ސައިތާނާގެ ބޭނުމަކީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުން ކަމަށާއި އެހެންވެ ނުބައިކޮށް ހިތި މީހާއަށް އެކަމުގެ ރައްދުގައި ހެޔޮކޮށް ހިތުމަށް ހައްޖު ހުތުބާގައި ގޮވާލައްވައިފި އެވެ.
ނަމިރާ މިސްކިތުގައި މިއަދު ދެއްވި ހައްޖު ހުތުބާގައި އަލްމަސްޖިދުލް ހަރާމްގެ އިމާމު ޝައިހް ޑރ. ސާލިހު ބުން އަބްދުﷲ ހުމައިދު ވަނީ ތަގުވާވެރިވުމަށް ނަސޭހަތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމާއި އެއީ އާހިރަތުގައި ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޝައިހް ވިދާޅުވީ، އިސްލާމް ކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް މަތީ ދަރަޖައަކީ އިހުސާންތެރިވުން ކަމަށާއި އިހުލާސްތެރިންނަށް މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ތެދުބަސް ބުނުމަށާއި ދޫ ރައްކާތެރިކުރުމަށާއި މާތް ﷲ އަށް ޝިރުކު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ޝައިހް އިތުރަށް ވަނީ އިލާހުވަންތަކަމުގެ ހައްގު ލިބިވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އަށްކަމާއި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުން ހައްގުވެގެން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މާތް ﷲ އަށް ޝަރީކު ކުރުމުގައި ހުރި ގޯސްތަކާއި ނުރައްކާތެރިވުމުގެ އެކަމަށް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ކީރިތި ރަސޫލާއަށް އީމާންވުމަށް ގޮވާލައްވައި، އެކަލޭނގެފާނު ގެންނެވި ކަންކަމަށް ފުރިހަމައަށް ތަބާވެ، މަނާކުރެއްވި ކަންކަމުން ދުރުވެ ރައްކާތެރިވުމަށާއި ހިނގާ ހުރިހާ ކަމެއްގައި އެންމެ ފަހު ނިޔާއަކީ މާތް ނަބިއްޔާގެ ސުންނަތް ކަމަށްވެސް ޝައިހް ވިދާޅުވި އެވެ.
ޝައިހުގެ ހުތުބާގައި ވަނީ މާތް ނަބިއްޔާ ގެންނެވި ނަމާދަށް ރައްކާތެރިވުމަށާއި ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ހައްޖުވުމުގެ މާތް ކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވައިފަ އެވެ.
ހައްޖުގެ ހުތުބާ އިއްވުމަށް ފަހު، ހައްޖާޖީން ވަނީ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށްފަ އެވެ. އެއަށްފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބުމަށްފަހު މިއަދުގެ އިރު އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް ދެން ދަތުރު ފަށާނީ މުޒްދަލިފާ އަށް ދިއުމަށެވެ.
މުހައްމަދު ސިމާއު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު