ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރި ކަމަށްބުނެ، ހޯރަފުށީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ފެނަކަ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ މަސައްކަތް 2019 ވަނަ އަހަރު ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެންވާ އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ނިމިގެންދިޔައީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި 30 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެ ކުންފުނިން ފައިސާ ހަރަދުކުރެވުނު އިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ ހަމައެކަނި 70 އިންސައްތަ މަސައްކަތް ކަމަށް ފެނަކަ އިން ބުންޏެވެ.

"އިންޑިއާގެ ހިލޭ އެހީއާއެކު، މި ކުންފުންޏާއި ހއ. ހޯރަފުށީ ކައުންސިލާ ދެމެދު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ރަށުގައި ތަރައްގީކުރަން ފެށި ބޮޓްލިން ޕްލާންޓުގެ މަޝްރޫއު ހުއްޓާލި ކަމަށް ދައުރުވަމުންދަނީ ހަގީގަތާ ހިލާފު ހަބަރުތަކެއް ކަމުގައި ދަންނަވަން،" ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ މަޝްރޫއު ހިންގުމަށް 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އިންޑިއާ އިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީ އިން އެ މަޝްރޫއަށް ކައުންސިލުން ހިއްސާކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ 34.3 މިލިއަން ރުފިޔާ ހަރަދުކުރީ ސީދާ އެ ކުންފުނިން ކަމަށް ފެނަކަ އިން ބުންޏެވެ.

ބޮޓްލިން ޕްލާންޓު އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރި ނަމަވެސް، މުވައްޒަފުން މަސައްކަތްކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވައި ނުނިމި ކަމަށާއި އަދި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް ވެސް ހުރީ ނިންމަން ޖެހިފައި ކަމަށް ފެނަކަ އިން ބުންޏެވެ.

"ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންގެންދިއުމަކީ މިވަގުތު މި ކުންފުންޏަށް ކުރެވެން އޮތް ކަމަކަށްނުވާތީ، އެ މުވައްޒަފުން ވަކިކުރުމަށާއި، ނަމަވެސް މި މަޝްރޫއު ހުއްޓައިނުލުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމާފައި. މި ނިންމުމާ އެއްގޮތަށް، މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މި ކުންފުނިން އަރުވަން،" ފެނަކަ އިން ބުންޏެވެ.

ފެނަކައިގެ ނޫސްބަޔާނުގައި އިތުރަށް ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު މަޝްރޫއުގެ މަސައްކަތް ފަށައި، ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ.

ބޮޓްލިން ޕްލާންޓުގައި ކުރަންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ކުންފުނީގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން އިއުލާންކުރެވިގެންދާނެ ކަމަށް ފެނަކަ އިން ބުންޏެވެ.