"ހަމަ މިހާރު މިތަނުން ރައްކާވޭ. ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މި އަންހެނާ ކައިރިއަށް ނާދެވިގެން ދޯ ތިއައީ. ބުނަން... ކަލޭ ތިއީ މަގޭ ބަފައެއް ނޫން މަގޭ މައްޗަށް ބަސް ބުނާކަށް. މިބުނީނު މިތަނުން ދާށޭ...." ވިޝާހު އަށް ޒުނީނު ބަލަހައްޓައިގެން ހުރީ ނަފްރަތުގެ ބެލުމަކުންނެވެ. ހެލީން އާ އެއްކޮޅަށް ވިޝާހު ވާހަކަދެއްކީތީ އޭނާ ވަރަށް ހިތްހަމަނުޖެހިއްޖެއެވެ.

"ބީރުތަ؟... ދާށޭ..." އަނެއްކާވެސް ޒުނީނު އަޑުގަދަކޮށްލިއެވެ.

ހިތްހަމަނުޖެހުމުގެ ބެލުމަކުން ޒުނީނުއަށް ބަލަހައްޓައިގެން ވިޝާހު ހުއްޓެވެ. މަންމަ ދެކެ ހިތްހަމަނުޖެހިފައެވެ. މަންމަ އަށް ވީތީ ދުލުން ބޭނުންވާ އެތި ނުބުނެވޭނެތީ އުނދަގުވެފައެވެ.

"ޝާހު ދޭ. ދައްތަ ބުނާގޮތް ހަދަންވާނެ. އަހަރެން މިދަނީ ދާން އެގެއަށް. ދެން ދައްތަ ޝަކުވާކުރާކަށް ނުޖެހޭނެ" އެނދުން ފައިބައިގެން އައި ހެލީން ބުންޏެވެ. އޭނާގެ ސަބަބުން ދަރިއަކާ މަޔަކު ދެބަސްވެ މައްސަލަތަކެއް ޖެހޭކަށް ބޭނުމެއް ނުވެއެވެ. ޒުނީނު ދެލޯ އަޅައިގެން ހުރީ ހެލީން އަށެވެ.

"އަހަރެން ދާނީ ހެލީ ގެއަށް ގެންގޮސްދީފަ" ވިޝާހު ބުންޏެވެ.

ގަބޫލުނުކުރެވިފައި ޒުނީނު އަނެއްކާވެސް ވިޝާހުގެ މޫނަށް ބަލައިލިއެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިންމިފަހަރުވެސް ކުރިބެއްދީ ހެލީން އެވެ.

"އުނހު... ފިހާރައަކަށް ވަދެލާފަ ދާންވެގެން. ޝާހު ދޭ އަވަހަށް" ހެލީން ބުންޏެވެ.

ވިޝާހު ހިނގައިގަތެވެ. ފަހަތަށް އެނބުރިފައި އަދި އެއްފަހަރު ހިތްހަމަނުޖެހުމުގެ ބެލުމަކުން ޒުނީނު އަށް ބަލައިލިއެވެ. އޭނާއަށް އެނގެއެވެ. އޭނާ އާ އެކުގައި ދާން ހެލީން ދެކޮޅުވީ މަންމަގެ ސަބަބުންނެވެ.

"މިގުޅަނީ ޒަމްރުއަށް ކަލޭ ބަލައި އަންނަން" ލައިގެން ހުރި ބޮޑު ހަރުވާޅުގެ ޖީބަށް އަތް ކޮށްޕާލާފައި ފޯނު ނަގަމުން ޒުނީނު ބުންޏެވެ.

"އުނހު. އޭނަ މިގަޑީގަ ހުންނާނީ އޮފީހުގަ. ފިހާރައަށް ވަދެލާފަ އަހަރެން ދާނަން" ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ހެލީން ބުންޏެވެ.

"ފިހާރައަކަށޭ. ރުފިޔާ އެބަހުރިތަ؟" ޒުނީނު އަހާލިއެވެ. އޭނާގެ އަޑުގައި މަލާމާތުގެ އަސަރު ވިއެވެ.

"ހެހެހެ.. ދައްތަމެންގެ އަހަރެންގެ ކައިވެނި ތިކުރުވީ މާލޭގެ ބޮޑު މުއްސަންޖަކާއެއްނު. ލާރި ނުހުންނަންވީ ކީއްވެ؟" އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ހެލީން ބުންޏެވެ. އެއިން އެއްވެސް ފައިސާއެއްގައި އޭނާ އަދި އަތެއް ނުލައެވެ. ފައިސާއަކަށް ނުވެސް އެދެއެވެ. ދުވަހަކުވެސް އެދެވޭނެ ކަމެއްވެސް ނޭނގެއެވެ.

ހީލާފައި ޒުނީނު އައިސް ހެލީންގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އެކަމާ ހެލީން ހައިރާނެއް ނުވެއެވެ. އެއީ ޒުނީނުގެ އާދައެވެ. ލޯބިވާއިރު ގައިގައި ފިރުމާނެއެވެ. އެ ލޯބި ގުޅިފައި އޮންނާނީ ކޮންމެސް އަމިއްލަ އެދުމަކާއެވެ. ރުޅިއަންނައިރު ދުލަށް އައިހާ އެއްޗެއް ބޭރުކޮށްލާނެއެވެ. ކަށްވަޅުގައިއޮތް މައިމީހާ އާ ގުޅުވާ އެތައް ބަދު ބަހެއް ބުނާނެއެވެ. ދުވަހަކުވެސް ލޮލުން ނުދެކޭ ބައްޕަ އާ ބެހޭގޮތުން ހިތަށް އެރި އެއްޗެއް ބުނާނެއެވެ. ދުވަހަކުވެސް ފަސޭހަނުވާނޭ ފަދަ ޒަހަމްތަކެއް ހިތުގައި ލައްވާނެއެވެ. ބައެއްފަހަރު ހެލީން އަށް ހީވެއެވެ. ދައްތަ އޭނަ އަށް ހެޔޮއެދެނީ ހަމައެކަނި ފައިސާއަށްޓަކައެވެ. އެގެއިން ދައްތަ ބޭނުންވާވަރަށް އަހަރެން ފައިސާ ބޭރުކުރާނެއެވެ. އެހެންނަމަވެސް އެއީ ކުއްހީއެކެވެ.

"ތިހެން އުޅެންވީ މީހެކޭ ހެލީނު ތީ. ތިވަނީ ފައިސާގެ ހާއްޔަކަށް ވަދެވިފަ. ނިކަން އެ ގަނޑުވަރު ތެރޭގަ ރަސްކަން ކޮށްބަލަ. ހެލީނު އެ އާއިލާއާއެކު ބަސްއަހައިގެން އުޅުނީމައެއްނު ދައްތަމެންގެ ދިރިއުޅުމުގެ ފެންވަރުވެސް ރަނގަޅުވާނީ"

"ދިޔައީ..." ފުންނޭވައެއް ދޫކޮށްލާފައި ހިނގައިގަންނަމުން ހެލީނު ބުންޏެވެ.

ދަބަސްތެރޭގައި އޮތް މާސްކު ނަގާފައި އޭނާ އަނގަ އާ ނޭފަތް ނިވާވާނެހެން އަޅުވާލިއެވެ. މަގުމަތީގައި އޭނާ އުޅެނީ އެ މާސްކުގެ ނިވަލުގައެވެ. އެގޮތަށް އޭނާ އުޅެންޖެހޭނީ ކިހާ ދުވަހެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

****

ގޭދޮރުން އެތެރެއަށް އޭނާއަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް ގެންގުޅޭ ކުއްޖަކު އައިސް އޭނާގެ އަތުގައި އޮތް ދަބަހުގައި ހިފައިފިއެވެ. ހެލީން ހިތްހަމަނުޖެހުނެވެ. އެފަދަ ދިރިއުޅުމަކަށް އޭނާ އާދަވެފައި ނެތީތީ އެވެ. މިހާރު ތަކުރާރކޮށް އެކުދިން ކައިރީގައި އޭނާގެ ހިދުމަތުގައި ނުތިބެން ބުނެދީފިއެވެ. އޭނާގެ އަމިއްލަ މިނިވަންކަމުގައި ގޭތެރޭގައި އުޅުނަދޭށޭ ބުނެފިއެވެ.

"އަނހަ ދަރިފުޅު އައީތަ؟ މަންމަ މިހުންނަނީ ދަރިފުޅު އައިމަ ކާންވެގެން" ސިޑިން ފައިބައިގެން އައި މާޔޫން ބުންޏެވެ.

"އެގެއިން ކައިފިން" ހެލީން ބުންޏެވެ. އޭނާ މާޔޫންއަށް ހަތަރުކަޅި ހަމަކޮށް ބަލައިވެސް ނުލައެވެ.

މާޔޫން އެއްޗެއް ބުނުމުގެ ކުރިން ހެލީން ހިނގައިގަތެވެ. އެހިނދު އޭނާގެ އަތުގައި ހިފީ ފަނަރަ އަހަރުގެ ގާޔާއެވެ. އެއީ ޒަމްރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

"ދޮންބެދައްތައަށް އެއްޗެއް ދައްކާލަންވެފަ އޮތީ. ހިނގާބަލަ. މިއަދު އައީ އޯޑަރު ކުރި އެއްޗެހި. ދޮންބެދައްތައަށް ވެސް ގެނައިމޭ" ގާޔާ ބުންޏެވެ.

ހެލީން ގަޔާނުވިއެވެ. ކިތަންމެ ތަނަވަސްކަން ހުރި ގެއެއް ނަމަވެސް އެގޭ ހަތަރުފާރުން އެތެރެވުމާއެކު އޭނާއަށް ހީވީ އެތެރެހަށީގައި ނޭވާ ތާށިވާހެންނެވެ. އޭނާގެ އަތާ ގާޔާގެ އަތް ވަކިކޮށްލިއެވެ. ހެލީން ހިނގައިގަތެވެ. ސިޑީގެ ވަކި ހިސާބަކަށް އޭނާ ފަހަތް ބަލައިލިއެވެ. މާޔޫން އާއި ގާޔާގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުއްޓާ ފެނުނެވެ. އެހެންނަމަވެސް އޭނާ އަޅައެއްނުލައެވެ. ސިޑިން އަރައިގެން އައި ގާޔާ އާ އެއްހަމައެއްގައި މާޔޫން ހުއްޓުނެވެ. ހެލީންގެ ދުރުކަން އޭނާ ރޮއްވާލައިފިއެވެ. އެއީ ކޮންމެދުވަހަކު ގާޔާ ހިތްދަތިކުރުވާ ކަމެކެވެ. ހެލީން އާ ގާތްވާން އޭނާ ކުރާ އެއްވެސް މަސައްކަތެއް އަދި އޭނާއަށް ކާމިޔާބެއް ނުވެއެވެ. ގާޔާ ހިތުގައިޖެހިފައި ހުރިތަން ފެނުމުން މާޔޫންގެ ހިތުގައިވެސް ރިއްސާލިއެވެ.

"އަދި ރަނގަޅުވާނެ. ގާޔޫ ދުއާކުރައްޗޭ" ގާޔާގެ ކޮނޑުގައި ހިފަހައްޓާ ގަޔާ ކައިރިކޮށްލަމުން މާޔޫން ބުންޏެވެ.

****

ބޮޑުކޮޓަރީގައި އާއިލާގެ ހުރިހާ މެންބަރުން ހަމައަށް ތިއްބެވެ. ނިގާރުގެ ވާހަކަތައް ފަށައިފިއެވެ. ފަހުމީ ޓީވީގެ އަޑު މަޑުކޮށްލިއެވެ. އޭނާ އަބަދުވެސް އާއިލާ މަޝްވަރާތަކަށް ސަމާލުކަންދެއެވެ.

"ނައި ގެ ކައިވެނީގެ ވާހަކަތައް ދައްކާނީ ކޮންއިރަކުންތަ؟" ނިގާރު ބުންޏެވެ.

"އަހަރެންގެ ކައިވެންޏޭ" އިއަރޕޮޑް ކަންފަތާ ދުރުކޮށްލަމުން ނައިޝަމް ބުންޏެވެ.

ކައިރީގައި އިން ނަހުމާ ނައިޝަމްގެ އަތުގައި ހިފެހެއްޓިއެވެ. ކޮއްކޮގެ ރުޅިގަނޑު ކޮންޓުރޯލުން ނެއްޓޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު ދެން އިސާހިތަކު ގޭތެރޭގައިބޮން ގޮވާފާނެއެވެ. މަންމަގެ ވާހަކަތަކެއް ހުއްޓައެއްނުލާނެއެވެ.

"އާނ ނައި ގެ ކައިވެނި. މަންމަމެން ދެކެން ބޭނުންވާ ދުވަހެއް އެއީ" ނިގާރު ބުންޏެވެ.

"ހެލީން ހޯދައިދީ. އޭރުން ތިކަމާ މަންމަމެން ހާސްވާކަށް ނުޖެހޭނެ" ނައިޝަމް ބުންޏެވެ.

"ތި ހެލީނެއް ނޫޅޭ ނައި އަކާ ހެދިގެނެއް. ނައި ކީއްވެ އެހާވަރަކުން ތިއުޅެނީ؟ އަންހެނުން ހުސްވީތަ މިދުނިޔެއިން؟ މިހާރު އެއީ ނައި ގެ ހިޔާލަށް ފެންނަ ތަސްވީރެއް ހަމައެކަނި. އޭނަ މީހަކާ އިނދެގެން އެބައުޅޭ. މީހެއްގެ އަންބަކަށްތަ ތި އިންތިޒާރުކުރަނީ" ނިގާރު ބުންޏެވެ.

"ތިއީ ތެދަކަށް ވެދާނެ. އެކަމަކު ހެލީން މީހަކާ އިނުމަކީ އަހަރެން އޭނަ މަތިން ފޫހިވާންޖެހޭ ސަބަބެއް ނޫން. ހޯދާނަން ހެލީން. މުޅި ރާއްޖެވެސް ބަލާނަން. ނުފޮރޮޅާ އެންމެ ގަލެއްވެސް ނުބާއްވާނަން" މުށްކެވިފައިވި އަތްތިލަ އަނެއް އަތްތިލައިގެ ތެރެއަށް ލައިގެން އިން ނައިޝަމްގެ ދެލޮލުގެ ކަޅި ހުއްޓުމެއްނެތި އެއްކޮޅުން އަނެއްކޮޅުން ދަތުރުކުރަމުން ދިޔައެވެ. އެމަންޒަރު ނަހުމާ ނޫން އެހެން މީހަކަށް ނުފެނެއެވެ.

ނިގާރު ހިތްހަމަނުޖެހުނެވެ. ހިތްހަމަނުޖެހުމުގެ އަސަރުތަކާއެކު އޭނާއަށް ބަލައިލީ ފަހުމީގެ މޫނަށެވެ. އެކަން ފަހުމީއަށް ނަގައިގަނެވުނެވެ.

"އަހަރެން" ނިގާރު އެއްޗެއް ބުނަން އުޅުނެވެ.

"ދެން ހެޔޮ. ބޮޑުވެފައި ތިބި ދަރީންނަށް ތިހެން މަޖުބޫރެއް ނުކުރެވޭނެ. ނައި ނޫޅޭ މުޅިއުމުރު މީހަކާ ނުއިނދެ ހުސްކޮށްލާކަށް. އިހަށް ތިވާހަކަދެއްކުން ހުއްޓާލަންވެއްޖެއްނު" ނަހުމާ ބުންޏެވެ. ނައިޝަމްގެ ދެއަތްތިލަ ނަހުމާ ވަކިކޮށްލިއެވެ. އޭނާގެ އަތްތިލަ ނައިޝަމްގެ އަތްތިލައިގެ ތެރެއަށް ލައްވާލިއެވެ. އެހިނދު ނަހުމާގެ އަތްތިލައަށް ނައިޝަމް ބާރުކޮށްލިއެވެ.

އިރުކޮޅަކުން ނައިޝަމް އަންނާނީ ރުޅިކަން ނަހުމާއަށް އިނގެއެވެ. ތަނަށް ބޮމެއް ވެއްޓުމުގެ ކުރިން ނަހުމާ ބޭނުންވީ ވާހަކަތަކަށް ނިމުމެއް ގެންނާށެވެ. އޭނާ އަބަދުވެސް ތެދުވަން ބޭނުންވަނީ ނައިޝަމްގެ ކޮޅަށެވެ. އޭނާ މިދުނިޔޭގައި ހުރި އެންމެ ލޯބިވާ މީހަކީ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ އެވެ. އޭނާ ނައިޝަމް އަތުގައި ހިފައިގެން ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

"ފަހުމީ ހަމަ އެއްވެސް އެއްޗެއް ނުބުނާންތަ؟ ބަލަ ދަރީންގެ ކަންކަމުގައި ގޮތް ނިންމުމަކީ ފަހުމީވެސް ކުރަންޖެހޭ ކަމެކޭ" ނިގާރު ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

"އަހަންނަކަށް ނުވިސްނޭ ނައިޝަމް ކައިވެންޏެއް ނުކޮށްގެން ނިގީ ތިހާވަރުން ތިއުޅޭ ސަބަބެއް. ބަލަ ދަރީންނަށް މަޖުބޫރު ކުރުމަކީ މައިންބަފައިންނަށް ހެދޭ ގޯހެއް. ދަރީން ދިރިއުޅުމެއް ފަށަންވީމަ އައިސް މައިންބަފައިންގެ ރުހުން ހޯދާނެ" ފަހުމީ ވާހަކަދެއްކިއެވެ.

"އާޗާ.. ކިހާ ތާހިރު... އެހެންވީމަ ތި ތިންބަފައިން އެއްބައިތާ. މަ މީ އެއްވެސް މީހެއްނޫން ދޯ. ބަލާބަލަ ނަހުމާ އަހަންނަށް ބަވާލާފަ ދިޔަ ގޮތް. އަހަންނަށް ކޮށްދެވުނު ކަމެއް ނެތެއްނު" ނިގާރު ދެލޮލަށް ކަރުނަ ގެނުވީ ގަދަކމުންނެވެ.

"ނަހުމާގެ ގޮތް ނިގީ އަށް ނޭނގޭތަ! ނައި އަށް ޓަކައި އެމަންޖެ ފުރާނަވެސް ދީފާނެ" ފަހުމީ ބުންޏެވެ.

ނިގާރުގެ ހިތްހަމަނުޖެހުން އަދިވެސް ފިލައިގެން ނުދިޔައެވެ. އޭނާ އެދޭ ފަދައިން ގޭތެރޭގައި ކަމެއް ނުވިއްޔާ މުޅި ދުވަހު އޭނާ ހުންނާނީ ކަޓާފައެވެ. އަމުދުން އޭނާގެ ކޮޅަށް ފަހުމީ ނުޖެހިއްޖެނަމައެވެ.

****

ކޮޓަރިއަށް ވަތްގޮތަށް ހެލީން ދޮރުލައްޕާލިއެވެ. ލަސްލަހުން ހިނގާފައި އޭނާ އައީ އެނދާ ދިމާލަށެވެ. އިސްޖަހައިގެން އިރުކޮޅަކު އޭނާ އިނެވެ. ރޮނގެހެއް ކޯތާފަތްމަތިން ފައިބައިގެންދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފޮހެލުމަށްފަހު އެތެރެއަށް ނޭފަތް ދަމާލިއެވެ. އޭނާ ހިތްދަތިކުރުވަމުން ދިޔައީ އޭނާގެ އަމިއްލަ ނަސީބާ މެދުގައެވެ. ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. މިދުނިޔޭގައި އޭނާގެ ހުރީ ކާކު ހެއްޔެވެ؟ ދައްތަ އެހާ އޭނާއަށް ނަފްރަތުކުރަންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ ބޯ ހަމަޖައްސާލަން ދެން ނިކުމެގެން ގޮސް ވަންނާނީ ކޮންތަނަކަށް ހެއްޔެވެ؟ ފިރިމީހާގެ ގެއިން އޭނާއަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ދުވަހަކުވެސް ހުވަފެނަކުންވެސް ނުދެކޭހާ ތަނަވަސް ދިރިއުޅުމެކެވެ. ހޭލާ ވަގުތު ފައިދަށަށް ފައިވާން ކިބަ ލައްވާލަންވެސް އޭނާއަށް ހާއްސަ ނޯކަރުން އެބަތިއްބެވެ. ފައިސާ އާއި އުފަލާ އަރާމު ދުނިޔެއެއްގައި ރާނީއެއްހެން އުޅެވެން އެބައޮތެވެ. މިނިވަން ކޮކާލެއްހެން މާމަލުގެ ބަގީޗާއެއްގައި އުދުހިލަން އޭނާއަށް މުޅި އުމުރު ވަނީ ލިބިފައެވެ. އެހެންނަމަވެސް އޭނާ ހިތްހަމައެއްނުޖެހެއެވެ. ޒަމްރުގެ އަންބެއްގެ މަގާމުގައި އިންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކުއްލިއަކަށް ސިކުނޑީގެ ކަނެއްގައި ކުޅެލީ ނައިޝަމްގެ ފޮނި ހަނދާނެކެވެ. އޭނާގެ އުމުރުން އަށާރަ އަހަރުވީވެސް ނައިޝަމް އާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށެވެ. ފުރަތަމަ ދެމީހުންނަށް ވެސް އައީ އުފާވެރިކަމެވެ. ހީކުރެވުނީ އެ ލޯތްބަށް ހުރަސްއަޅާނެ އެއްވެސް ބާރެއް ދުނިޔޭގައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އޭނާ ހީވެސްނުކުރާ ފަދަ ގޮތަކަށެވެ. ނައިޝަމްގެ އާއިލާ އަށް ތައާރަފްވިފަހުން ހަފަރާތުން އައީ މަޖުބޫރީ ބަސްތަކެވެ. އިންޒާރުގެ މެސެޖުތަކެވެ. ނައިޝަމް ދޫކޮށްލަން އޭނާއަށް މަޖުބޫރުވީއެވެ. ނައިޝަމްއަށް ފިލައިގެން އުޅުން ނޫން ގޮތެއް އޭނާއަށް ނެތެވެ. ކުއްލިއަކަށް އޭނާ ތެދުވިއެވެ. ވޯޑްރޯބް ކައިރީގައި މަޑުކޮށްލުމަށްފަހު އޭނާއަށް ހާއްސަ ބައި ހުޅުވާލިއެވެ. އޭގެއިން އޭނާ ނެގީ ރަތްކުލައިގެ މާތަކެއް ޖަހާފައި ހުރި ހުދުކުލައިގެ ފޮއްޓެކެވެ. އެއީ އޭނާގެ މުހިންމު ބައެއް ސާމާނު ރައްކާކުރާ ބެންކެވެ. އޭނާ ފޮށި ހިފައިގެން އައިސް އެދުގައި އިށީނެވެ. ކަރުގައި އޮތް ރިހި ފަށުގައި އަޅުވާފައި އޮތް ރިހިކުލައިގެ ކުޑަކުޑަ ތަޅުދަނޑި އޭނާ ނެގިއެވެ. ފޮށި ހުޅުވާލީ އެ ތަޅުދަނޑިންނެވެ. ފޮށި ހުޅުވާލުމާއެކު ފުރަތަމަވެސް އޭގެއިން އޭނާއަށް މަރުހަބާ ކިއީ އެންމެ މަތީގައި އޮތް ހުދު ކުލައިގެ ސިޓީ އުރައެވެ. އޭނާ ސިޓީ އުރަ ނެގިއެވެ. އޭގައި ހުރި ފައިސާގެ ބޮޑެތި ނޫޓުތައް އުނގަށް އޮށްސާލިއެވެ. އޭނާ ދެއަތުން ފައިސާތައް ނެގިއެވެ. އޭނާ ގިސްޖެހި ރޯންފެށިއެވެ. ކެތްތެރިކަން ހުރި އިންސާނަކަށް ނޫނީ ހަމަޖެހިގެން އިނދެ އޭގައި ކިހާ ފައިސާއެއް ހުރިކަން ނުގުނޭނެއެވެ. އޭގައި ހުރީ ކިހާވަރެއްކަން ހުދު އޭނާއަށް ވެސް ނޭނގެއެވެ. އޭނާއަށް އެނގެނީ ކޮންމެ މަހަކު އެއަށް ފައިސާ އިތުރުވަމުންދާ ކަމެވެ. އެ ފައިސާ އާ ބެހޭ ހަގީގަތް އެނގެނީވެސް އޭނާ އާ އެހެން މީހަކަށެވެ. އޭނާ އަލުން ފައިސާތައް ހުރިގޮތަށް ސިޓީއުރައިގެ ތެރެއަށް އަޅާލިއެވެ. ފޮށިތެރޭގައި ހުރި ނައިޝަމްގެ އެކި ހަނދާންތަކެވެ. އެކިއެކި މުނާސަބާތަކާ ގުޅިގެން ނައިޝަމް ދިން ހަދިޔާއެވެ. ކުއްލިއަކަށް އޭނާ ފޮށި ލައްޕާލިއެވެ. މީހާރު ކިތަންމެ ވަރަކަށް އޭގައި ފިރުމާ ބޮސްދީ ހެދިޔަސް ބަދަލުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ދުނިޔެ ވަނީ ގޮތް ނިންމާފައެވެ. ހަގީގަތް އޮތީ ހާމައަށް ފެންނާށެވެ. ކަބަޑުތެރޭގައި ފޮށި ބަހައްޓާފައި އޭނާ ވޯޑްރޯބުގެ ދޮރުފަތް ލައްޕާލިއެވެ. ދޮރުފަތުގައި ލެގިލިގޮތަށް އޭނާ އިސްޖަހާލިއެވެ. އަލަތު ކައިވެންޏަށްފަހު އަންހެންކުއްޖާގެ ހަޔާތަކީ އުފާވެރި ހަޔާތެކެވެ. އޮންނަނީ ދެމަފިރިންނަށް އެކުގައި ވަގުތު ހޭދަކޮށްލަން ސައްވިސް ގަޑިއިރުވެސް އޮންނަނީ މަދުވެފައެވެ. އޭނާ ފިޔަވައެވެ. ކައިވެންޏަށްފަހު އޭނާއަށް އެންމެ މިނެޓެއްވެސް އިހުސާސު ވަނީ އެއް އަހަރު ފަދައިންނެވެ. އެގޮތުގައި މުޅި އުމުރު އޭނާ ޖެހޭނީ ހޭދަކުރާށެވެ. ކަންކަން ބަދަލުވާނެނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެހެނަސް..... ކުރިމަތީގައި ހުރި ފާރަށް އޭނާ ނަޒަރު ހުއްޓާލައިފިއެވެ. އޭނާގެ އިސްކޮޅާ އެއްވަރަށް އެ ފާރުގައި ފެންނަން ހުރި ތަސްވީރަކީ ހަގީގަތެވެ. އެއީ ކައިވެނިވުމަށްފަހު ޒަމްރު އާ އެކު އޭނާ ނެގި ފުރަތަމަ ފޮޓޮއެވެ. އެ ފޮޓޯގެ ސައިޒު އެވަރަށް ބޮޑުކުރީ ޒަމްރުއެވެ. އެ ފްރޭމުގައިވާ އޭނާގެ ތަސްވީރުގައި ފެންނަން ހުރި އޭނާގެ ތުންފަތުގައިވި ހިނިތުންވުން ރަމްޒުކޮށްދެނީ އޭނާއަށް ގެ މަޖުބޫރީ ދިރިއުޅުމެވެ. އެ ހިނިތުންވުމާ އުފާވެރިކަމާ ގުޅުމެއް ނެތްކަން އެނގޭމީހަކު މިދުނިޔޭގައި ނެތެވެ. ހެލީން ދެލޯ މަރާލިއެވެ.

"ހެލީ ނެތް ގަޑިގަޑީގަވެސް އަހަންނަށް އެ ފޮޓޮއަށް ބަލައިގެން ހިތްހަމަޖެހުން ހޯދޭނެއްނު" ޒަމްރު ބުނާނީ އެހެންނެވެ. އެވަރަކުން އަދި ފުދުނީއެއްވެސް ނޫނެވެ. ސައިޑްކަބަޑު މަތީގައި ބަރިބަރިއަކަށް ހުރީ ކައިވެނީގައި ދެމީހުން ނަގާފައިވާ އެކި ފޮޓޯތަކެވެ. ހިތެއްގެ ބައްޓަމަށް ހުރި ފްރޭމެއްގައި އެކި ގޮތްގޮތަށެވެ. ހެލީން ބޮލަށް ވީ އުނދަގުލެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް އޭނާ އެނދު ކައިރީގައި ހުއްޓުނެވެ. ފްރޭމް ބަންޑުން ވާގޮތަށް ބޭއްވިއެވެ. ދެން އޭނާ އެނދުގައި އިށީނެވެ. ހެޑްބޯޑުގައި ލެގިލުމަށްފަހު އޭނާގެ ފޯނު ނެގިއެވެ. މުޅި ދުވަސް ދެން ދާނީ އެފަދަ ގޮތަކަށެވެ.

****

ލޯގަނޑު ކައިރީގައި ރީތިވާން ހުރި ނަހުމާ ބަލައިލީ ކޮޓަރީ ދޮރުގައި ޓަކި ދިން އަޑަށެވެ. އޭނާ ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ނައިޝަމް އެވެ. އޮފީހުން އައިގޮތަށެވެ. ފުރަތަމަވެސް އޭނާއަށް ނަޒަރު ހިންގާލެވުނީ ނައިޝަމްގެ ދެފައިން ފެށިގެން ބޮލަށެވެ. އެއީ އޭނާ ދެކެން ހާދަ ބޭނުންވި ދުވަހެކެވެ. ބައްޕަ އާއެކު މިއަދު ނައިޝަމް އޮފީހަށް ނިކުތީ އޭނާ އެތައް ނަސޭހަތެއް ދީގެންނެވެ. އޭނާގެ ބަސްގަބޫލުކޮށް ނައިޝަމް ދިރިއުޅުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އެޅީތީ މިއަދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެއެވެ.

"ހުދުކުލަ ނައި އާ ވަރަށް ގުޅޭ" ނަހުމާ ބުންޏެވެ.

"ހެލީ ދިން ސެޓު މިއީ" ނައިޝަމްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި ނަހުމާގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ.

"ހެލީގެ ޗޮއިސް އެއްނު. ޕާފެކްޓް" ހީލަމުން ނަހުމާ ބުންޏެވެ.

"ތެންކިޔު ދޮންތާ. ދެރަވަނީ އަހަރެން މިހެން ހުއްޓަ ހެލީ އަށް ނުފެނުނީމަ" ނައިޝަމް ބުންޏެވެ.

"ވަރަށް ސްމާޓް" ނަހުމާ ބުންޏެވެ.

ތެދެކެވެ. ނައިޝަމް އަކީ އިސްކޮޅުން ދިގުކޮށް ހުންނަ ޒުވާނެކެވެ. އޭނާގެ ބައިމަތި ފުޅަލެވެ. ކަޅުކަން ގަދަ ބޮޑު ދެ ބުމައިގެ ދަށުގައި ވަނީ ޗޮކްލެޓް ކުލައިގެ ދެ ލޮލެވެ. ކަނދުރާއިން ކުޑަތަންކޮޅެއް ތިރިއަށް ލޭއާސްކޮށް ކޮށާފައިވާ އިސްތަށިގަނޑާއި އެކުވެފައިވާ އޭނާގެ ތުނިތުނި މަތިމަހާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަށް އިތުރުކޮށް ދެއެވެ. ނައިޝަމްގެ އަންހެންކުދިން އެންމެ އަޅައިގަންނަ ތަނަކީ ދަތްދޮޅީގެ ދަށުން ބޭރަށް ނިކުމެފައި ހުންނަ އޭނާ ލަގޮނޑިއެވެ. ނައިޝަމް ވާހަކަދއްކާއިރު ލަގޮނޑި ތެޅިލާގޮތެވެ. އޭނާ ހިތްއެދޭ ކޮންމެ ތަނަކަށް ނަޒަރު ހަމަކޮށް ބަލައިލާއިރު އެހުންނަ ތަފާތު އަސަރެވެ. ރުޅިއައިސް ދެއަތްތިލަ މުށްކެވިގެންދާ ވަގުތު އޭނާގެކޯތާފަތުގެ ދެފަރާތުން ކަތުރު ކަށިގަނޑަށް ވާންވެލާ ގޮތެވެ.

"ދޮންތަ ބުނަންތަ ވާހަކައެއް. ދުވަހަކުވެސް ނައި ޖިމަށް ދިޔުން ހުއްޓާނުލައްޗޭ. މާޝާﷲ ކިހާ ދުވަހެއްފަހުން ތިހެން ނައި ހުއްޓަ މިފެނުނީ" ހަގީގަތުގައިވެސް ނަހުމާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ދެރައީ މަންމަގެ ކޮންމެ ވާހަކައަކުން ނައިޝަމްއަށް ތަކުލީފު ލިބިގެންދާކަމެވެ. ވަގުތުން ނައިޝަމްގެ އުފާވެރިކަން ނެތިގެންދާ ކަމެވެ.

"ދޮންތަ ގުޅީ ކީއްކުރަން" ނައިޝަމް ބުންޏެވެ.

"ތަނަކަށް ގެންގޮސްދެވޭނެތަ" ނަހުމާ ބުންޏެވެ.

"ކޮންތާކަށް" ނައިޝަމް އަހާލިއެވެ.

(ނުނިމޭ)