''މޭއި!، މަޑުކޮށްބަލަ...'' ޤައިލާގެ އަޑު މައިހާއަށް އިވުނެވެ. ނަމަވެސް މަޑުކުރާކަށް މައިހާ ބޭނުމެއް ނުވިއެވެ. އޭނަ ހުރީ އެތަނުން ނުނިކުމެވިފައެވެ. އިހުނަށްވުރެން ފިޔަވަޅުތައް ބާރުކޮށްލަމުން ސިޑިން ތިރިއަށް ފޭބިއެވެ. ޤައިލާ ގޮވާތީ މައިހާ ފަސްއެނބުރުލިއެވެ. އޭރު ޤައިލާ ސިޑިން ފައިބަނީއެވެ.

''ހަމަ ދަނީތަ؟...'' ޤައިލާ ސުވާލުކޮށްލިއެވެ. ''އަދި އެހާ ގިނަ އިރެއް ވެސް ނުވައެއްނު، ތިހެން ގޮސްގެން ނުވާނެޔޭ، ހާދަ ދުވަހެއް ފަހުންނޭ މޭއިއާ މިހެން ބައްދަލުކޮށްލަން ފުރުސަތު މިލިބުނީ، ދެން ހިނގާބަލަ...''

ސިޑީގެ ފަހު ހަރުފަތުގެ މަތީގައި ހުރެފައި މައިހާގެ އަތުގައި ޤައިލާ ހިފާލިއެވެ. އޭނަގެ ދެލޮލުގައި ވަނީ އާދޭހެވެ. އެއާދޭހުގެ ބާރުގައި މައިހާގެ ޚިޔާލު ބަދަލުކުރެވޭތޯ ޤައިލާ މަސައްކަތްކުރިއެވެ.

''އެލީ، އައިމް ސޮރީ...'' ޤައިލާގެ އަތް ނައްޓުވާލަމުން މައިހާ މަޢާފަށް އެދުނެވެ. ޤައިލާގެ ހުށަހެޅުން ޤަބޫލުކުރެވޭކަށް ނެތެވެ. އަނބުރާ އެތަނަށް ދާން އަމުދުން ބޭނުމެއް ނުވިއެވެ. ދެކޮޅު ހެދުމުން ޤައިލާ ދެރަވެދާނެތީ އެކަމާ މައިހާ ހިތް ނުތަނަވަސްވިއެވެ. އެހެން ނަމަވެސް އެވަގުތު މައިހާއަށް އިސްކަން ދެވުނީ އަމިއްލަ މީހާގެ އިހުސާސްތަކަށެވެ. ޤައިލާގެ ރުހުން ހޯދަން ހަދައިގެން އޭނަގެ ހަމަޖެހުން ގެއްލިގެން ދިއުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އަނބުރާ ރިއުމާންގެ ކުރިމައްޗަށް ދާން މައިހާގެ ޒަމީރު ދެކޮޅު ހެދިއެވެ. ރިއުމާންގެ ވާހަކަތަކާއި، ގައިގޯޅިކަމާއި މިޒާޖުން މައިހާ ހުރީ އިންތިހާއަށް ފޫހިވެފައެވެ. ރައްކާތެރިކަން ވެސް އޭނައަށް އިހުސާސެއް ނުވިއެވެ.

''މޭއި...'' މައިހާގެ އަތުގައި އަނެއްކާ ވެސް ޤައިލާ ހިފިއެވެ. އޭނަގެ އާދޭސްތުން މައިހާގެ އަޒުމު ނުގުޑުމުން ހަދަންވީ ގޮތަކާ މެދުގައި ޤައިލާއަށް ވިސްނާލެވުނެވެ. އޭނަގެ ރޭވުން ކާމިޔާބު ކުރެވޭނީ މައިހާ އޭނައާއެކުގައި ދިއުމުންނެވެ. މައިހާ ބޭޒާރުކޮށްލާ ހިތުން އޭނަ ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. ބަދަލުހިފުމުގެ ރޫހުގެ ސަބަބުން މަޑުން ހުރުން އެނައަށްވީ އުނދަގޫކަމަކަށެވެ. މައިހާގެ ބޯހަރުކަމާއި މެދު ވެސް އޭނަ ހައިރާންވިއެވެ. އެފަދަ ބަދަލެއް މައިހާއަށް އައީ ކޮން އިރަކު ހެއްޔެވެ؟

''އެލީ ބޭނުންނަމަ ރެސްޓޯރެންޓްގަ މަޑުކޮށްލެވިދާނެ...'' މައިހާ އަތުން އިޝާރާތްކޮށްލީ ތިރީގައި ހުރި ރެސްޓޯރެންޓް ބަޔަށެވެ. އެވަގުތު މައްޗަށް އަރަން އައި ދެ ޒުވާނަކަށް ޖާގަދޭން ޤައިލާއަށް މަޖުބޫރުވީ އެއްފަރާތަށް ޖެހިލައި ތަން ދައްކާށެވެ. އޭރު ވެސް މައިހާގެ އަތުން ޤައިލާ ދޫކޮށެއްނުލައެވެ. މައިހާ ދިޔަނުދޭން ވެގެންނެވެ.

''ދެން ހިނގާބަލަ...'' ޤައިލާ ގަދަ ހަދަމުން މައިހާގެ އަތަށް ދަމާލިއެވެ. އެއާއެކު މައިހާއަށް ލިބުނީ ސިހުމެވެ. އޭނައަށް ބަލައިލެވުނީ ޤައިލާގެ މޫނަށެވެ. އޭނަގެ ނުރުހުމާއެކުގައި ބާރުއަޅާތީ ސުވާލު އުފެދުނެވެ.

''އަހަރެން އެހާ ގަޔަވާ ތަނެއް ނޫނޭ އެއީ، އެހެން ނޫނަސް އަހަންނަށް ރިއުމާންގެ އުޅުން ކަމަކުނުދޭ...'' މައިހާ ބުންޏެވެ. އޭނަގެ ހާލަތު ޤައިލާއަށް ވިސްނިދާނެކަމަށެވެ.

''ދެން ތިހެން އުޅޭކަށް ނުވާނެޔޭ، މޮޑާން ވާން ޖެހެނެޔޭ...'' ޤައިލާ ބުންޏެވެ.

''މޮޑާންވާން އަންހެނުންނާއި ފިރިހެނުން ގައިގޯޅިވާކަށް ނުޖެހެޔޭ...'' ޤައިލާގެ އަތް ނައްޓުވާލަމުން މައިހާ ބުންޏެވެ. ހިތްހަމަނުޖެހުނަސް މައިހާ ބެލީ ރީތިކޮށް ޤައިލާއާއި ވާހަކަދެއްކޭތޯއެވެ. ދެބަސްވުމެއް އުފެދެން ބޭނުންނުވާތީއެވެ. ކުރިން އޮތް ހާލަތަށް އެކުވެރިކަން ދާން ނޭދޭތީއެވެ.

''އޯހް ގޯޑް، މޭއިގެ ވިސްނުން ހާދަ މުސްކުޅިއޭ، އެހެންވެ ތިހެން ސިންގަލްކޮށް ތިހުންނަނީ!، އުމުރު ހުސްވާނީ ވެސް ތިހެން ހުއްޓާ...'' ޤައިލާއަށް އޭނަގެ ރުޅި އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ދެއްކުންތެރިކަމުގެ މޫނު ކަޝްފުވެ ރުޅިވެރިކަމުގެ ހޫނުގަނޑު ބޭރުވާން އުޅުނެވެ.

ޤައިލާގެ ޖުމްލައިން މައިހާގެ ހިތުގައި ޖެހުނެވެ. ހުއްޓުން އަރާފައި ހުރެވުނު ހިނދު ކަންފަތުގައި ގުގުމަން ފެށީ ޤައިލާގެ ޖުމްލައެވެ. ޤައިލާގެ ކުރިމަތީގައި އޭނަގެ އެއްވެސް އަގެއް ނެތްހެން ހީވުމާއެކުގައި އިތުރަށް ދެރަވާ ގޮތް ވެއްޖެއެވެ.

''އައި ޑިޑިންޓް މީން އިޓް ލައިކް ދެޓް...'' މައިހާ އިސްޖަހާލުމާއެކު ޤައިލާ ބުންޏެވެ. ހަމްދަރުދީގެ ބަހަނާގައި މައިހާގެ ގާތަށް ޖެހިލަމުން ބައްދާލައިފިއެވެ. ''ސޮރީ...''

''މޭއިއަށް ކަމުދާ ކަހަލަ މީހަކު ހޯދަދޭން އަހަރެން ވަރަށް ބޭނުމޭ...'' ޤައިލާ ބުންޏެވެ. މައިހާގެ ބުރަކަށީގައި ފިރުމާލާފައި ޤައިލާ ދުރަށް ޖެހިލިއެވެ.

ޤައިލާގެ ގާތްކަމުން މިފަހަރު މައިހާއަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތަށް ކުރި އަސަރުތަކެއް ވެސް ފިލާ ނުދިޔައެވެ.

''އައި އެޕްރިޝިއޭޓް އިޓް، ބަޓް ނޮޓް ހިމް...'' ފުން ނޭވާއެއް ދޫކޮށްލަމުން މައިހާ ބުންޏެވެ.

''މޭއި...'' ޤައިލާއަށް ބުނެވުނެވެ. މައިހާ ދެފަރާތަށް ބޯހޫރާލީ ޤައިލާގެ ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަން އަންގައިދޭށެވެ.

''އަހަރެން ދަނީ...'' މައިހާ ބުންޏެވެ. ރެސްޓޯރެންޓަށް ޤައިލާ ނުދާނެކަން މައިހާއަށް އެނގުނެވެ. އޭނައާއި އެކު ވަގުތު ހޭދަކުރަން ވެސް މައިހާ ބޭނުންނުވާހެން މައިހާއަށް ހީވިއެވެ. މިހުރިހާ ކަމެއް ޤައިލާ އިންތިޒާމުކުރީ އޭނައަށް ރިއުމާން ތަޢާރަފްކޮށްދޭން ކަހަލައެވެ. ނަމަވެސް ރިއުމާން ފަދަ ޒުވާނަކު އޭނައަށް ކަމުނުދާނެކަން ޤައިލާއަށް ރޭކާނުލީތީ އެކަމާ ވެސް މައިހާ މާޔޫސްވެ. ޝަކުވާތައް ފުނިޖެހުނެވެ.

ޤައިލާއަށް މައިހާ ފުރަގަސްދިނީ ވަދާއުގެ ހިނިތުންވުމެއް ބަދަލުކޮށްލަމުންނެވެ. އެހިނިތުންވުން ޤައިލާ ރައްދެއް ނުކުރިއެވެ.

''ޔޫ އެމްބެރޭސްޑް މީ އިންފްރޮންޓް އޮފް މައި ފްރެންޑްސް...'' މޭމަތީގައި ދެއަތް ހުރަސްކޮށްލަމުން މައިހާއަށް ބަލަން ޤައިލާ ހުއްޓެވެ. އެބެލުމުގައި ވަނީ ނަފުރަތުގެ ހޫނުކަމެވެ.

ކުރިއަށް އެޅި ފިޔަވަޅު މަޑުޖައްސާލައި މައިހާއަށް ފަސްއެނބުރިލެވުނެވެ. ޤައިލާގެ މޫނުން އޭނައަށް ފެނުނީ ރުޅިވެރިކަމުގެ އިންތިހާއެވެ. މައިހާއަށް ލިބުނީ ހާސްކަމެވެ. ޤައިލާގެ ރުޅިވެރިކަމާއި ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ސުލްހަވެރިކަން ޤާއިމް ނުކޮށް އެތަނުން ދާނެ ހިތްވަރެއް ވެސް ނުލިބުނެވެ.

''އެލީ...'' މައިހާއަށް ގޮވާލެވުނެވެ.

''މައިހާ އުޅޭ ގޮތްތީ، ތިމާއަކީ އެންމެ ހެޔޮ ވިސްނޭ މީހާއެއްނު؟، ޔޫ އާރ ސޯ ޕާކެޓް، މޯސްޓް ހަމްބްލް، ދަ ބެސް، އެހެންވެ ތިމާ މީހާއަށް ތިމާ ފެނިގެން ތިއުޅެނީ، އެހެން މީހުން ތިބެން ޖެހޭނީ ތިމާގެ ދަށުގައެއްނު، އައެމް ސޯ ސިކް އޮފް ދިސް، އޮފް ޔޫ، ރަނގަޅަށް ކަމެއްކޮށްދޭން އުޅުނަސް އެޕްރިޝިއޭޓެއް ނުކުރާނެ، ދެން ތިހާ މާތް މީހާ މާތްވެގެން އުޅެބަލަ، ވަރަށް ފޫހިވޭ، ދެން ދޭ އަސަލް ގާތަށް، ގޮސް ކުޓުވާ، އޭރަށް އަހަރުމެން ދެމެދު މައްސަލަ ޖެހޭނެއެއްނު!، އެއީތަ މައިހާ ބޭނުންވާ ގޮތަކީ؟...'' ނޭވާއަކަށް ވެސް ހުއްޓުމެއް ނެތި ޤައިލާ ފަތިވަރު އަމުނައިގަތީ އަޑަށް ބާރުލާފައެވެ. މީހުންނަށް އަޑު އިއްވާލުމުގެ ނިޔަތުގައެވެ. ރެސްޓޯރެންޓާއި، ދުވާރު މަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އަޑު އިވޭނެ ވަރަށެވެ. ދޮގު ތުހުމަތުތައް މައިހާގެ ބޮލުގައި އަޅުވައި ބޭޒާރުކޮށްލުމަށެވެ.

ނަފުރަތުން ފުރިފައިވި ޤައިލާގެ ވާހަކަތަކުން މައިހާއަށް ލިބުނީ ސިހުމެވެ. ނޭވާ ހިފަހައްޓައިގެން އޭނައަށް ހުރެވުނެވެ. ޤައިލާގެ އިލްޒާމުތައް ސިކުނޑިއަށް ދޭހަކުރެވެން އިރުކޮޅެއް ނެގިއެވެ. ދެރައާއި ހިތާމަޔާއެކުވެ ދުލުން ބަސްހުއްޓިފައި މައިހާއަށް ހުރެވުނެވެ. އޭނައާ މެދު ޤައިލާ ދެކޭ ނަޒަރިއްޔާތު ހާމަވެގެން ދިއުމުން ހިތަށް ކުރި އަސަރުގައި ލޮލުން ކަރުނައިގެ ދިލަކަން ފާޅުވިއެވެ. ޤައިލާ އޭނަގެ ބޮލުގައި އެޅުވި ތުހުމަތުތަކަށް ދޭނެ ރައްދެއް ވެސް މައިހާއަކަށް ނޭނގުނެވެ. އޭނަގެ ސިކުނޑި ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ޖަޒުބާތުތައް އުތުރިއަރަނީ އެވެ. މިހުރިހާ އަހަރު ގާތް އެކުވެރިޔެއްކަމުގައި ދެކެވުނު ޤައިލާގެ ފަރާތުން މައިހާއަށް ފެންނަން ފެށީ ދެކޮޅުވެރިކަމެވެ. ނަފުރަތެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން މައިހާއަށް އުނދަގޫވެއްޖެއެވެ. އޭނައާއެކު ހީސަމާސާ ކުރި އެކުވެރިޔާ ކޮބާ ހެއްޔެވެ؟ އެކުވެރިކަމުގެ ނަޒަރުން ދެކެވުނީ ހަމައެކަނި އޭނައަށް ހެއްޔެވެ؟

''އަހަރެން...'' މައިހާ ބުނަން އުޅުނެވެ. އުތުރިއަރަން ފެށި ޖަޒުބާތުތަކުން މައިހާއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. އަރުތެރެވަނީ ބެދިފައެވެ. އޭގެ ސަބަބުން ލަފުޒުތައް އަރުގައި ތާށިވުން ނޫންކަމެއް ނުވިއެވެ. ދެތިން ނޭވާ މައިހާއަށް ދޫކޮށްލެވުނެވެ.

''ތީ ދާން އުޅުނު މީހާއެއްނު!... ދޭބަލަ!، އަހަރެން ނޫޅެން ހުއްޓުވާކަށް...'' ޤައިލާ ތުންއަނބުރާލިއެވެ. މޮޅިވެރިކަން ވެރިވެފައިވި މައިހާގެ މޫނަށް އިރުކޮޅެއްވަންދެން ބަލަން ޤައިލާއަށް ހުރެވުނެވެ. މައިހާގެ ދެލޯ ކަރުނުން ފުރުނީ ވެސް ޤައިލާ ބަލަން ހުއްޓާ އެވެ. ދުށުމަށް އެދެވުނު މަންޒަރަކީ އެއީއެވެ. ހިތުގައި ޖެހި މައިހާ ކަރުނަ އަޅާ މަންޒަރެވެ. ހިތާމަތައް ބަރުސާދްތުކުރަން ދަތިވެފައިވާ ތަނެވެ. މައިހާއަށް ލިބޭ ވޭނާއި ކެކުޅުމަކީ ޤައިލާއަށް ލިބޭނެ އުފަލެކެވެ. ޤައިލާގެ ހީލަތްތެރިކަމުން މައިހާއަށް މިވީހާތަނަށް ލިބުނު ކޮންމެ ހިތާމައެއްގެ ފަހަތުގައި ޤައިލާގެ އަތެއް ވެއެވެ.

''އަހަރެން ނޫޅެން އަޒް ގާތު ބުނާކަށް...'' އަމިއްލަ ނަފުސުގެ ދިފާއުގައި މައިހާއަށް ބުނެވުނީ އެހެންނެވެ. ދެމަފިރިއެއްގެ ދެމެދުގައި މައްސަލަޖައްސަން އުޅެދާނެ ކަމަށް ޤައިލާއަށް ހީކުރެވުނީ ހެއްޔެވެ؟ އެއީ ހާދަ ގޯސް ވިޔާނުދާ ވިސްނުމެއްކަން ޤައިލާއަށް ތަސައްވަރު ނުކުރެވެނީ ހެއްޔެވެ؟ އެފަދައިން އޭނައާއި މެދު ޤައިލާ ދެކުނީތީ މައިހާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ.

''އެހެންތަ؟، ހާދަ މާތް މީހެކޭދޯ...'' ޤައިލާ ކުރީ މަލާމާތެވެ. ފާޑަކަށް ބަލަން ހުރެފައި ހިނިގަނޑެއް ވެސް ޖަހާލައިފިއެވެ. މައިހާއަށް ހުރެވުނީ ގަބު އަރާފައެވެ. ކިތަންމެ ވަރަކަށް އެސްފިޔަތައް ތަޅުވާލި ކަމުގައި ވިޔަސް ޤައިލާގެ މޫނުން ފާޅުވަމުން ދިޔަ ރުޅިވެރިކަމަށް ބަދަލެއްނަ އެވެ.

''އެލީ...'' މައިހާ ގޮވާލުމުން، ފުސް މޫނު ދައްކާލާފައި ޤައިލާ ސިޑިން މައްޗަށް އެރިއެވެ. އޭރު މަތީގައި ކަންބަލަން ރިދާ ހުއްޓެވެ. ޤައިލާ މައްޗަށް އަރަން ފެށުމުން ރިދާ އެއްފަރާތަކަށް ޖެހިލި އެވެ. ޤައިލާ އެތެރެއަށް ވަނުމުން ރިދާ ވެސް އެތެރެއަށް ވަންނަން ހިނގައިގަތީ ރޮވިފައި ހުރި މައިހާއަށް އަވަސް ނަޒަރެއް ދެމުންނެވެ.

ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް މައިހާއަށް ފޮހެލެވުނެވެ. ހަށި ފުރާ ދިގު ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ޤައިލާގެ ފަހަތުން ގޮސް މަޢާފަށް އެދެން މައިހާ ވިސްނިއެވެ. ނަމަވެސް މަސްރަހު އިތުރަށް ގޯސްވެދާނެތީ އެފަދައިން ކަންތައްކުރަން ފަސްޖެހުނެވެ. ލިބުނު މާޔޫސްކަމާއެކުގައި މައިހާއަށް އިސްޖަހާލެވުނީ ގޮތް ހުސްވެފައިވާ ހާލުގައެވެ. އެކުވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހިގެން ގޮސްފިކަމުގެ ހިތި ހަޤީޤަތާއި ކުރިމަތިލާން އޭނައަށް މަޖުބޫރުވެއްޖެއެވެ. ޤައިލާގެ ރުޅިވެރިކަމުން އޭނައަށް އެކަން ސާބިތުކޮށްދީފިއެވެ.

*****

''މޭއި ދިޔައީތަ؟...'' ސޯފާގައި ރެޑްބުލް ދަޅެއް ބޯން އިން ރިއުމާނަށް ރިދާއާއި ޤައިލާ ފެނުމާއެކުގައި ސުވާލުކޮށްލެވުނެވެ. އިންތިޒާރުކުރެވުނު މޫނު ނުފެނުމުން ރިއުމާނަށް ޗޮކެއް ކަނޑާލެވުނެވެ. ފޫހިކަން އޭނަގެ މޫނަށް ވެރިވެއްޖެއެވެ. އޭނަ ހުރީ މައިހާއާއި މެދު ޝައުޤުވެރިވެފައެވެ. އެހެނިހެން އަންހެންކުދިންގެ ފަރާތުން ނުފެންނަ ތަފާތު ރީތިކަމެއް މައިހާގެ މޫނުން ފެނުމުންނެވެ. އެރީތިކަން ހާސިލްކުރަން އޭނަ ހުރީ އަޒުމުކަނޑައަޅައިގެންނެވެ.

''ރިއުމާނާ ހެދި ވާހާ ކަންތަކޭ...'' ރުންކުރު ރާގަކަށް ޤައިލާ ބުންޏެވެ. ޤައިލާ ސޯފާގައި އިށީނުމާއެކު ރިދާ ދިއްކޮށްލީ ޤައިލާއަށް ގެނެސްދީފައި ހުރި ސްޓޯބެރީ މޮހީތޯ އެވެ. ފިނި ބުއިމަކުން ޤައިލާ ހަމައަކަށް އެޅުވޭތޯއެވެ.

އެއްނޭވާއިން މޮހީތޯ ތަށި ޤައިލާ ހުސްކޮށްލިއެވެ. ޝައުޤުވެރިކަމާއެކު ޤައިލާއަށް ބަލަމުން ދިޔަ ރިއުމާން ސޯފާއަށް ހަށިގަނޑު ދޫކޮށްލައި ސޯފާގެ ލެނގޭބައިގައި އޭނަގެ ދެއަތް ފުޅާކޮށްލިއެވެ.

''ޔޫ ނީޑް ޓު ރިލޭކްސް...'' ރިއުމާނަށް މަޖާވިއެވެ. އެއާއެކު ޤައިލާ ބަލައިލީ ދެލޯހަނިކޮށްލަމުންނެވެ.

''ޑްރިންކްސް ގެންނަންދެން އަތާއި އެހެން ގުނަވަންތައް މައިތިރިކޮށްގެން ހުރިނަމަ މިހެން ނުވީސް!...'' ހުސްކުރި ތަށި ޤައިލާ ދިއްކޮށްލީ ރިދާގެ އަތަށެވެ. ހިދުމަތްތެރި ހާމިދެއްގެ ރޯލުގައި ހުރި ރިދާ ތަށި އަތުލަމުން ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި ބަހައްޓައިފިއެވެ.

''އެހާ ހޮޓް ފްރެންޑެއް ގެނައީމަ ވާނީ އެހެންދޯ، މޭއި ދިޔައީމަ ވަރަށް ދެރަވެއްޖެ...'' ރެޑްބުލް ދަޅުން ކޯވަރެއް ބޮމުން ރިއުމާން ބުންޏެވެ. މައިހާގެ ރީތިކަމަށް ރިއުމާން ތައުރީފުކުރުމުން ޤައިލާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރިއުމާންގެ މުލައްދަނޑީގައި ހޫނު ބޮނޑިއެއް ވެސް އަޅައިފިއެވެ. ރިއުމާނަށް ތަދުވެގެން މުލައްދަނޑީގައި ފިރުމާލައިފިއެވެ.

''ހަޤީޤަތަށް ބުނީމަ ތި ރުޅިއައީ، ޝީ އިޒް ހޮޓް، ގަޔަށް ދޫ އަބަޔާއާއެކު ވެސް ފުރިހަމަ ބޮޑީ ޝޭޕެއް ހުރީ، ޑޭމް...'' ތުނބުން ފުމެލާފައި ރިއުމާން ބުންޏެވެ. އޭނައަށް މައިހާގެ ޚިޔާލުތަކާއި ދުރެއް ނުވެވުނެވެ. އެއަންހެންކުއްޖާގެ ޖާދޫގައި އޭނަ ވަނީ ހަމަ ރަނގަޅަށް ވެސް ހައްޔަރުވެފައެވެ.

''އަހަރެން ރުޅިގަދަކުރަންތަ ތިއުޅެނީ؟، ރިއުމާން މަޑުން ހުރިނަމަ އެއަށްވުރެން އިންޓިމޭޓްކޮށް އޭނަގެ ހަށިގަނޑު ފެނުނީހެއްނު!...'' ޤައިލާ ކުދިކިޔާލިއެވެ.

''ދެން ބުނެބަލަ ކީއްވެ މޭއި ދެކެ ތިހާ ރުޅި އަންނަނީ؟، އެއީ އެލީގެ އެކުވެރިއެއްނޫންތަ؟...'' ރިއުމާންގެ ޝައުޤުވެރިކަން ގުޅިފައިވާ މައުޟޫޢުއަށް އޭނަ އަލިއަޅުވާލިއެވެ. ޤައިލާގެ ރޭވުން އޭނައަށް ކިޔައިދިނުމުން އެކަމާއި ފުރަތަމަ ރިއުމާން އެއްބަހެއް ނުވިއެވެ. އޭނަގެ ޝައުޤުވެރިކަން އަތުލީ މައިހާގެ ފޮޓޯއެއް ޤައިލާ ހިއްސާކުރި ހިސާބުންނެވެ. މައިހާއަށް ޤައިލާ ދޭން އުޅުނު ލަނޑަކީ އެކުވެރިޔެއްގެ ފަރާތުން ފެންނާނެ ފަދަ އަމަލަކަށް ނުވާތީ، ރިއުމާން އުޅުނީ މައިހާ ދެކެ ޤައިލާ ރުޅި އަންނަ ސަބަބު އޮޅުންފިލުވާށެވެ.

''އެއީ އަހަރެންގެ އެކުވެރިޔެއް ނޫން، އަބަދު ވެސް ފޫހިވޭ، ރުޅިއާދޭ، މަންމައާއި ބައްޕަގެ އެކްސިޑެންޓަށްފަހު އާންޓްގެ ރަށަށް ބަދަލުވާން ޖެހުމުން އޭނައާއި ދިމާވީ، ސްކޫލްގަ އުޅުނު އިރު ވެސް ތިމާވަރު މީހެއް ނެތްކަމަށް ހެދިގެން އުޅޭނީ، ކިޔެވުމަށް މޮޅުވީމަ ހުންނާނީ އާސްމާނުގަ، މާ ރަނގަޅު މީހަކަށް ވެގެން އުޅޭނީ، ހުސް ދެއްކުންތެރިކަން، އެހެންވެ އަހަރެން އޭނަ ދެކެ ފޫހިވަނީ، އަބަދު އުޅޭނީ އަނގަ މައިތިރިނުވެގެން، ބޮލަށްތުރާ...'' ޤައިލާގެ މޫނު ބަނަވެލިއެވެ. ރިއުމާން އިނީ ޤައިލާއަށް ބަލަންށެވެ. އޭނަގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

''ޔޫ އާ ޖެލަސް އޮފް ހާ... ދެން ބުނެބަލަ، މޭއި ރީތިވީމަދޯ؟، އައި މީން އައި ގެޓް އިޓް، އަސަލްއާއި ހިސްޓްރީއެއް ނެތްތަ؟...'' ރިއުމާންގެ ވިސްނުން ތޫނުކަމާއެކުގައި ޤައިލާ ކިޔައިނުދޭ ވާހަކަތައް ވެސް އޭނަ ދެނެގަތެވެ. ޤައިލާ ދެލޯބޮޑުކޮށްލުމާއެކު ބާރުބާރަށް ރިއުމާން ހޭންފެށިއެވެ. ވާނުވާ ނޭނގިފައި ހުރީ ރިދާ އެކަންޏެވެ.

''ޑޯންޓް!...'' ޤައިލާ ދިނީ އިންޒާރެކެވެ. ރިއުމާން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

''ހާދަ ފޯރިއެއްގަ...'' ސޯފާ ކައިރިއަށް ހުއްޓުނީ އިސްކޮޅުން ދިގު ޒުވާނެކެވެ. ދިގު އިސްތަށިގަނޑު އޮތީ ''މޭން ބަން''އަކުން އައްސާލާފައެވެ. ތުނބުޅިއާއި މަތިމަސް ވަނީ ތުނިކޮށް ޓްރިމްކޮށްލާފައެވެ. ދިގު އިސްކޮޅާއި އެއްވަރަށް ޖާނުން ވަރުގަދައެވެ. ގަވައިދުން ޖިމަށް ދާކަން ހާމަކޮށްދެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅީގައި މުއްސަނދިކަމުގެ ކުލަވަރެވެ. އަތުކުރީ އޮތް ގަޑި ވެސް ހާސް ޑޮލަރުން ގުނާލެވޭނެއެވެ.

''ލޫކް! މައި މޭން...'' ކުރިމަތީ ހުރި ލޫކަސްއަށް ރިއުމާން ބުނެލިއެވެ. ރިއުމާނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ލޫކަސް ބަލައިލީ ޤައިލާ އަށެވެ.

''އަހަންނަށްދޯ ލަހުން މިއާދެވުނީ، އިރުގަނޑެއް ވެއްޖެދޯ ތިބޭތާ؟...'' މޭޒުމަތީ ހުރި ބުއިންތައް ފެނި ލޫކަސްއަށް ހައިރާންކަން ލިބުނެވެ. އެއާއެކު ދެން ތިބި ތިން މީހުން ސިއްރުސިއްރުން ނަޒަރު ބަދަލުކޮށްލިއެވެ. ކުރިކަމެއް ރާވާފައިވަނީ ލޫކަސްއަށް ނޭނގިއެވެ.

''ދެންމެގަ ޑްރިންކްސްއައީ، ރެގިއުލާސް ވީމަ އަސްވާނެއެއްނު...'' ރިދާ ފަށުވި ދޮގެއް ހަދާލިއެވެ. މައިހާއަށް ދޭން ގެނައި ކޯކު ތަށި އޭނަގެ ގާތަށް ރިދާ ޖައްސާލިއެވެ.

ލޫކަސް އިށީނީ ޤައިލާގެ ގާތުގައެވެ. ހިޔަންޏަކަށް ވެސް އެދެމެދަށް ނުވަދެވޭނެހޭ ގާތުގައެވެ. އެދެމެދުގައި އޮތް ގާތްކަން ހާމަކޮށްދިނެވެ.

ލޫކަސް ފެނި ޤައިލާގެ ހަރާބުވެފައިވި ތަބީއަތު ރަނގަޅުވާން ފެށިއެވެ. ދޫކޮށްލި ފުން ނޭވާއަށްފަހުގައި ލޫކަސްއާއި އިތުރަށް ގާތްވެލިއެވެ. ލޫކަސް ފުޅާކޮށްލި އަތުގެ ތެރެއަށް ވަންނަމުން ލޫކަސްގެ ކަނދުރާގައި މޫނު ފޮރުވާލިއެވެ. ރިދާއާއި ރިއުމާނަށް އެއީ އާކަމަކަށް ނުވިއެވެ.

''ޔޫ ކޭމް އެޓް ދަ ރައިޓް ޓައިމް...'' ޤައިލާ ބުނެލިއެވެ. ލޫކަސް ލަހުން އައުން އެއީ ވެސް ޤައިލާގެ ރޭވުމުގެ ބައެކެވެ. އޭނައާއި ލޫކަސްގެ ގާތްކަން މައިހާއަށް ދައްކާލައި ނުތަނަވަސްކޮށްލަން ޤައިލާ ހުރީ ގަސްދުކޮށްގެންނެވެ. ހުރިހާ ގޮތަކުން މައިހާ ހާސްކޮށްލުމަށެވެ. ހިތާމައަކީ އެލަނޑުދަނޑިތައް ހާސިލް ނުވީތީއެވެ.

ނޭފަތުގެ ކުރި ލޫކަސްގެ ކަނދުރާގައި ހިންގާލަމުން ޤައިލާ ވަސްގަނެލިއެވެ. ލޫކަސް ވެސް ޤައިލާގެ އުނަގަނޑުގައި އަތް އަޅުވާލައި އިތުރަށް ކައިރިކޮށްލިއެވެ. ޤައިލާ މުޅިން ހަމައަކަށް އެޅުނީ ދެނެވެ.

''ގެޓް އެ ރޫމް...'' ރިއުމާން ދިމާކޮށްލިއެވެ. ލޫކަސްއަކީ ރިއުމާންގެ އެކުވެރިޔެކެވެ. ޤައިލާއަށް ލޫކަސް ތަޢާރަފްކޮށްދިނީ ވެސް ރިއުމާނެވެ. ރާއްޖޭން ބޭރުގައި ކިޔަވަން އުޅެފައި އައި ލޫކަސްގެ މައިންބަފައިންގެ ރިސޯޓަކަށް މަޖާކޮށްލަން އެރުވި ދައުވަތެއްގައި ރިއުމާން ދިޔައީ ރިދާއާއި ޤައިލާ ގޮވައިގެންނެވެ. ރިސޯޓުން ޤައިލާ ފެނި ލޫކަސްގެ ޝައުޤުވެރިކަން އުފެދުނެވެ. ކައިވެނިކޮށްގެން އުޅޭކަމުގެ ޚަބަރު ރިއުމާން ދިނަސް އޭނަ ހުރީ ޤައިލާ ހާސިލްކުރަން ބޭނުންވެފައެވެ. ޤައިލާ ކައިވެނިކޮށްގެން ހުރެ އޭނައާއި ނަހަމަ ގުޅުމެއް ބާއްވާތީ ވެސް ލޫކަސްގެ މާބޮޑު ސަމާލުކަމެއް ނެތެވެ.

ލޫކަސް އައުމުން ދެކެވެމުން ދިޔަ ވާހަކަތަކުގެ މިސްރާބު ބަދަލުވިއެވެ. ޤައިލާ ވެސް އިތުރަށް މައިހާއަށް ސަމާލުކަމެއް ނުދިނެވެ.

ޝީޝާ ގެނެސްގެން ދުން އެރުވުމުގައި ޤައިލާ އުޅެނިކޮށް އޭނަގެ ފޯނަށް އަސަލް ގުޅައިފިއެވެ. ޤައިލާގެ ކޮނޑާއި ކަނދުރާގައި ފިރުމަމުން ދިޔަ ލޫކަސްއަށް އެމަންޒަރު ފެނުނުވެ. ޤައިލާގެ ކަންފަތް ކައިރީގައި ތުންފަތް ޖައްސާލަމުން، ޤައިލާގެ އަތުން ލޫކަސް ފޯނު އަތުލިއެވެ.

''މިރޭ އަހަންނަށް ވަގުތު ދޭންޖެހޭނީ...'' ފޯނު ނިއްވާލަމުން ޤައިލާގެ ދަށްބަނޑުކޮޅުގައި ލޫކަސް ކޮއްޓާލިއެވެ. ހީލި އަރައިގަތުމުން ޤައިލާއަށް ހީގަނެވުނެވެ. ލޫކަސްގެ ބީހުންތަކަށް ޤައިލާ ދައުވަތު ދިނެވެ. އުފާވެރިކަމާއެކުގައެވެ.

(ނުނިމޭ)