ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް ހިންގުމަށް އެހީތެރިކަން ދޭނެ ކަމަށް އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ކިއު ޑޮންގްޔޫ ވިދާޅުވެއްޖެއެވެ.
ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އެފްއޭއޯ)ގެ ޑިރެކްޓާ ޖެނެރަލް މިހެން ވިދާޅުވީ ޔޫއެންއޯސީގެ ތިން ވަނަ ބައްދަލުވުމުގެ ހަވާސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމް ވަނީ އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލާ ބައްދަލުކުރައްވައި އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި އެފްއޭއޯގެ ހާއްސަ އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އެފްއޯއޭގެ އޮފީހެއް ހުޅުވާނެކަމުގެ ޔަގީންކަން އެފްއޯއޭގެ ޑިރެކްޓަރު ޖެނެރަލް ވަނީ ދެއްވައިފައެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވައިފައެވެ.
އަލީ ޔާމިން
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި