ހިމޭންކަމުގެ ތެރެއިން އިރުއޮއްސެމުންދާ މަންޒަރު ބަލަން އަސަލްއާއި މައިހާ ތިއްބެވެ. އަސަލްއާއި ދިމާއަށް ނުބަލައިވޭތޯ މައިހާ އޭނަގެ ހިތަށް މަޖުބޫރުކުރަމުން ދިޔައެވެ. އެހާ ގާތުގައި އަސަލް އިނަސް އެދެމެދުގައި އޮތް ދުރުކަމުން މައިހާގެ ހިތަށް ތަދުކުރުވިއެވެ. ކިތަންމެ ބޭނުން ވިޔަސް އެދުރުމިން ކަނޑައްތުކުރެވޭކަށް ނެތެވެ. އޭނަގެ އިހުސާސްތަކުގެ މައްޗަށް އެއްވެސް ކަހަލަ ބާރެއް ނުވެއެވެ. އެއިން ކޮންމެ ފަހަރަކު އަމިއްލަ ނަފުސުގެ ނާޒުކުކަން މައިހާއަށް ތަސައްވަރުކުރެވެއެވެ. ލޯތްބަކީ ދެ ބަޔަކަށް ކަފިވެގެންދާ ޖަޒުބާތެކެވެ. ނަސީބުވެރިންނަށް އޮތީ އުފަލާއި، އަރާމާއި ރާހަތެވެ. ބަދުނަސީބުވެރިންނަށް އޮތީ ވޭނާއި، ކެކުޅުމާއި އުދާހެވެ. މައިހާ ވެފައިވަނީ ބަދުނަސީބުވެރިންގެ ތެރެއިންނެވެ. އެކަން އޭނަ ޤަބޫލުކުރެއެވެ. ހިތާމަތަކީ އޭނައަށް ކުރިއަށް ނުދެވޭތީއެވެ. ދިރުން ގެއްލިފައިވި ރޫހަށް އާރޯކަން ހޯދަދޭނެ ގޮތެއް ނުފެންނާތީ އެވެ.

މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަސަލް ދިން ހަދިޔާއަށް ޝުކުރު އަދާނުކުރެވޭކަން އޭނަ ހަނދާންވީ ވެސް ދެނެވެ. މައިހާއަށް ބަލައިލެވުނީ އޭނައައި ޖެހިގެން ބެހެއްޓި ޖޫޓް ބޭގަށެވެ. އެހަދިޔާ ލިބުމުން މައިހާ ހުރީ ޖަޒުބާތީވެފައެވެ. އޭނަ ކުރެހުމަށް ލޯބިކުރާ މިންވަރު އަސަލް އަދިވެސް ހަނދާން ހުރީތީއެވެ. އެކުވެރިކަން މުޅިން ހަނދާންނައްތާ ނުލީތީއެވެ. ދިލަ ހިތަށް ލިބުނު ހަމައެކަނި ތަސައްލީއަކީ އެއެވެ.

''ތޭންކްސް...'' މައިހާ ބުންޏެވެ. ކަނޑުގެ ސަތަހައާއި ނިވާވި އިރާއި އަސަލްގެ ނަޒަރު ވަކިކޮށްލެވުނީ މައިހާގެ އަޑަށެވެ. މައިހާއާއި ދިމާއަށް އެނބުރިލަމުން، އަސަލްގެ ނަޒަރު މައިހާގެ މޫނަށް ހުއްޓުނެވެ. ހަދިޔާއާއި މެދު މައިހާ އުފާވާނެކަން ކުރިންވެސް އަސަލްއަށް ލަފާކޮށްލެވުނެވެ. އޭނައަށް މައިހާ ގަޔާވާ ކަންތައް ދުވަހަކު ނޯޅޭނެޔޭ ބުނަން އަސަލް ބޭނުން ވިއެވެ. އެހެން ބުނަން އަސަލްގެ ދޫ ހަރަކާތްކޮށްލިއެވެ. އެހެނަސް، ފަހު ވަގުތު ފަސްޖެހެވުނީއެވެ.

''ވެލްކަމް... މޭއި ވާނެ ތިކުލަތަކުން ކުރަހާ މާސްޓަޕީސް އަހަންނަށް ދައްކާލަން...'' އަސަލް ހިނިތުންވުމަކާއެކުގައި ބުންޏެވެ.

މައިހާ ވެސް ހިނިތުންވުމެއް ދިނެވެ. އަސަލްއަށް ސިއްރުކުރެވިފައިވާ އެތަކެއް ތަސްވީރުތަކެއް މައިހާގެ އަތުގައި ވެއެވެ. އެއީ އޭނަ އަސަލް ދެކެ ވާ ލޯބީގެ އިގުރާރުތަކެވެ. ދުލުން ފާޅުނުކުރެވުނު ލޯބި މައިހާ ބުނެދޭން މަސައްކަތްކުރީ ފެންކުލައާއި ފިހިތަކުންނެވެ. އެއް އިރެއްގައި އަސަލްއަށް އެތަސްވީރުތައް ދެއްކުމުގެ ވިސްނުން މައިހާ ގެންގުޅުނެވެ. ހާސްކަމާއި ބިރު ކަނޑާލައި ހިތުގެ ހާލު އަސަލްއަށް ބުނެދޭން ވެސް މެއެވެ. ބޮޑު ކަމަކަށް ވެސް އަސަލް ދެކޮޅު ހަދާނީ ނޫން ހެއްޔޭ އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. ނަމަވެސް ތަޤުދީރު އޭނައަށް އެފުރުސަތެއް ނުދިނެވެ. އެތަސްވީރުތައް މައިހާ ވަނީ ސިއްރުކޮށްފައެވެ. އިރުގެ އަލިކަން ފެންނަ ހިސާބަކަށް ވެސް ނުގެންނަން ގަސްދުކުރަމުންނެވެ. އަންދާލަން ވެސް މައިހާ އުޅުނެވެ. އެކަމަކު އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ.

''މޭއި...'' މައިހާގެ މޫނަށް ބަލަމުން އަސަލް ގޮވާލިއެވެ. އަސަލްގެ ރާގުން ބޮޑު ވާހަކައެއް ހިއްސާކުރަން އުޅޭކަމުގެ ހިލަން މައިހާއަށް ވިއެވެ. އޭނައަށް ނޭވާ ހިފަހައްޓާލެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. އަސަލްގެ ދެލޮލުގައިވި ދަމާބާރުގެ ތެރޭގައި ނަފުސު ހައްޔަރުވެއްޖެއެވެ.

''އައިމް ސޮރީ...'' އަސަލް ބުންޏެވެ. މައިހާއަށް ހޭވެރިކަންވީ ދެނެވެ. އޭނައަށް ލިބުނު ހައިރާންކަމުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އޮޅުންބޮޅުންވަމުން ދިޔަ އިހުސާސްތަކުން، އަސަލް މަޢާފަށް އެނދުނު ސަބަބު ވިސްނައިގަންނަން މައިހާއަށް ފުރަތަމަ އުނދަގޫވިއެވެ.

މައިހާއަށް އެއްޗެއް ނުބުނެވެނީސް އަނެއްކާ ވާހަކަދައްކަން ފެށީ އަސަލް އެވެ. މައިހާ އިނީ އަޑުއަހާށެވެ.

''މޭއި ތީ އަހަރެންގެ ބެސްޓް ފްރެންޑް، ފާއިތުވި ދުވަސްތަކުގައި މޭއިގެ ހާލު ބަލާނުލެވުނީތީ މަޢާފަށް އެދެން، އަހަރެން ބޭނުން މޭއިގެ ބެސްޓް ފްރެންޑްގެ ގޮތުގައި ހުންނަން، އެފުރުސަތު އަހަންނަށް ދޭނަންތަ؟...'' ހިތުގެ އަޑިން މަޢާފަށް އެދެމުން އަސަލް ބުންޏެވެ. އަސަލްގެ ދެލޮލުގައިވި ޝުއޫރުތަކާއި ރާގުން އަސަލް ދެރަވެފައި ހުރި މިންވަރު މައިހާއަށް އަންގައިދިނެވެ.

މައިހާއަށް އިނދެވުނީ ގަބުއަރާފައެވެ. އެއީ އޭނަ ބޭނުންވި ގޮތް ނޫން ހެއްޔެވެ؟ އަސަލްގެ ގާތުގައި ވުމަށް އެދެވުނު ނޫން ހެއްޔެވެ؟ އެއީ އޭނަގެ މަޤާމު ނޫން ހެއްޔެވެ؟ ދެން މޭގައިވި ރިހުން ގަދަވީ ކީއްވެގެން ހެއްޔެވެ؟ އިންތިޒާރުކުރެވޭ ޖަވާބު އަސަލް ނުދިނީތީ ހެއްޔެވެ؟ އެހެން ނުވާނެކަން އޭނަގެ ނަފުސަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އަސަލްގެ ހަޔާތުގެ ބައިވެރިޔާއަކީ ޤައިލާއެވެ. އޭނަގެ އެކުވެރިޔާއެވެ.

''މޭއި؟...'' މައިހާގެ ހިމޭންކަމުން އަސަލް ކަންބޮޑުވާން ފެށިއެވެ. އޭނަގެ ހުށަހެޅުން މައިހާ ޤަބޫލުނުކޮށްފަނެތީއެވެ. އުއްމީދުގެ ކުލަވަރު ފަނޑުވާން ފެށިއެވެ. ސިކުނޑީގެ ހަލަބޮލިކަމުގެ ތެރެއިން މައިހާއަށް ލޯހުޅުވާލެވުނެވެ. އަސަލް ދެރަވެފައި ހުންނަ މަންޒަރު ބަލަން ކެތްނުކުރެވުނެވެ. އަސަލްގެ އުފަލަށްޓަކައި އޭނަ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ. އެއީ އަމިއްލަ ނަފުސަށް އޭނަ ވެފައިވާ ވަޢުދެކެވެ.

''މާޢާފަށް އެނދޭވަރުގެ ކަމެއް ނޫނޭ އެއީ، ލައިފްގަ ބަދަލުތައް އަންނާނެ، އަޒް ކައިވެނިކުރީމަ އެލީއަށް ވަގުތު ދޭން ޖެހޭނެއެއްނު، އަނެއްކާ ވޯކް ލައިފް ބެލެންސް ކުރަމުން އެހެންކަންކަމަށް ވަގުތެއް ނުލިބޭނެ، އަހަންނަށް އެކަން ވިސްނެޔޭ، އަޒް ތީ އަބަދުވެސް އަހަރެންގެ ގާތް ރަހުމަތްތެރިޔާ، އެކަމެއް ބަދަލެއް ނުވާނެ... ގަވައިދުން ވާހަކަ ނުދެކެވުނަސް ރަނގަޅުވާނެޔޭ... އެކުވެރިކަމުގެ ގުޅުން ކެނޑިގެނެއް ނުދާނެ...'' މައިހާ ބުންޏެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނައީ މައިހާއެވެ. ވާހަކަ ނިންމާލަމުން އަސަލްއަށް މައިހާ ފުޅާ ހިނިތުންވުމެއް ދިނެވެ. ވޭނާއި ކެކުޅުންތައް ސިއްރުކުރަމުންނެވެ.

''މޭއިއަށް އެއްވެސް ކަހަލަ ބަހަނާއެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން، ވަގުތަކީ ހޯދީމަ ލިބޭނެ އެއްޗެއް، އެއީ އުޒުރެއް ނޫން، ވަގުތު ހޯދަން ޖެހޭނީ މަސައްކަތްކުރަން، މީގެ ފަހުން ޢާއިލާއަށާއި ރަހުމަތްތެރިންނަށް އަހަރެން ވަގުތު ހޯދާނަން......'' އަސަލް ބުންޏެވެ. ''އަހަންނަށް ވަނީ ގޯސްތަކެއް ހެދިފައި، އެގޯސްތައް ރަނގަޅުކުރަން ލިބުނު ފުރުސަތެއް މިއީ...''

''އަޒްއަކަށް ގޯހެއް ނުހެދެޔޭ...'' މައިހާ ތަކުރާރުކޮށްލިއެވެ. އެވަގުތު އަސަލް ދެފަރާތަށް ބޯހޫރާލިއެވެ.

''އޫހުނ، އަހަންނަށް ގޯސް ހެދުނު، މޭއިއަށް ގުޅާލެވުނީސް، ނޫނީ މެސެޖުކޮށްލެވުނީސް...'' އަސަލްގެ އަޑުގައިވި މޮޅިވެރިކަމުން މައިހާއަށް ފުން އަސަރުތަކެއްކޮށްފިއެވެ.

''ދެން ވެނިމިފަ އޮތް ކަމެއް ބަދަލެއް ނުކުރެވޭނެއެއްނު، ވީ ޝުޑް ލެޓް އިޓް ގޯ... އަލުން ފަށަމާ...'' މައިހާ ހުޝަހެޅިއެވެ. އަސަލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

''ތިބުނީ ވެސް ތެދެއް...'' އަސަލް ބުންޏެވެ. ''ފްރެންޑްސް؟...''

''އަބަދުވެސް...'' މައިހާ ބުންޏެވެ. އެއީ ދެމާނަ އެކުލެވިގެންވި ޖުމްލައެކެވެ. އަސަލްއަށް ވެސް އިރުކޮޅެއް ވަންދެން މައިހާއަށް ބަލަން އިނދެވުނެވެ. އޭގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ. ހިތުގެ ވިންދުތައް އަވަސްވީ ހަމަ ކުއްލިޔަކަށެވެ. މިފަހަރު މައިހާއާއި ނަޒަރު ވަކިކޮށްލީ އަސަލް އެވެ.

އަސަލްއާއި މައިހާގެ ދެމެދަށް އަނެއްކާ ވެސް ވެރިވީ ހިމޭންކަމެވެ. ނަމަވެސް ކުރީ ފަހަރަކުތަކާ ޚިލާފަށް އެހިމޭންކަމުގައި ނުތަނަވަސްކަމެއް ނުވެއެވެ. ދެކެވުނު ވާހަކަތަކަށްފަހުގައި ކުރީގެ އެކުވެރިކަމަށް އެނބުރި ރުޖޫއަވަމުން ދިޔަ ކަހަލައެވެ. މައިހާއަށް އެކަމާއި ރުހެވުނެވެ. ހަމަޖެހުން ލިބުނެވެ. އަސަލް ދިއްކޮށްލި އެކުވެރިކަމުގެ އަތުގައި ލިފާލެވުނީ އެހެންވެގެންނެވެ.

އިރުއޮއްސި ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ދުނިޔެ ގެނބެން ފެށިއެވެ. ދުރުދުރުން ތަރިތަކުގެ ބެބެޅުންތައް އުޑުމަތިން ފާޅުވާން ފެށިއެވެ.

''ދާންވީދޯ؟، ނަމާދު ގަޑި ވެސް ޖެހެނީ...'' މައިހާ ބުނެލިއެވެ. އަސަލްއަށް ދިން އަވަސް ނަޒަރާއެކުގައި މައިހާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އަސަލް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ނަޒަރު ހުއްޓިފައިވަނީ ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކަށެވެ. މައިހާ ގޮވާލި އަޑު އަސަލްއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައިވާ ކަހަލައެވެ. އަސަލްގެ މޫނުން މޮޅިވެރިކަމުގެ އަސަރުތައް މައިހާއަށް ފާހަގަ ކުރެވުނެވެ. އެއާއެކު މައިހާއަށް ލިބުނީ ހައިރާންކަމެވެ.

''އަޒް؟...'' އަސަލްގެ ހިލަމެއް ނުވުމުން މައިހާ ގޮވާލިއެވެ. އޭރު މައިހާގެ ސަމާލުކަން ހުއްޓިފައިވަނީ އަސަލް އަށެވެ. ކުއްލިޔަކަށް އަސަލްއަށް އައި ބަދަލު ދެނެގަންނަން އޭނަ ބޭނުންވިއެވެ. އޭނައަށް އަސަލްގެ މިޒާޖަށް އައި ބަދަލާއި ގުޅުވާލެވުނީ ރޭގެ މަންޒަރުތަކާއެވެ. އެއާއެކު މައިހާގެ ހަވަނަ ހިއްސު އިންޒާރު ދިނީ ގޯހެއް އުޅޭ ކަމަށެވެ. ދެ ވިސްނުމެއްގައިވާ ހާލު އަސަލްއަށް އަނެއްކާ ވެސް މައިހާ ގޮވާލިއެވެ.

''އަޒް...'' މައިހާގެ އަޑަށް އަސަލް ސިހުނެވެ. ވަށައިގެންވި މާހައުލަށް ސަމާލުވެލެވުނީ ދެނެވެ. އޭނައަށް ބަލައިލެވުނީ ކަންބޮޑުވެފައި އިން މައިހާ އަށެވެ.

''ދާންވީދޯ...'' އަސަލްއަށް ބުނެވުނެވެ.

''ތިހެން އަހަރެން ބުނެފީމޭ...'' މައިހާ ބުންޏެވެ. އޭނަގެ ނަޒަރު އަސަލްގެ މޫނާއި ވަކިނުވެއެވެ. ''އަޒް...''

''ހޫމްމް...'' އަސަލް ބުންޏެވެ. އޭނައަށް މައިހާގެ ކަންބޮޑުވުން ދޭހަކުރެވުނެވެ. ޚިޔާލުތަކަށް ގެއްލިފައިވުމުން އޭނައަށް ދިރިއުޅުމުގެ އުދާސްތައް މޫނުމަތިން ސިއްރު ނުކުރެވުނީއެވެ.. މައިހާގެ ދެލޮލުގައިވި ސުވާލުތައް އަސަލްއަށް ނަގައިގަނެވުނެވެ.

''އަހަރެން ސުވާލެއްކޮށްލަންތަ؟...'' މައިހާ އެހިއެވެ. އޭނައަށް އެސުވާލު ކުރުމުގެ ހިތްވަރު ލިބުނީ އަސަލްގެ ގާތްކަމުންނެވެ. އެކުވެރިކަމަށް އެދުނު ހުށަހެޅުމުންނެވެ.

އަސަލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މައިހާގެ ސުވާލުތަކުގެ މިސްރާބު އޭނައަށް ލަފާކޮށްލެވުނުކަހަލައެވެ. އިސްއުފުލާލަމުން އަސަލް ބޯޖަހާލިއެވެ.

''ހުރިހާކަމެއް ރަނގަޅުތަ؟...'' މައިހާ އެހިއެވެ. މައިހާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެސުވާލުގެ ޖަވާބު އައިސްދާނެ ގޮތެއް ނޭނގޭތީއެވެ.

''ނޫން...'' މައިހާއަށް ވީތީ ދޮގު ހަދަން އަސަލްގެ ޒަމީރު ދެކޮޅުހެދިއެވެ. އެކުވެރިޔާއަށް އޮޅުވާލަން ބޭނުންނުވާތީއެވެ. އެ ދެމެދަށް ދުރުކަމެއް އައުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.

އަސަލްގެ ޖަވާބާއެކު މޭގެ ތެރޭގައި ހިތް ގެނބުނުކަމުގެ އިހުސާސް މައިހާއަށް ކުރެވުނެވެ. ލަސް ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

''އެލީއާ ދެމީހުން މައްސަލައެއް ޖެހުނީތަ؟...'' އިތުރަށް އޮޅުންފިލުވަން މައިހާއަށް ސުވާލުކޮށްލެވުނެވެ. އުފަލުގައި ނުވާކަމަށް ޚުދު އަސަލްގެ ދުލުން އެއްބަސްވުމާއެކު މައިހާއަށް ހިމޭނުން ހުންނަން އުނދަގޫވެއްޖެއެވެ. އޭނައަށް ލިބިފައިވި އިންތައް ފަހަނައަޅައި ގޮސްދާނެތީ އެކަމާއި މެދު މައިހާ ފިކުރުބޮޑުވިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އަސަލް އުޅެނީ އުފަލުގައި ކަމަށެވެ. ހިތްހަމަޖެހުން ނޫން އިހުސާސެއް އަސަލްގެ ދިރިއުޅުމުގައި ނުވާކަމަށެވެ. ފާއިތުވި މަސްތަކުގައި އޭނައަށް ލިބުނު ހިތާމަތަކަށް ކެތްތެރިވީވެސް އެޚިޔާލުތަކުންނެވެ. ނަމަވެސް އޭނަ އުއްމީދުކުރި ގޮތާއި ޚިލާފަށް މަންޒަރުތައް ބަދަލުވުމުން މައިހާ މާޔޫސްކޮށްލައިފިއެވެ.

''މިހާރު ދުވަސްކޮޅެއް ވެދާނެ...'' އަސަލް ބުންޏެވެ. މައިހާ ބުނެފާނެ އެއްޗަކަށް އަސަލް ސަމާލުވެލިއެވެ. ޤައިލާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، މައިހާ ޤަބޫލުކުރަނީ ޤައިލާއަކީ ގާތް އެކުވެރިޔެއް ކަމަށެވެ. ޤައިލާގެ ހަޤީޤަތް ބުނެދޭން އަސަލްއަށް އުނދަގޫވީ ވެސް އެހެންވެގެންނެވެ.

ޤައިލާއާއި މައްސަލަޖެހިގެން އުޅޭނަމަ އަސަލް ދެރަވާނެ މިންވަރު މައިހާއަށް އަންދާޒާކޮށްލެވުނެވެ. ޤައިލާ ދެކެ އަސަލް ލޯބިވާވަރު އޭނައަށް ވަނީ ފެނިފައެވެ. ބަލަން ފަސޭހަ މަންޒަރަކަށް ނުވިކަމުގައި ވިޔަސް އޭނައަށް އެހަޤީޤަތް އޮޅުވާލެވުނެވެ. އަސަލްގެ މާޔޫސްކަމުގެ ފަހަތުގައިވި ސަބަބު ދެނެގަނެވުމުން މައިހާ ދެރަވިއެވެ. ދިރިއުޅުމުގެ ތަޖުރީބާތައް މަދުވުމުން ދޭނެ ނަސޭހަތެއް ވެސް ނޭނގުނެވެ. އޭނަ އަދި މިވީހާތަނަށް މީހަކާއި ރައްޓެހިވެފައެއް ނުވެއެވެ. އެކުގައި އުޅޭއިރު ޖެހޭނެ މައްސަލަތަކާއި އެކަމަށް ހައްލު ހޯދާނެ ގޮތްތަކެއް ވެސް ނޭނގެއެވެ. މައިހާ ގޮތްހުސްވިއެވެ. އަސަލް އޭނަ ގާތު ބުނެދިނީ ޚިޔާލެއް ހޯދުނުމުގެ ނިޔަތުގައި ކަމަށްވުމުން ހިމޭންކަން އިހުތިޔާރުކުރެވޭކަށް ވެސް ނެތެވެ.

''އައިމް ސޯ ސޮރީ...'' މައިހާއަށް ބުނެވުނެވެ. ''އައިމް ޝުއާރ ޔޫ ކޭން ވޯކް ދިސް އައުޓް...''

''މޭއިއަށް ހީވޭތަ؟...'' އަސަލްއަށް އަހާލެވުނެވެ. އެއާއެކު މައިހާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

''އަޒްއާއި އެލީ ނުލާހިކު ގުޅޭ، އެހާ ލޯބިން އުޅުނީ، އެހެންވީމަ ޖެހޭ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެއެއްނު...'' އުނދަގުލާއެކުގައި މައިހާ ބުންޏެވެ. އެލަފުޒުތައް ދުލާއި ހަމައަށް ގެނައުން ވީ ވޭނަކަށެވެ. ނަމަވެސް އެވޭނަށް މައިހާ ކެތްތެރިވިއެވެ. އަސަލްގެ ހައްޤުޤައެވެ. ލޮލުން ކަރުނަ ހިލިދާނެކަމުގެ ބަރަށްޓަކައި އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ.

''އެހާ ބޮޑަށް ވެސް ގުޅޭތަ؟...'' އަސަލްއަށް ބުނެވުނެވެ. އެއީ ބޮޑަށް އޭނަގެ އަމިއްލަ ޒަމީރާއިކޮށްލެވުނު ސުވާލެކެވެ.

''އާނ...'' މައިހާއަށް ބުނެވުނެވެ. އަސަލްގެ ވާހަކަތަކުގެ މިސްރާބު ދެނެގަންނަން މައިހާގެ ސިކުނޑި ނުކުޅެދުނެވެ.

ހިމޭންކަމުގެ ސުކޫތަކަށްފަހުގައި، މައިހާއަށް ކައިވެނީގެ ހާލަތު ކިޔައިދޭން އަސަލްގެ ދޫ ހަރަކާތްކޮށްލިއެވެ. އެކަމަށް އޭނަގެ ޒަމީރު ބާރު އެޅީތީއެވެ.

''ތިހެން ވާން އަހަރެން ވެސް ބޭނުންވި، އެކަމަކު މިހާރު އެކަމާ ސުވާލު އުފެދޭ، ކައިވެނި ކުރީ އުފަލުން، ތެދަށް ބުނާނަމަ މިހާރު އެއުފާވެރިކަމެއް ނެތް، ޖެހޭ މައްސަލަތައް ހައްލުކުރަން އުނދަގޫވޭ، އަބަދު ކޮންމެވެސް ކަމަކާ ދެބަސްވުމަކަށް ދާން ޖެހޭ...'' އަސަލް ބުންޏެވެ. ސިކުނޑީގެ ހަލަބޮލިކަން މައިހާއާއި ހިއްސާކޮށްލުމުން ލުޔެއް ލިބުނެވެ.

''އަޒް، އަހަންނަށް ޔަޤީން މިކަމަށް ރަނގަޅު ހައްލެއް ލިބޭނެކަން، އެލީ ވެސް އަޒް ދެކެ ލޯބިވޭ، ބޯތް އޮފް ޔޫ ކޭން ވޯކް ދިސް އައުޓް...'' މައިހާ މަސައްކަތްކުރީ އަސަލްއަށް އުއްމީދު ގެނެސްދޭށެވެ. މާޔޫސްކަމާއި ދުރަށް ގެންގޮސްދޭށެވެ. އަމިއްލަ ހާލަތާއި މެދު ފަރުވާލެއް ވެސް ނުބެހެއްޓުނެވެ. އެވަގުތު އޭނައަށް މުހިންމުވީ އަސަލްގެ އިހުސާސްތަކެވެ. އުފާވެރިކަމެވެ. މައިހާއަށް ހީކުރެވުނީ އަސަލްގެ އުފަލާއި ގުޅިފައިވަނީ ޤައިލާ ކަމަށެވެ. އޭނަގެ ވާހަކަތައް އަސަލްއާއި ޤައިލާގެ ކައިވެނި ކާމިޔާބުވާނެހެން ބައްޓަންކުރެވުނީ އެހެންވެގެންނެވެ.

''އިޒް ދެޓް ވަޓް ޔޫ ވޯންޓް؟...'' އަސަލްގެ ސުވާލުން މައިހާއަށް ލިބުނީ ސިހުމެވެ. ހާއްސަކޮށް އަސަލްގެ އަޑުގައިވި އަސަރުންނެވެ. އަސަލްގެ ތޫނު ނަޒަރުން މައިހާގެ ހިތުގެ މައްޗަށް ބާރު ފޯރުވިއެވެ. ހިތް ތެޅެން ފެށީ ބާރުބާރަށެވެ. މޭކަށިގަނޑު ފަޅާލައި ނިކުމެދާނެކަމުގެ ބިރު ވެސް ހީވެއްޖެއެވެ. ކުއްލިޔަކަށް އަސަލް އެސުވާލު ކުރީ ކީއްވެގެން ހެއްޔެވެ؟

''އާނ، އަޒްއާއި އެލީ ތީ އަހަރެންގެ ގާތް އެކުވެރިން، ދެމީހުން އެކުގައިވާތަން ދެކެން ބޭނުން...'' މައިހާ އަވަސްއަވަހަށް ބުންޏެވެ. އެނޫން އިތުރު އެއްޗެއް އޭނައަށް ބުނެވޭނެ ހެއްޔެވެ؟

އަސަލް އިނީ މައިހާއަށް ބަލަންށެވެ. މައިހާގެ ޖުމްލައިން އަސަލްގެ މޭގައި ރިއްސާލިއެވެ. އޭނަ އޮޅުންފިލުވަން އުޅުނީ ކޯޗެއް ހެއްޔެވެ؟ މައިހާގެ ހިތުގައި އޭނައަށް އިހުސާސްތަކެއްވޭތޯ ހެއްޔެވެ؟ އެއީ ހާދަ މޮޔަ ވިސްނުމެކެވެ. އޭނަގެ ސުވާލުން މައިހާ ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟

''އަޒް ނަމާދަށް ނުދަނީތަ؟، ބަންގި ދިންތާ އިރުކޮޅެއް ވެދާނެ...'' މައިހާ އުޅުނީ މައުޟޫޢު ބަދަލުކޮށްލާށެވެ. އިތުރަށް އެކަމާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ.

''މިދަނީ ދާން، އޭގެ ކުރިން މޭއި ހޮޓެލަށް ލައިދެންތަ؟...'' އަސަލް އަހާލިއެވެ. ހިއްސާކުރަން ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ނަމަވެސް ނެތީ ވަގުތެވެ. އޭރު އަސަލްއަށް އެއްކަމެއް ސާފުވެއްޖެއެވެ. އޭނައާއި ޤައިލާގެ ކައިވެނި ކާމިޔާބުވުމަށް މައިހާ އެދޭ ކަމެވެ. އޭނަގެ ނިންމުން މައިހާއަށް އެނގުމުން ދެކޭނެ ގޮތަކާއި މެދު އަސަލް ފިކުރުބޮޑުވެއްޖެއެވެ. މައިހާ ދެރަވާނެކަން ގައިމެވެ. އެޚިޔާލުތައް ސިކުނޑިއަށް ވެރިވެގަތުމުން އަސަލް ބޭނުންވީ ފަހަށް އެކަން ބާއްވާށެވެ. ހަމަޖެހިލައިގެން ހުރެ މައިހާއާއި ވާހަކަދައްކާލަން ގަސްދުކުރަމުންނެވެ. މައިހާއަށް އޭނަގެ ހާލަތު ވިސްނޭނެތީއެވެ.

''އޭރުން މާ ލަސްވެދާނެ، ޖަމާއަތުގަ ލައްވާނުލާފާނެ، އަޒް ދާން ވީނު، ހޮޓެލް ހުންނަނީ މިތާ ވަރަށް ކައިރީގައޭ...'' މައިހާ ބުންޏެވެ. މައިހާ އެއްބަސްކުރުވާނެ ގޮތެއް ނޭނގުމުން އަސަލް ބޯޖަހާލިއެވެ.

އަސަލް ކޮޅަށް ތެދުވަމުން ފަޓުލޫނުގައި ހުރި ދޮންވެލި ފޮޅާލިއެވެ. އަތުގައި ހުރި ދޮންވެލީގެ އަސަރު ވެސް ފިލުވާލަމުން މައިހާއަށް އޭނަގެ އަތްތިލަ އަސަލް ދިއްކޮށްލިއެވެ.

މައިހާއަށް ހުއްޓުމެއް އައެވެ. އޭނައަށް ފުރަތަމަ ބަލައިލެލެވުނީ އަސަލްގެ އަތްތިލައަށެވެ. އެއަށްފަހު އަސަލްގެ މޫނަށެވެ. އަސަލް ހުރީ މައިހާ އޭނަގެ އަތުގައި ހިފާނެ ކަމަށެވެ. އަސަލް ބުމައަރުވާލިއެވެ.

އަސަލްގެ އަތުގައި މައިހާއަށް ހިވާލެވުނެވެ. އޭނަގެ މެޔަށް އިންތިހާއަށް ފިނިވެގެން ދިޔައެވެ. އަސަލްގެ އަތުގެ ހޫނުކަން އިހުސާސްކުރެވުމާއެކު މައިހާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކޮޅަށް ތެދުވެވުމާއެކު އަސަލްގެ އަތުން މައިހާ ދޫކޮށްލީ ނިކަން އަވަހަށެވެ. ގަދަކަމުން ހިނިތުންވަމުން ދޮންވެލިގަނޑު މަތިން ޖޫޓް ބޭގް ވެސް ނަގައިފިއެވެ.

އަސަލްއާއި އެއްހަމައެއްގައި ހިނގަމުން ގޮސް މައިހާ ހުއްޓުނީ އަސަލްގެ ކާރު ކައިރިއަށެވެ. އަސަލް ކާރުގެ ދޮރު ހުޅުވާލުމާއެކު އަތުގެ އިޝާރާތުން ވަދާއުގެ ސަލާން މައިހާ ބަދަލުކޮށްލިއެވެ. އަސަލް ކާރަށް އެރުމުގެ ކުރިން ސަލާމަށް ރައްދުދިނެވެ.

މައިހާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނީ އަސަލް ކާރު ދުއްވާލުމާއެކުގައެވެ. މޭގައި އުތުރި އަރަމުން ގިލަންވެރިކަމުގެ އާހުގެ އަޑު ދުރުކުރިއާ ހަމައަށް އަތުވެއްޖެއެވެ.

''އަހަރެންގެ ދުޢާއަކީ އަޒް އުފަލުގައި ހުރުން، މިއަދު އެނގުނުކަންތަކުން ވަރަށް ބޮޑަށް ދެރަވެއްޖެ، އެކަމަކު ބަލައްޗޭ، މިދުވަސްތައް ހިނގައިދާނެ، އަޒްއަށް އަޒްގެ އުފާތައް ލިބޭނެ، އެލީއާ ދެމެދު ޖެހިފައިވާ މަސައްސަލަތަކަށް ވެސް ހައްލެއް ލިބޭނެ... އަހަރެން ދުޢާކޮށްދޭނަން، އަހަރެން އަޒް ދެކެ ވާ ލޯބި ބަޔާންކޮށްދޭވެނެ ހަމައެކަނި ގޮތަކީ އެއީ......'' މައިހާއަށް ބުނެވުނެވެ. ރޮވިދާނެތީ އޭނައަށް ތުންފިއްތާލެވުނެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތިކި އަވަސްއަވހަށް ފޮހެލެވުނެވެ. އެކަރުނަތަކާ މެދު ހަމްދަރުދީވާނެ މީހަކު ނެތީތީއެވެ.

(ނުނިމޭ)