މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ 184 މިލިއަނަށްވުރެ ގިނަ ޕާސްވޯޑް ލީކުކޮށްލައިފި އެވެ. ޕާސްވޯޑްތައް ލީކުވީ ޕްލެޓްފޯމްތަކުގެ ތެރޭގައި އެޕަލް، ގޫގުލް، ފޭސްބުކް، މައިކްރޯސޮފްޓް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމުތައް ހިމެނެއެވެ.

ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރު ޖެރެމިއާ ފައުލާ ވަނީ 184 މިލިއަނަށްވުރެ ގިނަ ޕާސްވޯޑު އަދި އީމެއިލް އެޑްރެސްތައް ހިމެނޭ ޑޭޓާބޭހެއް ހޯދައިފައެވެ

ލީކުވި މައުލޫމާތުގެ ތެރޭގައި ބޭންކްތަކާއި، މާލީ އިދާރާތަކާއި، ސިއްހީ ހިދުމަތްތަކާއި އަދި ސަރުކާރުގެ ޕޯޓަލްތަކުގެ ލޮގިން މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ހިމެނެއެވެ. މި ޑޭޓާބޭސް ރައްކާކޮށްފައި ހުރީ އާންމު ޓެކްސްޓް ފައިލެއްގެ ގޮތުގައި ކަމަށް ސައިބަ ސެކިއުރިޓީ މާހިރު ފައުލާ ބުނެއެވެ. ފައުލާގެ ހޯދުންތަކުން ދައްކާގޮތުގައި މި މައުލޫމާތު އެއްކޮށްފައިވަނީ އިންފޯސްޓީލިން މަލްވެއަރ ބޭނުންކޮށްގެންނެވެ.

ފައުލާ ވަނީ މި ޑޭޓާބޭސް ހޯސްޓްކުރި ފަރާތަށް މި މައްސަލަ އަންގައިފައެވެ. ހޯސްޓިން ކުންފުނިން ވަނީ މި ފައިލަށް އާންމުންނަށް އެކްސެސް ދޭން އިންކާރުކޮށްފައެވެ. ފައުލާ ވަނީ މި ލީކްގެ ސައްހަކަން ކަށަވަރުކުރުމަށް ޑޭޓާބޭސްގައި ހިމެނޭ ބައެއް މީހުންނާ ގުޅައިފައެވެ. އެމީހުން ވެސް ވަނީ ލީކުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

މާހިރުން ބުނާ ގޮތުގައި އެއް ޕާސްވޯޑާއި ޔޫޒާނޭމް ގިނަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާ ބޮޑުވާނެ އެވެ. އެހެންކަމުން، ވަރުގަދަ އަދި ތަފާތު ޕާސްވޯޑުތައް ބޭނުންކުރުމަށާއި، އެ ޕާސްވޯޑުތައް އަބަދުވެސް ބަދަލުކުރަމުން ގެންދިއުމަށް މާހިރުން ލަފާދެއެވެ. އަދި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަކީ އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމެއްމަށް ބުނެއެވެ.