މަޝްހޫރު ލަވަކިޔުންތެރިޔާ އެންރިކެ އިގްލެސިއަސް 13 އަހަރަށްފަހު އިންޑިއާގައި ޝޯއެއް ދޭން ނިންމައިފިއެވެ. މި ޝޯ ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހު މުންބާއީގެ ބާންދްރާ ކުރްލާ ކޮމްޕްލެކްސްގައި އޮންނަ އެމްއެމްއާރްޑީއޭ ގްރައުންޑްގައެވެ.

ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުގައި މި އިވެންޓް އިންތިޒާމުކޮށް ޕްރޮމޯޓްކުރަނީ އީވީއޭ ލައިވް އިން ބީއީޑަބްލިއު ލައިވްއާ ގުޅިގެންނެވެ. ސްޕެއިންގެ އެންމެ މަޝްހޫރު މިޔުޒިކް އާޓިސްޓުންގެ ތެރެއިން އެކެއް ކަމަށްވާ އެންރިކެ މި ޝޯގައި އޭނާގެ 30 އަހަރަށްވުރެ ދިގު ކެރިއަރުގެ ތެރެއިން މަޝްހޫރު ލަވަތަކާއި މިހާރުގެ ހިޓް ލަވަތައް ހިމަނައިގެން ޕަރފޯމްކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

50 އަހަރުގެ މި ލަވަކިޔުންތެރިޔާ އެންމެ ފަހުން އިންޑިއާއަށް ޒިޔާރަތްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެ ދަތުރުގައި އޭނާ ވަނީ ދިއްލީ، ޕޫނާ އަދި ބެންގަލޫރުގައި ޝޯތަކެއް ބާއްވާފައެވެ.

އީވީއޭ ލައިވްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު، ދީޕަކް ޗައުދަރީ ބުނީ އެންރިކެ އިންޑިއާއަށް ގެނައުމަކީ ތާރީހީ ވަގުތެއް ކަމަށެވެ. ފޭނުންގެ މެދުގައި މިކަމާ ގުޅިގެން ވަރަށް ބޮޑު އުފާވެރިކަމެއް އުފެދިފައިވާ ކަމަށާއި، މި ޝޯއިން އިންޑިއާގެ ވޯލްޑް ޓުއަރިން ސްޓޭޖް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ބުނެއެވެ.

މި ޝޯގެ ޓިކެޓް ވިއްކަން ފަށާނީ ޖޫން 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭގެ ކުރީން ދެ ފިޔަވަހީގެ ޕްރީ-ސޭލެއް ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފާއިތުވި އަހަރު ތެރޭގައި އިންޑިއާގައި ގަންސް އެން ރޯސަސް، ކޯލްޑްޕްލޭ، ބްރަޔަން އެޑަމްސް، މެރޫން 5، އޭކޮން، އެލަން ވޯކަރ، ގްލާސް އެނިމަލްސް އަދި ޑުއާ ލިޕާ ފަދަ ބައިނަލްއަގްވާމީ އާޓިސްޓުންގެ ގިނަ ކޮންސަޓްތަކެއް ބާއްވައިފައިވެއެވެ.