ކޮލޮމްބިއާގެ ރިޔާސީ ކެންޑިޑޭޓް މިގުއެލް އުރިބޭއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އޮފިޝަލުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ވެރިރަށް ބޮގޯޓާގައި ސަޕޯޓަރުންނާ ބައްދަލުކުރަން ބޭއްވި ރެލީގައި ބައިވެރިޔަކު ވަނީ މިގުއެލް އަށް ބަޑިން ހަމަލާދީފައެވެ.

އަންނަ އަހަރު ކޮލޮމްބިއާގައި އޮންނަ އެގައުމުގެ ރިޔާސީ އިންތިހާބުގައި އެންމެ ތާއީދު ބޮޑުކަމަށް ފާހަގަވެފައިވާ ރިޔާސީ ކެނޑިޑޭޓު މިގުއެލް އުރިބޭ އަށް ދިން ހަމަލާގައި އޭނާގެ ހާލު ވަރަށް ސީރިޔަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެހަމަލާގައި މިގުއެލްގެ ބޮލަށް ދެވަޒަން އަދި ގަޔަށް ވަޒަނެއް އަރާފައިވެއެވެ.

އެހަމަލާ ދިންކަމަށް ބެލެވޭ 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ އިރު އެހަމަލާ ދިން ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާ ދިން ވަގުތު ނަގާފައިވާ ވީޑިއޯތައް އާންމުވެފައިވާ އިރު އެހަމަލާ ދީފައިވަނީ މިގުއެލްއާ ވަރަށް ގާތުން ކަމަށް ވީޑިއޯއިން ފެނެއެވެ. އަދި ހަމަލާ ދިނުމާއެކު ބޮޑީގާޑުން މިގުއެލްގެ ބޮލުގައި ހިފަހައްޓައިގެން ތިބި މަންޒަރު ފެނެއެވެ. އެވަގުތު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދާ މަންޒަރު ވެސް ފެނެއެވެ.