ސިންގަޕޫރުގެ ބަޖެޓު އެއާލައިން ''ޖެޓްސްޓަރ އޭޝިއާ'' އުވާލަން އެ ކުންފުނިން ނިންމައިފިއެވެ.
ޖެޓްސްޓަރ އޭޝިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ދަތުރުތައް ހުއްޓާލައި އަންނަ މަހުގެ 21 އިން ފެށިގެން ކުންފުނި އުވައިވާނެ ކަމަށެވެ.
ޖެޓްސްޓަރ އޭޝިއާ އުވާލަން ނިންމީ ސިންގަޕޫރަށް ނިސްބަތްވާ ލޯ ކޯސްޓް އެއާލައިންތައް ގިނަވެ އެ ސަރަހައްދުގެ މާކެޓުގައި ހިފަހައްޓައިނުލެވުމާއި އެއާޕޯޓުތަކުން ނަގަމުން އަންނަ ފީތައް ބޮޑުވެ އެއާލައިން ހިންގުމުގެ ހަރަދު ބޮޑުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެޓްސްޓަރ އޭޝިއާގެ ހިދުމަތްތައް ހުއްޓާލުމާއެކު އެ އެއާލައިނުގައި މަސައްކަތް ކުރާ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އެ އެއާލައިނުން ވަނީ ޖެޓްސްޓަރ އޭޝިއާގެ ހިދުމަތް ހުއްޓުނު ނަމަވެސް އޮސްޓްރޭލިއާގައި ހިންގަމުންގެންދާ ޖެޓްސްޓަރ އެއާވޭސް އާއި ޖަޕާނުގެ ޖެޓްސްޓަރ ޖަޕާންގެ ހިދުމަތް މެދު ނުކެނޑި ކުރިޔަށް ދާނެ ކަމަށް ބުނެފައެވެ.
ޖެޓްސްޓަރ އޭޝިއާއިން ވަނީ އެ އެއާލައިނުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތުގެ ފްލައިޓަށް ބަދަލެއް އަންނަ ކަމުގައި ވާނަމަ ކުރީބައިގައި އެކަން އަންގާނެ ކަމަށް ބުނެފައެވެ. އަދި 31 ޖުލައިގެ ފަހުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް ފުލް ރިފަންޑު ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
20 އަހަރު އެއާލައިން އިންޑަސްޓްރީގައި ހިދުމަތް ކުރުމަށްފަހު ޖެޓްސްޓަރ އޭޝިއާ އުވާލަން ނިންމާފައިވާއިރު އެންމެ ފަހުން އެ އެއާލައިނުން ނެރުނު ހިސާބުތަކުން ދައްކާ ގޮތުން އެ އާލައިނަށް 35 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.
ޖެޓްސްޓަރ އޭޝިއާ އަކީ ސިންގަޕޫރުގެ ވެސްޓްބްރޫކް އިންވެސްޓްމަންޓްގެ %50 އާއި ކަންޓަސްގެ %50 ހިއްސާ އޮންނަ އެއާލައިނެކެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
ބޭރު ކުޅިވަރު
ހުނަރު