ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމުމާއެކު، އަމިއްލަ ވިޔަފާރިތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

މާދަމާ އިން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000ރ. ލިބޭނެކަން ރައީސް އިއުލާން ކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.

"މި ޖެއްސި އަގު، 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗްގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗްގައި އައިނު ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓާގައި އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އައިޖީއެމްއެޗްގައި ނަންބަރު އައިނުގެ ވިޔަފާރި ފެށުމުން އަމިއްލަ ވިޔަފާރިތަކުން ޖެހޭނީ އައިޖީއެމްއެޗްގެ އަގަށް އަގު ތިރިކޮށް އެ ހޮސްޕިޓަލާ ވާދަކުރަން ކަމަށެވެ.