އެޑް ބްލޮކަރުތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ޔޫޓިއުބުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. އެޑް ބްލޮކަރު ބޭނުންކުރާ ފަރާތްތަކަށް ވީޑިއޯ ނުބެލޭނެ ގޮތް ޔޫޓިއުބުން ވަނީ ހަދައިފައެވެ.

އިތުރު ފިޔަވަޅުތަކެއްގެ ގޮތުން ޔޫބްލޮކް އޮރިޖިން އަދި އެޑްބްލޮކް ފަދަ މަޝްހޫރު އެޑް ބްލޮކަރުތައް މިހާރު މަސައްކަތް ނުކުރާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ބައެއް ފަރާތްތަކަށް ޔޫޓިއުބް ސަފުހާ އެއްކޮށް ހުސްކޮށް ފެންނަ ކަމަށްވެސް ބުނެފައިވެއެވެ. ގޫގުލްގެ މި ފިޔަވަޅުތަކާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޔޫޓިއުބުން ބޭނުންވަނީ ޕްރީމިއަމް އަށް ފައިސާ ދެއްކުވުމަށް ނުވަތަ އިޝްތިހާރުތައް ބެލުމަށެވެ. ޔޫޓިއުބުން ބުނާ ގޮތުގައި އިޝްތިހާރުތަކަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ލިބޭ ވަސީލަތެކެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ގޫގުލްއިން މިކަން ކުރަނީ އަމިއްލަ މަންފާއަށްޓަކައެވެ. ގިނަ ބަޔަކު ޕްރީމިއަމްއަށް ފައިސާ ދައްކާކަށް ބޭނުމެއް ނުވެއެވެ.

އިންޓަނެޓްގެ ގިނަ ޚިދުމަތްތަކުގައި މިހާރު އިޝްތިހާރު ނުބަލައި ބޭނުންކުރެވޭނީ ފައިސާ ދައްކައިގެންނެވެ. މިގޮތުން ޕްރައިމް ވީޑިއޯއިން ވެސް އިޝްތިހާރު ނުބަލައި ބޭނުން ކުރެވޭނީ އިތުރު ފައިސާ ދައްކައިގެންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.