ނިގާރު ބުންޏެވެ. އެ ހިނދު ޔޫހާ އަށް ހިމޭންކަމެއް ވެރިވިއެވެ. ޔޫހާ އަށް ވިގޮތް ކައިރީގައި ތިބި ފަހުމީ އާއި ނަހުމާ އަށް ވެސް ފެނުނެވެ.
"މަންމަމެން އަންނާނެ ވަރަށް އަވަހަށް. އުމްރާގެ ކަންކަން ނިމިއްޖެ. މިހާރު ތިބީ ފުރަން ތައްޔާރުވެފަ" ޔޫހާ ބުންޏެވެ.
ކައިވެންޏާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަން ފުރުސަތުނުދީ ޔޫހާ ތެދުވިއެވެ. އޭނާ ދިޔައީ ނައިޝަމްގެ ކޮޓަރިއަށެވެ.
ޓަކިޖަހާލުމާއެކު އެތެރޭގައި ހުރި ނައިޝަމްގެ ހުއްދަ ލިބިއްޖެއެވެ. ޔޫހާ ފެނުމުން ނައިޝަމް ހިނިތުންނުވިއެވެ. އެނދުން ތިރިއަށް ދެފައި ބާލައިގެން އޭނާ އިށީނެވެ. ޔޫހާ އިށީނީ އެނދު ކޮޅުގައެވެ. އޭނާ ހިނިތުންވުމަކާއެކު ނައިޝަމް އަށް ބަލައިލިއެވެ.
"ކިހިނެއް؟" ޔޫހާ އަހާލިއެވެ.
"ރަނގަޅު. މިގޭ މީހުން ބުނީ ދޯ އަހަރެން ރަނގަޅެއް ނޫނޭ" ނައިޝަމް ބުންޏެވެ.
"މިގޭ މީހުން އެހެން ބުނާކަށް ނުޖެހޭނެ. އަހަންނަށް ނައި ފެނުނީމަވެސް އެނގޭ ފިޓް ކަން" ޔޫހާ ބުންޏެވެ.
"ހެލީން... ހެލީ ދުށިން ދޯ. ހީވަނީ މާލޭގަ އުޅޭހެން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ" ޔޫހާ ބުންޏެވެ.
ނައިޝަމްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާ އާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.
"އެއީ ހަމަ ހެލީ. ފިލައިގެން އުޅެނީ. ޔޫހާ އަށް ހީވަނީ ކިހިނެއްތަ؟ އެދުވަހު އަހަރެން އެ ކައިވެނި ހުއްޓުވިން. އެ އާއިލާ ބިރުން ފަހަތަށްޖެހުނު މަންޒަރު ދެކުނިން. އެމީހުން ފަހުން އެކައިވެނި ކުރުވީބާ؟ އެ ކައިވެނި ކުރުވިޔަސް ހެލީ އުޅޭނީ އުފަލަކުން ނޫން. އަހަންނަށް ހަމަ ޔަގީން. އަހަރެން ހެލީ ހޯދާނަން" ނައިޝަމް ވާހަކަދެއްކިއެވެ. ނަހުމާ އާއި ޒައިދުއަށް ފަހު ހަމަޖެހިގެން ނައިޝަމް ވާހަކަދައްކާނ މީހަކީ ޔޫހާ އެވެ.
"ނައި އަށް ހެލީ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްތަ؟ އެހެންވިއްޔާ އަހަރެން ބުނާނީ ފަހަތަށް ނުޖެހެއްޗޭ. އަހަރެން މިހުރީ ނައި އާ އެކު. ހެލްޕެއް ބޭނުމިއްޔާ ނުބުނެ ނުހުންނާތި"ޔޫހާ ބުންޏެވެ.
ނައިޝަމް ނިކަން އަވަހަށް ބޯޖަހާލިއެވެ. ޔޫހާ ގެ އަތްމަތީގައި އޭނާ އަތް ބާއްވާލިއެވެ. އާއިލާގެ ތެރެއިން ނުލިބޭ އިތުބާރާއި ގާތްކަން އޭނާއަށް ދުރުން އައި މީހާގެ ފަރާތުން ލިބިއްޖެއެވެ. ޔޫހާ ގެ އަތުގައި އޭނާއަށް ހިފާލެވުނީ އުފާވީވަރުންނެވެ.
****
ކޮޓަރިން ނިކުމެގެން ބަދިގެ އާ ދިމާލަށް ދިޔަ ވިޝާހް ބަލައިލީ މަންމަ ޒުނީނު ގޮވާލުމުންނެވެ. ވިޝާހް ބަލައިލީ ސިހިފައެވެ. މިވަގުތު އޭނާ ގޭތެރެއިން ފެންނަން ނޭދޭ މީހާއަށް ފެނުނުމުން މޫނަށް ގޮތެއް ހަދާލިއެވެ. ދެލޯ އަޅައިގެން ހުރެ ޒުނީނު އައިސް ހުއްޓުނީ ވިޝާހްގެ ކުރިމަތީގައެވެ.
"ހާދަ ބާރަކަށް ތިދަނީ؟ ކޮންކަމެއްގަ ތިއުޅެނީ؟" ޒުނީނު އެހިއެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުތައް ވިއެވެ.
"ކަމެއްގައެއް ނޫން" ވިޝާހް ބުންޏެވެ. ވިޝާހު ހިނގައިގަތެވެ. އެހެންނަމަވެސް ޒުނީނު ގެ ސަބަބުން ދެވޭ ގޮތެއް ނުވިއެވެ.
ޒުނީނުގެ ނަޒަރު ފަހަތުގައި ހުރި ކޮޓަރިއަކަށް ހުއްޓުނެވެ. އަނެއްކާވެސް ދެން ބަލައިލީ ވިޝާހްގެ މޫނަށެވެ. ހިތްހަމަނުޖެހިފައެވެ.
"ކިހިނެއްވީތަ މަންމާ؟" ވިޝާހް އެހިއެވެ.
"ކަލޭ ބައްޕަ ގުޅިތަ؟ ކޮބާ ފޯނު؟" ޒުނީނު ބުންޏެވެ. ޖީބަށް އަތްލާފައި ވިޝާހް ފޯނު ނަގާފައި ބަލައިލިއެވެ. ބައްޕަ ގުޅާފައި ނެތެވެ. ޒުނީނުއަށް ވިޝާހް ފޯނު ދައްކާލިއެވެ. އަދި އޭނާއަށް އެއްވެސް ފޯނެއް ނާންނަކަމަށް ބުންޏެވެ.
"އޭނަ އެބަހުރި ވިންޑްމާޓް ކުރިމަތީ. މިގެއަށް ކާޑުގެ ބާވަތްތައް އެކަނި ނުވެއްދިގެން އެ އުޅެނީ. އެތަނުގަ މާގިނައިރު އޭނައަކަށް ނުހުރެވޭނެ. ގެސްޓްހައުސް އަށް ދާންޖެހޭނެ. ވިޝާހު އަންނަންދެން އެހުރީ" ޒުނީނު ބުންޏެވެ.
"މިދަނީ. ހެލީ އެ އިންނަނީ ހެނދުނުން ފަށައިގެން އެއްވެސް އެއްޗެއް ނުކައި. ޖޫސްތައްޓެއް ގެންގޮސްދީފަ ދާނަން" ވިޝާހް ބުންޏެވެ. ޒުނީނު ހިތްހަމަނުޖެހިއްޖެއެވެ. ހެލީނު ގެ ނީކަރަކަށް ވެގެން އުޅޭކަށް ވިޝާހު ނުޖެހޭނެއެވެ. އެއީ އޭނާ އެންމެ ހިތްހަމަނުޖެހޭ ކަންތަކެވެ. ހެލީނުގެ ކަންކަމާ ވިޝާހު މާބޮޑަށް އުޅުމެވެ.
"އެއީ ވިޝާހު ކުރަންޖެހޭކަމެއް ނޫން" ޒުނީނު ބުންޏެވެ.
"އެއީ މަގޭ ކަޒިންއެއް. މަންމަގެ ދަރިއެއް ކަހަލަ ކުއްޖެއް. އަހަރެން އޭނައަށް ޖުސް ތައްޓެއް ގެންގޮސްދިނުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއްނޫން. މަންމަގެ ސަބަބުން އޭނަ އެ އިންނަނީ ކޮޓަރިން ނިކުންނަންވެސް ނުކެރިފަ" ވިޝާހު ވާހަކަދެއްކިއެވެ.
"މަށަށް ވެސް ޖުސް ތައްޓެއް ގެންގޮސްދެވިދާނެ. ވިޝާހު ދޭ" ޒުނީނު ބުންޏެވެ. އޭނާ ބޭނުންވަނީ އެތަނުން ވިޝާހު ފޮނުވާލާށެވެ. ވިޝާހް އިތުރަށް ބަހެއް ނުކިޔައެވެ. ބައެއްފަހަރު މަންމަގެ ވާހަކަތައް ހުންނަގޮތުން ހެލީންއަށް މަންމަ ނަފްރަތުކުރާހެން އޭނާއަށް ހީވެއެވެ. ބައެއްފަހަރު ލޯބިން ހެލީންގެ ގައިގައި ފިރުމާނެއެވެ. މިވީހާތަނަށްވެސް ވިޝާހަށް އޭނާގެ މަންމަގެ ގޮތެއް ނޭނގުނެވެ.
"ދާށޭ..." ތަންކޮޅެއް ބާރަށް ޒުނީނު ބުންޏެވެ. ވިޝާހް ބޯޖަހާލާފައި ނިކުންނަން ދޮރާ ދިމާލަށް ހިނގައިގަތެވެ.
****
ހެލީން އަކީ ޒުނީނުގެ އަންހެންކޮއްކޮ ރިހުލާގެ ހުރި ހަމައެކަނި ދަރިއެވެ. ހެލީންގެ އުމުރުން ދެ އަހަރުގައި ރިހުލާ ވަރިކޮށްފައި ދިޔަގޮތަށް ހެލީންގެ ބައްޕަގެ ހަބަރެއް ނުވެއެވެ. ދިމާވި ހާދިސާއަކާ ގުޅިގެން ހެލީން ބެލޭނެގޮތެއްނެތި ރިހުލާއަށް ޖެހުނީ ހެލީން ޒުނީނު އާ ހަވާލުކުރާށެވެ. އޭގެފަހުން ހެލީންގެ ހުރިހާކަމެއް ބަލަހައްޓަނީ ޒުނީނު އާއި ފިރިމީހާ ސާލިމްއެވެ. ޒުނީނުގެ ރުންކުރުކަމާ ހުރެ ބައެއްފަހަރު ހެލީން އާ އެއްޗެހި ބުނެ ހެދިޔަސް އޭނާ ހެލީންއަށް ހެޔޮއެދެއެވެ. އޭނާއަށް ކަމުނުދަނީ ހެލީން އާ މާ ގާތްވެގެން ވިޝާހް އުޅުމެވެ. ހެލީން ބައެއް ކަންކަމުގައި ގޮތްދޫނުކުރުމެވެ. ހެލީން އަމިއްލަ ނިންމުންތައް އަމިއްލައަށް ނިންމާތީއެވެ. ހެލީން ނަސީބަށް ފުރަގަސްދޭތީއެވެ. ހެލީން ހަރަދު ބޮޑުހެން އޭނާއަށް ހީވާތީއެވެ. ހެލީންގެ ސަބަބުން ވިޝާހް މީހަކާ އިންނަ ހިޔާލުވެސް ނުކުރާތީއެވެ.
ދޮރުހުޅުވާލި އަޑަށް އެނދުގެ ހެޑްބޯޑުގައި ލެގިގެން ފިކުރަކަށް ގެއްލިފައި އިން ހެލީން ބަލައިލިއެވެ. ވަދެގެން އައި ޒުނީނުގެ އަތުގައި ޖޫސްތައްޓެއް ހުއްޓެވެ. ހެލީން އެނދުން ދެފައި ބާލައިގެން ރީތިކޮށް އިށީނެވެ. ހެލީން އިނީ ކަންބޮޑުވެފައެވެ. ކޮޓަރިއަށް ޒުނީނު ވަނުމުންނެވެ. ޒުނީނު އަތުން ޖޫސްތަށި ފެނުމުންނެވެ. ޒުނީނު އާ ކުރިމަތިލާން ޖެހޭތީއެވެ. ޒުނީނުގެ ވާހަކަތައް ހުންނާނީ އޭނާ މާ ގަޔާވާ ގޮތަކަށް ނޫންކަން އޭނާއަށް އެނގެއެވެ.
"ކީއްކުރަން ޖޫސް ގެންނަން ވިޝާހު ކައިރީގަ ބުނީ" ޒުނީނު ބުންޏެވެ.
"ނުބުނަން" ހެލީން ބުންޏެވެ.
"އަން މި ޖޫސްތަށި ބޯލާ" އެނދުގައި ހެލީން މަގަތުން ޒުނީނު އިށީނެވެ.
ބޭނުންނުވެ ހުރެފައިވެސް އެ ތަށީގައި ހެލީން ހިފިއެވެ. ކޯވަރެއް ބޯލާފައި ސައިޑް ކަބަޑުމަތީގައި ތަށި ބެހެއްޓިއެވެ. ދެން އިސްޖަހައިގެން ހެލީން އިނެވެ.
"ކޮންއިރަކުން ގެއަށް ދަނީ؟" ޒުނީނުގެ އަޑުހުރީ އާދައިގެ މިނެއްގައެވެ.
"ފަހުން" ހެލީން ބުންޏެވެ.
ޒުނީނު ހިތްހަމަނުޖެހުނެވެ. ކައިވެންޏަށް ހަ މަހަށް ވުރެ ގިނަ ދުވަސްވިއިރު އެ ދިރިއުޅުމަށް ހެލީންގެ ހިތްނުޖެހުނެވެ. ތަނަވަސް ދިރިއުޅުމެއް ލިބި ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގައި ރާނީ އެއް ފަދައިން ރަނިކަން ކުރަން ލިބުމުންވެސް އެދެނީ ފުރަގަހެވެ. ހެލީން އަށް ވިސްނޭނީ ކޮންއިރަކުން ހެއްޔެވެ؟ އަނެއްކޮޅުން ހެލީން ގޭތެރޭގައި އިންހާ އިރަކު ވިޝާހް ހެލީންގެ ބޯކޮޅު ބަލާނެއެވެ. އެއީ ޒުނީނު އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޒުނީނު އަށް ރަނގަޅީ ވީހާވެސް އަވަހަކަށް ހެލީން އެގެއިން ދިޔައިއްޔާއެވެ. ފިރިމީހާއަށް ލިބޭ ފައިސާއިން ބައެއް ހެލީން އަށް ހަރަދުކުރުމަކީ ޒުނީނުއަށް ހަޖަމުކުރެވޭވަރަށް ވުރެ ނުރައްކާތެރި ކަމެކެވެ. ފިރިމީހާ އަށް ލިބޭ ފައިސާއިން މީހުންނަށް ބައި އަޅަން ޒުނީނު އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. މުއްސަނދި ދިރިއުޅުމެއްގެ ތެރެއަށް ފީނައިގަނެ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމަކީ ޒުނީނު ދެކޭ ހުވަފެނެކެވެ. ހެލީންގެ ކައިވެންޏަށް އެދި ހަންނާން ފާރޫގު އައުމުންވެސް އެންމެ ފުރަތަމަ އާ ބަސް ބުނި މީހަކީ ޒުނީނު އެވެ. އޭނާ އެދިއެދި ހުއްޓާ ނަސީބު އަތުގައި ހިފުމުން އެއަށް އޭނާ ފުރަގަސްނުދިނެވެ.
"ކަނބުލޯ" ޒުނީނުގެ އޯގާތެރި އަޑު އިވިފައި ހެލީން ބަލައިލިއެވެ.
"ތިއީ ކިހާ ހަޑި ގޮތެއް. ހަންނާން ފާރޫގާއި މާޔޫން އަށް އެނގިޖިއްޔާ ދައްތަމެން ކިހާ ލަދެއް ގަންނާނެ. ހެލީންއަށް ވެސް އެނގެއެއްނު ސާލިމްބެ އަކީ ހަންނާން ފާރޫގު ގެ މުވައްޒަފެއްކަން. ހެލީން ތިގޮތަށް ކަންތައްކުރުމުން އެ ވަޒީފާގަ ސާލިމްބެ ކިހިނެއް ދެމިހުންނާނީ. ރަނގަޅު ދިރިއުޅުމެއް ލިބުނީމަ ދޫކޮށްލަން ތިއުޅެނީ ކީއްވެ؟ މިޒަމާނު ތަނަވަސް ދިރިއުޅުމާ ތިމާދެކެ ލޯބިވާ ފިރިއެއް ލިބޭނީ ނަސީބުވެރިންނަށް" ހެލީންގެ އަތުގައި ފިރުމަމުން ޒުނީނު ވާހަކަދެއްކިއެވެ.
"އަހަންނަށް... އޭނަ ކަމަކުނުދޭ. އަހަރެން އެގޭގަ ދިރިއުޅޭކަށް ބޭނުމެއްނޫން. ވަރިވާން ބޭނުމީ" ހެލީން ބުންޏެވެ.
ވަގުތުން ޒުނީނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހެލީންގެ ވިސްނުން ކޮށިކަމެއްގެ ސަބަބުން އޭނާ ދަތްތައް ބާރުވިއެވެ. އަދިވެސް ހެލީން ބޭނުންވަނީ މިގޭގަ ދިރިއުޅޭށެވެ. އެކަން އޭނާ ވިޔަކަ ނުދޭނެއެވެ.
"ކޮބާ އޭނަގެ މައްސަލައަކީ. ހުތުރު މީހެއްނޫން. މޮޅަށް ކިޔަވައިގެން ހުރި ތަނަވަސް ވިޔަފާރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. އެ އާއިލާ ވެސް ހެލީނުއަށް ނުލާހިކު ރަނގަޅު. އެމީހުން އެހާވަރުން އުޅޭތީ ފޮނިވަނީތަ؟ ހީކުރަނީތަ ތިމާ އަކީ މާ ރީތި މީހެކޭ. ނޫނީ އަދިވެސް އެދުވަހު އައި އެ ގޮތްކުޑަ ޒުވާނާ...."
"ޕްލީޒް... ޕްލީޒް... ހުއްޓާލާ ދެން..." ހެލީން ދެ ކަންފަތުގައި އަތް އެޅިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
"އެއީ މާޒީ... މާޒީގެ ވާހަކަތައް ނުދައްކާ. އަހަރެންގެ ހިތަށް ތަދުވޭ..." ހެލީން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"މާޒީ ކޮނެގެން ނަގަން ތިއުޅެނީ ހެލީނު. އަދިވެސް ދިރިއުޅުމައިގެން ކުރިއަށް ނުދެވިގެން ތިއުޅެނީ މާޒީގެ ފަސްބައިގަ ތިމާއަށް އެލިގަނެގެން އޮވެވުނީމަ. މީހަކާ އިނދެގެން ހުރެ އުޅެން ތިއީ ރީތިގޮތެއް ނޫން" ޒުނީނު ގެ އަޑު ގަދަވިއެވެ.
"އުފަލޭ މި ކިޔާ އެއްޗަކީ އަހަންނަށްވެސް ހައްގު އެއްޗެކޭ. ހުރިހާ ފަރާތަކުން އަހަރެންގެ އުފާ ނިގުޅައިގަންނަން ތިއުޅެނީ ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟ އަހަރެން ނުޖެހޭ އޭނަ އާ އިނދެގެން އެގޭގަ އުޅޭކަށް. އެކަކު އަހަންނަށް އެހީނުވިޔަސް ހެޔޮ. އަހަރެން މިކަމުން ސަލާމަތްވާނަން" ހެލީންއަށް ރޮވުނެވެ.
"ތިއީ ހުސް ބޭކާރު ވާހަކަ. ހަވީރު ވާއިރަށް ގެއަށް ދާތި. ޒަމްރު އަށް ގުޅާފަ ބުނޭ ހަވީރު ބަލާ އަންނާށޭ. އެހާއިރު ވަންދެން މިކޮޓަރީގަ ކަލޭ އިނދޭ" ޒުނީނު ބުންޏެވެ.
ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތްއިރު ދާދި ދެންމެއަކު އޭނާގެ ތުންފަތަށްވެރިވި އޯގާތެރި ހިނިތުންވުމުގެ ފަރުދާ ކެހިއްޖެއެވެ.
****
އެތައް އިރެއް ވަންދެން އިނދެފައި ޔޫހާ ގެއިން ނިކުންނަން ދަނިކޮށް ނަހުމާ ގޮވާލިއެވެ. ނިގާރު ކޮޓަރިއަށް ވަތް ވަގުތު ޔޫހާގެ އަތުގައި ހިފައިގެން ނަހުމާ ހިނގައިގަތީ އޭނާގެ ކޮޓަރި އާ ދިމާލަށެވެ. އެއީ ސްކޫލު ދައުރުގެ ދެ އެކުވެރިންނެވެ. ދެ އެކުވެރިން މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ތިބީ ނިންމައިގެންނެވެ. ނަސީބު ކަންދިމާކުރިގޮތުން ކިޔަވަން ނުދެވުނީ ނަހުމާ އަށެވެ.
"ހާދަ ވަގުކޮށް" އެނދުގައި އިށީންނަމުން ޔޫހާ ބުންޏެވެ.
"މަންމަ ހުއްޓާ މީހަކަށް އޮޅަށް ކަމެއް ކުރެވޭތަ؟" ނަހުމާ ބުންޏެވެ.
"ސީރިޔަސްކޮށް އަހަރެން ބުނީ. ނައި އަށް ވަރަށް އިތުބާރުކުރަންވާނެ. ނައި ރުޅިގަނޑުވެސް މިހާރު ނުގެންގުޅެއެއްނު. އެއީ ވަރަށް ރަނގަޅު ނިޝާނެއް. ދެން ބަލާތީ ވާހަކަދައްކައިގެން އޮފީހަށް ނެރެވޭތޯ. އަހަރެންވެސް ވަރަށް ވާހަކަދައްކައިފިން" ޔޫހާ ވާހަކަދެއްކިއެވެ.
"އެނގެއެއްނު ނައި އަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނެކަން. އެވާހަކައެއް ނޫނޭ. ކައިވެނީގެ ކަންކަމޭ. ސީރިޔަސްލީ. ޔޫ ހަމަ ނައި އާ މެރީކުރާނަންތަ؟ ނައި ދެކެ ލައިކް ވޭތަ؟ މަށަށް މިހުރީ އޮޅިފަ" ނަހުމާ ބުންނެވެ.
"އެއްކަލަ މީހާ.... މަށަކަށްވެސް ނޭނގެ ކުއްލިއަކަށް ނިގިއްތަ އެކަހަލަ އެއްޗެއް ބުނީ ކީއްވެގެން ކަމެއް. މަންމަމެންވެސް ނުދައްކާ އަދި އެކަހަލަ ވާހަކައެއް. ނަހޫ އަށް އެނގެއެއްނު އަހަރެން އެކަހަލަ ވިސްނުމެއް ނުހުންނާނެކަން. ނައި އަކީ އަހަރެންގެ ކްލައިންޓެއް. ނައި ނޫނިއްޔާ އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރާ ކްލައިންޓެއް ނުހުންނާނެ" ޔޫހާ ވާހަކަދެއްކިއެވެ.
"މަންމަ މޮޔަވަނީ ތޯއްޗެ... ނައި އާ އެއްކޮޅަށް ދުވަހަކުވެސް ވާހަކައެއްނުދައްކާ. އަހަންނަށް ވަރަށް އުނދަގު އަބަދު އަބަދު މަންމަ އާ ދެކޮޅަށް އެއްޗެހި ބުނަން. އެކަމު އަބަދު ކިޔަނީ ނައި ސިކުނޑި ހަމައެއްނުޖެހެއޭ... ނައި އަށް އަޑު އިވުނިއްޔާ މިގެއަށް ބިންހެލުމެއް އަންނާނެކަން ޔަގީން. މަންމައަށް ހަމަރަނގަޅަށް އިނގޭނެ ހެލީން އާ ހެދި ނައި ހުންނަ ވަރު. އަދި ތި ކައިވެނީގެ ވާހަކަ އިވުނިއްޔާ ނޭނގެ ވާނެގޮތެއްވެސް" ނަހުމާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
"ކަންބޮޑުނުވޭ. ނައި އަށް ވަރަށް ބަލައިގެން އުޅޭތި. މަ މިވަގުތު ދާން އެބަޖެހޭ. ކޮފީއަކަށް ދާން ގުޅާނަން. ނައި ގޮވައިގެން އަންނަންވާނީ" ޔޫހާ ބުންޏެވެ.
****
ކޮޓަރި ދޮރުހުޅުވާލި އަޑަށް އޮށޯވެގެން އޮތް ހެލީން ފުންމައިގެން ތެދުވިއެވެ. އެނާ އާ އަމާޒުވެފައިވާ ޒުނީނުގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އިސްއޮބާލިއެވެ. އޭރުވެސް އޭނާގެ ދެލޯ ވީ ފެންކަޅިވެފައެވެ.
"ތިއީ ބޮޑުވަރު" ޒުނީނު ފަށައިގަތެވެ
ޒުނީނު ހިތްހަމަނުޖެހުނީ އަދިވެސް ހެލީން ގެއަށް ދިޔުމަށް ތައްޔާރުނުވެ އިނުމުންނެވެ. ހެލީންގެ ކުރިމަތީގައި ޒުނީނުގެ ބަހުގެ އެއްވެސް އަގެއް ނެތުނީމައެވެ. އަނެއްކޮޅުން ވިޝާހު ގެއަށް އަންނަ ވަގުތު ޖެހިއްޖެއެވެ. ހެލީން ގޭގައި އިނިއްޔާ އެކޮޓަރިން ވިޝާހު ނުނިކުންނާނެއެވެ.
"ޕްލީޒް ދައްތާ... މިރޭ އަހަރެން މިގޭގަ މަޑުކޮށްލަންތަ؟" ހެލީން ބުންޏެވެ.
" ކޮންކަމެއް ތިއީ؟ ކައިވެންޏަށްފަހު އަންހެނާގެ ގެއަކަށް ވާނީ ފިރިމީހާ ދެއްކި ތަނެއް. ހެލީން ތިއުޅޭގޮތުން އަހަރެން ލަދުން މަރުވާވަރުވޭ. ޒަމްރުގެ އާއިލާ ހީކުރާނީ ކީކޭ" ދެ އުކުޅުގައި އަތްވިދެލަމުން ޒުނީނު ހަޅޭއްލަވަން ފެށިއެވެ.
"އަހަރެން އެގެއަށް ދާހިތެއްނުވޭ" ހެލީން ބުންޏެވެ.
"ބޭކާރު ވާހަކަދައްކާނެ ކަމެއް ނެތް. މިއަދު އިރުއޮށްސުމުގެ ކުރިން ކަލޭ ދާންޖެހޭނެ. މިގެއަކު ކަލޭ ހުންނާކަށް ޖާގައެއް ނެތް. ކޮން އުނދަގުލެއްތަ ތިކުރަނީ؟ އަހަރެމެންވެސް ހަމަޖެހިގެން އުޅުނުދީބަލަ" ޒުނީނު ބުންޏެވެ.
ހެލީން އަށް ހީވީ ހިތަށް ކައްޓެއް ހެރިގެން ދިޔަހެންނެވެ. އޯގާތެރިވެ އަޅާލަން ތިބި މީހުންގެ ފަރާތުން އެފަދަ ރަހުމެއްނެތް ބަސްތައް އިވުނު ހިނދު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ދެލޮލުން ކަރުނަ އޮހިގަތެވެ. ހިތަށް ހީވީ ހަންޖަރެއްގެ ހަމަލައެއް އަމާޒުވެގެން ދިޔަހެންނެވެ. އެނދުން ތިރިއަށް ދެފައި ބާލާފައި ހެދުން އޭނާ ތިރިއަށް ދަމާލިއެވެ. ދެންޖެހޭނީ އެގެއަށް ދާށެވެ. އިތުރު ގޮތެއް ނެތެވެ. މިނޫނީ ގޮސް ވަންނާނެ ތަނެއްވެސް ނެތެވެ. މަގުމަތީގައި ހުރެވޭކަށްވެސް ނެތެވެ. ހަ ފަރާތުން ވަނީ މަޖުބޫރުވެފައެވެ.
"މަންމާ" ޒުނީނު ބަލައިލީ ފަހަތުން ވިޝާހު ގެ އަޑު އިވުމުންނެވެ.
"މިތަނަށް ކީއްކުރަން ތިއައީ. ދޭ ސައިބޯން. ކޮފީ ވެސް ގިރާފަ ހުންނާނީ" ޒުނީނު ބުންޏެވެ.
"މަންމަ ތިއީ ކޮންކަހަލަ މީހެއްތަ؟" ޒުނީނު ދެއްކި ވާހަކަތައް ވިޝާހު އަށް އިވުނެވެ.
"ކީއްކުރަންހޭ މިތަނަށް ތިއައީ؟ އަހަރެން ނުބުނަންތަ ކަލޭގެ ބައްޕަ ދަންދެން ފިހާރައިގަ އިންނާށޭ" ޒުނީނުގެ ރުންކުރު ރާގުގައި ވާހަކަދެއްކިއެވެ.
"ފާހާނާއަށް މިއައީ. އެހެންނޫނަސް ފިހާރައިގަ މީހަކު އެބައިން. އެވާހަކައެއް ނޫން. މަންމަ ކީއްވެތަ އަބަދު ހެލީ އަށް އެއްޗެހި ތިކިޔަނީ. މި އާއިލާ ނޫނީ ހެލީގެ ތިބީ ކޮންބައެއް. ހެލީ ބޭނުންހާ ދުވަހެއް ވަންދެން މިގޭގަ ކީއްވެ ނުހުރެވެންވީ. ހެލީ ދާންބޭނުންވީމަ ދާނެއްނު" ވިޝާހު ބުންޏެވެ.
އެއްޗެއް ނުބުނެ ހުންނަން އޭނާ ވަރަށް ކެތްކޮށްފިއެވެ. މިފަހަކަށް އައިސް އޭނާ އެހެން އަޑެއް ނީވެއެވެ. ހެލީންގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެންނަތާ ވީ ދުވަހެއް ބުނަންވެސް ނޭނގެއެވެ. އެތައް ގޮތަކުން ހެލީން ހިތްހަމަޖައްސައިދޭން އޭނާ މަސައްކަތް ކޮށްފިއެވެ. ޒުނީނުގެ ސަބަބުން އިރުކޮޅަކުވެސް އޭނާ ހެލީން އާ ވާހަކަދައްކާލަން މަޑުކޮށްލިޔަކަ ނުދެއެވެ.
"ހަމަ މިހާރު މިތަނުން ރައްކާވޭ. ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މި އަންހެނާ ކައިރިއަށް ނާދެވިގެން ދޯ ތިއައީ. ބުނަން... ކަލޭ ތިއީ މަގޭ ބަފައެއް ނޫން މަގޭ މައްޗަށް ބަސް ބުނާކަށް. މިބުނީނު މިތަނުން ދާށޭ...." ވިޝާހު އަށް ޒުނީނު ބަލަހައްޓައިގެން ހުރީ ނަފްރަތުގެ ބެލުމަކުންނެވެ. ހެލީން އާ އެއްކޮޅަށް ވިޝާހު ވާހަކަދެއްކީތީ އޭނާ ވަރަށް ހިތްހަމަނުޖެހިއްޖެއެވެ.
"ބީރުތަ؟... ދާށޭ..." އަނެއްކާވެސް ޒުނީނު އަޑުގަދަކޮށްލިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
މާޝާﷲ. ވަރަށް ރީތި.
ނަންނަ - 1 އަހަރު ކުރިން