ހުރިހާ ސަރުކާރަކުންވެސް ލޯނު ނެގީ ރައްޔިތުންގެ އިހުސާސްތައް ދެނެގެން ރައްޔިތުންނަށްޓަކައި ކަމަށާއި އެހެންކަމުން އެ ލޯނުތައް އަނބުރާ ދެއްކުމުގައި ވެސް ރައްޔިތުން އެއްބާރުލުން ދޭންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ބާރު ހަތަރެއްގެ ނަމުގައި އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ރާއްޖެއަށް ކުރިމަތިވާ ދަތިތަކުގެ ތެރެއިން އެއްކަމަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވުން ކަމަށެވެ. ނަމަވެސް އެއީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހު ދިމާވި ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ގިނަ ދުވަސްތަކެއްގެ ތެރޭގައި އިތުރުވަމުން އައި ދަރަނިތަކެއް ކަމަށް ވިދާޅުވި އެވެ.

"މިއީ (ލޯނުތައް އިތުރުވުމަކީ) ކުއްލިއަކަށް ވެފައި ހުރި ކަމެއް ނޫން. އެކަމުގެ ޒިންމާ އުފުލުގައި ހަމައެކަނި އެންމެ މީހެއްގެ ބޮލަށް އެ ޖެހުމަކީވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުގެ ޒިންމާއެއްވެސް އޭގައި އެބަ އޮތް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޮޑެތި ލޯނުތަކެއް ނަންގަވައިގެން ހުޅުމާލޭގެ ހައުސިން މަޝްރޫއުތައް ހިންގެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅައި ނިންމި ސިނަމާލެ ބްރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށްވެސް ބައިވަރު ލޯނުތަކެއް ނެގި ކަމަށެވެ.

"މި ހުރިހާ ލޯނުތައް ނެގިފައި މިހުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ، އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ވީކޮން ފައިދާއެއްހޭ ބުނާނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެއީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ސަރުކާރުން އެކި ދުވަސްވަރު އެކި ރައީސުން ތިބެގެން ރައްޔިތުންނަށް ކޮށްދީފައި ހުރި މަސައްކަތް. ދެން އެ ލޯނުތައް ދެއްކުމުގައިވެސް ޖެހޭނެ ވީވަރަކުން ހުރިހާ މީހުން އެއްބާރުލުން ދޭން،" ރައީސް ވަހީދު ވިދާޅުވި އެވެ.