ތ. ކިނބިދޫއާއި އެ އަތޮޅު ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދައިދޭ ފަރާތަކަށް ރިސޯޓު ހަދަން އެ އަތޮޅު ކެލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ކިނބިދޫ، ވޭމަންޑޫ ލިންކް ތަރައްގީކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި އެލާ ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަކީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގާރާރުގެ ދަށުން ފާސްކޮށްފައިވާ، ކިނބިދޫ، ވޭމަންޑޫ ލިންކް ތަރައްގީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި އެލާ ތަރައްގީކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ގައުމީ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއު ތަންފީޒު ކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) www.infrastructure.gov.mv ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 08 ފެބްރުއަރީ 2024، ކިނބިދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ކޯޒްވޭގެ މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސް ވިދާޅުވެފައިވަނީ ކިނބިދޫ ރައްޔިތުންނަށް އެންމެ މުހިންމީ އެ ރަށާއި ވޭމަންޑޫ އެއްފަސްވެގެންދިއުން ކަމަށެވެ.

"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިނުމަކަށް އައިސް އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައިދޭނަން" ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭގެ އިތުރުން މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލައްވާނެ ކަމަށެވެ.

ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ކުރީ ސަރުކާރުން ވަނީ ކޯޒްވޭގެ ފޮޓޯތައް އާއްމުކޮށް، ފީޒިބިލިޓީ އެސަސްމެންޓްގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ވެރިކަން ނިމުނު އިރުވެސް ކޯޒްވޭގެ އަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. މި ދެރަށް ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް މުއިއްޒުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.