އެޕާޓްމެންޓަށް ވަދެވުމާއެކު އަސަލް ހަރުކޮށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ކޮޓަރިން ފެނުނީ ފަޅުކަމެވެ. ޤައިލާ ވީތަނަކާ މެދު ސުވާލު އުފެދުމުން ފާޚާނާއާއި ދިމާއަށް އަސަލް މިސްރާބުޖެހިއެވެ. ފާޚާނާގެ ދޮރުގައި ޓަކިދެމުން ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ހުޅުވާފައެވެ. އެކަމަކު ޤައިލާއެއް ނޫޅެއެވެ. އަސަލްއަށް ލިބިފައިވި އުދާސްކަމުގައި އޭނައަށް ހަށި ފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ޤައިލާއަށް ގުޅާލިއެވެ. އާދައިގެ މަތިން ޖަވާބެއް ނުލިބުނެވެ. އަސަލްގެ ކަތުރުކަށިގަނޑަށް ވާންވެލިއެވެ. ސިކުނޑީގެ ހަލަބޮލިކަމުގެ މައްޗަށް ޗަވާރުވީ ރުޅިވެރިކަމެވެ. އެރުޅީގެ މަތީގައި ހުރެ ޤައިލާއަށް އަސަލް މެސެޖެއް ފޮނުވާލިއެވެ. މިރޭ ޤައިލާއާއި ވާހަކަދައްކަން ބޭނުންވާކަމަށް ބުނެއެވެ. ޤައިލާގެ އިންތިޒާރުގައި ހުންނަން ހަދައިގެން އޮފީހަށް ގަޑިޖެހިދާނެތީ މެސެޖު ފޮނުވާލާފައި އޭނަ އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ.

އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ އިރުވެސް އަސަލްއަށް ވިސްނުނީ މައިހާއާއި މެދުގައެވެ. އެމޫނުން ފެނުނު މޮޅިވެރިކަމުގެ އަސަރުތަކުން އަސަލްގެ ހަމަޖެހުން ނަގާލައިފިއެވެ. އޭނަގެ ސުވާލުތަކަށް ޖަވާބުދޭން މައިހާ ފަސްޖެހިފައި ހުރި މަންޒަރު އަދިވެސް އޭނައަށް ފެންނަ ކަހަލައެވެ. މައިހާގެ ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވި ސަބަބު ވެސް އަސަލްއަށް ވިސްނައިގަނެވުނެވެ. ރޭގައި ބޮޑު ކަންތައްގަނޑެއް ވަނީ ހިނގާފައެވެ. ހަޤީޤަތް ސިއްރުކުރަން މައިހާ އުޅުނީ އެހެންވެގެންނެވެ. އޭނައާއި ޤައިލާއާ ދެމެދު މައްސަލައެއް ޖެހިދާނެތީއެވެ. އަމިއްލަ ނަފުސާއި މެދު ވިސްނުމުގެ ބަދަލުގައި މައިހާ އިސްކަން ދިނީ ޤައިލާ އަށެވެ. އެކަން ދުވަހަކު ޤައިލާއަށް ތަސައްވަރުކުރެވޭނެ ހެއްޔެވެ؟

އަސަލް ހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ. ހުރިހާ ސުވާލަކަށް މިރޭ ޤައިލާގެ ފަރާތުން އޭނަ ޖަވާބު ހޯދާނެއެވެ. މައިހާ ކަހަލަ ހިތްތިރި، އެހެން މީހުންގެ އިހުސާސްތަކަށް އިސްކަންދޭ ފަރާތަކާ މެދު ޤައިލާ އަމަލު ބަހައްޓާ ގޮތަކުން އަސަލް ހައިރާން ވެއެވެ. ކިތަންމެ ހޫނު ޒުވާބަކަށް ދާން ޖެހުނަސް އަސަލް ހުރީ އެކަމާއި ކުރިމަތިލާން ތައްޔާރަށެވެ.

*****

އޮފީހަށް ދިޔަ ގޮތަށް އަސަލްއަށް ހަމަނޭވާލާނެ ފުރުސަތެއް ލިބުނީ ހަވީރު ވީ ފަހުންނެވެ. މާދަމާއަށް ތާވަލު ކުރެވިފައި އޮތް މީޓިންގްއަށް ނިންމަންޖެހޭ އިމާރާތުގެ ކުރެހުންތަކާއި، ޑިޒައިންތަކުގެ އިތުރުން މުހިންމު ލިޔެކިޔުންތައް ޗެކްކޮށް ޕްރެޒެންޓޭޝަން ނިމުނުތަނާ ކެބިންގެ ދޮރުގައި ޓަކިޖަހާލި އަޑު އަސަލްއަށް އިވުނެވެ. އިސްއުފުލައި ކެބިންގެ ދޮރާއި ދިމާއަށް އަސަލް ބަލައިލިއެވެ.

''ކޮބާ، އަދިވެސް ނުނިމޭތަ؟...'' ކެބިންގެ ދޮރު ހުޅުވާލަމުން ދާމިން ސުވާލުކޮށްލިއެވެ. އެތެރެއަށް ނުވަދެ ދާމިން ބޭރުގައި މަޑުކޮށްލީ މަސައްކަތުގައި އުޅޭނަމަ ދިއުމުގެ ވިސްނުމުގައި ހުރެފައެވެ.

''އުހޫނ، މި ނިމުނީ، ޑޮކިއުމެންޓްސްތައް ޗެކްކޮށްލަނީ...'' ލެޕްޓޮޕްގެ ސްކްރީނާއި ނަޒަރުވަކިކޮށް ދާމިންއަށް އަސަލް ބަލައިލިއެވެ. އެޕްރޮޖެކްޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ ''އޮޑޮސީ ވޮޔޭޖެސް''ގެ ފަރާތުން މާފުށީގައި އަލަށް ހުޅުވަން އުޅޭ ގެސްޓްހައުސްއަކާއި ބެހޭ ޕްރޮޖެކްޓެކެވެ. މާދަމާ އޮތީ އެންމެ ފަހުގެ ޕްރޮޕޯޒަލްއެވެ. ހުރިހާ ކަމެއް ފުރިހަމަވާން އަސަލް ބޭނުންވީ އެހެންވެގެންނެވެ. މަސައްކަތުގައި އުޅުމުން ނަފުސުގެ މައްޗަށް އަތްގަދަކޮށްފައިވި ހާސްކަމާއި ދުރުވެލަން ފަސޭހަވިއެވެ.

''ނިންމާފަ ކޮފީއަކަށް ދާނަން؟...'' ދާމިން އެހިއެވެ. ބްރޭކެއް ނުނަގާ މާބުރަކޮށް އަސަލް އުޅޭތީ ދާމިން ހުރީ ކަންބޮޑުވެފައެވެ. އާންމުކޮށް އެހާ ބުރަކޮށް އަސަލް އުޅެނީ ކޮންމެވެސް ކަމެއް ގޯސްވެގެންނެވެ. މަސައްކަތުގައި ހޭބޯނާރާއުޅުން އެއީ ސިކުނޑީގެ ހާސްކަމާއި ދުރުވެލަން އަސަލް ބޭނުންކުރާ އުކުޅެއްކަން ދާމިން ވަނީ ދެނެގެންފައެވެ. އަސަލްއާއެކު ކޮފީއަކަށް ދިއުމުގެ ޚިޔާލު އޭނަ ހުށަހެޅީ އެހެންވެގެންނެވެ. މިފަހަރު ޤައިލާ ކުރީ ކީއްބާވައޭ ވެސް ދާމިންގެ ހިތަށް އެރިއެވެ.

''ފަސް މިނެޓް...'' ވާއަތުގެ ފަސްއިނގިލި ދާމިންއަށް ދައްކާލަމުން އަސަލް ބުންޏެވެ.

''އޯކޭ، ބޭރުގަ މަޑުކޮށްލާނަން...'' ދާމިން ބުންޏެވެ. އަސަލް ބޯޖަހާލުމުން ދާމިން ކެބިންގެ ދޮރު ލައްޕާލިއެވެ.

*****

އޮއްސުނު އިރާއެކު ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ދުނިޔެ ގެނބެން ފެށިއެވެ. ވިލާތަކުގައިވި އޮރެންޖް ކުލަ ފަނޑުވަމުން ދިޔައެވެ. ޤައިލާއާއި ރިދާ ތިބީ ބެލްކަނީގައެވެ. އޮލަ ވާހަކައެއްގައެވެ. ރިދާއަށް އެޕާޓްމެންޓަށް އައުމަށް ދައުވަތު އެރުވީ ޤައިލާ އެވެ. ރިދާ ގެނައުމުގައި ޤައިލާގެ މަޤުސަދެއް ވެއެވެ. ހެނދުނާ އަސަލް އޭނައަށް ފޮނުވި މެސެޖެވެ. އެމެސެޖުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ޤައިލާއަކަށް ނޭނގުނެވެ. އަސަލް އޭނައާއި ދައްކަން ޖެހޭ ވާހަކައެއް އޮތްކަމަކަށް ޤައިލާ ޤަބޫލެއް ނުކުރެއެވެ. އަސަލް ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުންނެވެ. ހަމައެއާއެކު ކުއްލިޔަކަށް އެފަދަ މެސެޖެއް އަސަލްގެ ފަރާތުން ލިބުމުން ޝައުޤުވެރިކަން ހިތުގައި އުފެދުނެވެ. ރޭގެ ބައްދަލުވުމާއި ގުޅުވައިގެން އަސަލް މައިހާއާއި ސުވާލުކުރާނެކަން ކުރިން ވެސް އޭނައަށް ލަފާކޮށްލެވުނެވެ. އަސަލްއަށް ޖަވާބުދާރީވުމުގައި މައިހާ އުޒުރުވެރިވާނެކަން ވެސް މެއެވެ. އޭނަ ބޭނުންވަނީ މައިހާއާއި އަސަލްގެ ދެމެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފައްދާށެވެ. ހިތާމައަކީ އޭނަގެ ރޭވުން މުޅިން ކާމިޔާބުނިވިކަމެވެ. އެހެންނޫންނަމަ ހާދަ ފޯރިއެއް ހުރީހެވެ.

އަސަލް ދައްކަން އުޅޭ ވާހަކައަކާ މެދު ޝައުޤުވެރި ވިޔަސް ޤައިލާ ހުރީ ޒީލަގަދަކަންމަތީގައެވެ. އަސަލްއަށް ވަގުތު ދިނުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އަސަލް ބުން އަރުވާލަން އޭނަ އޮތީ ރާވާލާފައެވެ. ރިދާ ގެނައީ ވެސް އެހެންވެގެންނެވެ.

''އަދިވެސް ރުޅިއައިސްފަތަ؟...'' ޤައިލާގެ ނިޔަފަތީގައި މަޑު ރަތްކުލައެއް ޖައްސަން އުޅެފައި ރިދާ އެހިއެވެ. އޭނައަށް ޤައިލާގެ މޫނަށް ވެރިވި ކުލަވަރުތައް ދޭހައެއް ނުކުރެވުނެވެ.

''ރުޅިނައިއްޔާ ދެރައެއްނު...'' ޗަސް ކަނޑާލަމުން ޤައިލާ ބުންޏެވެ.

''ދެން އެކަމާ ނުވިސްނަބަލަ...'' ރިދާ ބުންޏެވެ. އޭނައަށް ހީކުރެވުނީ ރޭގެ ރޭވުން ނާކާމިޔާބުވުމުން ޤައިލާ ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. އެކަމާއި އަސަލްއާއި ގުޅުމެއް ވެދާނެ ކަމަކަށް ހިޔެއް ނުކުރެވުނެވެ.

''އެހެންނޫނަސް އެލީ ރޭވި ގޮތަށް ނޫނަސް އޭނަ ހިއުމިލިއޭޓްކުރުމުގެ ފުރުސަތު ލިބުނެއްނު، ރެސްޓޯރެންޓް ބޭރުގައި ގޮވާލި އެއްޗިސް އަހަންނަށް އިވުނޭ، އަހަރެން އަދި ނުދެކެން އެލީ އެހާ ރުޅިއައިސްފައި ހުއްޓަކާ، ޔޫ މަސްޓް ރިއަލީ ހޭޓް ހާ، ކުރިން ވެސް އެނގުނު ރިއުމާން ލައްވާ ކުރުވަން އުޅުނު ކަންތަކުން ރުޅި އަންނަކަން، ބަޓް ޑޭމް، އެލީ ކިޔާލި އެއްޗިސް އަޑުއިވުނީމަ މައިހާއާއި މެދު އަހަރެން ހަމްދަރުދީވާ ހިސާބުގަ ހުރީ، އޭނަ ރޯން ފެށީމަ ދެން ވަރަށް މަޖާ، ހާދަ ފޫހިވާ ފާޑަކަށޭ ހެދުން އަޅައިގެން ހުރީ، އޭނަ ނޫނިއްޔާ ބުރުގާ އަޅާ މީހުން ނޫޅޭނެހެން ހީވަނީ ތޯއްޗެއް، އަދި ރިއުމާނާ ދިމާއަށް ބުނެފިއެއްނު ތިމަންނަ ހެދުން އަޅަނީ އެހެން މީހުން ރުއްސާކަށެއް ނޫނޯ، ސޯ ކްރިންޖް...'' ފަރުވާތެރިކަމާއެކުގައި ޤައިލާގެ ބޮޑުވާއިނގިލީގައި ކުލަޖައްސަމުން ރިދާ ވާހަކަދެއްކިއެވެ. ޤައިލާ އިނީ އުނދޯލީގައެވެ. ތަހުތެއްގައި އިން މަހަރާނީއަކާ ތަފާތެއް ނެތެވެ. ބޮޑަކަމާއި ކިބުރުވެރިކަން ޤައިލާގެ ހަރަކާތްތަކުގައި ވެއެވެ. ރިދާ އިނީ އުނދޯލި ކައިރީ ތިރި ގޮނޑިއެއްގައެވެ.

''އޭނަ ރުއިވަރު މަދު، އޭނައަށް ކުރެވުނު ވަރު ވެސް މަދު، އޭނައަށް ހައްޤުވާ އަދަބު އަދި ނުލިބޭ، ރިއުމާން މަޑުން ހުރިނަމަ ފިސާރި ވަރުގަދަ ބޮޑިއެއް ދެވުނީސް، އެހެންނޫންނަމަ ހެނދުނުއްސުރެން ސޯޝަލް މީޑިއާގަ ދައުރުވާނީ އޭނަގެ ވީޑިއޯތައް، އާރގްގް...'' އަރުބުޑުން ކުޑަ ހަޅޭއްކެއްގެ އަޑު ޤައިލާ ބޭރުކޮށްލިއެވެ.

''އެކަހަލަ މީހަކު އެލީގެ ރައްޓެއްސަކަށް ގެންގުޅުނީމަ ވަރަށް ހައިރާންވޭ، ވަޓްސް ހާ ޑީލް؟...'' ޤައިލާއަށް ސަމާލުކަން ދީގެން އިން ރިދާގެ ހަނދާނަށް އައީ ޤައިލާ ބަލާ އައިއިރު ފެނުނު މަންޒަރާއި، ކާރުގައި އިނދެގެން އަސަލްއާއި ދިމާއަށް ޤައިލާ ގޮވާލި އެއްޗިއްސެވެ. އޭނައަށް އެ ދެ ހާދިސާ ގުޅުވާލެވުމާއެކު ކޮންމެވެސް ވަރަކަށް ބޮޑު މަންޒަރު ފެންނަން ފެށިއެވެ. މައިހާ ދެކެ ޤައިލާ އަންނަ ރުޅީގެ ފަހަތުގައިވާ ސަބަބު ސާފުވާން ފެށިއެވެ. ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް އޮޅުންފިލުވާކަށް ނުކެރުނެވެ.

''ޝީ އިޒް ނޮޓް މައި ފްރެންޑް!، އޭނަގެ ބޭނުން ހަމައެކަނި ހިފާލީ، ތާކު ހުރި ބޮޑު ޤަމާރަކާ އަހަރެން އެކުވެރިކަން ބާއްވާނެހެން ހީވޭތަ؟، އޭނަގެ މޫނު ފެނުނަސް ދުވަސް ޚަރާބުވޭ، ހިތަށް އަރާ އޭނަ މަރުވާނެ ނަމައޭ، ހާދަ ފޫއްސެއް ވެޔޭ....'' ތުން ދަމާލުމާއެކު ޤައިލާ ބުންޏެވެ.

ދެއެކުވެރިން ވާހަކައިގައި ތިއްބާ މަޢުރިބު ނަމާދަށް ބަންގިދިނެވެ. ނަމާދަށް ވުރެން އިސްކަންދެވުނީ ދެބައޮޑުވުމަށެވެ.

*****

އެޕާޓްމެންޓަށް ވަން އަސަލްއަށް ބެލްކަނީގައި ޤައިލާ ކޮންމެވެސް މީހަކާ ފޯރީގައި ވާހަކަދައްކާ އަޑު އިވުނެވެ. ފައިވާން ހަރުގަނޑު ކައިރީގައި ހުރި އިތުރު ފައިވާން އަސަލްގެ ލޮލުގައި އަޅައިގަތީ ދެނެވެ. މިއޮތް ގަޑިއަކު ޤައިލާ ދައުވަތު ދީގެން އުޅެނީ ކާކަށް ބާވައޭ ހިތަށް އެރިއެވެ. ބޫޓު ފަޔާ ވަކިކޮށްލަމުން އަސަލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ދަމުން ބެލްކަންޏަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ވާހަކައިގައި ތިބި ޤައިލާއާއި ރިދާ އަސަލްއަށް ފެނުނެވެ. މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައިވުމުން ރިދާއާއި ޤައިލާއަށް އަސަލް ވަންކަމުގެ ހިލަމެއް ނުވިއެވެ. އެހެންނޫންނަމަ ހާމަކޮށް ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލީހެވެ.

ކުރިއަށް އަސަލް އަޅަން އުޅުނު ފިޔަވަޅުތައް މަޑުޖައްސާލެވުނީ މައިހާގެ ނަން އިވުމުންނެވެ. އެއާއެކު އޭނައަށް ކަންފަތް ހުޅުވާލެވުނެވެ. މަލާމާތާއި ފުރައްސާރައާއެކު ދެކެވެމުން ދިޔަ ވާހަކަތަކުން އަސަލްއަށް ފުރަތަމަ ލިބުނީ ސިހުމެވެ. ސިކުނޑިއަށް ހުރިހާ ކަމެއް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. އެއާއެކު ހިއްސުތަކުގެ މައްޗަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. އޭނައަށް މުށް ބާރުކޮށްލެވުނެވެ. ހޫނުވެގެން ދިޔަ ލެއިން އަތުގެ ނާރުތައް ވެސް ފުފުނެވެ.

ރޭގެ ހާދިސާއާއި މެދު އުފެދިފައިވި ހުރިހާ ސުވާލަކަށް ޖަވާބު ލިބުނީއެވެ. ޤައިލާގެ ރޭވުން އަޑު އިވި އަސަލް ހުރީ ގަނޑުވެފައެވެ. އެފަދަ ބޮޑު ދެރައެއް މައިހާއަށް ދޭން ޤައިލާ ވިސްނީތީއެވެ. އެފަދަ ކަމެއް ކުރުމުގެ ޚިޔާލު އައީ ކިހިނެއް ހެއްޔެވެ؟ ޤައިލާގެ އަމަލުތައް އެދަރަޖައަށް ގޮސްފާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. ހާމަވެގެން ދިޔަ ހަޤީޤާތާއެކު ޤައިލާގެ ހިތުގެ ކިލަނބުކަން ސާފުކޮށް އަސަލްއަށް ފެނުނެވެ. ސިކުނޑީގައި އުފައްދާލި ހައިޖާންގަނޑުގެ ތެރެއިން ލިބުނު ހަމައެކަނި ތަސައްލީއަކީ ޤައިލާގެ ނުބައި ރޭވުންތައް ނާކާމިޔާބުވުމެވެ. އެކަމަށްޓަކައި މާތްﷲއަށް ހަމްދުކުރެވުނެވެ. މައިހާގެ މައުސޫމްކަމާއި އިއްފަތްރެރިކަން ރައްކާކުރެއްވީތީއެވެ.

މިލައިގެން ގޮސްފައިވި މައިހާގެ މޫނު ތަސްވީރުކުރެވުމާއެކު އަސަލްގެ ހިތަށް ތަދުކުރުވިއެވެ. އެހާލަތަށް މައިހާ ދާން ޤައިލާ މަޖުބޫރުކުރުމުން ޝަކުވާތައް ވެސް އުތުރި އަރައިގަތެވެ. ހިތަމާއި، ދެރައާއި ރުޅިވެރިކަމުގެ ޖަޒުބާތުތައް މަސްހުނިވާން ފެށިއެވެ. އެންމެފަހުން ކުރި ހޯދީ ރުޅިވެރިކަމެވެ. އޭނައަށް އެނބުރިލެވުނީ ބެލްކަންޏާއި ދިމާއަށެވެ. ހީހީފައި މައިހާއަށް ޤައިލާ ކުރަމުން އައި މަލާމާތުން އަސަލްއަށް މަޑަކުން ނުހުރެވުނެވެ. އޭނަގެ ދަދްދޮޅީގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ. ދެލޮލުން ފެންނަނީ ނުރައްކާތެރި ވިދުވަރެކެވެ. މީހާއަށް ހޫނުވާހެން ވެސް ހީވިއެވެ.

''ޤައިލާ...'' ބެލްކަނީގެ ދޮރުމައްޗަށް ހުއްޓެމުން އަސަލް ގޮވާލިއެވެ.

ޤައިލާގެ އިތުރުން ރިދާ ވެސް ސިހުނެވެ. ރިދާގެ އަތް ގުޑާލައި ޤައިލާގެ އިނގިއްޔާއެކުގައި ކުލަޖައްސާލެވުނެވެ. އެކަމަށް ޤައިލާއަށް ސަމާލުކަމެއް ނުދެވުނެވެ. ފުންމައިގެންފައި ޤައިލާ ކޮޅަށް ތެދުވުނެވެ. އަސަލްގެ އަޑުގައި މަޑުމައިތިރިކަން ވިޔަސް އެމޫނުން ޤައިލާއަށް ފެނުނީ ރުޅިވެރިކަމެވެ. އޭނަ ދެއްކި ވާހަކަތައް އަސަލްއަށް އަޑުއިވުއްޖެކަން ވެސް ޔަޤީންކުރެވުނެވެ.

ޤައިލާގެ މެޔަށް ފިނިވެލިއެވެ. ޖެހިލުންވުން ފުރަތަމަ ފަހަރަށް ހިތުގައި އުފެދުނެވެ. އެދަނޑިވަޅުގައި ވެސް ޤައިލާއަށް ކށސްވެރިކުރާނެ މީހަކު ހޯދުނެވެ. ނުރުހިފައި ބަލައިލީ ރިދާ އަށެވެ. ރިދާ އެމައޫޟޫޢު ނުފެށިނަމަ އެވާހަކަތައް ނުދެކެވުނީހެވެ. ހުރެވުނު މާހައުލަށް ސަމާލުވެވުނީހެވެ. ކުރާނެ ކަމެއް ނެތެވެ. އޭނަ ބޭޒާރު ވެއްޖެއެވެ. ނަމަވެސް އެކަމާއި ކުރިމަތިލާން ޤައިލާގެ ޒަމީރު ދެކޮޅު ހެދިއެވެ. އޮޅުވާލުމާއި ކެހިވެރިކަމުގެ މަގު އޭނަ ޚިޔާރުކޮށްލިއެވެ.

''ރިދާ، އަހަރެން ބޭނުމީ ޤައިލާއާއި ވަކިން ވާހަކަދައްކާލަން...'' އަސަލް ބަލައިލީ ރިދާ އަށެވެ. ގަބުއަރާފައި އިން ރިދާއަށް ބޯޖަހަލާލެވުނެވެ. ކޮޅަށް ތެދުވަމުން އަތުގައި އޮތް ކިއުޓެކްސް ފުޅީގެ މަތި ޖަހާލިއެވެ. ސާފު ބަހުން ނުބުންޏަސް އަސަލް އޭނައަށް އަމުރުކުރީ އެޕާޓްމެންޓުން ނިކުތުމަށެވެ. ފިނިވެފައި ހުރި ރިދާ ބަލައިލީ ޤައިލާ އަށެވެ. ހަދާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. އަސަލް ރުޅިއައިސްފައި ހުއްޓާ ފެނުމުން ރިދާ ހުރީ ޖެހިލުންވެފައެވެ.

''ކީއްކުރަން؟...'' މޭގައި ދެއަތް ހުރަސްކޮށްލަމުން ޤައިލާ އެހިއެވެ.

''ރިދާ...'' އަސަލް ގޮވާލީ އިންޒާރާއެކުގައެވެ.

ރިދާގެ ހިތް ތެޅިލިއެވެ. އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ. ހޫނު ޒުވާބެއްގެ ކޮޅުމަތި އޭނައަށް ފެންނަން ފެށިއެވެ. އަސަލްއާއި ޤައިލާގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވޭ ހިނދުގައި އެތަނުގައި ހުންނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

''ރިދާ ނުޖެހޭނެ ދާކަށެއް، އަސަލް އަހަންނާ ދައްކަން ޖެހޭނެ ވާހަކައެއް ނޯންނާނެ!...'' ރިދާގެ އަތުގައި ޤައިލާ ހިފެހެއްޓިއެވެ. ރިދާ ހުރީ ހާސްވެފައެވެ. އޭނަ އުޅުނީ ޤައިލާގެ އަތް ނައްޓުވާށެވެ. އެވަގުތު ރިދާގެ އަތަށް ޤައިލާ ބާރުކޮށްލިއެވެ.

''ރިދާ...'' އަސަލް ބަލަން ހުރީ ރިދާގެ މޫނަށެވެ.

''އެލީ، ދެމަފިރިން އެކަނި ތިބެން ޖެހޭ ވަގުތެއްމީ...'' ހިންދިރުވާލަން އުނދަގޫވެފައި ހުރި ރިދާއަށް ބުނެވުނެވެ. އޭނަ ގަދަކަމުން ޤައިލާގެ އަތް ނައްޓުވާލިއެވެ. އެކަމުގެ ނަތީޖާ ނިކުންނާނެ ގޮތަކާމެދުގައި އޭނަ ވިސްނާނީ ފަހުންނެވެ. ރިދާ ހުރީ އަސަލްގެ ކުރިމަތިން ދުރަށް ދާން ބޭނުންވެފައެވެ. ސައްލާ ކުރަން ތިއްބާ ފަޅާއަރައިފިކަން ނަގައިގަނެވުމުންނެވެ.

''ފަހުން ގުޅާނަން...'' ރިދާ ފިޔަވަޅަކަށް މަޑުކުރުމެއް ނެތި ބުންޏެވެ. ޤައިލާ ހިތްހަމަނުޖެހުމާއެކުގައި ބަލަމުން ދިޔައެވެ. ރިދާ އަޅައެއް ނުލިއެވެ.

ރިދާ ބެލްކަނިން ނިކުންނަން އުޅުމުން އަސަލް އެއްފަރާތަކަށް ޖެހިލިއެވެ. ރިދާ ތެޅެމުން ފޮޅެމުން ސޯފާ މަތިން އޭނަގެ އަތްދަބަސް ނަގައިގެން އެޕާޓްމެންޓުން ނިކުމެއްޖެއެވެ. އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ އޭނައަށް ދޫކޮށްލެވުނީ ލިފްޓާއި ހަމައަށް ގޮސްފައެވެ.

''އަޒްއަށް ހުރިހާއެއްޗެއް އަޑުއިވުނީބާ؟، އެހެންވެ އެހާ ރުޅި އައިސްފަ ހުރީ، ޝިޓް!، ދެން ކިހިނެއްބާ ވާނީ؟...'' ލިފްޓްގެ ބަޓަނަށް ތަކުރާރުކޮށް ފިތަމުން ރިދާއަށް ބުނެވުނެވެ. އެކުވެރިޔާ އެކަނިކޮށްލަން ވުމުން ރިދާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކިތަންމެ ވަރަކަށް ރުޅިއަޔަސް ޤައިލާގެ މައްޗަށް އަސަލް އަނިޔާވެރިނުވާނެކަން ހިތަށް ވިސްނައިދެމުން ރިދާ ހަމަޖެހިލަން އުޅުނެވެ. އޭނަ ލިފްޓްގައި ހުރެފައި ޤައިލާއަށް މެސެޖެއް ފޮނުވާލިއެވެ. އެކަނިކޮށްފައިދާންވުމުން މަޢާފަށް އެދިފައެވެ.

*****

ހާސްކަން ފޮރުވާލަމުން ޤައިލާ ބުމަގޮށްޖަހާލިއެވެ. އަސަލްއަށް ލޯއަޅައިގެން ހުރެފައި އޭނަ ކުރިއަށް ޖެހިލިއެވެ. ޤައިލާ ފެންނަނީ ހަމަޖެހިފައި ހުރި ތަނެވެ. ކަމެއް ވީ ކަމަކަށް ވެސް އޭނަ ނުހެދިއެވެ. އަސަލްއަށް ބަލައިލުމެއް ނެތި އޭނަ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. ޤައިލާގެ ފަހަތުން އަސަލް ހިނގައިގަތެވެ. އޭނަ ހަރުކޮށް ހިނގާފައި ގޮސް ޤައިލާގެ އަތުގައި ހިފާ ހުއްޓުވައިފިއެވެ.

''ކިހިނެއް ވެގެންތަ އަސަލް ތިއުޅެނީ؟، ކީއްވެ ރިދޫއާއި އެހެން ވާހަކަދެއްކީ، އަސަލްގެ އެކުވެރިންނާ އަހަރެން އެހެން ވާހަކަދައްކަންތަ ވާ ގޮތެއް ބަލައިލަން؟...'' އަސަލްގެ އަތް ފޮޅުވާލަމުން ޤައިލާ ބުންޏެވެ. ''ކީއްވެ އެހެން ކަންތައްކުރީ؟...''

''ހަމަ ތި ސުވާލު އަހަންނަށް ވެސް ކުރެވިދާނެ...'' ލަސް ނޭވާއެއް ދޫކޮށްލަމުން އަސަލް ބުންޏެވެ. ރުޅި ކޮންޓްރޯލްކުރަން އޭނަ މަސައްކަތްކުރި އެވެ.

''ވަޓް ޑިޑް އައި ޑޫ؟...'' ޤައިލާ ރުންކުރު ރާގަކަށް އެހިއެވެ.

''އަދިވެސް ނޭނގޭ ކަމަށްތަ ހެދެނީ؟، އަހަރެންގެ މި ކަންފަތުންނޭ ޤައިލާ ދެއްކި ވާހަކަތައް އަޑު އިވުނީ، ރޭގަ މޭއިއާއެކު ބޭރަސް ދާ ވާހަކަ ބުނީއްސުރެން ޤައިލާގެ ނިޔަތާ މެދު ސުވާލު އުފެދުނު، މިއަދު ހެނދު އެއާޕޯޓުން މޭއިއާ ބައްދަލުވުމުން ވެސް ގޯހެއް އުޅޭކަމަށް ހީވި، މޭއި އަހަރެން ސުވާލުކުރުމުން ކިޔައެއް ނުދިން، ޝީ ވޯސް ޓްރައިންގް ޓު ހައިޑް އެވްރީތިންގް، ޓްރައިންގް ޓު ޕްރޮޓެކްޓް ޔޫ...'' އަސަލްގެ އަޑުގައިވަނީ މާޔޫސްކަމެވެ. ޤައިލާ ކުރި ހުރިހާކަމަކަށް ފަހުގައި ވެސް ޤައިލާގެ އުނިސިފަތައް ފޮރުވަން މައިހާ މަސައްކަތްކުރީތީއެވެ. އެކުވެރިއެއްކަމުގައި ދެކުނީތީއެވެ. ނަމަވެސް މައިހާއާ މެދު ޤައިލާ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ދުޝްމަނަކާއި މެދުގައި ވެސް އަމަލު ނުކުރާނެ ފަދައަކުންނެވެ.

ޤައިލާ ފެށީ ހޭށެވެ. މަލާމާތުން ފުރިގެންވި ހުނުމެކެވެ. ހެމުންހެމުން އޭނަ އަނގަމަތީގައި އަތް އަޅައިފިއެވެ.

އަސަލްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނަ ހުރީ ޤައިލާ ދެކެ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

''އެހެންވީމަ އަހަރެން ކީއްކޮށްދޭންވީ، އަތް ޖަހަންވީތަ؟...'' އަތްތިލަބަޑި ޖަހަމުން ޤައިލާ ބުނެލިއެވެ. ''އެވަރުގެ އެކުވެރިއެއް ނުލިބެނެޔޭ ބުނެ އަޑުގެ ކޮޅަށް އެހެން ބުނަންވީތަ؟...''

''ޤައިލާ...'' ނުރުހުމާއެކު އަސަލްއަށް ބުނެވުނެވެ. ''ކީއްވެ އެހެން ކަންތައް ކުރީ؟، މިއަދު ޤައިލާ ޖެހޭނީ އަހަރެންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދޭން، މޭއި ދެކެ ރުޅި އަންނަ ސަބަބު ބުނެދޭން، ރިއުމާން ލައްވާ ކުރުވަން އުޅުނު ކަންތައް ބުނެދޭން...''

''ވަޓް ޑޫ ޔޫ ތިންކް؟...'' ބުމަ ގޮށްޖަހައިގެން ހުރެފައި ލަސްލަހުން އެއްބުމަ ޤައިލާ މައްޗަށް އަރުވާލިއެވެ. ވިހަ ހިނިތުންވުމެއް ޤައިލާގެ ތުންފަތުގައި ވިއެވެ.

''ހާދަ ވަރެކޭ އަސަލްއަށް ތިވަނީ!، އެހާ ވެސް މައިހާ ހާއްސައީތަ؟، އެކީއްވެގެންތަ؟...'' ޤައިލާ ކުރިއަށް ޖެހިލިއެވެ. އޭނަގެ ރާގުން އަސަލްއަށް ކަމެއް އަންގަން އުޅުނު ކަހަލައެވެ.

އަސަލްއާއި ޤައިލާ ހަތުރުކަޅިހަމަކޮށްލިއެވެ. އަސަލްއަށް ހުރެވުނީ ޤައިލާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ ހިމޭންކަން ވެރިވެފައި އޮތް އެޕާޓްމެންޓް ތެރޭގައި ގުގުމާލީ ޤައިލާ ބާރަށް ހޭންފެށި އަޑެވެ.

''އަސަލް ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ؟...'' ކުއްލިޔަކަށް ހުނުން ހުއްޓާލަމުން ޤައިލާ އަޑަށް ބާރުލާފައި ބުންޏެވެ. ''އަހަންނަށް ނޭނގެނެ ކަމަށްތަ؟، ނުފެންނާނެ ކަމަށްތަ، އަސަލް ހީކުރާހާ އަހަރެން މޮޔައެއް ނޫނޭ، ދަ ލޯންގިންގް އިން ޔޯ އައިސް، ވަޓް އެ ޖޯކް...''

(ނުނިމޭ)