރާނީ ކޮން ލޯތްބެއް ހެއްޔެވެ؟ މިއަދު ގާޔާ ދެރަވާނެ މިންވަރު ޒަމްރުއަށް އަންދާޒާ ކޮށްލެވުނެވެ. ގާޔާ ގެނައި އެއްވެސް ހަދިޔާއެއް ހެލީން ބޭނުންނުވާނެކަން މަރުވާނެކަން ޔަގީންވާ ފަދައިން ޒަމްރުއަށް ޔަގީނެވެ. މިއަދު ގާޔާ ހަމަޔަކަށް އަޅުވަން އުނދަގުވާނެއެވެ. ބޮޑެތި މީހުންނަށް ވިސްނޭގޮތަށް ގާޔާ އަށް ވިސްނައެއް ނުދެވޭނެއެވެ. ދެއަތުން ޒަމްރު ބޮލުގައި އަތްއެޅިއެވެ. ވީހާވެސް އަވަހަކަށް ކަންކަން ބަދަލުވާނެނަމައޭ ހިތަށް އެރިއެވެ. އޭނާގެ އާއިލާ އާ މެދުގައި ހެލީންގެ ހިތް ބަދަލުކުރެއްވުމަށް އެދި ހިތާހިތުން ދުއާކޮށްލެވުނެވެ.
"މަންމަ ގާޔޫ ކައިރީގަ ބުނޭ ތައްޔާރުވެލާށޭ. ބުނޭ ދޮންބެ އާ އެކު ލަންޗަށް ދާށޭ" ޒަމްރު ބުންޏެވެ.
އެއްޗެހި ބަދަލުކޮށްލައިގެން އަންނާނަމޭ ބުނެ ޒަމްރު ހިނގައިގަތީ ސިޑި އާ ދިމާލަށެވެ.
****
ސައިކަލުގައި ނަހުމާ ގޮވައިގެން މާލެ އާއި ހުޅުމާލޭގެ ފިހާރަތަކަށް ނައިޝަމް ދުއްވިއެވެ. ގެއަށް ދިޔުމުގެ ކުރިން ނަހުމާ ބޭނުންވެގެން ކޮފީއެއް ބޯލަން ރެސްޓޯރަންޓެއް ކައިރިއަށް މަޑުކޮށްލިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ އަތިރިމަތީގައި ހުރި ރެސްޓޯރެންޓެއްގައި ދެކުދިން މަޑުކޮށްލައިގެން ތިއްބެވެ. ނައިޝަމް ކަޅު ކޮފީއެއް ގެނައި ނަމަވެސް ނަހުމާ ގެނައީ އެވެކާޑޯ ސްމޫދީއެވެ.
"މިއީ ކޮންކަމެއް. ޕްލޭން ޗޭންޖްވިއިރެއް ނޭނގޭ. އަސްލު ފިހާރައަކަށް ނޫން ދޯ ނިކުތީ" ނައިޝަމް ބުންޏެވެ.
"އުނހު. ހަމަ އަސްލުވެސް. ވިޔަފާރިކޮށްލަން ބޭނުންވި ތަން އެހުރީ ބަންދުކޮށްފަ. ދޮންތައަށް ހީވަނީ ރޭގަނޑުހެން އެތަން ހުޅުވާނީ" ނަހުމާ ބުންޏެވެ.
"ދެން؟ ކިހާއިރަކު ނިކުންނާނީ މިރޭ" ނައިޝަމް ބުންޏެވެ.
"ނައި އަޅާނުލާ. ދޮންތަ ނައި އަށް އެހާ އުނދަގުލެއް ނުކުރާނަން. ޝިމް އާއެކު މިރޭ ނިކުންނާނީ" ނަހުމާ ބުންޏެވެ.
"ދޮންތަ ބޭނުންގޮތެއް. އެކަމަކު ހަނދާންކުރާތި ދޮންތަ ކަމެއްގެ އަހަންނަށް އުނދަގުލެއް ނުވާނެ" ނައިޝަމް ބުންޏެވެ.
ނަހުމާ ހީލަމުން ބޯޖަހާލިއެވެ. ލަސްލަހުން ސްމޫދީ ހުސްކުރަމުން ދިޔައިރު ގިނައިރު އޭނާގެ ހަރަކާތްތައް ހުއްޓިފައި ހުންނަނީ ނައިޝަމްގެ ހަރަކާތްތަށެވެ. އެއްޗެއް ގެއްލިގެން އުޅޭ މީހަކު ފަދައިން މުޅި ސަރަހައްދަށް އިރުކޮޅަކާ އޭނާ އެބަ ބަލައެވެ. އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ސަރަހައްދު އޭނާ ސްކޭން ކޮށްލައިފިއެވެ.
"ނައި..." ނަހުމާ ގޮވާލި އަޑަށް ނައިޝަމް ސިހިފައި ކުރިމައްޗަށް ބަލައިލިއެވެ.
"އަބަދު ހޯދެނީ. ހީވަނީ ހަމަ ކުއްލިއަކަށްވެސް ލޮލަށް ހެލީގެ ސޫރަ އަރާފާނޭ. ކޮންތާކުބާ އެ އުޅެނީ؟" ނައިޝަމް ބުންޏެވެ.
"ދޮންތަ ވާހަކައެއް ބުނިއްޔާ ގަބޫލުކުރާނަންތަ؟" ނަހުމާ ބުންޏެވެ.
"ބުނެބަ" ނައިޝަމް ބުންޏެވެ.
"ދޮންތައަށް އެނގޭ ހެލީ ވީތަނެއް ހޯދަން ނައި ބޭނުންވާވަރު. ދޮންތައަކަށް ހިއެއްނުވޭ ހެލީން މާލޭގަ ހުރިހެނެއް" ނަހުމާ ބުންޏެވެ.
"މިހާރުގެ ގޮތެއް ނޭނގެ. ޔަގީނުންވެސް އެދުވަހު ހުރި. ދެކުނިން. ގޮވާވެސްލިން. ޔަގީން އަޑުއިވޭނެކަން. ކީއްވެތަ ހެލީ އެހެން ހަދަނީ؟ އަހަންނަށް ޔަގީން ހެލީން އަދިވެސް އަހަރެންދެކެ ލޯބިވާކަން. އެހާ ފަސޭހައިން ހަނދާނެއް ނުނެތޭނެ. އަހަރެމެން ރައްޓެހިވެގެން އުޅުނީ އެއްދުވަހު ދެދުވަހެއް ނޫނޭ. ބުނެވެސްނުލާ ކުއްލިއަކަށް އެހެންމީހަކާ އިންނަން އުޅުނީ. އަހަރެންގެ ހިތް ބުނަނީ ހެލީއަށް ކޮންމެސް މަޖުބޫރުތަކެއް ވެއްޖޭ" ނައިޝަމް ވާހަކަދެއްކިއެވެ.
މިނޫނީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފަހުން ހިތުގެ ވާހަކަތައް ނައިޝަމް ނުދައްކައެވެ. ނަހުމާ ނައިޝަމްގެ މޫނަށް ބަލައިލީ ކޮއްކޮއަށް ހަމްދަރުދީވެފައެވެ.
"ކޮން މަޖުބޫރެއް ވާނީ. ހަގީގީ ލޯބި ވެވެންޏާ އާއިލާ ތެރެއިން ވިޔަސް ނޫނީ އެހެން ގޮތަކުން ވިޔަސް އަންނަ މަޖުބޫރީ އަކީ އެއްވެސް އެއްޗަކަށް ވެގެންނުވާނެ. ލޯބިވާ މީހާ އާ އެކުގައި ވެވޭތޯ އަބަދުވެސް ބަލާނެ. އަދި އަދަށްދާންދެންވެސް ނައި އާ ހެލީން ދުރަށް ދިޔަ ސަބަބެއް ނުބުނޭ. ނޫންތަ؟ ނައި މޫވްއޮން ކުރަން ނުވޭތަ؟ ކިހާ ދުވަހެއް ވަންދެން ތިހެން ހުންނަނާން" ނަހުމާ ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ.
"ނޫން ދޮންތާ. ހެލީ ބޮލުގަ އިލްޒާމު ތިއެޅުވެނީ. އަހަންނަށް ހެލީ އެނގޭ. ފަހަރެއްގަ ހެލީގެ ދިރިއުޅުން އެހެން މީހަކާ ހިއްސާކޮށްފާނެ. އެކަމަކު ހިތެއް ނުދޭނެ. ހެލީ އަކީ އެކަކާ ރައްޓެހިވެފަ އަނެކަކާ ރައްޓެހިވެގެން އުޅޭނެ ކުއްޖެއްނޫން. އަހަރެން ހެލީ ހޯދާނަން. ކިތަންމެ ލަހުން ވިޔަސް އަހަރެން ކައިރިއަށް ހެލީ ގެންނާނަން. އަހަންނަށް ހެލީ އާ ނުލާ ނޫޅެވޭ ފަދައިން އަހަންނާ ނުލާ ހެލީއަށް ވެސް އުނދަގުވާނެ. އެދުވަހު އެ ކައިވެނި ވިޔަކަ އަހަރެން ނުދެމެއްނު. ވަރަށް ދެރަވި އެދުވަހު އެންމެންގެ ތެރޭގަ ހެލީ ވާހަކަނުދެއްކީމަ" ނައިޝަމް އަސަރާއެކު ވާހަކަދެއްކިއެވެ.
"އެ ކައިވެނި ކުރި ކަމަށް މަންމަ އެބުނަނީ. ނައި އަށް ފަހުން ވީގޮތެއް ނޭނގޭނެއްނު. އެދުވަހު ޕޮލިހުން ނައި ގެންދިޔައީނު. ގެއަށް ދޫކޮށްލި މަގުމަތީގަ ރުޅިއައިސްގެން ހުރެ ގެއަށް އަންނަނިކޮށް ނައި އެކްސިޑެންޓްވީ. ދެ ހަފްތާ ފަހުން ނައި ހޭއެރިއިރު އޮތީ ތައިލެންޑްގެ ހޮސްޕިޓަލެއްގަ. ނައި ގެ ހަނދާނުގަ އޭރު ކަމެއް ނެތް. އެކަމަކު ފަރުވާއަށް ފަހު މިކޮޅަށް އަންނަން ވާއިރަށް ހުރިހާ ކަމެއް ރަނގަޅުވެއްޖެ. އެންމެ ކަމެއް ފިޔަވާ. ނައި ގެ ތި ރުޅިގަނޑު ފިޔަވާ" ނަހުމާ ވާހަކަދެއްކިއެވެ.
"އެކައިވެނި ހެލީ ކުރިކަމަށް ވަންޏާ އަހަރެން އެކައިވެނި ދެމެހެއްޓިޔަކަ ނުދޭނަން. އަހަރެންގެ ހިތް މިހާރުވެސް އޮތީ އަހަރެންގެ އިހުތިޔާރުގައެއް ނޫން. މިހިތަށް ވާވަރު އެކަކަށްވެސް ނޭނގޭނެ. ހެލީ ލިބެންޖެހޭނީ އަހަންނަށް. އަހަރެމެން ދެމީހުން ދެމެދަށް ވަތް ބަޔަކު ޖެހޭނީ ދުރަށްދާން. އަހަރެން މޮޔަވެދާނެ ދޮންތާ. އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން މަސްތުވާއެއްޗެއް ނުބޮން. ވައްކަމެއް ނުކުރަން. ނުބައި އެއްވެސް ކަމެއް ނުކުރަން. ހެލީ ބޭނުންވި ފަދައިން ކިޔަވާ މޮޅު މީހަކަށް ވިން. ވަޒީފާ އަދާކުރިން. ކައިވެނީގެ ފޮނިފޮނި ހުވަފެންތައް ދެކުނިން. އެތައް އުންމީދެއް ކުރިން. އަހަންނަށް ޔަގީން އެހުރިހާ ކަމެއް ހެލީގެ އަމިއްލަ އިހުތިޔާރުގަ ނުކުރާނެކަން. އަހަރެން ހެލީ ހޯދަން ބޭނުން. ހެލީ އަހަންނަށް އިންތިޒާރުކުރާނެ" ނައިޝަމް އިނީ ހުވަފެނީ ދުނިޔެއެއްގައި ކަހަލައެވެ.
"އެމީހަކު މަރުވުމުގެ ކުރިން އެމީހެއްގެ ނަސީބުގައި ކަނޑައެޅިފައިވާ މިންވަރު އެމީހަކަށް ލިބޭނެކަން ޔަގީން" ނަހުމާ ބުންޏެވެ.
"ހުރިހާ ކަމެއް ގޯސްވީ ގެއަށް ހެލީ ގެނައި ދުވަހުން ފެށިގެން. ހެލީއަށް ބަދަލު އަންނަންފެށީ އެދުވަހަށްފަހު. ދޮންތައަށް ހީވޭތަ މަންމަ އާ ބައްޕަ މިކަމުގަ ގޯހެއް ހަދާފާނެހެން" ނައިޝަމް އަހާލިއެވެ.
"ހިއެއްނުވޭ. މަންމަ ކުޑަކޮށް ހިތްހަމަނުޖެހުނު ކަންނޭނގެ. އެކަމު ނައި އަށް ދެރައެއް ދީފާނެހެން ހިއެއްނުވޭ" ނަހުމާ ބުންޏެވެ.
"ދޮންތަ އަހަންނަށް ހެލީ ވީތަނެއް ހޯދައިދެވޭނެތަ؟ ކުޑަމިނުން ފޯނު ނަންބަރު ވިޔަސް މައްސަލައެއްނެތް" ނައިޝަމް ބުންޏެވެ.
"ބަލާނަން. އެކަމަކު ހިއެއްނުވޭ ކާމިޔާބުވާނެ ހެނެއް. ދޮންތަ އާ ބައްދަލުކުރަން ވަކި ހެލީން ބޭނުންވާނެތަ؟" ނަހުމާ ބުންޏެވެ.
"ފެންނާނެ. ދޮންތަ އަށް މިކަންވާނެ. ދޮންތަގެ ޔުނިވާސިޓީ އެކުވެރިން އެބަތިއްބެއްނު. ހެލީ ދަންނަ ކޮންމެސް އެކަކު ހުންނާނެ. ޕްލީޒް ދޮންތާ ހެލީ ނޫން އެހެން މީހަކު އަހަރެން ބޭނުމެއްނޫން. އަހަރެން މޮޔަވެދާނެ މިހެން އުޅެންވެއްޖިއްޔާ" މޭޒުމަތީގައި އޮތް ނަހުމާގެ އަތްތިލައިގައި ނައިޝަމް ހިފަހައްޓާލިއެވެ. ނަހުމާ ބަލައިލިއިރު ނައިޝަމްގެ ދެލޯ ވަނީ ކަރުނަތަކުން ފުރި ބާރުވެފައެވެ.
"ނައި އަށްޓަކައި ދޮންތަ މަސައްކަތްކޮށްދޭނަން" ނަހުމާ ބުންޏެވެ.
****
ފާހާނައިން ނިކުމެ ލޯގަނޑު ކައިރީގައި ހުއްޓާ ކޮޓަރި ދޮރުގައި ކުޑަކޮށް ޖަހާލި އަޑު ހެލީންއަށް އިވުނެވެ. ފަހަތަށް ބަލައިލުމަށްފަހު އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ކުޑަކޮށް ހިތްހަމަނުޖެހޭގޮތް ވީ އިސްތަށިގަނޑުގެ ފެން ނުހިއްކާ ބުރުގާ އަޅަން ޖެހުމުންނެވެ. ކޮޓަރި ދޮރުހުޅުވާލި ގޮތަށް އައީ ކާކުތޯ ބަލައިލުމެއްނެތި އޭނާ ހިނގައިގަތެވެ. ބެލްކަންޏަށް ނިކުމެ ހަރުގައި ތުވާލި އަޅުވާލިއެވެ. ފަހަތް ބަލައިލިއިރު ކައުޗުގައި އިން ޒަމްރުގެ ނަޒަރު ހުއްޓިފައި ހުރީ އޭނާއަށެވެ. ހެލީންގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ. ރީތިވާ ސާމާނު އަޅާފައި ހުރި ދަބަސް ހިފައިގެން އޭނާ ވަނީ ފާހާނާއަށެވެ.
ޒަމްރު ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ އިށީނދެގެން އިން ކައުޗްގައި ބުރަކަށި ދަމާލިއެވެ. ނިތަށް އަތް އެއްލުމާއެކު އޭނާ ވިސްނުމަކަށް ގެއްލިއްޖެއެވެ. ބޮލުގެ ރިހުން ބޭހެއް ކައިގެންވެސް ފިލާނެކަމެއް ނޭނގެއެވެ. ކުޑައިރުން ފެށިގެން ހިތް އެދެމުންދިޔަ ލޯބިވެރިޔާ އޭނާގެ ހަޔާތް ހާސިލުކޮށްފިއެވެ. އެކަމަކު އަދި ހިތެއް ނުލިބެއެވެ. ކައިވެނި ކުރެވުނު ފަހުން ބައި އަހަރު ފާއިތުވެގެން ދިޔައިރު ހެލީން ގެ އެއްވެސް ޝައުގުވެރިކަމެއް އޭނާއަށް ނުލިބެއެވެ. ތާއަބަދު ޒަމްރުއަށް ކުރެވޭ ފިކުރަކީ އެއީއެވެ. ދުވަހަކުވެސް އެ ލޯބި އޭނާއަށް ހާސިލުވެދާނެ ހެއްޔެވެ؟ އުމުރު ނިންމާލަންޖެހޭނީ ލޯބިވާ އަނބިމީހާގެ ގައިގައި ދުވަހަކުވެސް ބީހިލާނެ ފުރުސަތެއް ނުލިބި ހެއްޔެވެ؟ ލޯބިން ވާހަކަދައްކާލާނެ ހަމަ ކުޑަ ފުރުސަތެއްވެސް ނުލިބި ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިދުނިޔެއަކީ ކިހާ ނާއިންސާފު ތަނެއް ހެއްޔެވެ؟ ލޯބީގައި ކާމިޔާބު ލިބެންވީ ވަކި ބަޔަކަށް ހެއްޔެވެ؟ ނާކާމިޔާބީ އަކީ ބޭނުންނުވާ މީހާއަށް ވެސް ލިބެންޖެހޭ އެއްޗެއް ހެއްޔެވެ؟
ކުއްލިއަކަށް ޒަމްރު ސިހުނީ ފާހާނައިގެ ދޮރުހުޅުވާލި އަޑަށެވެ. ހެލީން ހުރީ އޭނާއަށް ތައްޔާރުވެވޭނެ އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އޭނާ ތައްޔާރުވާން ފާހާނާ އަށް ވަނީ ވެސް ޒަމްރު ކޮޓަރީގައި އިނުމުންނެވެ. އޭނާގެ ނަޒަރު ނޭނގުމުގެ ތެރެއިންވެސް ޒަމްރުއަށް އަމާޒުވާން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ހެލީންގެ ޖާދޫވީ މޫނުން ފަޅި ސުކުންތަކަށްވެސް އޭނާ އަށް ނަޒަރު ވަކިކޮށެއްނުލެވުނެވެ.
"ކޮންތާކަށް؟" ދަބަހާއި ފޯނު ހިފައިގެން ހެލީން ހިނގައިގަތުމުން ޒަމްރު އަހާލިއެވެ. އޭނަ ދެކޭގޮތުގައި ހެލީން ދާ ތަނެއް އޮޅުންފިލުވުމުގެ ހައްގު އޭނާއަށް އެބައޮތެވެ. ހަލާލު ގޮތުގައި ހެލީންއަށް ބާރު ހިނގުމުގެ ހައްގު އިސްލާމުދީނުން އޭނާއަށް ވަނީ ލިބިދީފައެވެ. އޭނާ ބޭނުންނަމަ ގޭގައި ބަންދުކޮށްގެންވެސް ހެލީން ގެންގުޅެވޭނެއެވެ. އެހެންނަމަވެސް ގަދަކަމުން ލޯބި ހޯދަން އޭނާ ބޭނުމެއް ނުވެއެވެ.
"ކޮންތާކަށްހޭ އަހަރެން މިއަހަނީ؟" މިފަހަރު ޒަމްރު ގެ އަޑު އައީ ތަންކޮޅެއް ބާރަށެވެ. ހެލީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހަރުކަށިވާން އޭނާ ބޭނުން ނުވި ނަމަވެސް ބައެއްފަހަރު ހެލީންގެ އަމަލުތައް ހުންނަގޮތުން އޭނާއަށް ހަރުކަށިވެވެއެވެ. ފަހުން ދެރަވެ އެކަން ތަކުރާރު ނުކުރަން ނިންމައިގެން ހުއްޓަސް ހަނދާނުން ކައްސާލައެވެ.
"ބޭރަށް" ހެލީން ބުންޏެވެ.
އިތުރު އެއްޗެއް ޒަމްރު އެހުމުގެ ކުރިން އޭނާ ކޮޓަރިން ނިކުތެވެ. ޒަމްރު އަށް މުށްކަވާފައި އެއް އަތުން އަނެއް އަތުގައި ޖެހުނެވެ. ދާ ތަނެއް ހެލީން އޮޅުންފިލުވައިނުދީ ދިޔުމުން ވަރަށް ބޮޑަށް އޭނާ ހިތްހަމަނުޖެހުނެވެ. ފަހަތުން ގޮސް ހެލީން ހުއްޓުވަން އޭނާ ހިތަށް އެރިއެވެ. އެހެންނަމަވެސް ދެލޯ މަރާލިގޮތަށް އޭނާ ފުންނޭވާތަކެއް ދޫކުރަމުން ދިޔައެވެ. ނަސީބަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ އެތެރެހަށި ހަލަބޮލި ކުރުވަމުން ދިޔަ ރުޅިގަނޑު ފިނިވެއްޖެއެވެ. އެހެންނަމަވެސް ދެލޮލުން ކަރުނަ ނީރާލާފައި ހުއްޓެވެ. ޒަމްރު ތެދުވިއެވެ. ގައިގައި ހުރި އަންނައުނުތައް ވަކިކޮށްލުމަށްފަހު ދާ ވަށިގަނޑަށް އެޅިއެވެ. ތުވާލި ހިފައިގެން ފާހާނާއަށް ވަންނަން ދަނިކޮށް އަރިމަތީ ކަބަޑުމަތީގައި ބަންޑުން އޮތް ފްރޭމް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ފާހާނާއަށް ވަނީ ފްރޭމް ހެޔޮ ފުށަށް ބަހައްޓާފައެވެ. އެއީ ސައްވިސް ގަޑިއިރު ފާއިތުވެގެންދާއިރު އެއްވެސް ފޫހިކަމެއްނެތި އޭނާ ކުރާ އެއް މަސައްކަތެވެ.
****
މަގަށް ނިކުތްގޮތަށް ހެލީން ދެފަރާތް ބަލައިލިއެވެ. ކަޅު ކުލައިގެ މާސްކު ރަނގަޅުކޮށްލިއެވެ. ލޮލުގައި އޮތް އަވި އައިނު ހެޔޮވަރު ކޮށްލާފައި ކުރިއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ހިނގާފައި ދިޔުން އެންމެ ރަނގަޅު ކަމަކަށް ނުވާތީ ޓެކްސީއެއް ހުއްޓުވަން އުޅުނެވެ. އެކަންވެސް އޭނާ ހީކުރިހާ ފަސޭހައިން ކާމިޔާބު ނުވުމުން ހިތާހިތުން ޓެކްސީތަކަށް ކުދި ކިޔާލިއެވެ. އެންމެފަހުން ހިނގުން ތަންކޮޅެއް ބާރުކޮށްލިއެވެ. ކުއްލިއަކަށް ކުރިމަތީ ފިހާރައިން ނިކުތް މީހެއްގެ ގައިގައި ހެލީން ލައިގަތެވެ. މައާފަށްއެދެން އަނގަ ހުޅުވާލިއިރު ދިމާ ކުރިމަތީގައި ހުރީ ނަހުމާ އެވެ. ހަޔާތުގައި ނަހުމާ އާ އޭނާ އެންމެފަހަރަކު ބައްދަލުވެފައި ހުރި ނަމަވެސް ނައިޝަމްގެ ފޯނުން ނަހުމާގެ އެތައް ތަސްވީރެއް އޭނާއަށް ވަނީ ފެނިފައެވެ. އެހާ ފަސޭހައިން އެއީ ނަހުމާ ކަން ނަގައިގަންނަން އޭނާއަށް އެނގުނީ އެހެންވެއެވެ.
"އަޅެ ނުބަލާ ދޯ މި ނިކުމެވުނީ" ނަހުމާ ބުންޏެވެ.
ހެލީން ހުޝިޔާރުވިއެވެ. ދެލޯ ބޮޑުކޮށްލެވިފަ ހުރިކަން އެނގުމުން އަވަސް އަވަހަށް މީހާ ހަމަޔަކަށް އެޅިލިއެވެ. ނަހުމާގެ ވާހަކަތަކަށް ސަމާލުކަންނުދީ އޭނާ ކުރިއަށް ވުރެވެސް ބާރަށް ހިނގައިގަތެވެ. އޭނާ ހިނގުން މަޑުކޮށްލީ ދާން ބޭނުންވި މަންޒިލާ ހަމައަށް ފޯރުމުންނެވެ. އޭރު މުޅި މީހާ ހުރީ ދަލުން ފެންވެރިފައެވެ. މާސްކު ތިރިކޮށްލާފައި އަތަށް ބޮނޑިކޮށްލެވިފައި އޮތް ޓިޝޫ އިން މޫނުމަތީގައި ހުރި އުދާސްތައް ފޮހެލިއެވެ. ދެން ފޯނު ނަގާފައި ނަންބަރަކަށް ގުޅާލިއެވެ. އިރުކޮޅަކުން އިމާރާތުގެ ތިންވަނަ ފަންގިފިލާއިން އަންހެން ކުއްޖަކު ބޯދިއްކޮށްލާފައި ހެލީން އަށް އަތުން ހަނާއަޅާލިއެވެ. ފޯނު ކުރުކޮށްލުމަށްފަހު އަންހެންކުއްޖާ ބުނި ގޮތަށް އޭނާ އެތެރެއަށް ވަދެ ލިފްޓަށް އެރިއެވެ. ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުނުއިރު އަންހެންކުއްޖާ ހުރީ ވައަތް ފަރާތުގައި ހުރި އެޕާޓްމަންޓު ދޮރު ކައިރީގައެވެ. ކުރިއަށް ހިނގާފައި އައި ހެލީން ފެނުމުން އަންހެންކުއްޖާގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ކައިރިވުމާއެކު އެއްކުއްޖަކު އަނެއް ކުއްޖަކު ގައިގައި ނިކަން ލޯބިން ބައްދާލިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ހެލީންގެ ހިތްވެސް އަދި މިލްކު ކުރެވޭނެ ރަމްޒުއަށް. ތިގޮތުގަ ކެތްތެރިކަމާއި އެކު ހިތްވަރުކުރާށޭ ބުނެލާނީ. މިހާރު ކިތައްމެ ދުރުން ހެލީން އުޅުނަސް ފިރިމީހާއަށް ބޭވަފާތެރި ވެދާނެއޭ ހިތެއް ނުބުނޭ. ރަމްޒުގެ ކެތްތެރިކަން ކަންނޭނގެ ހެލީންގެ ހިތް އަނބުރުވާލާނީ. ވަރަށް ރީތި މިބައިވެސް.
ހަޔާ - 1 އަހަރު ކުރިން
ވަރަށް ރީތި މިބައިވެސް. ދެސޮރުންވެސް ހާދަ ލޯތްބެކޭ ހެލީންދެކެ މިވަނީ. ރަމްޒުއަށް ހެލީގެ ހިތް އަތުލެވޭނެބާ... ނޫނީ ހެލީން ނައިޝަމް ކައިރިއަށް އެނބުރި ދާނީބާ... ވަރަށް ޝައުގުވެރި.
ނަންނަ - 1 އަހަރު ކުރިން