ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކު ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، ބީއެމްއެލް އިސްލާމިކުގެ އަށް ބްރާންޗް މިހާރު ހުޅުވާފައިވާއިރު، އިސްލާމިކް ބޭންކިން ހިދުމަތް ދޭ އެންމެ ގިނަ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ސެންޓަރާއި އެންމެ ފުޅާ ޕޭމަންޓް ވިއުގައެއް މެދުވެރިކޮށް ހިދުމަތް ދެމުންދަނީވެސް ބީއެމްއެލް އިން ކަމަށެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ހުޅުވާލި ސަނާބިލް ސުކޫކަށް ސަބްސްކްރައިބްކޮށް، ގާނޫނީ އިދާރާއަކުން ނެރެފައިވާ އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމަންޓެއްގައި އިންވެސްޓް ކުރި ރާއްޖޭގެ ފުރަތަމަ ބޭންކަކީ ވެސް ބީއެމްއެލް ކަމަށާއި ރިސޯޓު ތަރައްގީކުރުމަށް ރާއްޖޭގެ ފުރަތަމަ ފުލީ ފަންޑެޑް އިސްލާމިކް ރިސޯޓް ފައިނޭންސިން ދޫކުރީވެސް ބީއެމްއެލް އިސްލާމިކް ކަންވެސް ޝަރީފު ފާހަގަކުރެއްވި އެވެ.
"ކަސްޓަމަރުންގެ ޑިމާންޑް އިތުރުވަމުންދާ ހިނދު، ބީއެމްއެލް އިސްލާމިކް އިން ދާނީ ޝަރީއާ ހުއްދަކުރާ ގިނަ ފައިނޭންސިންތައް ދޫކުރަމުން. އެހެންކަމުން ބޭންކް އޮފް މޯލްޑިވްސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އިސްލާމިކް ބޭންކިން ހިދުމަތް ދޭ ބޭންކް،" ޝަރީފު ވިދާޅުވި އެވެ.
މި އަހަރަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތަށް 10 ވަނަ އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ފުޅާވަމުން އަންނައިރު، މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކް އިން ފަރުދުންނަށާއި ވިޔަފާރިތަކަށް މުޅިން އަލަށް 1.06 ބިލިއަން ރުފިޔާގެ ފައިނޭންސް ދޫކޮށްފައިވާ ކަމަށެވެ.
"އާދެ، މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، ފަރުދުންނަށާއި ވިޔަފާރިތަކަށް ޝަރީއާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ބޭނުންވާ ހުރިހާ ބޭންކިން ހިދުމަތެއް ދެމުން އަންނަ ހަމައެކަނި ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް. އިސްލާމިކް ކްރެޑިޓް ކާޑުގެ ހިދުމަތް ދޭ މި ނޫން އެހެން ބޭންކެއް ރާއްޖެއަކު ނެތް. ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމުގައި "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީއަށް އަމާޒުކޮށްގެން،" ޝަރީފު ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް