ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުުރުކުރި ކަމަށް ބުނާ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކުރި ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން އެއް ފްލައިޓްގައި ހަޖަށް ދިޔަ މީހުން 18 ދުވަހަށް އަދި އަނެއް ތިން ފްލައިޓްގެ މީހުން 19 ދުވަހު މައްކާގައި ތިބޭނެ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ހައްޖަށްދާ މީހުން 30 ދުވަހު ތިބޭ ކަމަށާއި ނަމަވެސް ފަހުގެ އަހަރުތަކުގައި އާންމުކޮށް ހައްޖުވެރިން ތިބެނީ 22-25 ދުވަހަށް ކަމަށެވެ.

"އެއީ ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ، ނަމަވެސް މިފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސަލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެފަދަ ގައުމީ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވައިފައެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާ ކޮށްގެން ހައްލު ހޯދާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެެވެ.

މި އަހަރުވެސް ރާއްޖެއިން 1،000 މީހުން ހައްޖަށް ގޮސްފައިވެއެވެ.