ގެއްލުނު އެއަރޕޮޑްސް ޕްރޯ ހޯދަން ބްރިޓިޝް ޔޫޓިއުބަރެއް ކަމަށްވާ ލޯޑް މައިލްސް ޕާކިސްތާނަށް ދަތުރުކުރަން ނިންމައިފިއެވެ.

އޭނާގެ އެއަރޕޮޑްސް ގެއްލިފައިވަނީ އެއް އަހަރު ކުރީން ދުބާއީގެ ހޮޓަލަކުންނެވެ. އެޕަލްގެ ފައިންޑް މައި އެޕް އިން ދެއްކި ގޮތުގައި އެއަރޕޮޑްސް އޮތީ ޕާކިސްތާނުގެ ޖެލަމް ސިޓީގަ އެވެ. ލޯޑް މައިލްސް ވަނީ މި އެއަރޕޮޑްސް ހޯދަން ޕާކިސްތާނަށް ދަތުރުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.

އޭނާ ބުނެފައިވަނީ ޕޮލިހުގެ އެހީތެރިކަމާއެކު މި އެއަރޕޮޑްސް ހޯދާނެ ކަމަށެވެ. އަދި މި މަންޒަރުތައް ވީޑިއޯކޮށް ޔޫޓިއުބަށް އަޕްލޯޑް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ހަބަރާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. ބައެއް މީހުން ބުނެފައިވަނީ އާ އެއަރޕޮޑެއް ގަތުން ފަސޭހަވާނެ ކަމަށެވެ. އަނެއްބައި މީހުން ބުނެފައިވަނީ ބަދަލުހިފުމަކީ އަގުހުރި ކަމެއް ކަމަށެވެ. އަދި ބައެއް މީހުން ބުނެފައިވަނީ ޕާކިސްތާނުގެ ފުލުހުންގެ އެހީތެރިކަން ހޯދަން ރިޝްވަތު ދޭންޖެހިދާނެ ކަމަށެވެ.