ދިވެހިން ފުލުހުންގެ ވެސް ބައިވެރިވުން ހިމެނޭ ގޮތަށް، ބައިނަލްއަގްވާމީ ބޮޑެތި ސްކޭމް ނެޓުވޯކުތަކެއް ފަޅާ އަރުވާލައިފި އެވެ.

އޭޕީގައި ބުނެފައިވާ ގޮތުން ހޮންގް ކޮންގް ފުލުހުން އިސްކޮށް ތިބެ މިދިޔަ އޭޕްރީލް 28 އިން މިދިޔަ މަހުގެ 28ގެ ނިޔަލަށް ހިންގި އެ ޖޮއިންޓް އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ދެކުނު ކޮރެއާ، ތައިލެންޑް، ސިންގަޕޫރު، މަކާއޯ އަދި މެލޭޝިއާ ބައިވެރިވި އެވެ.

އެ އޮޕަރޭޝަންގައި 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ސްކޭމަރުންނާ ހަމައަށް ދިއުމުގެ ކުރިން ވަނީ ހުއްޓުވައިފަ އެވެ.

އަދި އޮޕަރޭޝަންގައި އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ފޯނުން އޮޅުވާލައިގެން ފައިސާ ހޯދުމާއި އިންވެސްޓްމަންޓް ސްކޭމްތަކުގެ އިތުރުން ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމުގެ މައްސަލަތައް ހިމެނޭއިރު އެ މައްސަލަތަކުގެ ތުހުމަތުގައި 33،000 އަށްވުރެ ގިނަ ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ

އަދި އެ މައްސަލަތަކުގައި 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އުމުރުން 14 އަހަރާއި 81 އަހަރާ ދެމެދުގެ މީހުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.