ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް 2020 ވަނަ އަހަރު ތައާރަފުކުރި ލޯޔަލްޓީ ޕްރޮގްރާމް ޕްރިވިލެޖް މޯލްޑިވްސް ރީލޯންޗްކޮށްފިއެވެ.

ޕްރޮވިލެޖްޑް މޯލްޑިވްސް ލޯޔަލްޓީ ކާޑު ރީލޯންޗްކޮށްފައިވަނީ އެކަމަށްޓަކައި ކ. ތުލުސްދޫގައި މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއި ޕްރިވިލެޖް މޯލްޑިވްސްގެ އަދި ޔޫއައި މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހެވެ.

3 ޖޫން 2025، ކ. ތުލުސްދޫ، ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ޕްރިވިލެޖް މޯލްޑިވްސް

ޕްރިވިލެޖްޑް މޯލްޑިވްސްއަކީ ކޮވިޑުގެ ދަތި ދުވަސްވަރު ވިޔަފާރިތަކަށާއި ދިވެހި ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ މަގުސަދުގައި ފެށި ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލުމާއެކު ހަތަރު ގަޑިއިރުގެ ތެރޭގައި 5000 އަށްވުރެ ގިނަ މެންބަރުން ރެޖިސްޓްރީކުރުމަށް ހުށަހެޅިއެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ އެ ޕްރޮގްރާމް ފެށިގެން ދިޔަ ދުވަސްވަރަކީ ވިޔަފާރިތަކަށް ވަރަށް ދަތި ދުވަސްވަރަކަށް ވުމުން އެ ޕްރޮގްރާމް ފެށީ ވިޔަފާރިތައް ޕްރޮމޯޓްކޮށްދީ އެހީތެރިވެދިނުމުގެ މަގުސަދުގައި ކަމަށެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްގެ މަގުސަދަކީ އެ ޕްރޮގްރާމްގައި ބައިވެރިވާ ވިޔަފާރިތަކާއި ހުނަރުވެރިންނާއި އުފެއްދުންތެރިންނާއި އާޓިސްޓުން އެއް ޕްލެޓްފޯމެއްގެ ތެރެއިން ޕްރޮމޯޓްކުރުމެވެ. އަދި ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރިތަކުން އެ ޕްލެޓްފޯމްގެ މެންބަރުންނަށް ޑިސްކައުންޓް ލިބޭނެ މަގުފަހިކުރުމަކީ ވެސް އެ ޕްރޮގްރާމްގެ މަގުސަދެކެވެ. އަދި ހާއްސަ ދުވަސްތަކާ ދިމާކޮށް އެ ޕްލެޓްފޯމްގެ ތެރެއިން ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

3 ޖޫން 2025، ކ. ތުލުސްދޫ، ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ޕްރިވިލެޖް މޯލްޑިވްސް

ޕްރިވިލެޖް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ނާސިހު ވިދާޅުވީ ދުވަސްކޮޅަކަށް ކުޑަ މަޑުޖެހުމެއް އައުމަށްފަހު އަލުން ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗްކުރުމުގެ މަގުސަދަކީ މާލޭގެ އިތުރުން ރަށްރަށުގެ ވިޔަފާރިތަކާއި ހުނަރުވެރިންނާއި ފަންނުވެރިން ގުޅާލަދިނުން ކަމަށެވެ. އަދި ކުރިއާ ހިލާފަށް އެ ޕްރޮގްރާމު އިތުރަށް ފުޅާކޮށް މިފަދަ ބައިނަލްއަގުވާމީ ލޯޔަލްޓީ ޕްރޮގްރާމްތަކާ ގުޅުން ބަދަހިކުރުމާއި އެއާޕޯޓް ފަދަ ތަންތަނުގެ ލައުންޖްތަކުން ފުރުސަތު ހޯދައިދިނުމާއި އެ ނޫން ވެސް ތަފާތު ގިނަ ކަންތައްތަކެއް ތައާރަފުކުރާނެ ކަމަށް ނާސިހް ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ ފަންނާނުންނާއި އިންފްލުއެންސަރުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތައް ޕްރޮމޮޓްކުރުމަށް ރަނގަޅު ޕްލެޓްފޯމަކަށް އެ ޕްލެޓްފޯމް ވެގެންދާނެ ކަމަށެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ "ޕްރިވިލެޖްޑް" ކާޑުގެ ހިދުމަތްތައް ތިން ބަޔަކަށް ލިބޭނެ ކަމަށާއި އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުން ކަމަށެވެ.

"ޕްރިވިލެޖްޑް ކާޑު" ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުންޏެވެ. އަދި ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު ވަމުންދާނެ ކަމަށާއި، އެ ޕޮއިންޓްތައް ރެޑީމްކުރެވޭނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުންޏެވެ.

3 ޖޫން 2025، ކ. ތުލުސްދޫ، ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ޕްރިވިލެޖް މޯލްޑިވްސް

ނާސިހު ވިދާޅުވީ ކުރިން ހަމައެކަނި ދޫކުރީ ޑިޖިޓަލް ކާޑެއް ނަމަވެސް މިހާރު ޑިޖިޓަލް ލޮގިންއަކާއެކު ފިޒިކަލް ކާޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކާޑުން ޑިސްކައުންޓް ލިބޭނެ ތަންތަނުގެ ތެރޭގައި މާލެ އާއި ރަށްރަށުގެ ރެސްޓޯރެންޓްތަކާއި ގެސްޓްހައުސްތަކާއި ރިޓެއިލް ފިހާރަތައް ވެސް އިތުރުވެގެންދާނެއެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްގެ ސޯޝަލް މީޑިއާގެ އެކްސްޕޯޝާ 45،000 އަށްވުރެ މައްޗެވެ.