އަސަލް އިނީ ބެލްކަނީގެ އުނދޯލީގައެވެ. ޤައިލާއަށް ގުޅަން އޭނަ ކުރި މަސައްކަތް ނާކާމިޔާބުވުމުން އަސަލްގެ ހިތްނުތަނަވަސް ވިއެވެ. އޭރު ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރެފައި އަސަލް އުނދޯލިން ތެދުވުނެވެ. ރިންގު ދިގުލައިގެން ގޮސްފައި ކެނޑުނުއިރު ވެސް ޖަވާބެއް ނުލިބުނެވެ. ޤައިލާއަށް ގުޅަން އަސަލް މަސައްކަތްކުރީ ގެއަށް އަންނަ ގަޑިއެއް ބަލައިލުމަށެވެ. އެހާ ލަސްވަންދެން މައިހާއާއެކު ބޭރުގައި އުޅޭތީ ދިޔަ ތަނެއް ބެލުމުގެ ޝައުޤާއެކުގައެވެ.

''ކީއްވެތަ ފޯނު ނުނަގަނީ؟...'' އަސަލްއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ފިކުރުބޮޑުވެ އޭނަގެ ނިތަށް ރޫތައް ގިނަވެލައިފިއެވެ. ކުޑަކޮށް ބުމަ ވެސް ކައިރިކޮށްލެވުނެވެ. އަސަލް ގުޅަން ފެށުމުން އެންމެފަހުން ޤައިލާ ފޯނު ނިއްވާލައިފިއެވެ. އޭގެ ސަބަބުން އަސަލްއަށް ލިބުނީ ހާސްކަމެވެ. އެއްގޮތަކަށް ވެސް ޤައިލާއަށް އަސަލް އިތުބާރެއް ނުކުރެއެވެ. މައިހާއާއި ބައްދަލުކުރަން ދިޔަ އިރު ރިދާ ގޮވައިގެން ދިއުމުން އަސަލް ހުރީ ޝައްކެއްގެ މަތީގައެވެ. ޤައިލާގެ އަމަލުތަކުން ހިތުގައިވި ޝައްކުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. ޤައިލާ ފޯނު ނިއްވާލީ ގަސްދުގައިކަން އަސަލް ދެނަގެތެވެ.

ބެލްކަނީގެ ރެއިލިންގެ ކައިރިއަށް ހުއްޓިލަމުން އަސަލްއަށް ފުން ނޭވާއެއް ދޫކޮށްލީ ސިކުނޑީގެ ހަލަބޮލިކަމާ ދުރުވުމުގެ ނިޔަތުގައެވެ. އޭނަގެ ނަޒަރު ހުއްޓުނީ ހާމައަށް އޮތް އުޑަށެވެ. ވިލާތައް ގިނަ ރެޔެއް ކަމުން ދީފައި ވަނީ މިލަހަނދުވަރެކެވެ. ތަރިތަކުގެ އަލިކަމެއް ވެސް ފެންނާކަށް ނެތެވެ. އިރުކޮޅެއް ވަންދެން ވިލާތަކުން ފުސްވެފައިވި ހަނދަށް ބަލަހައްޓައިގެން އަސަލް ހުއްޓުނެވެ. ދެން އޭނަގެ ސަމާލުކަން އަނެއްކާ ހުއްޓާލީ ފޯނަށެވެ. ޤައިލާއަށް ގުޅުމުގެ ބަދަލުގައި އަސަލް ލިޔުނީ މައިހާގެ ނަންބަރެވެ.

''މިހާ ލަސްވެފަ ހުއްޓާ ގުޅީމަ އެއްޗެއްކޭ ހީނުކުރާނެބާ؟...'' އަސަލްއަށް ބުނެވުނެވެ. ވިސްނަން ހުރެފައި އަސަލް ނިންމީ މައިހާއަށް ގުޅާށެވެ. މޮޅު ބަހަނާއެއް ސިކުނޑީގައި ރާވާލަމުންނެވެ. މާދަމާ ފުރަން އެއާޕޯޓަށް ދާ ގަޑިއެއް ބެލުމުގެ ބަހަނާ އެވެ. ފޯނުކޯލުގެ ހަޤީޤަތް އޮތީ އަސަލްގެ ހިތުގައި ފޮރުވިފައެވެ. އޭނަ ބޭނުންވީ މައިހާގެ ހާލު ބަލައި، ޤައިލާއާއެކު ހޭދަވި ވަގުތު ދިޔަ ގޮތެއް ދުރުދުރުން އޮޅުން ފިލުވާށެވެ. މައިހާގެ ނަންބަރަށް އަސަލް ޑައިލްކޮށްލީ ހުރިހާ ދިމާއަށް ފިކުރިތައް ގެންދިއުމަށްފަހުގައެވެ.

*****

ޓެކްސީގައި އިން މައިހާއަށް އިރުއިރުކޮޅާ އޭނަގެ ލޮލުން ފައިބާ ކަރުނަތައް ފޮހެލެވެއެވެ. މިރޭ ކަންތައް ވެދިޔަ ގޮތުން މައިހާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ޤައިލާއާއި އޮތް އެކުވެރިކަން އާރާސްތުކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. މީހާއަށް ލިބިފައިވި އުދާސްކަމުގެ ފަހަތުގައިވާ ސަބަބަކީ ވެސް އެއީއެވެ. ޤައިލާގެ ރުޅިވެރި ބަސްތައް ވެފައިވަނީ ހިތި ޒަހަރަކަށެވެ. އެޖުމްލަތައް ކަންފަތުގައި ގުގުމާލާ ކޮންމެ ފަހަރަކު އެވިހައިގެ އަސަރުކޮށް މައިހާއަށް ރޮވެއެވެ. ގިނަ ބަޔަކަށް އަޑު އިވޭނެހެން އޭނަގެ ބޮލުގައި ޤައިލާ އެޅުވި ތުހުމަތުތަކުން މައިހާ ހުރީ ލަދުވެސް ގެންފައެވެ.

ޓެކްސީ ޑްރައިވަރަށް ވެސް މައިހާ ރޮމުންދާ މަންޒަރު ފެނި ކަންބޮޑުވެއްޖެއެވެ. ކާރުގެ ފަހަތު ސީޓުގައި އިސްޖެހިފައި އިން މައިހާއަށް ކާރުގެ ކުރީގައި ހުރި ލޯގަނޑުން ޑްރައިވަރު ބަލައިލިއެވެ. ބްރިޖް މަތީގެ ޓްރެކިފަކަށް ސަމާލުކަން ދެމުން ޑްރައިވަރު މައިހާއާއި ވާހަކަދައްކަން ފެށީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށެވެ. އަންހެންކުއްޖަކު އެކަނިމާއެކަނި ރޯމަންޒަރު ފެނުމުން އުފެދުނު ސުވާލުތަކަށް ޖަވާބުލިބޭތޯއެވެ. އެހީތެރިކަމަކަށް ބޭނުންވާނަމަ އެކަން ވެސް ކޮށްދިނުމަށެވެ.

''ކޮއްކޯ...'' އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ޑްރައިވަރު ގޮވާލިއެވެ. މާޔޫސްކަމުގެ ތެރޭގައި އަރަގުވަމުން ދިޔަ މައިހާ، ޑްރައިވަރުގެ އަޑަށް ސިހިފައި ވަށައިގެން ހޯދާލެވުނެވެ. މައިހާއަށް ހީކުރެވުނީ ހޮޓެލާ ހަމައަށް އާދެވުނީ ކަމަށެވެ. ނަމަވެސް ބްރިޖްގެ ޓްރެފިކް ފެނުމުން މައިހާއަށް ލިބުނު ހައިރާންކަމުގައި ޑްރައިވަރަށް ބަލައިލެވުނެވެ.

''ހުރިހާކަމެއް ރަނގަޅުތަ؟...'' ޑްރައިވަރުގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި މައިހާއަށް އިނދެވުނެވެ. އެސުވާލު ޚުދު އޭނަގެ ޒަމީރު ވެސް ފެންމަތިކޮށްފިއެވެ. ތެދަށް ބުނާނަމަ އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ރަނގަޅަށް ނުދާތާ ވީދުވަހެއް ބުނަން ދައްޗެވެ. އެހެނަސް އެހިތި ހަޤީޤަތް ހާމަކުރެވޭކަށް ނެތެވެ. އެއަޑު އަހާނީ ވެސް ފަހެ ކާކު ހެއްޔެވެ؟

''ލައްބަ، ރަނގަޅު...'' ކޯފާތަކުން ރޮނގުދެމި ކަރުނަ ފޮހެލަމުން މައިހާ ފަނޑު ހިނިތުންވުމެއް ދިނެވެ. ޑްރައިވަރުގެ އޯގާތެރިކަން އިހުސާސްކުރެވި މައިހާއަށް ފުން އަސަރުތަކެއް ކުރިއެވެ. ނުވެސް ދަންނަމީހެއްގެ ފަރާތުން ލިބުނު އިހުސާސްތެރިކަމުން މައިހާއަށް މަޖުބޫރުވީ އޭނަގެ ވޭނީ ފަސާނާއާއި ހިނދު ކޮޅަކަށް ވިޔަސް ދުރުވެލާށެވެ.

އިރުކޮޅެއް ވަންދެން މައިހާއަށް ބަލަން އިނދެފައި ޑްރައިވަރު ބޯޖަހާލިއެވެ. އޭނައަށް ކަނޑައެޅިފައިވާ އިމުން ބޭރުވާން ބޭނުންނުވާ ކަހަލައެވެ.

އަތްދަބަސް ތެރެއިން މައިހާގެ ފޯނު ރިންގްވާން ފެށި އަޑު ކާރު ތެރެއަށް ފެތުރުނެވެ. އަވަސްއަވަހަށް ފޯނު ނަގައި ބަލައިލެވުނީ ޤައިލާއަށް ވެދާނެ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް އަރާފައި އިން އަސަލްގެ ނަން ފެނުމާއެކުގައި މައިހާ ގަނޑުވިއެވެ. ބޭރަށް ލާން އުޅުނު ނޭވާ ހިނދުރީގައި ތާށިވެގެން ދިޔައެވެ. އަސަލް އޭނައަށް ގުޅުމުން މައިހާ ސިހުނެވެ. އައިސްފައި ހުރި ރުޅީގައި އަސަލް ގާތު ޤައިލާ އެއްޗެކޭ ބުނީބާވައޭ ވެސް ހިތަށް އެރިއެވެ. އެއާއެކު މައިހާގެ މޭގަނޑު ފިނިވާން ފަށައިފިއެވެ.

ފޯނަށް ބަލަން މައިހާއަށް އިނދެވުނެވެ. ތުރުތުރުލުން އެކުލެވިގެންވި އިނގިލިތައް ގަދަކަމުން ހަރަކާތްކޮށްލީ ފޯނު ކެނޑިދާނެތީއެވެ. ހިތާމައާއި އުދާސްތަކާ ދުރުވެ އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް ހޯދޭތޯ މައިހާ އުޅުނެވެ. އޭނަ ފޯނު ނެގީ އެސާބިތުކަން ލިބުނީމަ އެވެ.

*****

''ހަލޯ...'' މައިހާގެ އަޑު އިވުމާއެކުގައި އަސަލްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އެއީ ވަގުތުކޮޅެއްގެ ހަމަޖެހުމެކެވެ. އެދެމެދަށް ވެރިވި ހިމޭންކަމުން އަސަލްގެ ހިތް ތެޅިލިއެވެ. ގޯހެއް އުޅޭކަމުގެ ފުރަތަމަ ނިޝާނެވެ.

''މޭއި...'' އަސަލް ގޮވާލިއެވެ. އޭނަ ސަމާލުވެލީ މައިހާ ހުރި މާހައުލަށެވެ. ދުއްވާ އެއްޗެހީގެ އަޑުއިވުމުން މައިހާ ހުރި ތަނަކާ މެދު ސުވާލު އުފެދުނެވެ. އޮޅުންފިލުވަން އުޅެފައި ވެސް އޭނަ ފެށީ މައިހާއަށް ގުޅި ސަބަބުންނެވެ. އެ ދެމެދުގައިވި ހިމޭންކަމަށް ނިމުމެއް ގެންނަން ފަސޭހަވާނެތީއެވެ.

''މާދަމާ މޭއި އެއާޕޯޓަށްދާ ގަޑިއެއް ބަލާލަންވެގެން މިގުޅާލީ...'' އަސަލް ފެށިއެވެ.

''ޗެކިން ފެށުމުގެ ކުރިން...'' މައިހާގެ އަޑު މަޑެވެ. އަސަލްއަށް އިވުނީ ހަމަ ކިރިޔާއެވެ.

''ޗެކިން ފެށުމުގެ ކުރިން މޭއި ދާނެކަން އެނގެޔޭ، އެއްގަޑިއެއްގަ ދިޔައީމައެއްނު އެއްކޮށް ޗެކިން ކުރެވޭނީ...'' އަސަލް ބުންޏެވެ. ''ހަޔެއް ޖަހާއިރު ކިހިނެއް ވާނެ؟، ހަގަޑި ބައިގައެއްނު ޗެކިން ފެށެނީ...''

''ރަނގަޅުވާނެ...'' މައިހާގެ ޖުމްލަތައް ކުރެވެ. އަސަލްގެ ވާހަކަތަކަށް އެއްބާރުލުންދޭން މައިހާއަށް އުނދަގޫވެފައިވާ ކަހަލައެވެ. އަސަލް ހުރީ މައިހާގެ އަޑާއި ރާގަށް ކަންފަތް ހުޅުވާލައިގެންނެވެ.

''ކިހިނެއްތަ މިރޭ ދިޔައީ؟، ވަރަށް ދުވަސް ފަހުންނެއްނު އެލީއާއެކު ބޭރަށް ދެވުނީ......'' އަސަލް އަހާލިއެވެ. މައިހާގެ ޖަވާބެއްގެ އިންތިޒާރުގައި ވަގުތު ދިގުލާން ފެށުމުން އަސަލްއަށް މޫނާއި ތުނބުޅީގައި އަތްތިލަ ހިންގާލެވުނެވެ. ރެއިލިންއަށް ލެނގިގެން ހުރެފައި ހަށިގަނޑު ސީދާކޮށްލެވުނެވެ. ނަފުސަށް ވެރިވި ނުތަނަވަސްކަމުގައި އަސަލްގެ މެޔަށް ފިނިވެލިއެވެ.

''ރަނގަޅު...'' މައިހާ ބުންޏެވެ.

އަސަލްއަށް ޤަބޫލެއް ނުކުރެވުނެވެ. ޖަވާބު ދިނުމުގައި މައިހާ ލަސްވުމުންނެވެ. އަޑު ވެސް ކުރެހިފައިވާހެން ހީވާތީއެވެ. މައިހާ ރޮއިފައިވާ ކަހަލައެވެ. މައިހާ އޭނަގެ ލޮލަށް ނުފެނި އިތުރަށް އޮޅުން ފިލުވަން އުޅެފިނަމަ ކުރިއެރުމެއް ނުލިބޭނެކަން ވެސް އަސަލްއަށް ވިސްނުނެވެ. މާދަން އެއާޕޯޓުން ދިމާވުމުން ވާހަކަދައްކާލަން އަސަލް ނިންމީ އެހެންވެގެންނެވެ.

ޓެކްސީއަށް ފައިސާ ދައްކަން ޖެހޭކަމުގެ ބަހަނާ ދައްކާފައި މައިހާ ފޯނުކޯލު ކުރުކޮށްލިއެވެ. މައިހާ އަނބުރާ ހޮޓެލަށް ގޮސްފިކަން ވެސް އަސަލްއަށް އެނގުނީ ދެނެވެ. އިތުރަށް ވާހަކަ ދިގުކުރާނެ ބަހަނާއެއް ނެތުމުން އަސަލްއަށް މަޖުބޫރުވީ ރޭގަނޑުގެ ވަދާއީ ސަލާން ބަދަލުކުރާށެވެ.

''ސަމްތިންގް ހެޕެންޑް، މޭއި ރޮއެފަ ހުރިކަން އަޑުން ބުނެދޭ، ކިހިނެއްބާވީ؟، ވަޓް ޑިޑް ޔޫ ޑޫ ޤައިލާ؟...'' އަސަލްއަށް ބުނެވުނެވެ. ހީވީ އަމިއްލަ ޒަމީރުގެ ލަފައެއް ބޭނުންވެފައި ހުރި ހެންނެވެ. ވިސްނުނު ވަރަކަށް އަސަލްގެ ސިކުނޑިއަށް ބާރުބޮޑުވަމުން ދިޔައެވެ. ބެލްކަނީގެ ދެކޮޅަށް އަސަލް ހިނގަން ފެށިއެވެ. މައިހާއާއި ވާހަކަދައްކައިގެން ކުރިއެރުމެއް ނުލިބިއްޖެނަމަ ސީދާ ޤައިލާއާއި ސުވާލުކުރަން އަސަލް ގަސްދުކުރިއެވެ. ޤައިލާއާއި ކުރިމަތިލާން މާބޮޑަށް ވެސް ލަސްވެއްޖެއެވެ.

*****

ހެނދުނާ ފުރަތަމަ އެއާޕޯޓަށް ދެވުނީ ޖާހަތުމެންނަށެވެ. ޑޮމެސްޓިކް ޓާމިނަލްގެ ބޭރުގައި މަޑުކޮށްގެން ތިއްބާ ޓެކްސީއެއް މަޑުކޮށްލިއެވެ. ޓެކްސީން ފުރަތަމަ ފޭބީ މައިހާ އެވެ. މައިހާގެ ފަހަތުން ރަމީޒާއެވެ. ޓެކްސީގެ ޑިކީން ފޮށިތައް ނެގީ އަސަލް އެވެ. ފޮށިތައް ނަގަމުން ޓެކްސީ ކައިރީ މަޑުކޮށްލައިގެން ހުރި މައިހާއަށް އަސަލް ބަލައިލިއެވެ. އަސަލްގެ ނަޒަރު އިހުސާސްވެ މައިހާ ވެސް ލުއި ހިނިތުންވުމެއް އަސަލްއަށް ދިނެވެ. ނަމަވެސް އެހިނިތުންވުން މައިހާގެ ލޮލަކާއި ހަމައަށް ނުފޯރައެވެ. ފަޅި ސިކުންތުކޮޅަކަށް މައިހާއާއި ހަތަރުކަޅި ބައްދަލުވި ހިނދުގައި އުދާސްކަން އެދެލޮލުން އަސަލް ދުށްޓެވެ. ފޮށި ހިފައިގެން މައިހާގެ ގާތަށް ހުއްޓެމުން މައިހާގެ މޫނަށް އަސަލް ފަރުވާތެރިކަމާއެކުގައި ބެލިއެވެ. ހިތުގައިވި ސުވާލުތައް ދުލާއި ހަމައަށް ގެނައުން ފަސްކޮށްލެވުނީ އެންމެ މުނާސަބު ވަގުތައް ނުވާތީއެވެ. ޗެކިންއަށް ފަހުގައި މައިހާއާއި ވާހަކަދައްކާލަން އަސަލް ނިންމިއެވެ.

ޗެކިންކޮށްގެން ބޯޑިންއަށް ވަންނަން އިރުގަނޑެއް އޮތެވެ. އެންމެން އެކުގައި މިސްރާބު ޖެހީ ރެސްޓޯރެންޓަށެވެ. ހެނދުނުގެ ނާޝްތާ ނެގުމަށެވެ. ނާޝްތާ ކުރިއަށް ދިޔަ އިރުގައި ވެސް އާދަޔާ ޚިލާފަށް މައިހާ ބަސްމަދުވެފައި ހުރިކަން އަސަލްއަށް ފާހަގަ ކުރެވުނެވެ. ކަންބޮޑުވެ އަސަލްގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. މައިހާއާއި ވަކިން ވާހަކަދައްކާލާނެ ފުރުސަތެއް އަސަލްއަށް ލިބުނީ ނާޝްތާ ނިމުނުފަހުންނެވެ.

ތިރީގައި ހުރި ލައުންޖަށް އައިތަނާ ރަށު ބަޔަކާ ދިމާވެގެން އެމީހުންނާއި ވާހަކަދައްކާލަން ރަމީޒާއާއި ޖާހަތު މަޑުކޮށްލިއެވެ. ފުރުސަތުގެ ބޭނުން ހިފައި އަސަލް ހިނގައިގަތީ ވަކިން ހުރި ގޮނޑިބަރިއެއްގައި އިށީން މައިހާގެ ގާތަށެވެ. މައިހާއާއި ޖެހިގެން ހުރި ގޮނޑީގައި އަސަލް އިށީނުމާއެކުގައި އަސަލްއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން މައިހާ ބަލަން ފެށީ އެއާޕޯޓުގައި ހޭލަމޭލަވަމުންދާ މީހުންނަށެވެ.

''މޭއި...'' އަސަލް ގޮވާލުމުން އަސަލްއާއި ދިމާއަށް މައިހާ އެނބުރިލިއެވެ.

''އާރ ޔޫ އޯލްރައިޓް؟...'' އަސަލްގެ ސުވާލުން މައިހާއަށް ލިބުނީ ހައިރާންކަމެވެ.

''ހޫމްމްމް، ކިހިނެއްވީ ތިހެން ތިއެހީ...'' އަސަލްގެ ތޫނު ނަޒަރުން މައިހާއަށް ހާސްވިއެވެ. އެދެލޮލުން ކަމެއް ހޯދަން އުޅޭކަމުގެ އިހުސާސް ކުރެވުމުންނެވެ.

''ޔޫ ސީމް ޓްރަބްލްޑް...'' އަސަލް ސީދާ މައުޟޫޢުއަށް ދަމުން ބުންޏެވެ. މައިހާގެ ހިތް ނުތަނަވަސްވިއެވެ. އޭނަގެ ހާލަތު އެހާ ފަސޭހައިން އަސަލް ދެނެގަތުމުންނެވެ. މޮޅިވެރިކަން ވަންހަނާކުރުމުގައި އޭނަ ނާކާމިޔާބުވެއްޖެކަން މައިހާއަށް ރޭކާލި ދެނެވެ.

''ހެނދުނުގެ ވަގުތަށް ވީމަ އަޒްއަށް ހީވާ ގޮތް ތީ...'' އަސަލްއާއި ނަޒަރު ވަކިކޮށްލަމުން މައިހާ ބުންޏެވެ.

''އެހެންތަ؟، ހެނދުނާ މޭއި ނުލާހިކު ފޯރި ހުންނާތީ މި އަހާލެވުނީ...'' މާޒީގެ ސަފުހާތަކަށް އަލިއަޅުވާލަމުން އަސަލް ބުންޏެވެ. އާލާވި ހަނދާންތަކުން ފަނޑު ހިނިތުންވުމެއް އަސަލްގެ ތުންފަތާއި ކުޅެލިއެވެ. ނަމަވެސް މައިހާގެ މޫނުން އުފާވެރިކަމުގެ ލިސާނެއްގެ މިންވަރު ވެސް ނުފެނުނެވެ.

އަސަލްގެ ވާހަކަތަކުން މައިހާއަށް އިންތިހާއަށް އުނދަގޫވިއެވެ. އެވާހަކައިގެ މިސްރާބު ގޮސްފާނެ ދިމާއެއް ލަފާކޮށްލަން ނޭނގުމުންނެވެ. ރޭއްސުރެން މައިހާ ހުންނަނީ މާޔޫސްކަމެއްގެ ތެރޭގައެވެ. ކުށެއް ކުރެވިއްޖެކަމުގެ އިހުސާސާއެކުގައި މަޢާފަށް އެދި އޭނަ ޤައިލާއަށް ކުރި މެސެޖުތަކަށް ވެސް ރައްދެއް ނުލިބުނެވެ.

''އަހަރެން ސުވާލެއްކޮށްފިނަމަ ތެދުތެދަށް ޖަވާބު ދޭނަންތަ؟...'' ހިމޭންކަމުގެ ސުކޫތަކަށްފަހު އަސަލް ބުނެލީ ސީރިޔަސްކަމާއެކުގައެވެ. މައިހާގެ ހިތުގެ ވިންދު އަވަސްވީ ހަމަ ކުއްލިއަކަށެވެ. އަތްފައި ފިނިވެލިއެވެ. ސިކުނޑިއަށް ވެރިވި ހަލަބޮލިކަމުގެ ތެރެއިން މައިހާއަށް ބޯޖަހާލެވުނެވެ.

''ދަ އައުޓިންގް ވިތް އެލީ... ކަމެއް ދިމާވީތަ؟، އެލީގެ ފަރާތުން ކަމެއް ފެނުނީތަ؟...'' އަސަލް އެހިއެވެ. އެއާއެކު މައިހާ ސިހުނެވެ. އޭނައަށް އިނދެވުނީ ހަރަކާތެއްކޮށްލަން ވެސް ނޭނގިފައެވެ.

''މޭއި...'' ކަންބޮޑުވުމާއެކު އަސަލް ގޮވާލިއެވެ. މައިހާއަށް ލިބުނު ސިހުމުގައި މޫނު ހުދުވި މަންޒަރު އަސަލް ދުށްޓެވެ. އޭނަގެ ޝައްކުތައް ޔަޤީނަށް ބަދަލުވެގެންދާން ގިނަ އިރެއް ނުނެގިއެވެ. މައިހާގެ މިޒާޖަށް ވެރިވެފައިވި މަޑުމޮޅިކަމާއި އަސަލްއަށް ގުޅުވާލެވުނީ ޤައިލާއާއި އެވެ. އޭނަ އަވަސްވެގަތީ އެދެމެދުގައި ހިނގިކަމެއް ދެނެގަންނާށެވެ.

''ކަމެއް ނުވޭ، އެވްރީތިންގް ވޯސް ފައިން...'' މައިހާ ބުންޏެވެ. އޭނައަށް މޭގައި ދެއަތް ހުރަސްކޮށްލެވުނީ އިހުތިޔާރަކާ ނުލައެވެ. ރޭގެ ހާދިސާ އަސަލްއަށް ސިއްރުކުރަން މައިހާ ބޭނުންވިއެވެ. އޭނަގެ ސަބަބުން އަސަލްއާއި ޤައިލާގެ ދެމެދުގައި މައްސަލައެއް ޖެހުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. ރަސްފަންނުން ބައްދަލުވެ އޭނައާއި އަސަލް ހިއްސާކުރި ވާހަކަތަކާއި މެދުގައި ވެސް މައިހާއަށް ވިސްނުނެވެ. ކުއްލިއަކަށް އެފަދަ ސުވާލެއް އަސަލް ފެންމަތިކުރީ ކީއްވެގެން ހެއްޔެވެ؟

''ނޫން، ކަމެއްވެއްޖެ، ޔޫ ލުކް ސޭޑް...'' އަސަލް ބުންޏެވެ. އަސަލްގެ އަޑުގައިވި ޔަޤީންކަމުން މައިހާއަށް ލިބުނީ އިތުރު ހާސްކަމެކެވެ. އެފަދަ ހާލެއްގައި ވަނިކޮށް ބޯޑިންގްއަށް ގޮވާލި އަޑު މައިހާއަށް އިވުނެވެ. ވަގުތުން މައިހާ ކޮޅަށް ތެދުވުނެވެ. ލެއްވި ރަހުމަތެކޭ ހިތަށް އެރިއެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

''ކުރިން ބުނިހެން އަޒްއަށް ހީވާ ގޮތޭ، އައިމް ފައިން، ރޭ ހަމަ ވަރަށް ބަރާބަރު، އެހާ ދުވަސްފަހުން އެލީއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނީތީ ވަރަށް އުފާވި...... ބޯޑިންގްއަށް ގޮވީދޯ...'' މައިހާ ބުންޏެވެ. އަސަލްއަށް މައިހާ ފުރަގަސްދިނެވެ. އެއަސްފަހު އޭނަ މިސްރާބުޖެހީ މަންމަމެން ގާތަށް ދިއުމަށެވެ. މައިހާއަށް އެވަގުތު ފެނުނު އެންމެ ރަނގަޅު ހައްލަކަށްވީ އަސަލްގެ ކުރިމަތިން ދުރަށް ދިއުމެވެ. އިތުރަށް ސުވާލުކުރުމުގެ ފުރުސަތު ނުދިނުމެވެ. އަސަލްއަށް އޮޅުވާލުން ފަސޭހަކަމަކަށް ނުވާނެތީއެވެ.

މައިހާ ހުއްޓުވަން އަސަލް އުޅުނެވެ. އެހެނަސް އެއަށްވުރެން މައިހާ ހުޝިޔާރެވެ. އަސަލްއަށް ގޮނޑިން ނުތެދުވެވެނީސް މައިހާ ގޮސް ރަމީޒާމެން ތިބި ގޮނޑިބަރި ކައިރިއަށް ހުއްޓިއްޖެއެވެ.

އަސަލް ހުރީ މައިހާއަށް ބަލަންށެވެ. މައިހާއާއި ވަކިވާން ޖެހޭ ވަގުތު ކައިރިވުމުން ވަކިން ބޮޑަށް އަސަލްއަށް ދެރަވެއްޖެއެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމުގައި ވަދާއުގެ ސަލާން ބަދަލުކުރަން އަސަލްގެ ޒަމީރު ދެކޮޅުހެދިއެވެ. ހުރިހާ ކަމެއް އޮޅުން ފިލުވަން ވެސް އަސަލް ހުރީ ބޭނުން ވެފައެވެ.

އެންމެން އެކުގައި ހިނގައިގަތީ ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށެވެ. އެދިޔަ މަގުމަތީގައި އަސަލްގެ އަތުގައި ހިފާލަމުން ޖާހަތު އެދުނީ އޭނައަށް ގުޅުމަށެވެ. މަންމަގެ ކަންބޮޑުވުމުގެ ފަހަތުގައި ފޮރުވިފައިވި ސަބަބު އަސަލްއަށް ދޭހަކުރެވުނެވެ. މަންމަގެ އެދުމާއި އެއްބަސްވަމުން އަސަލް ބޯޖަހާލިއެވެ. މަންމައަށް ވެސް ހަޤީޤަތް ހާމަކުރަން އެބަޖެހެއެވެ. އަސަލްގެ ސިކުނޑިއަށް އިންތިހާއަށް ބާރުބޮޑުވިއެވެ. އެންމެ ރަނގަޅު މުނާސަބު ވަގުތާއި ދިމާވާނެ ހެއްޔެވެ؟ ނަފުސަށް ވެރިވެފައިވި ހާސްކަމަށް ނިމުމެއް އަންނާނެ ހެއްޔެވެ؟

ބޯޑިންއަށް ވަނުމުގެ ކުރިން އަސަލްއާއި ލުއި ހިނިތުންވުމެއް މައިހާ ބަދަލުކުރިއެވެ. އޭނައަށް އަސަލްގެ ދެލޮލުން ފެނުނީ މޮޅިވެރިކަމާއި ކަންބޮޑުވުމެވެ. އެއިހުސާސްތަކާއި ކުރިމަތިލާން މައިހާގެ ސިކުނޑި ނުކުޅެދުނެވެ. ހަޤީޤަތް ބުނެދެވެން ނެތީތީއެވެ. ދެމަފިރިއެއްގެ ދެމެދަށް ވެރިވާނެ ހުރަހަކަށް ވާން އޭނަގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. ވޭންއެޅިކަމުގައި ވިޔަސްމެއެވެ.

''ދަނީ... އަޒްއާއި އެލީއަށް އުފާވެރި ހަޔާތަކަށް އެދެން، އެލީއަށް ސަލާން ބުނެދެއްޗޭ...'' މައިހާ ބުންޏެވެ. އަސަލްއަށް އެއްޗެއް ނުބުނެވެނީސް މައިހާ ކުރިއަށް ހިނގައިގަތެވެ. ލޮލުގެ ކޮޅަށް މައިހާ ގޮސް ގެއްލެންދެން ބަލަން އަސަލްއަށް ހުރެވުނީ މާޔޫސްކަމާއެކުގައެވެ.

އަސަލްއަށް ދޫކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ. އަނެއްކާ ވެސް އިތުރު ފުރުސަތެއް މުށުތެރޭން ދޫވެގެން ހިނގައްޖެކަން ރޭކާލިއެވެ. އޭނަގެ ސުވާލުތަކަށް ވެސް ޖަވާބެއް ނުލިބުނެވެ. ހަމައެއާއެކު މައިހާ ލޯކުރިމަތިން ގެއްލުމާއެކު މޭގައި ރިއްސާލައިފިއެވެ. ބުނެނުދެވުނު ޖަޒުބާތުތަކުގެ ވޭނެވެ. މިކަމަށް ހައްލެއް ހޯދޭނެ ބާވައެވެ.

(ނުނިމޭ)