ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ ސައުދީއަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ އާންމު ހައްޖު ކޯޓާގައި ނޫން ކަމަށާއި އެެއީ ސައުދީ ރަސްގެފާނުގެ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ދަތުރުފުޅުތަކުގެ ހުރިހާ ހަރަދެއްވެސް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ކަމަށެވެ.

"ދެން އަނެއްކާ އޭގެ އިތުރަށް ދަންނަވާލަން އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް ކަންކަން ހަމަޖައްސައިދީފަ މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށްދީފައި، ހަމަޖައްސައިދީފައި. އެއީ ވެސް ސަރުކާރުން އެއްވެސް ހަރަދެއްކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ފުރުސަތަކީ ކުރީގެ ރައީސުންނަށްވެސް ސައުދީން ދެއްވާ ފުރުސަތެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވާކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.