ރެސްޓޯރެންޓް ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކުގައި ޓެކްސީއަށް ފައިސާ ދައްކާލާފައި މައިހާ ފޭބިއެވެ. ދެބުރިއަށް ނަގާފައި ހުރި ރެސްޓޯރެންޓަށް މައިހާ އަވަސް ނަޒަރެއް ދިނެވެ. ތިރީގައި ހުރީ ކެއުމަށް ހާއްސަ ކުރެވިފައިވާ ބައެވެ. މަތީ ފަންގިފިލާ ހުރީ އެތެރެ ނުފެންނާނެހެން ކަޅު ބިއްލޫރި ޖަހައި ބަންދުކޮށްފައެވެ. އެތަނަށް އަރަން ވަކިން ހާއްސަ ސިޑިއަށް ހުރެއެވެ. ޝީޝާތަކަށް ހާއްސަކުރެވިފައި ހުރިކަމުގެ ނިޝާނެއް ސިޑި ކައިރީގައި ހުއްޓެވެ.
މައިހާ ހިނގައިގަތީ ރެސްޓޯރެންޓް ބަޔަށެވެ. ގަޑިން ނުވައެއް ޖަހަން ކައިރިވެފައި ވިޔަސް އެތަނުން ފެންނަނީ ފަޅު ކަމެވެ. މީހުން ގިނައިން އަންނަ ތަނެއް ފާޑެއް ވެސް ނުޖަހައެވެ. މަތީ ފަންގިފިލާއިން އިވޭ މިޔުޒިކުގެ އަޑު ފަޑުފަޑުކޮށް ތިރިއަށް އިވެއެވެ. ދޭތެރެއަކުން އިވޭ މިޔުޒިކްގެ ބޭސް އަޑުފަށްގަނޑުން ތަން ގުޑާލާހެން ވެސް ހީވެއެވެ.
ޤައިލާ ފެންނަން ނެތުމުން މައިހާއަށް ލިބުނީ ހައިރާންކަމެވެ. ވަށައިގެން ހޯދަމުން ދަނިކޮށް، ރެސްޓޯރެންޓްގެ ހޮސްޓަކަށް އުޅުނު ފިލިޕީންސް އަންހެންކުއްޖަކު މައިހާގެ ގާތަށް ހުއްޓިލަމުން މޭޒެއްގެ ދޮށުގައި އިށީނުމަށް އެދުނެވެ. ހޮސްޓަށް ހިނިތުންވެލަމުން މައިހާ އިށީނީ ދޮރާއި ކައިރީގައި ހުރި މޭޒެއްގަވެ. ފަސޭހައިން ޤައިލާއަށް އޭނަ ފެންނާނެހެންނެވެ. ވެއިޓަރު އައުމުން ވަގުތުކޮޅެއް ދިނުމަށް މައިހާ އެދުނެވެ. އިތުރު މީހަކު ބައިވެރިވާނެކަމަށް ބުނެލަމުންނެވެ.
މޭޒު މަތީ ބޭއްވި އަތްދަބަހުން މައިހާ ފޯނު ނެގިއެވެ. އޭނަ އުޅުނީ ޤައިލާގެ ޚަބަރެއް ބަލައިލުމަށެވެ. ލަސްވާނެތޯ އޮޅުން ފިލުވުމަށާއި ލަސްވާނަމަ ކާއެއްޗަކަށް އޯޑަރު ދިނުމުގެ ވިސްނުމާއެކުގައެވެ. މާދަން ހެނދުނާ ފުރަން ޖެހޭތީ ލަސްވަންދެން ބޭރުގައި މަޑުކުރެވޭކަށް ވެސް ނެތެވެ.
މައިހާ ގުޅުމުން ޤައިލާ ފޯނެއް ނުނެގިއެވެ. އެއާއެކު މައިހާގެ ހައިރާންކަން އިތުރުވެއްޖެއެވެ. ތިރިކޮށްލެވުނު ފޯނުގެ ސްކްރީނަށް ބަލަން މައިހާއަށް އިނދެވުނެވެ. ދެން ހަނދަންވީ ގޮތެއް އޭނައަކަށް ނޭނގުނެވެ. ދައުވަތު ދީފައި ޤައިލާއަށް ނާދެވެނީ ބާވައޭ ވެސް ހިތަށް އެރިއެވެ. އެޚިޔާލުން މައިހާއަށް ލިބުނީ މާޔޫސްކަމެވެ. އޭނައަށް ޤައިލާގެ މެސެޖެއް ލިބުނީ އެ ދަނޑިވަޅުގައެވެ. އަވަސްއަވަހަށް މެސެޖު ކިޔާލެވުނެވެ.
''ކޮބާ؟، ހާދަ ލަސްވަނީ؟... މޭއި އިންތިޒާރުގަ މިހިރީ، އަނެއްކާ ނާންނަނީތަ؟...'' ޤައިލާގެ މެސެޖުގައި އޮތެވެ. މެސެޖު ކިޔާލަމުން މައިހާ އަނެއްކާ ވެސް ވަށައިގެން ހޯދާލިއެވެ. ރެސްޓޯރެންޓްގެ ކަނަށް ވާހެން ހުރި މޭޒު ތަކަށް ވެސް އޭނަ ނަޒަރު ހިންގާލިއެވެ. ޤައިލާ ފެނޭތޯ އެވެ.
''ނޫނޭ، މިހިރީ ތިރީގަ؟، އެލީ ކޮބާތަ؟...'' މައިހާ އޮޅުންފިލުވަންވެގެން ލިޔުނެވެ. ސިކުންތެއް ވެސް ނުވަނީސް ޤައިލާގެ ރައްދު ލިބުނެވެ.
''މަތީގަ، ސިޑިން އަރާބަލަ...'' ޤައިލާ އިރުޝާދު ދިނެވެ.
މައިހާއަށް އެމެސެޖު ދެފަހަރަށް ކިޔާލެވުނެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ މަތީ ފަންގިފިލާއަށް ދާން ހުރި ސިޑިއާއި ދިމާއަށެވެ. އޭރު ބޯ ދިގުކޮށްލައިގެން ތިބި ޒުވާން ދެފިރިހެނަކު ސިޑިން މައްޗަށް އަރައެވެ. އަތާއި ފައިގައި ތަކަހޮޅިނާޅާ ތަންފުކެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަންފަތާއި ބުމައަށް ދާންދެން ތޮރުފާފައެވެ. ބަލާބެލުމަށް ވައްތަރީ ކޮންމެވެސް ގޭންގެއްގެ ބަޔަކާއެވެ. މައިހާ ބިރުގަންނަ ގޮތް ވެއްޖެއެވެ. އެތަނުން ރައްކާތެރިކަން ލިބިދާނެ ކަމާމެދު ސުވާލު އުފެދުނެވެ. އޭނައަކީ ޝީޝާއާއި އެނޫން ވެސް ދުންފަތުގެ އިސްތިއުމާލުކުރާކަންތަކާއި ގަޔާވާ މީހެއް ނޫނެވެ. ވަސް ޖެހުނަސް ބޮލުގައި ރިއްސާ މޭނުބައިކުރާ ގޮތް ވެއެވެ. ހަމައެއާއެކު އިވޭ މިޔުޒިކުގެ އަޑުން ވެސް މައިހާ ގަޔާ ނުވިއެވެ. އެފަދަ މާހައުލަކުން ބައްދަލުކުރަން ޤައިލާ އެދުނީ ކީއްވެގެން ހެއްޔެވެ؟ ޤައިލާގެ ޝައުޤު ހުންނަނީ އެފަދަ ކަންތަކަށް ހެއްޔެވެ؟ އަސަލްއަށް އެނގޭ ހެއްޔެވެ؟ ނޫނީ އެއީ އަސަލްއަށް ސިއްރުކުރެވިފައިވާ ކަމެއް ހެއްޔެވެ؟
ފިކުރުތައް ބޮޑުވެ މައިހާއަށް ތުންފިއްތާލެވުނެވެ. މައްޗަށް ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެމާހައުލު އޭނައަށް ކަމުނުދާތީއެވެ. ޤައިލާގެ ހުށަހެޅުމާއި ދެކޮޅު ހަދަންވީ ބާވައޭ ވެސް ހިތަށް އެރިއެވެ. މަންޒިލާ ހަމައަށް އާދެވުނުކަން ޤައިލާއަށް އެންގިއްޖެއެވެ. ބަހަނާއެއް ދައްކައިފިނަމަ ޤައިލާ ހީކުރާނީ ކީކޭ ހެއްޔެވެ؟
ވިސްނަން އިންދާ ޤައިލާގެ މެސެޖެއް އައެވެ. ލަސްވާތީ އެކަމުގެ ޝަކުވާއެވެ. މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އެހެން އިންދާ ދެން ފެނުނީ ސިޑިން ތިރިއަށް ޤައިލާ ފޭބި ތަނެވެ. ސިޑީގެ ފަހު ހަރުފަތުގައި ހުއްޓި ހުރެ މައިހާއަށް ޤައިލާ ގޮވާލިއެވެ. އެކުވެރިކަމުގެ ހިނިތުންވުމަކާއެކު އަތުގެ އިޝާރާތުން ބުނެލީ އޭނަގެ ގާތަށް އައުމަށެވެ.
''މޭއި...'' ގުޑިނުލާ މައިހާ އިންނަން ފެށުމުން ޤައިލާ ދެވަނަ ފަހަރަށް ގޮވާލިއެވެ. މައިހާއަށް މަޖުބޫރުވީ ކޮޅަށް ތެދުވާށެވެ. ޤައިލާގެ ހިނިތުންވުން ފެނި ދެކޮޅުހަދާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ގަދަކަމުން ފިޔަވަޅުތައް ކުރިއަށް އަޅަމުން ޤައިލާގެ ގާތަށް މައިހާ މިސްރާބު ޖެހިއެވެ. އެމަންޒަރު ފެނި ޤައިލާގެ ތުންފަތުގައިވި ހިނިތުންވުން ބަދަލުވީ ފަތަހައިގެ ހިނިތުންވުމަކަށެވެ. އޭނަ މައިހާ ބަލާ ތިރިއަށް އައީ މައްޗަށް އަރަން މައިހާ ޖެހިލުންވާނެކަން އެނގިހުރެއެވެ. އޭނައަށް މައިހާގެ މިޒާޖު ރަނގަޅަށް ދަސްވެފައިވާތީއެވެ.
''ހާދަ މޫޑީވެފަ ހުރިހެން ހީވެޔޭ، މާދަން ފުރަންޖެހޭތީދޯ؟...'' މައިހާގެ މިޒާޖަށް އައި ބަދަލު ފާހަގަކުރެވުނު ކަމަކަށް ޤައިލާ ނުހެދިއެވެ. ''ފަހު ދުވަސް ވީމަ ޖެހޭނެ އެންޖޯއިކޮށްލަން، ދެން ނޭނގޭ މޭއިއާއި ބައްދަލުވާނެ ދުވަހެއް ވެސް...''
މައިހާގެ އަތުގައި ހިފައިގެން ޤައިލާ ސިޑިން އަރަން ފެށިއެވެ. އޭނަ މުޅިން ވެސް ދެއްކީ މައިހާއާއި ޒަމާންތަކަށްފަހު ބައްދަލުކޮށްލަން ލިބުނީތީ އެކަމާ އުފާވެފައި ހުރި ވާހަކައެވެ. އެއީ ފަރުވާތެރިކަމާއެކުގައި ޤައިލާ އަތުރާލި މަޅިއެކެވެ. ހިޔަޅު ބުއްދީގެ ބޭނުން ފުރިހަމަކާއެކުގައި އޭނަ ހިފިއެވެ.
*****
މައިހާ ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ. މަތީ ފަންގިފިލާއަށް އެރުމާއެކުގައި ފުރަތަމަ ވެސް މައިހާގެ ނޭފަތުގައި ޖެހުނީ ޝީޝާގެ ވަހެވެ. އޭނައަށް ނޭފަތުގައި ޝަހާދަތްއިނގިލީގެ ކުރި ޖައްސާލެވުނެވެ. މުޅި ތަނަށް ފެތުރިފައި އޮތް ދުމުގެ އަސަރާއި ކުލަބަދަލުވާ ބޮކިތަކުން އެތަން ހީވަނީ ކްލަބެއް ހެންނެވެ. މިޔުޒިކުގެ ބާރު އަޑުން ކަންފަތުގެ ތޫރި ފަޅައިގެންދާހާ ވެއެވެ. އެކި ދިމަދިމާލުގައި ސޯފާތަކާއި ލައުންޗް ގޮނޑިތައް ހުއްޓެވެ. ކޮންމެ ސޯފާއެއްގައި ވެސް ނޫކަށިފުރައިގެ ޒުވާނުންނެވެ. ޒުވާންކަމުގެ ޖޯޝާއި ފޯރީގެ ތެރެއަށް ގެއްލިފައެވެ. އަންހެންކުދިން ތިބީ ކިރިޔާ ބުޑު ނިވާވާވަރުގެ ހެދުންތަކުގައެވެ. އިސްލާމީ މުޖުތަމައަކުން ފެނިގެން ނުވާނެ ގައިގޯޅި އެތައް މަންޒަރެއް ފެނެއެވެ.
މައިހާ ހުރީ އުނދަގޫވެފައެވެ. އެކަހަލަ ތަނަކަށް އަންނަކަން ކުރިން އެނގުނުނަމަ އޭނަ ޤަބޫލެއް ވެސް ނުވީހެވެ. ފެންނަމުން ދިޔަ މަންޒަރުތަކާއި ދުވަހަކު އޭނަ ގަޔާ ނުވާނެއެވެ. މައިހާގެ ނަޒަރުގައި އެއީ ''ކޫލް''ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ހުޅަނގުގެ އާދަތައް މުޖުތަމައުގެ ތެރެއަށް ވައްދައި ގަޑުބަޑުކުރަން އުޅުނަސް އެއީ ދިވެހީންނާއި ގުޅޭ އާދަތަކެއް ނޫނެވެ. ޤައިލާ ބަދަލުވެފައިވާ މިންވަރު މައިހާއަށް ނަގައިގަނެވުނެވެ. އެކުވެރިޔާގެ މިޒާޖަށް އައިސްފައިވި ބަދަލުތަކުން މައިހާ ދެރަ ވިއެވެ. ހަމައެއާއެކު މިފަދަ މާހައުލަކުން އަސަލްއަށް ޤައިލާ ފެނިއްޖެނަމަ ވާނީ ކިހިނެއް ބާވައޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އިތުރު މައްސަލަތަކެއް ހިލިގެންދާނެކަން ގައިމެވެ. އަސަލް އޭނައާއި ހިއްސާކުރި ވާހަކަތައް މަތިން މައިހާ ހަނދާން ވެއްޖެއެވެ. ފިކުރުތައް ގިނަވެ ބޮލަށް ބަރުވާން ފެށިއެވެ. އިވޭ ބާރު މިޔުޒިކުގެ އަޑުން ހީވަނީ ބޮލުގައި މަރުތޭލަކުން ތަޅާހެންނެވެ.
އެތަނުގައި ތިބި އެންމެން ފާޑަކަށް ބަލަމުން ދިޔަކަން މައިހާއަށް ފާހަގަ ކުރެވުނެވެ. އެއީ އޭނަގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި އެމާހައުލާއި ނުގުޅޭތީ ހެއްޔެވެ؟ މައިހާއަށް ލިބުނީ ނުތަނަވަސްކަމެކެވެ. އޭސީގެ ފިނިކަމުގެ ތެރޭން ވެސް އޭނައަށް ހޫނުވާން ފެށިއެވެ. ނިތުން ފިނި ދަލެއް ވެސް ހިއްލައިފިއެވެ.
މައިހާގެ އަތުގައި ހިފައިގެން ހުރި ޤައިލާ ހުއްޓުނީ އެތާ ހުރި ޕޫލް ޓޭބަލް ކައިރިއަށެވެ. ޕޫލް ޓޭބަލް ކައިރީގައި ތިބި މީހުންނަށް މައިހާ ބަލައިލިއެވެ. ދެނެފަރިތަ ބަޔަކަށް ނުވާތީ މައިހާގެ ހަރަކާތްތަކުގައިވަނީ ބީރައްޓެހިކަމެވެ.
''ގާއިސް!، މީޓް މައި ފްރެންޑް...'' ޕޫލް ކުޅެން ތިބި އޭނަގެ ރަހުމަތްތެރިންނަށް މައިހާ ތަޢާރަފްކޮށްދެމުން ޤައިލާ ބުނެލިއެވެ. ޤައިލާގެ އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނީ މައިހާ އަށެވެ.
ރިދާ ބަލައިލީ ޤައިލާ އަށެވެ. ސިއްރުވެރި ބެލުމެކެވެ. ރިދާގެ އިތުރުން ދެން ހުރީ ޒުވާން ފިރިހެނެކެވެ. އެޒުވާނާ އަތުގައި އޮތް ކިއުއާއެކު ޕޫލް ޓޭބަލް މައްޗަށް ގުދުވެލަމުން މައިހާއަށް ފުން ނަޒަރެއް ދިނެވެ. ޕޫލް ޓޭބަލް މަތީ ހުރި ބޯޅަތަކާއި ކިއު ސީދާކޮށްލަމުން، ބޯޅައެއް ވަޅާ ހަމައަށް ފޮނުވާލީ ވެސް މައިހާއާއި ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. އަމާޒުކުރި ބޯޅަ ވަޅަށް ވެއްޓުމުން، ހަށިގަނޑު ސީދާކޮށްލަމުން އެޒުވާނާ ޖެހިލީ ޤައިލާގެ ގާތަށެވެ. އެޒުވާނާއަށް ތަންދައްކަމުން ރިދާ އެއްފަރާތަށް ޖެހިލިއެވެ.
''ހާއި...'' ޒުވާނާ ވާހަކަދެއްކީ މައިހާއާއި އެވެ. ''އައިމް ރިއުމާން...''
ރިއުމާން ސަލާމަތް ދިއްކޮށްލި އަތްތިލައަށް މައިހާ ބަލައިލިއެވެ. އެކުވެރިކަމުގެ އިޝާރާތެކެވެ. އެއިޝާރާތް ޤަބޫލުކުރަންވީބާވައޭ މައިހާގެ ހިތަށް އެރިއެވެ. އެވަގުތު މައިހާގެ އުޅަނބޮށީގައި ޤައިލާ ކޮއްޓާލައިފިއެވެ. ރިއުމާން ވެސް އެއްބުމަ އަރުވައިގެން ބަލަން ހުއްޓެވެ. ވަގުތު ދިގުލާން ފެށުމުން މައިހާއަށް މަޖުބޫރުވީ ރިއުމާންގެ އަތުގައި ހިފާށެވެ. ސިކުންތެއްގެ ތެރޭގައި ދޫކޮށްލުމަށް ގަސްދުކޮށްގެންނެވެ. ނަމަވެސް ރިއުމާން މައިހާގެ އަތުގައި ބާރަށް ހިފާލަމުން އަތްތިލައަށް ފިތާލިއެވެ.
''ހާދަ މަޑު އަތްތިލައެކޭ...'' ރިއުމާން ބުންޏެވެ. މައިހާއަށް ލިބުނީ ސިހުމެވެ. މައިހާ އުޅުނީ އަތްތިލަ ދަމައިގަންނާށެވެ. އެހެނަސް އެ ފުރުސަތު ރިއުމާން ނުދިނެވެ.
ހިތްހަމަނުޖެހުމާއެކު ރިއުމާންގެ މޫނަށް މައިހާ ބަލައިލިއެވެ. ރިއުމާން އަކީ ރީތި ޒުވާނެކެވެ. އެކަމަކު އެއީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެކެވެ. އޭނަގެ ނުރުހުމުގައި ވެސް އޭނަގެ އަތުގައި ރިއުމާން ހިފަހައްޓައިގެން ހުރީތީ މައިހާ ވީ އަމަށަކު ފޫއްސެއް ނޫނެވެ.
މައިހާއަށް ބަލަން ހުރެފައި ރިއުމާން އެއްމިޔަކަނިން ހިނިތުންވުލުމާއެކު މައިހާގެ ބުމަގޮށްޖެހުނެވެ. އަތް ދަމައިގަންނަން ވެސް އުޅުނެވެ.
''އަތުން...'' މައިހާ ބުނަން އުޅުނެވެ. މައިހާގެ ޖުމްލަ މެދުކަނޑާލަމުން ރިއުމާން ވާހަކަދައްކަން ފެށީ އެވަގުތެވެ. މަންޒަރު ބަލަން ޤައިލާއާއި ރިދާ ތިބީ ނުލަފާ ހިންޏެއް އައިސްފައެވެ.
''ނަމެއް ނުބަނައެއްމު؟...'' ރިއުމާން ސުވާލުކޮށްލިއެވެ. ''ނަން ބުނީމަ އަތުން ދޫކޮށްލާނަން...''
''މައިހާ...'' ރިއުމާންއާއި ދުރަށްދަން ބޭނުންވެފައި ހުރި މައިހާ ބުންޏެވެ. އޭނަގެ އަތުން ރިއުމާން ދޫކޮށްލުމާއެކު ހަމަޖެހުމުގެ ނޭވާއެއް މައިހާއަށް ދޫކޮށްލެވުނެވެ. އަބަޔާގެ ފަސްބައިން އަތްތިލަ ފޮހެލެވުނެވެ. މައިހާގެ އެހަރަކާތުން ރިއުމާން ގާތަށް ހިނިއައެވެ.
''މޭއި ވަރަށް ލަދުގަންނާނެ...'' ޤައިލާ ބުންޏެވެ. އެއީ އޭނަ މައިހާއަށް ކުރި މަލާމާތެކެވެ. އޭނަ ދެކޭ ގޮތުގައި މައިހާ އެވައްތަރަށް އުޅެނީ މީހުންގެ ސަމާލުކަން ހޯދަން ވެގެންނެވެ. ކޮންމެހެން އެވަރަށް ފޮރުވިގަނެގެން އުޅެން ޖެހޭ ހެއްޔެވެ؟
''މައިހާ...'' އަކުރުތައް ދަމާލަމުން ރިއުމާން ބުނެލިއެވެ. މައިހާގެ ނަން ކިޔާލުމުގެ ނަސީބު ދިނީތީ އެކަމަށް ޝުކުރުވެރިވާ ކަހަލައެވެ.
''އެލީ ނުބުނަމެއްނު މިހާ ރީތި އެކުވެރިއަކު ހުރިކަމެއް، ކީއްވެ ކުރިން ތަޢާރަފު ނުކުރީ؟...'' ރިއުމާން އެނބުރުނީ ޤައިލާއާއި ދިމާއަށެވެ. ޤައިލާ ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.
ރިއުމާންގެ ތައުރީފުތަކުން މައިހާ އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. ރިއުމާންގެ ކުރިމަތިން ދުރަށް ދާން މައިހާ ބޭނުންވިއެވެ. އޭނަ ޤައިލާއާއި ބައްދަލުކުރަން އައިއިރު، ޤައިލާ އިތުރު ބަޔަކަށް ދަޢުވަތު ދީފާނެ ކަމަކަށް ހިޔެއް ވެސް ނުކުރެއެވެ. އެކަމުން މައިހާ ހުރީ އުނދަގޫވެފައެވެ.
''މި ތަޢާރަފްކޮށްދިނީއެއްނު...'' ޤައިލާ ބުންޏެވެ. ''ރިއުމާން ދޭބަލަ ޑްރިންކްސް އޯޑަރުކޮށްލަން...''
''ވަޓް ވުޑް ޔޫ ލައިކް ޓު ޑްރިންކް ސްވީޓްހާޓް؟...'' ރިއުމާން ބަލައިލީ މައިހާ އަށެވެ.
''ބޭނުމެއްނޫން...'' މައިހާ މަނާވެގަތެވެ. ހުރެވުނު މާހައުލާއި ރިއުމާންގެ ސަބަބުން މައިހާ ހުރީ ބަނޑުހައިހޫނުކަން މަތިން ވެސް ހަނދާން ނެތިފައެވެ.
''އެގޮތް ރަނގަޅެއް ނުވާނެ، ރިއުމާން ބޭނުން އެއްޗެއް މޭއިއަށް ދޭން ގެންނަންވީނު...'' ޤައިލާ ބުންޏެވެ. ސިހިފައި ޤައިލާގެ އަތުގައި މައިހާއަށް ހިފާލެވުނެވެ. ދެކޮޅުހަދަން މައިހާ އުޅުނެވެ. ޤައިލާ ސަމާލުކަމެއް ނުދިނެވެ. މައިހާއަށް ހިނިތުންވެލަމުން ރިއުމާން ހިނގައިގަތީ ބުއިންތަނަކަށް ހާއްސަކުރެވިފައި ހުރި ކައުންޓަރާއި ދިމާއަށެވެ.
''އެލީ...'' ރިއުމާން ދިއުމާއެކުގައި މައިހާއަށް ބުނެވުނެވެ. ރިއުމާން ބޭނުން އެއްޗެއް ގެނެސްދޭން ޤައިލާ ބުނުމުން، މައިހާ ފުރަތަމަ ފަހަރަށް ޤައިލާ ދެކެ ހިތްހަމަނުޖެހުނެވެ. ޤައިލާގެ ނިޔަތާއި މެދުގައި ވެސް ސުވާލު އުފެދުނެވެ. ޤައިލާ އޭނައަށް ރިއުމާން ތަޢާރަފްކޮށްދިން ސަބަބާ މެދު ވިސްނަމުން ދަނިކޮށް ޤައިލާ ކޮށްލި ސުވާލަކުން މައިހާ ހުއްޓުން އަރައިފިއެވެ. ސިހުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ.
''މޭއިއަށް ރިއުމާން ކަމުދޭތަ؟، ކިހާ ހޮޓް އޭނަ، މޭއިއާ ވަރަށް ގުޅޭނެ...'' ޕޫލް ޓޭބަލް ކައިރީގައި ހުރި ސޯފާއެއްގައި އިށީންނަމުން ޤައިލާ ބުންޏެވެ. މައިހާއަށް ހީވީ އޭނައަށް އަޑުއިވުމުގައި މައްސަލައެއް އުޅުނީ ކަމަށެވެ. މިޔުޒިކުގެ އަޑާއެކުގައި އޮޅުމެއް އެރީ ކަމަށެވެ. އޭނައަށް ޤައިލާގެ މޫނަށް ބަލައިލެވުނެވެ. ކުށްހީއެއް ނޫންކަން ބުނެދިނީ ޤައިލާގެ މޫނުން ފެނުނު ޝުއޫރުތަކުންނެވެ.
''އެލީ...'' މައިހާއަށް ބުނެވުނެވެ.
''ކިހިނެއްވީ؟...'' ހައިރާންކަމާއެކުގައި ޤައިލާ ބުނެލިއެވެ. ކަންބޮޑުވުން އަޑަށް ވެރިކުރުވަމުންނެވެ. ''އަހަރެން ދެކެ ރުޅިއައީތަ؟، އައިމް ސޯ ސޮރީ، އަހަރެން ހީކުރީ މޭއިއަށް ރިއުމާން ކަމުދާނެ ކަމަށް، ހީ އިޒް އޯލް ސޯ ސިންގަލް، މޭއި ވެސް ސިންގަލް ވީމަ ދެމީހުން ތަޢާރަފްކޮށްދިނީ...''
މޮޅިވެރިކަމާއެކުގައި ޤައިލާ ވާހަކަދެއްކިއެވެ. މައިހާގެ އަތުގައި ހިފާލީ ދެރަވެފައި ހުރިކަން އަންގައިދޭށެވެ.
ސޯފާގައި އިށީން ރިދާއަށް ޤައިލާގެ އެކްޓިން ފެނި ނުހެވުނީ ހަމަ ކިރިޔާއެވެ. މާނޫންކަމަށް ހެދެމުން އަނގަމަތީގައި އަތްއަޅައި ނިވާކޮށްލިއެވެ.
''އެހެނެއް ނޫން...'' ޤައިލާ ދެރަވުމުން މައިހާ ބުނަން އުޅުނު ވާހަކަތައް ދުލާ ހަމައަށް ގެންނަން އުނދަގޫވެއްޖެއެވެ. އެފުރުސަތުގެ ބޭނުން ޤައިލާ ހިފިއެވެ.
''ރިއުމާނާއި ވާހަކަދައްކާލަންވީނު، ކަމުނުދަންޏާ އެނގޭނީ އޭރުންނެއްނު؟، އެޓްލީސް ގިވް ހިމް އެ ޗާންސް......'' ސޯފާގައި ޤައިލާ އިށީނެވެ. މައިހާގެ އަތަށް ވެސް ދަމާލަމުން ޤައިލާގެ ގާތުގައި ބޭންދިއެވެ.
''ނޫން!...'' މައިހާ ދެކޮޅު ހެދިއެވެ. ޤައިލާއަށް ލިބުނީ ސިހުމެވެ. ފާޅުގައި އޭނަގެ ހުށަހެޅުމާއި މައިހާ ދެކޮޅުހެދުމުން ރުޅި އާދެވުނެވެ.
''އެލީ އަހަންނާ މެދު ވިސްނާލީތީ ޝުކުރިއްޔާ، އެކަމަކު އަހަންނަށް ރިއުމާން ކަމަކު ނުދޭ، ދެން އެލީ އެފަދަ ކަމެއް ނުކުރައްޗޭ...'' މައިހާ ބުންޏެވެ. އެއްޗެއް ނުބުނެ ހިމޭންކަން އިހުތިޔާރުކޮށްފިނަމަ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު މައިހާގެ ހިތުގައި އޮތެވެ. ޤައިލާ ދެރަކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް ޤައިލާ ރުއްސަން، ރިއުމާން ފަދަ ޒުވާނަކާއި ވާހަކަދައްކަން އޭނަގެ ޒަމީރު ތަނެއް ނުދިނެވެ. ބައްދަލުވިތާ ކިތަންމެ މަދު މިނެޓެއް ވިޔަސް، ރިއުމާންގެ މިޒާޖު އޭނައަށް ކޮންމެވެސް ވަރަކަށް ދަސްވެއްޖެއެވެ. އޭނަގެ ހަވަނަ ހިއްސު އިންޒާރު ދިނީ ރިއުމާނާއި ދުރުގައި ހުރުމަށެވެ. ރިއުމާންގެ ނިޔަތް ރަނގަޅުނުވާނެކަން އެނގޭތީ އެވެ.
ބުއިންތަކަށް އޯޑަރު ދީފައި ރިއުމާން އައުމާއެކުގައި ޤައިލާ ތެދުވަމުން އިށީނީ ރިދާ ގާތުގައެވެ. މައިހާގެ ގާތުގައި އިށީނުމަށް ރިއުމާނަށް ފުރުސަތު ދެމުންނެވެ. މައިހާއަށް ލިބުނީ ސިހުމެވެ. އޭނަ އެހާވަރަށް ދެކޮޅު ހެދުމުން ވެސް އޭނަގެ ވާހަކަތަކަށް ޤައިލާ ސަމާލުކަން ނުދިނީތީއެވެ. ޤައިލާއަށް އޭނަގެ ޚިޔާލު މުހިންމު ނުވީ ހެއްޔެވެ؟ އޭނަ ހިތްހަމަނުޖެހޭކަން އެނގިހުރެ އެފަދައިން ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟
ރިއުމާން އޭނަ ގާތުގައި އިށީނުމާއެކުގައި މައިހާ ޖެހުނީ ދުރަށެވެ. ރިއުމާނަށް އެކަންވީ މަޖާކަމަކަށެވެ. ސޯފާއަށް ލެނގިލަމުން މައިހާގެ ފުރަގަހުން އަތް ގެންގޮސް މައިހާއާއި ދެމެދު އޮތް ދާއިރާ ހަނިކުރަން ރިއުމާން އުޅުނެވެ. މައިހާއަށް އެހީތެރިކަމަށް އެދެވުނީ ޤައިލާގެ ފަރާތުންނެވެ. އޭނަ ޤައިލާއަށް ބަލައިލިއެވެ. ޤައިލާ އިނީ ރިދާއާއެކު މުޅިން އެހެން ދުނިޔެއެއްގައެވެ. މައިހާ އެތާ އިންކަމަށް ވެސް އޭނަ ނުހެދިއެވެ. ޤައިލާ އަމަލުތަކުން މައިހާ ދެރަ ވިއެވެ. ރިއުމާންގެ ފަރާތުން ރައްކާތެރިކަން އިހުސާސެއް ނުވިއެވެ. ރިއުމާން އޭނައާއި ކައިރިވާތީ ރުޅި އަންނަން ވެސް ފެށިއެވެ.
''ކީއްކުރަން ބުރުގާ އަޅަނީ، ތި ރީތިކަމާއި ހެދުން އެޅުމުގެ ސްޓައިލަކާ ނުގުޅޭ...'' ބޯއަރިކޮށް މައިހާގެ މޫނަށް ބަލަމުން ރިއުމާން ބުންޏެވެ.
''އަހަރެން ހެދުން އެޅުމުގެ ސްޓައިލަށް ފާޑުކިއުމުގެ ހައްޤެއް ރިއުމާނަކަށް ލިބިގެން ނުވޭ، އަހަރެން މިހެން ހެދުން އަޅަނީ ތިކަހަލަ މީހުންގެ ނުބައި ނަޒަރުން ސަލާމަތްވާންވެގެން، އަހަންނަށް ރައްކާތެރިކަން އިހުސާސްވަނީ ވެސް އެހެންވެ... ވަކި މީހަކު ރުއްސާކަށް އަހަރެން ނުޖެހޭނެ، އަހަރެންގެ އަމަލުތައް ވަނީ އަހަރެންގެ ވެރި ރަސްކަލާނގެއާއެކު...'' ވީ ފޫއްސެއްގެ ބޮޑުކަމުން މައިހާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. މިޔުޒިކުގެ ތެރެއިން ޖެހިގެން ތިބި މީހުންނަށް ވެސް އަޑު އިވުނެވެ.
''ސޯ، ޔޫ އާ ރިލީޖަސް؟...'' ރިއުމާން އެހި އެވެ.
''ކޮބާ މައްސަލައަކީ؟...'' މައިހާއަށް ބުމަ ގޮށްޖަހާލެވުނެވެ. އޭނައަށް ލިބިފައިވި ހިތްހަމަނުޖެހުން މައިހާއަށް އިތުރަށް ސިއްރެއް ނުކުރެވުނެވެ.
''ބޭބީގާރލް، ޗިލް...'' ލުއި ހުނުމަކާއެކު ރިއުމާން ބުންޏެވެ. އޭނަ މައިހާގެ ކޯތާފަތުގައި ފިރުމާލުމުން މައިހާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެދަރަޖައަށް ރިއުމާންގެ އަމުލުތައް ދިއުމާއެކުގައި މަޑުކުރާކަށް މައިހާ ބޭނުމެއް ނުވިއެވެ.
''ޑޯންޓް ކޯލް މީ ދެޓް! އެންޑް ޑޯންޓް ޓަޗް މީ... ރިއުމާން ބޭނުން ގޮތަކަށް އަހަރެން ގައިގަ އަތްލުމުގެ ފުރުސަތު ދޭނެޔޭ ހީނުކުރައްޗޭ...'' ރިއުމާންގެ އަތް ފޮޅުވާލަމުން މައިހާ ބުންޏެވެ. އޭނަގެ އަމިއްލަ ދިފާއުގައި ތެދުވަން ޖެހޭނީ އޭނަ އެވެ. ޤައިލާގެ ފަރާތުން އެއްބާރުލުން ލިބޭކަށް ނެތެވެ. ހިތާމައަކީ ޤައިލާއަށް އިތުބާރުކުރެވުމުންނެވެ. މިކަހަލަ ތަނަކަށް އާދެވުނީތީ އެވެ. ޤައިލާ ވަނީ މުޅިން ބަދަލުވެފަ އެވެ.
''މޭއި، ސްޓޮޕް ކްރިއޭޓިންގް އެ ސީން...'' ޤައިލާ ނުރުހުނީ މީހުންގެ ލޯތަށް ހުއްޓުމުންނެވެ. ހަޤީޤަތުގައި މައިހާގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ރިއުމާންގެ އަމަލުތަކުން ބިރުގަނެ މައިހާ ހުންނާނީ ގޮތްހުސްވެފައި ކަމަށެވެ. ރޮވިދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެވުނެވެ. މައިހާއަށް އެފަދަ ހިތްވަރެއް ލިބުނީ ކިހިނެއް ހެއްޔެވެ؟
''އަހަރެން ދަނީ...'' މައިހާ ބުންޏެވެ.
''ހާދަ އަވަހަކަށް؟، އަދި މަޑުކޮށްލަބަލަ...'' ޤައިލާ ބުންޏެވެ. އޭނަގެ ރޭވުން ނާކާމިޔާބުވެދާނެތީ މައިހާ ހުއްޓުވަން ޤައިލާ މަސައްކަތްކުރިއެވެ. ބުއިންތަކާ ހަމައަށް ވެސް އަދި ނުދެވެއެވެ. އެއީ މިރޭގެ މައިގަނޑު މަޤުސަދެވެ.
''އައިމް ސޮރީ އެލީ، އަހަރެން ދަނީ، އެލީގެ އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލާ، ހެނދުނާ އަހަރެން ފުރަން ޖެހޭ...'' ޤައިލާއާއި ދިމާއަށް ނުރުހުމާއެކު އެއްޗެއް ބުނެވިދާނެތީ މައިހާ ހިޔާރުކުރީ ހިމޭންކަމެވެ. ދެބަސްވާކަށް އޭނަ ބޭނުމެއް ނޫނެވެ. ޤައިލާގެ އަމުލަތަކުން މައިހާގެ ހިތުގައި ވަނީ ޝަކުވާތަކެވެ.
އުނގުތެރެއަށް ލައިގެން އުޅުނު އަތްދަބަސް ކޮނޑުގައި އަޅުވާލަމުން މައިހާ ކޮޅަށް ތެދުވުނެވެ. މީހުންގެ ނަޒަރު އިހުސާސްވުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއަށްފަހު މައިހާ ހިނގައިގަތީ މައިދޮރާއި ދިމާ އަށެވެ. އައިސްފައި ރުޅި ފިލާދާން ފެށުމުން އުދާސްކަން މައިހާއަށް ލިބުނެވެ. ޤައިލާއާއި ބައްދަލުކުރަން އޭނަ އައީ އެދެމެދުގައި އޮތް ގުޅުން ބަދަހިވެދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެގުޅުން ހީނަރުވުން ނޫންކަމެއް ނުވިއެވެ. އޭނައަށް ޤައިލާ ދަސްވެފައި ނުވަނީ ހެއްޔެވެ؟
މައިހާގެ ފަހަތުން ޤައިލާ ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މަކަރުވެރިކަމުގެ ދަލުގައި މައިހާ ހައްޔަރުކުރެވޭތޯއެވެ. މިރޭ އޭނަގެ ރޭވުން ކާމިޔާބުކުރަން ޤައިލާ ހުރީ ފައިވިއްދާލާފައެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ