މަޝްހޫރު މިޔުޒިކަލް ރޮމޭންޓިކް ކޮމެޑީ ފިލްމު "މަމާ މިއާ" ގެ ތިންވަނަ ބައި އަންނާނެ ކަމަށް ފިލްމުގެ ލީޑިން އެކްޓްރެސް އަމަންޑާ ސެއިފްރީޑް ބުނެފިއެވެ. އަމަންޑާ ބުނެފައިވަނީ "މަމާ މިއާ 3" އަންނާނެ ކަމަށާއި، ފިލްމު ޝޫޓު ކުރާނީ ގްރީސްގައި ކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު ޖޫޑީ ކްރޭމަރު ބުނެފައިވަނީ "މަމާ މިއާ" އަކީ އެންމެނަށް މަގުބޫލު ފިލްމެއް ކަމަށެވެ. ފިލްމުގެ މިޔުޒިކްގެ މައިގަނޑު ބައި ބިނާވެފައިވަނީ އެބްބާގެ ލަވަތަކުގެ މައްޗަށެވެ. ޖޫޑީ ކްރޭމަރު އިތުރަށް ބުނެފައިވަނީ ސަބްރީނާ ކާޕެންޓަރު ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަމަންޑާ ބުނި ގޮތުގައި ސަބްރީނާ އޭނާގެ ދަރިފުޅުގެ ރޯލުން ފެނިގެންދިއުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށެވެ. އަމަންޑާ އާއި ސަބްރީނާ އާ ދެމެދު 13 އަހަރުގެ ތަފާތު ހުރި ނަމަވެސް، އޭޖް މޭކަޕް ބޭނުންކޮށްގެން އެ ރޯލު ކުޅެވިދާނެ ކަމަށް އަމަންޑާ ބުނެފައިވެއެވެ.

2008 ގައި ނެރުނު މި ފިލްމުގެ ފުރަތަމަ ބައި ވަރަށް ބޮޑަށް މަގުބޫލުވުމާ ގުޅިގެން، 2018 ގައި ދެވަނަ ބައި ނެރުނެވެ.މި ފިލްމުގައި މެރިލް ސްޓްރީޕް އަދި އަމަންޑާ ފަދަ މަޝްހޫރު ތަރިން ފެނިގެންދެއެވެ. ތިންވަނަ ބައި އަންނާނެ ކަމުގެ ހަބަރާ ގުޅިގެން ގިނަ ފޭނުން ވަނީ އުފާފާޅުކޮށްފައެވެ.