ދުނިޔޭގެ އެމަޖަންސީ ފަރުވާގެ ދުވަހާއި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ އެމަޖެންސީ ފަރުވާގެ ދުވަސް ފާހަގަކުރުމަށް "ވޯލްޑް އެމަޖަންސީ މެޑިސިން ޑޭ، ފަން ފެއާ"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ރުއްގަނޑު އެކެއްގައި ބޭއްވި ހަރަކާތުގައި ބެހެއްޓި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

އެގޮތުން ފަސްޓް އެއިޑް އަދި ސީޕީއާރު ފަރުވާއާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދިން އިރު ކުޑަކުދިންނަށް ހާއްސަކޮށްގެން އަލްޓްރާސައުންޑް ސްކޭން ކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައިދިނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން އެ ހަރަކާތުގައި އެކި ބާވަތުގެ އެމަޖަންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އެފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ދީފައިވެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބޭއްވީ މާލޭ އާޓިފިޝަލް ބީޗުގައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންތިޒާމުކޮށްގެން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ބޭއްވި އެ ހަރަކާތުގައި ބެހެއްޓި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ދީފައިވެ އެވެ.

އަދި އެ ހަރަކާތުގައި ހޮސްޕިޓަލުން ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ލިބެން ހުރި ފަރުވާތަކާއި ހިދުމަތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާއިރު، ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތުގެ އިތުރުން އެކި ބާވަތުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް އެ ހަރަކާތުގައި ކުރިއަށް ގެންދިޔަ އެވެ.

އޭގެ އިތުރުން އެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑރ. ޝަޖީ ބައިވެރިވެ، އާންމުންނަށް ދުންފަތާ ދުރުހެލިވުމުގެ މުހިންމު މައުލޫމާތު ހިއްސާ ކޮށްދެއްވާފައިވެ އެވެ.

ޑރ. ޝަޖީ އަކީ މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްވުމުގެ ހާއްސަ ފަރުވާ ފޯރުކޮށްދޭ އެޑިކްޝަން ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާ އަދި އިންޑިއާގައި މީގެ ކުރިން މި ފަރުވާ ފޯރުކޮށްދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެފަދަ ހަރަކާތްތައް މެދުވެރިކޮށް ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.