ފެންވަރާލައިގެން ފާޚާނާއިން ނިކުތް އަސަލް ތައްޔާރުވަމުން ދިޔައީ އިޝާ ނަމާދަށް ދިއުމަށެވެ. އޭނަގެ ފިކުރުތަކާއި ގުޅިފައިވަނީ މައިހާ އެވެ. އެދެމެދުގައި ދެކެވުނު ވާހަކަތަކަށެވެ. މައިހާ އޭނައަށް މަޢާފްކޮށްދިނީތީ އެކަމުގެ އުފާވެރިކަން އަސަލްގެ މޫނުމަތިން ރަމްޒުކޮށްދެ އެވެ.

އަސަލްއަށް އައިސްފައިވި ބަދަލުތައް އެނދުގައި އޮތް ޤައިލާގެ ލޮލުގައި އަޅައިގަތެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނާއި ނަޒަރު ވަކިކޮށްލަމުން އަލަސްއަށް ޤައިލާ ސަމާލުވެލިއެވެ. އަސަލްގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަމުގެ ކުލަވަރުތަކުން ފުރަތަމަ ޤައިލާއަށް ލިބުނީ ހައިރާންކަމެވެ. އެފަދަ ބަދަލެއް އަސަލްއަށް އަންނަން ޖެހުނު ސަބަބަކާ މެދުގައި އޭނައަށް ވިސްނާލެވުނެވެ. އެއާއެކު ހިތަށް ސަވާރުވެގެން އައީ އެންމެ ނަމެކެވެ. މައިހާ އެވެ.

''ސަމްތިންގް ހެޕެންޑް...'' ޤައިލާއަށް ހިތާހިތުން ބުނެވުނެވެ. ''ދެމީހުން އަނެއްކާ އެކުވެރިވީތަ؟، ޔަޤީން، އެހެންވެގެން އަސަލް އެހާ ވަރަށް ހަމަޖެހިފަ އެހުރީ...''

''ތާކު ހުރި ކަތުރުފަންޏެކޭ، އޭނަ ޖެހޭތަ އަހަރެން ނެތް ތަނެއްގަ އަސަލްއާއި ވާހަކަދައްކަން؟، އޭނައަށް އެ ހައްޤު ދިނީ ކާކުތަ؟، އަސަލްއަކީ އަހަރެންގެ ފިރިމީހާ، އޭނައަކީ ހިލޭ އަންހެނެއް، އެކަން ވެސް އޭނައަށް ނޭނގެނީތަ؟، ތިމާ ވަރުގެ ރަނގަޅު މީހަކު މި އުޑު ދަށުގަ ނެތިގެން އުޅޭކަމަށް ހެދިގެން އިރު މީހާގެ އުޅުން ހުރި ފާޑެއް ނިކަން ބަލާބަލަ، އެކުވެރިކަމުގެ ފަހަތުގައި އޭނަ ކުޅޭ ނުބައި ކުޅިގަނޑު މަށަށް ނުފެންނާނެ ކަމަށްތަ އޭނަ ހީކުރަނީ؟، ދެން ހުރީ އަސަލް، އޭނަ އެއަށްވުރެން ގަމާރު ވާނެ...'' ފޫހިކަން ޤައިލާގެ މޫނަށް ވެރިވާން ފެށިއެވެ. ހަމައެއާއެކު ހިތުގައި އަނދަމުން އަންނަ ހަސަދަވެރިކަމަށް ދިރުން ލިބުނެވެ. އޭނައަށް ބުމަ ގޮށްޖަހާލެވުނެވެ. މައިހާ ދެކެ އޭނައަށް އާދެވުނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ އައިރު ހާޒިރުގައި އަސަލްއާއި ވާހަކަދެއްކީތީ އެވެ.

ބަންގީގެ އަޑާއެކުގައި ކޮޓަރިން ނިކުންނަން ހިނގައިގަތް އަސަލްއަށް ޤައިލާގެ ނަޒަރު އިހުސާސްވެ ފަސްއެނބުރިލެވުނެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅަމުން އޭނަ މަޑުކޮށްލީ ޤައިލާގެ ބޭނުމަކީ ކޮބައިތޯ ބަލައިލާށެވެ. ރުޅި މޫނު ހަދައިގެން ޤައިލާ ބަލަން ފެށުމުން އަސަލް ނިކުތީ ބޭރަށެވެ. އެއީ އާދައަކަށް ވެފައިވާ ކަހަލައެވެ. ދެބަސްނުވާނަމަ އެދެމެދުގައި އޮތްނަނީ މަރުގެ ހިމޭންކަމެވެ. ދެ ބީރައްޓެހިން ފަދައެވެ. މިހާރަކަށް އައިސް ޤައިލާއާއި ވާހަކަދައްކަން ވެސް އަސަލް ބޭނުމެއް ނުވެއެވެ.

''ވަރަށް ފޫހިވޭ، މައިހާ ފެނުނީމަ ވަރަށް އުފަލުންނެއްނު ތިހިރީ!...'' އަސަލް ނިކުތުމާއެކުގައި ޤައިލާއަށް ރުޅިވެރިކަމާއެކުގައި ބުނެވުނެވެ. ''އަހަންނާއި މެރީކޮށްގެން ހުރެ އެހެން މީހަކާ ވާހަކަދައްކަން އަސަލް ލަދެއް ނުގަނޭތަ؟، ބެސްޓް ފްރެންޑަކަސް އަހަންނަށް ރަނގަޅަށް އެނގެޔޭ ވާނުވާ... މިފަހަރު މައިހާއަށް ރަނގަޅު ލަނޑެއް ދޭނަން، ކުރިން ކުރެވުނު ވަރު ކުޑަވެގެން އޭނަ އުޅެނީ، އެއްޗެއް ވިސްނައިގަންނާކަށް ވެސް ނޭނގޭ މޮޔައެކޭ...''

އަމިއްލަ ނަފުސާ ސައްލާކުރަން ޤައިލާ އެތައް އިރެއް ހޭދަކުރިއެވެ. މައިހާ ފެނުމުން ޒަމާންވީ ނަފުރަތުގެ ހުޅުގަނޑު ގަދަޔަށް އަނދައި ބަދަލު ހިފުމުގެ ރޫހު އާލާވާން ފެށިއެވެ. މައިހާ އޭނައަށް ކުރާ އިތުބާރުގެ ނާޖާއިން ފައިދާ ނަގަން ޤައިލާ އަޒުމުކަނޑައެޅިއެވެ.

''އެ މޮޔަގަނޑަށް އެއްވެސް އެއްޗެއް ނޭނގޭނެ...'' ވިހަ ހިނިތުންވުމަކާއެކުގައި ޤައިލާ ބުނެލިއެވެ. ސިކުނޑީގައި ރާވަލީ ނުބައި ރޭވުމާއެކުގައި ލޮލުގެ ވިދުން ވެސް އާދަޔާ ޚިލާފަށް ގަދަވެލައިފިއެވެ. ''ދިސް އިޒް ގޮނަ ބީ ފަން...''

*****

މާލެ އައިތާ ދެދުވަސް ވީއިރު ރަމީޒާ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަންތަކެއް ނިމިއްޖެއެވެ. ބޭރަށް ގޮސްލުމަށް އެދި ޤައިލާގެ މެސެޖެއް މައިހާއަށް ލިބުނީ ފުރަން އެއްދުވަހަށް ވެފައި ވަނިކޮށްށެވެ. ލިބުނު މެސެޖާއެކުގައި މައިހާއަށް ލިބުނީ އުފާވެރިކަމެވެ. އޭނައާއި ބައްދަލުކޮށްލަން ޤައިލާ ހުށަހެޅުމުންނެވެ. އަވަސްއަވަހަށް ޤައިލާގެ ދައުވަތު ޤަބޫލުކުރެވުނެވެ. ފުރުމުގެ ކުރިން ޤައިލާއާއެކު ވަގުތުކޮޅެއް ހޭދާކޮށްލަން މައިހާ ބޭނުންވިއެވެ. ފުރުމުގެ ކުރިން އަސަލް ފަދައިން ޤައިލާއާއެކު އޮތް އެކުވެރިކަމުގެ ގުޅުން ވެސް އާރާސްތުކުރަން މައިހާ ހުރީ ގަސްދުކޮށްގެންނެވެ. އޭނަ ހުރީ އިސްވެ ޤައިލާގެ ގާތުގައި ބޭރަށް ގޮސްލުމުގެ ޚިޔާލު ދޭށެވެ. އޭގެ ކުރިން ޤައިލާ އެކަމަށް އެދުމުން އުފާވެރިކަން ދެގުނަވިއެވެ. މައިހާ ދެކުނީ އެއީ ހެޔޮ ފާލެއް ކަމުގަ އެވެ.

ޤައިލާގެ ހުށަހެޅުން ޤަބޫލުކުރިތާ އިރުކޮޅެއް ފަހުން ދާންވީ ތަނާއި ގަޑި މެސެޖެއްގެ ޒަރިއްޔާއިން ޤައިލާ ފޮނުވިއެވެ. މާލޭގެ މާހައުލާއި މައިހާ މުޅިން ބީރައްޓެއްސެވެ. ގޫގުލްއަށް ވަދެލަމުން ރެސްޓޯރެންޓްގެ ނަން ލިޔެލައި ސާޗްކޮށްލިއެވެ. މުޅިން އަލަށް ހުޅުވި ތަނަކަށްވުމުން މާގިނަ މައުލޫމާތެއް ލިބޭކަށް ނެތެވެ. ގޫގުލް މެޕްސްއިން ފެންނަ ގޮތުގައި އެތަން ހުންނަނީ ހުޅުމާލެ ފޭސް އެކެއްގެ ބީޗް ސަރަހައްދުގައެވެ. ލާފައި ހުރި ދެތިން ފޮޓޯއިން އެތެރެއާއި ބޭރު ފެނެއެވެ. ޒުވާނުންގެ ތެރޭގައި މަޝްހޫރުތަކެއްކަން ހާމަވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ޝީޝާއާއި އެފަދަ އެއްޗިސް އެތަނުން ލިބެން ހުރެއެވެ. އެކަމާ ދެކެންވީ ކިހިނެއްކަމެއް ނޭނގިފައި މައިހާއަށް ހުރެވުނެވެ. ކޮންމެހެން ވިޔަސް ޤައިލާ އެދުނު ގަޑިއަށް އެތަނަށް ދާން މައިހާ ނިންމިއެވެ. ޤައިލާއަށް އިތުބާރުކުރެވުނީތީއެވެ. އެކަމުގެ ނަތީޖާ ހިތި ގޮތަކަށް ލިބިދާނެ ކަމަކަށް މައިހާއަށް އަންދާޒާ ވެސް ކޮށްނުލެވުނެވެ. އެހެންނޫންނަމަ ޤައިލާގެ ހުށަހެޅުމާއި އޭނަ ޤަބޫލުނުވީހެވެ.

*****

''މަންމާ، މިރޭ އަޅުގަނޑު ކާނީ ބޭރުން، މިދަނީ މޭއިއާއެކު ބޭރަށް ގޮސްލަން...'' ބޭރަށްދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް ޤައިލާ ވާހަކަދެއްކީ ކާމޭޒުދޮށުގައި އިން ޖާހަތާ އެވެ. ނަމަވެސް އޭނަގެ ނަޒަރު ހުއްޓުނީ އަސަލް އަށެވެ. އަސަލްއަށް ވާ ގޮތެއް ބަލައިލުމުގެ ޝައުޤުވެރިކަމާއެކުގަ އެވެ.

ޤައިލާގެ ޖުމްލައާއެކު ކަމުން ދިޔަ އަސަލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ވަގުތުން އޭނަގެ ނަޒަރު ހުއްޓުނީ ޤައިލާ އަށެވެ. ހައިރާންކަމާއެކު އިރުކޮޅެއް ވަންދެން ޤައިލާއަށް ބަލަހައްޓައިގެން އަސަލްއަށް އިނދެވުނެވެ.

''އެހެންތަ؟، ދަރިފުޅު ކުރިން ބުނެލިނަމަ...'' ޖާހަތު ބުންޏެވެ. އޭނަ ހުރީ ޤައިލާ ކެއުމަށް ތަށިތައް ތައްޔާރުކޮށްފައެވެ.

''ކުއްލިއަކަށޭ މޭއި ބުނީ، ދެން މާދަން ފުރާތީ ނޫނެކޭ ވެސް ނުބުނެވޭނެއެއްނު...'' ޤައިލާ ކުށްވެރިކުރީ މައިހާ އެވެ.

އަސަލް އިނީ ޤައިލާއަށް ބަލާށެވެ. ޤައިލާ ވާހަކަތައް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. މައިހާއަކީ ކުއްލިޔަކަށް ކަންތައް ރާވާ މީހެއް ނޫންކަން އޭނައަށް އެނގޭތީއެވެ. އެއަށްވުރެން މައިހާ ޒިންމާދާރުވޭނެއެވެ.

''މާ ލަސްވަންދެން ބޭރުގައި ނޫޅެއްޗޭ، ހެނދުނާ މޭއި ފުރަންޖެހޭނެ...'' ޖާހަތު ބުންޏެވެ. ޤައިލާ ބޯޖަހާލާފައި އަސަލްއަށް ހިނިތުންވެލައިފިއެވެ. އެހިނިތުންވުމުގައި ފޮރުވިފައިވި ސިއްރުވެރިކަން އަސަލްއަށް ފާހަގަ ކުރެވުނެވެ. ގޯހެއް އެބައުޅޭޔޭ އޭނަގެ ޒަމީރު އިންޒާރު ދިނީ ދެނެވެ. ކުއްލިޔަކަށް މައިހާއާއެކު ބޭރަށް ދާން އުޅޭ ވާހަކަ ޤައިލާ އެންގުމާއި، ޤައިލާގެ ސިއްރުވެރި ހިނިތުންވުމާއި ގުޅުވާލެވުމުން އަސަލްގެ ހިތުގައި ސުވާލު އުފެދުނެވެ.

''މަންމާ، އަންނާނަން އެލީ ގެންގޮސްދީފައި...'' ޤައިލާ ދާން އެނބުރިލުމާއެކުގައި، އަސަލްއަށް އޭނަ އިށީނދެގެން ހުރި ގޮނޑި ފަހަތަށް ޖައްސާލެވުނެވެ. އެއަޑަށް ގައިލާ ވެސް ފިޔަވަޅުތައް މަޑުޖައްސާލައި އަސަލްއަށް ބަލައިލިއެވެ.

''އެންމެ ރަނގަޅު، ދަރިފުޅު ދޭ، ދަރިފުޅު އަންނަންވާއިރަށް ކާއެއްޗިސް ހޫނުކޮށްލާނަން...'' އަސަލްއާއި ޤައިލާ އެކަނިވެލަން ލިބޭނެ ފުރުސަތަކަށްވުމުން ޖާހަތު އަވަސްއަވަހަށް ބުންޏެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އެދެމެދުގައި ޖެހިފައިވި މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށެވެ.

އަސަލް ބޯޖަހާލަމުން ޤައިލާގެ ފަހަތުން ހިނގައިގަތެވެ. ޤައިލާ ހުރީ ފާޑަކަށް ހެވިފައެވެ. އަސަލްއަށް އެމަންޒަރު ފެނުނެވެ. ޤައިލާއާއި ސުވާލުކުރަން އަސަލް ފަސްކޮށްލީ ލިފްޓަށް އެރެންދެކަށެވެ. ނަސީބަކުން ލިފްޓަށް އަރާނެ އިތުރު މީހަކު ނުވިއެވެ.

''ކީއްކުރަން ތިއުޅެނީ؟...'' ލިފްޓް ތިރިއަށް ދާން ފެށުމާއެކު ޤައިލާގެ ކުރިމައްޗަށް ހުއްޓެމުން އަސަލް ސުވާލުކުރިއެވެ.

''މޭއިއާ ބައްދަލުކުރަންދާކަށެއްނު، އަސަލްއަށް އަހަރެން އެހެން ބުނި އަޑެއް ނީވުނުދޯ؟...'' ޤައިލާ ބުނެލިއެވެ.

''އެހެންވެގެންނު މިއަހަނީ ކީއްކުރަންހޭ ތިއުޅެނީ...'' އަސަލް އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ. ހިތުން ރުހުމުން މައިހާއާއި ބައްދަލުކުރަން ޤައިލާ ނޫޅޭނެކަން ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. ޤައިލާގެ ފަރާތުން ކުރިން ފެނުނު ހިތްހަމަނުޖެހުމާއި މާލާމާތުން އޭނައަށް އެކަން ސާފުކޮށްދީފިއެވެ. ޤައިލާއާ މެދު ސަމާލުވުމަށް މައިހާ ގާތު ބުނެވުނުނަމައޭ އަސަލްގެ ހިތަށް އެރިއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މައިހާގެ ސުވާލުތަކަށް އޭނަ ޖަވާބުދާރީވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ޚުދު އޭނައަށް ވެސް ޤައިލާގެ މަޤުސަދެއް ނޭނގެއެވެ.

''ވީ އާ ފްރެންޑްސް ސޯ އޮބްވިއަސްލީ ވީ އާ ގޮނަ ކެޗްއަޕް...'' ޤައިލާ ހިނިތުންވެލުމާއެކު އަސަލްއަށް ކުރިއަށް ޖެހިލެވުނެވެ. ޤައިލާ ހުރީ އޭނަގެ ފިޔަވަޅުމަތީ ސާބިތުކޮށެވެ.

''ހަމަ ކުއްލިއަކަށްތަ އެކުވެރިކަން ފެނުނީ؟...'' އަސަލް އެހިއެވެ. ''މޭއިއާ މެދު ބޭނުން ގޮތަކަށް ކަންތައްކޮށްފަ މިހާރުތަ ރައްޓެއްސެއްގެ ގޮތުގަ ފެނުނީ؟...... އަހަރެން ގާތު ދޮގު ހަދަން އުޅޭނެ ކަމެއް ނެތް، އައި ސޯ ހައު ޔޫ ޓްރީޓެޑް ހާ ޑިއުރިން ޑިނާރ...''

''ކޮން ބާރެއް އަރައިގެން ތިއުޅެނީ؟، އަހަރެން ކަމެއް ނުކުރަން!، ތީ އަސަލްއަށް ހީވާ ގޮތް، ޝައްކު ބަލި!...'' ޤައިލާ ފުސް މޫނަކާއެކު ބުންޏެވެ. ލިފްޓް ހުޅުވުނީ އެވަގުތުގައެވެ. އަސަލްގެ ކޮނޑުގައި ޖެހިގެންފައި ޤައިލާ ބޭރަށް ނިކުތެވެ. އެއާއެކު ޤައިލާގެ ފަހަތުން އަސަލް ވެސް ލިފްޓުން ނިކުތެވެ. އަސަލްއަށް ސަމާލުކަން ދިނުމެއް ނެތި ޤައިލާ ހިނގައިގަތީ އިމާރާތުން ބޭރަށް ނިކުންނާށެވެ. އިމާރާތުގެ މައިދޮރާއި ދިމާއަށް ދެވެން އޮތް ސަރައްކާލިން ޤައިލާ ހިނގައިގަތެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން އަސަލް ގޮސް ޤައިލާގެ އަތުގައި ހިފީ އެވަގުތެވެ.

''ކިހާ ދެރަކަމެއްތަ ދެން...'' ރުންކުރުކަމާއެކު ޤައިލާ ބުނެލިއެވެ. ''އަސަލްއަށް ކިހނެއްތަ ތި ވަނީ އަހަރެން މައިހާއާއި ބައްދަލުކުރަންދާތީ، ތިވަރުން އެނގެން ބޭނުމިއްޔާ މައިހާއަށް ގުޅައިގެން އަހާބަލަ، އޭނަ ވިއްޔާ މިކަމެއް ރޭވީ...''

''އަހަރެން ބޭނުމީ ތިދާތަނެއް ބަލަން...'' އަސަލް ބުންޏެވެ. ''އެވަރު ބުނެވޭނެހެން ހީވަނީ...''

''އަހަރުމެން ކޮންމެ ތަނަކަށް ދިޔަޔަސް އަސަލްއަށް ކޮންކަމެއް؟...'' އަސަލްގެ އަތް ނައްޓުވަން ޤައިލާ ގަދަ ހަދާލިއެވެ. އާންމު ތަނަކަށްވާތީ އަސަލްއަށް މަޖުބޫރުވާނީ އޭނަގެ އަތުން ދޫކޮށްލުންކަން އެނގިހުރެއެވެ.

''ޤައިލާ...'' ނުރުހުމާއެކު އަސަލްއަށް ބުނެވުނެވެ. އޭނަގެ ސުވާލުތަކަށް ޖަވާބުދޭން ޤައިލާ ދެކޮޅު ހަދާތީ އަސަލްއަށް ލިބުނީ ނުތަނަވަސްކަމެވެ.

''އަތުން ދޫކުރޭ!...'' ޤައިލާ އަމުރުކޮށްލިއެވެ. ''އަހަރެން މިތާ ސީނެއް ކްރިއޭޓްކޮށްފިއްޔާ ރަނގަޅެއް ނުވާނެ...''

ޤައިލާ ދިނީ އިންޒާރެއް ނޫންކަން އަސަލް ދެނެގަތެވެ. އެހެންވެ ޤައިލާގެ އަތުން އަސަލްއަށް ދޫކޮށްލެވުނެވެ. ފުރުސަތުގެ ބޭނުން ހިފައި ޤައިލާ އިމާރާތުން ނިކުމެއްޖެއެވެ.

''އަސަލް އަހަރެން ގެންދާކަށް ނުޖެހޭނެ، މައި ރައިޑް އިޒް ހިޔާ...'' އަސަލް އޭނަގެ ފަހަތުން ބޭރަށް ނިކުތުމާއެކުގައި ޤައިލާ ބުންޏެވެ. މަގުގެ އަނެއް ފަރާތުގައި އޮތް ރަތްކުލައިގެ ބީ.އެމް.ޑަބްލިއު ކާރު އަސަލްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ފުރަތަމަ ނަޒަރުން ވެސް އެއީ ޤައިލާގެ އެކުވެރިޔާ ރިދާގެ ކާރުކަން އަސަލްއަށް ނަގައިގަނެވުނެވެ. އަސަލްއަށް ހިމޭނުން ނުހުރެވުނެވެ.

''ކީއްކުރަން ރިދާ އައިސްގެން އުޅެނީ، ތިއުޅެނީ މޭއިއާ ބައްދަލުކުރަން ދާކަށެއް ނޫންތަ؟، ޤައިލާއާއެކު ރިދާ ދަނީ ކިއްކުރަން؟، އިރުކޮޅެއް ކުރިން ބުނީ ކުއްލިއަކަށޭ މޭއި ގުޅާފަ ބޭރަށް ދާން އެދުނީ، ދެން މިހާ އަވަހަށް ރިދާއަށް ގުޅާފަ އޭނައަށް ވެސް ދަޢުވަތު ދިނީ؟، ދައުވަތު ދޭއިރަށް ރިދާ ވެސް ފްރީ؟...'' ޤައިލާގެ ވާހަކަތަކުގައި ހުރި ހަމަނުޖެހޭ ކަންތައްތަކަށް އަލިއަޅުވާލަމުން އަސަލް ބުންޏެވެ.

ޤައިލާއަށް މަޑުޖެހިލެވުނީ އަސަލްގެ ހުޝިޔާރުކަމުންނެވެ. ބާޒީ އޭނަގެ މުށުތެރެއަށް ގެންދާނެ ގޮތަކާމެދު ވިސްނާލެވުނެވެ.

''ހާދަ ވަރަކަށޭ އަސަލް ޝައްކު ތިކުރަނީ، ތިހެންވެ އަސަލް ދެކެ އަހަރެން ފޫހިވަނީ، ތިވަރު ކުރާއިރު ވެސް އަހަރެން ހުންނާނީ އެއްޗެކޭ ނުބުނެހެން ހީނުކުރައްޗޭ، އައި ހޭވް ދަ ރައިޓް ޓު ޑިފެންޑް މައި ސެލްފް... އަހަރެން ވިއްޔާ މައިހާއާ ބައްދަލުކޮށްގެން ނުވޭ، އެއީ ހަމައެކަނި އަސަލްއަށް ލިބިގެންވާ ހައްޤެއްތަ؟...'' ޤައިލާ ދުލެއް ނުދިނެވެ. މޭމަތީ ދެއަތް ހުރަސްކޮށްލައިގެން އޭނަ ހުއްޓެވެ. ކާރުގައި އިން ރިދާ ޑްރައިވަރު ސީޓުގެ ލޫވާރ ތިރިކޮށްލަމުން ޤައިލާއަށް ގޮވާލައިފިއެވެ.

''މިދަނީ...'' ފަސްއެނބުރި ރިދާއަށް ބަލަމުން ޤައިލާ ބުނެލިއެވެ. އެއަށްފަހު އޭނަ ބަލައިލީ އަސަލް އަށެވެ.

''އަހަރެން މިދަނީ، އަސަލް އޮޅުންފިލުވަން ބޭނުމިއްޔާ ގުޅާ މައިހާއަށް، އޭނަ ބުނާއެއްޗެއްނު އަސަލްއަށް މުހިންމުވާނީ، އަސަލްގެ އަނބިމީހާ އަކީ ދޮގުވެރިއެއްނު؟... އަހަންނަށް ރަނގަޅަށް އެއްވެސް ކަމެއް ނުވާނެ، އަސަލްއަށް ހީވަނީ އަހަރެން މީ ނުބައި މީހެއް ކަމަށްތަ؟، އަހަންނާ މެދު އަސަލް ދެކެނީ އެހެންތަ؟...'' ލޮލުގެ ހިމަކޮޅުގައި ޝަހާދަތް އިނގިލީގެ ކުރި ހިންގާލަމުން ޤައިލާ ބުނެލިއެވެ. ކޮންމެހެން ކަރުނަ އައިސްގެނެއް ނޫނެވެ. އަސަލްއަށް ދައްކާލި ތަމްސީލެކެވެ. އަސަލްގެ ދުލުކުރީގައި ތަޅުއަޅުވާނެ އުކުޅުތައް އޭނަ ދަނެއެވެ. ވިސްނުމުގެ މައްޗަށް ބާރުފޯރުވަން ވެސް މެއެވެ.

ކާރުގެ ދޮރުހުޅުވާލަމުން ޤައިލާ ކާރަށް އެރި މަންޒަރު ބަލަން އަސަލް ހުއްޓެވެ. ޤައިލާގެ އެއްވެސް ވާހަކައެއް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. ކާރު ދުއްވާލުމާއެކުގައި ޖިންސުގެ ޖީބުގައި އޮތް ފޯނު އަސަލް ނެގިއެވެ. އޭނަ އުޅުނީ މައިހާގެ ނަންބަރަށް ގުޅާށެވެ. ނަމަވެސް މައިހާ ހީކޮށްފާނެ އެއްޗަކާ މެދު ފިކުރުބޮޑުވެ ގުޅަން ފަސްޖެހުނެވެ. ފޯނުކޯލަކުން ޤައިލާގެ ހަޤީޤަތް ބުނެދޭކަށް ވެސް ބޭނުމެއް ނުވިއެވެ.

ނިތުގައި ގިނަވެފައިވި ރޫތަކުގައި ބޮޑުވާ އިނގިލީގެ ކުރި އަސަލްއަށް ހިންގާލެވުނެވެ. ފުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. އޭނައަށް ހުރެވުނީ ދެ ފިކުރެއްގެ މަތީގައެވެ. ޤައިލާއަށް އިތުބާރުކުރުން އެއީ އޭނައަށް ފަސޭހަކަމެއް ނޫނެވެ. ހަމައެއާއެކު މައިހާއާ މެދު އުފެދުނު ހާސްކަމާ ވެސް ދުރުވެވޭ ގޮތެއް ނުވިއެވެ.

*****

''ގާރރލް، ވަޓް ވޯސް ދެޓް؟...'' ކާރު ދުއްވަމުން ޤައިލާއާއި ރިދާ ވާހަކަދެއްކިއެވެ. ކާރުގައި އިނދެފައި އޭނަ ޤައިލާއަށް ގޮވާލީ ވެސް އަސަލްއާ ދެމެދު އޮތް ނުތަނަވަސްކަން ފެނިގެންނެވެ.

''އަނެއްކާ......'' ޤައިލާއަށް އެއްޗެއް ނުބުނެވެނީސް އަނެއްކާ ވެސް ވާހަކަދައްކަން ފެށީ ރިދާއެވެ. ދުލު ކުރިއަށް ގެނެވުނު ސުވާލާއެކުގައި ރިދާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޤައިލާގެ ގާތް ރައްޓެއްސަކަށްވުމުން އަސަލްއަށް ސިއްރުސިއްރުން ޤައިލާ ކުރާ ކަންތައް ރަނގަޅަށް ރިދާ ދަނެއެވެ. އޭނަ ކަންބޮޑުވީ އެކަމުގެ ހިލަން އަސަލްއަށް ވެއްޖެކަމަށް ހިތާއެވެ.

''ނޫން!...'' ޤައިލާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

''ހަމަ އަހާލެވުނީއޭ، އެނގޭ އެލީ ވަރަށް ވިސްނައިގެންކަން އުޅެނީ، ދެން ކޮންކަމަކާތަ އަޒް އެހާވަރު އަރާފަ ހުރީ...'' ޓްރެފިކަށް ސާލުވެލަމުން ރިދާ ބުނެލިއެވެ. ފެނުނު މަންޒަރުން ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ އުޅުނެވެ. ރިދާއަކީ އޭނައަށް ކަމެއް ފެނިއްޖެނަމަ އެކަމުގެ އެންމެ ފުނަށް ފީނައި ނުގަނެވެނީސް ހަމަޖެހޭ މީހެއް ނޫނެވެ.

''ފާޑެއްގެ އަންހެނަކާ ހެދި...'' އައިސްފައި ހުރި ރުޅީގައި ޤައިލާއަށް ބުނެވުނެވެ. ''ހާދަ ރުޅިއެއް އާދެޔޭ...''

''ކީކޭ؟... އަޒް؟...'' ރިދާއަށް ލިބުނު ސިހުމުގައި އޭނައަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. ސީޓް ބެލްޓް ނާޅާ އިން ޤައިލާ ކުރިއަށް ދިޔައެވެ. ޑޭޝްބޯޑާއި ތަތްނުވީ ވެސް ކިރިޔާއެވެ. އެކަމާ ނުރުހިފައި އޭނަ ރިދާއަށް ކަޅިއަޅައިލިއެވެ.

''ބަލައިގެން ދުއްވަބަލަ...'' ޤައިލާއަށް ހަޅޭއްލަވައިގަނެވުނެވެ. ފަހަތުން ސައިކަލެއްގެ ބަރުގޮނު އިވުނީ ވެސް އެ ދަނޑިވަޅުގައެވެ.

''ސޮރީ...'' ރިދާ މަޢާފަށް އެދުނެވެ. ''ސިހޭވަރުގެ އެއްޗެއް ބުނީމަ ވާނީ އެހެންނު، އެކަމަކު ހާދަ ޤަބޫލެއް ނުވެޔޭ، އަޒް އަކީ ޖެންޓްލްމޭނެއް، ހީ އިޒް ނޮޓް ސަމްވަން ހޫ ވިލް އެވާ ޗީޓް...''

''ވަޓް ދަ ހެލް؟...'' ޤައިލާ ގާތަށް އައީ ރުޅިއެވެ. ރިދާއަށް އަސަލް ކަމުދާކަން ޤައިލާއަށް ނޭނގެނީއެއް ނޫނެވެ. އަސަލްގެ ފިރިހެންވަންތަކަމާއި ސްމާޓްކަމަކީ ކޮންމެ އަންހެނަކު ވެސް ހާސިލްކުރަން ބޭނުންވާނެ ސިފަތަކެވެ. އެހާ ވެސް އަސަލް މަޤުބޫލުވިއްޔާއެވެ. އަސަލްއާއި މެދު އޭނަގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ ވެސް އެހެންވެގެންނެވެ. ލޯބި ވެގެންނެއް ނޫނެވެ.

''މިރޭ އިންވައިޓް ކުރީ އެކުއްޖާއަށްތަ؟...'' މައުޟޫޢު ބަދަލުކޮށްލަމުން ރިދާ އަވަސްއަވަހަށް ބުންޏެވެ. އޭނަ ދެކެ ޤައިލާ ރުޅިއައިސްދާނެތީ ރިދާ ވާހަކަދެއްކީ ޤައިލާގެ ރުހުން ލިބޭނެ ހެންނެވެ.

''ހޫނ...'' ފޫހި ރާގަކަށް ދަމާލާފައި ޤައިލާ ބުނެލިއެވެ. ލޮލުގެ ހިމަކޮޅުން ޤައިލާއަށް ރިދާ ބަލައިލިއެވެ. ޤައިލާ އެހާ ރުޅިއައިސްފައި ހުއްޓާ އޭނައަށް ފެނުނު ފުރަތަމަ ފަހަރެވެ. މަސްރަހު ވަރަށް ގޯސްކަން އޭނަ ދެނެގަތެވެ.

''އޯކޭ...'' ރިދާ ބުނެލިއެވެ. ''ސޯ ވަޓްސް ދަ ޕްލޭން؟...''

''އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރީމަ ހުންނާނީ ރަނގަޅަށް...'' ޤައިލާ ބުންޏެވެ. އިތުރު ސުވާލަކާނުލާ ރިދާ ބޯޖަހާލިއެވެ.

''ވަރަށް ދުވަސްވެއްޖެ އޭނައަށް ފިސާރި ވަރުގަދަ ލަނޑެއް ދޭން ވިސްނާތާ، މިރޭ އެންމެން ތެރޭ ލަދުގަންނަވާލައި ބަދުނާމުކޮށްލާނަން...'' ރުޅީގެ އަސަރު ފިލައި ޤައިލާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

(ނުނިމޭ)