އުމުރުން އެންމެ 13 އަހަރުގައިވެސް ޒުވާން ފޯވަޑް، މުހައްމަދު އިލާން އިމްރާން ވަނީ ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހަށް ނުކުމެފައެވެ. އެއީ 2022 ވަނަ އަހަރުއެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅުނު ގައުމީ ޓީމުގެ ޕްރެކްޓިހަށް އިލާން ނެރުނު ނަމަވެސް، އޭގެ ފަހުން އޭނާ ސީނިއާ ޓީމަށް ނުކުމެފައެއް ނުވެއެވެ.
އެއިރު އިލާނަކީ އިންޓަ ސްކޫލް މުބާރާތުންވެސް ފެނުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ގޯލް މެޝިނެއްގެ ސިފަ ހުރި ވަރުގަދަ ސްޓްރައިކަރެކެވެ. ހަ މެޗުން 38 ގޯޅު އިސްކަންދަރަށް ޖަހައިދިނެވެ. އޭގެ ފަހުން ވެލެންސިއާއަށް ކުޅެ، ރާއްޖޭގެ ޑޮމެސްޓިކް ރެކޯޑުވެސް މުގުރާލި އިރު، އޭނާއަށް ވަނީ ޔޫއޭއީގެ އަލް އައިންއިންވެސް ފުރުސަތު ލިބިފައެވެ.
އިލާންގެ ހުނަރުވެރިކަމާމެދު މާ ބޮޑު ސުވާލެއް ކުރިންވެސް ނެތެވެ. އެ ހުނަރު އަލުން މި ފެނިގެން ދިޔައީ ރޭ ނިމިގެން ދިޔަ ލީގު ކަޕުންނެވެ. އެންމެ 16 އަހަރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެ، ލީގު ކަޕްގެ ރަން ބޫޓު ހޯދީ ފަސް މެޗަކަށް ބަދަލަށް ނުކުމެ ޖެހި ހަތަރު ގޯލުންނެވެ. ހާއްސަކޮށް ރޭގެ ފައިނަލުގައި އޭނާ ޖެހި ދެ ގޯލާއެކު އެތައް ބަޔަކު އިލާންގެ ވާހަކަ ދައްކަން ފަށައިފިއެވެ.
އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އިން އެންމެ ފުރަތަމަ ތަމްރީން ވި އިލާންއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އެއް ކޯޗު، ސޮބާހް މުހައްމަދު (ސޮބާ) އިލާންގެ ކާމިޔާބީއަށް ފަހުރުވެރި، ކޮމެންޓްރީގައިވެސް ތައުރީފު ކޮށްފައިވެއެވެ.
އޭގެފަހުން ސޮބާ މިއަދު ކުރި ފުރަތަމަ ޕޯސްޓްގައި ބުނީ ނަތީޖާއަކީ "ކޮންސިސްޓް" ވެގެން އަންނަ އެއްޗެއް ކަމަށެވެ. އޭގެ އިތުރުން އެންމެ މުހިއްމު އެއް ކަމަކީ ޑިސިޕްލިން ކަމަށާއި، ކުރިއެރުން ލިބޭނީ "ކޮންފަޓް ޒޯނުން" ބޭރު ވެގެން، އަމިއްލަ ނަފުސު ކުރިއަށް ނެރެގެން ކަންކަން ހާސިލްކޮށްގެން ކަމަށެވެ.
ސޮބާ ބުނީ "އިލާން ދަނޑުމަތީގައި ކުރަނީ ކުރަން ޖެހޭ ކަންކަން އެކަނި،" ކަމަށެވެ. އެއީ ފުރިހަމަ ފޯވަޑެއްގެ ސިފައެއް ކަމަށްވެސް ފާހަގަކުރިއެވެ.
ޒުވާން އުމުރުގައި އިލާން ހޯދި ކާމިޔާބީއަކީ އޭނާއަށް ކޯޗުކަން ކޮށްދީ، އޭނާގެ ހުނަރު ބަލަމުންދިޔަ ބަޔަކަށް އާ ކަމެއް ނޫނެވެ. އިލާންގެ ވާހަކަ މީގެ ކުރިންވެސް ދެއްކިއެވެ.
ދެން އެ ހިސާބުން ސޮބާ އުފެއްދި ސުވާލަކީ އޭނާއަށް ގައުމީ ޓީމުން ލިބެން އޮތީ ކޮން ފުރުސަތެއް ތޯއެވެ. ގައުމީ ޓީމަށް އޭނާ ނަގާނެ ނިޒާމަކީ ކޮބައިތޯއެވެ.
"ޔޫތު ޑެވަލޮޕްމެންޓުގައި ގިނަ ދުވަސްތަކެއް ވާންދެން ހަރަކާތްތެރިވި ކޯޗެއްގެ ހައިސިއްޔަތުން އަހަރެން އަބަދުވެސް ބުނަމުން މިދަނީ ރަނގަޅު ސިސްޓަމެއް، ރަނގަޅު ސްކައުޓިން ނިޒާމެއް ގައުމީ ޓީމަށް ބޭނުން ވޭ. އަދި ޒުވާން ހުނަރަށް ދުރު ރާސްތާ ޕްލޭނެއް ބޭނުންވޭ. އެއިރު އެއްވެސް މީހަކު އަޑެއް ނޭހި. މިހާރު ހައިރާންވެ އެވާހަކަ މި ދައްކަނީ،" ސޮބާ ބުންޏެވެ.
އިލާނަކީ އެ ޖީލުގެ ހަމައެކަނި ހުނަރުވެރި ކުޅުންތެރިޔާ ނޫން ކަމަށްވެސް ސޮބާ ފާހަގަކުރި އެވެ. އެ ކުޅުންތެރީންނަށް އަދިވެސް ރަނގަޅު ޕްލެޓްފޯމެއް ބޭނުންވާ ކަމަށް ސޮބާ ފާހަގަކުރި އިރު، އެ ކުޅުންތެރީން ހުނަރު ކުރިއަރުވަން ކުރާ މަސައްކަތްވެސް ސޮބާ ފާހަގަކުރިއެވެ.
"އިލާން ވެލެންސިއާ އެކަޑެމީ ދޫކޮށްލީ އެ އެކަޑެމީގެ އަގު ވަޒަން ނުކުރާތީއެއް ނޫން. އޭނާ އެ އެކަޑެމީ ދޫކޮށްލީ އާ ޗެލެންޖެއް ހޯދަން. އޭނާއަށް އެކަމުގައި ދަތިތަކާވެސް ކުރިމަތިވި. އެހެންވިޔަސް، މިހާރު މަޑުމަޑުން އެދަނީ ހޭނެމުން. ހާއްސަކޮށް އެންމެ މަތީ ލެވެލަށް އިލާން އެޖަސްޓްވަމުން ދަނީ އެހެން މީހުންނަށްވުރެ އަވަހަށް. އެއީ އެހާ ފަސޭހަކަމެއްވެސް ނޫން،" ސޮބާ ފާހަގަކުރިއެވެ.
އިލާން ކަހަލަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް، އެ ކުޅުންތެރީން ކުރިއަރާނެ ސިސްޓަމެއް މަޖުބޫރު ކަމަށް ސޮބާވެސް ފާހަގަކުރިއެވެ. އެ ކުޅުންތެރީންނަށް ސަޕޯޓް ދޭން ޖެހޭ ކަމަށް އިދާރާތަކަށް އޭނާ ގޮވާލިއެވެ.
ތަޖުރިބާކާރު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)ވެސް އިލާންގެ ހުނަރަށް ތައުރީފުކޮށް ދެއްކީ ހަމަ އެ ވާހަކައެވެ. ރޭ ފެނުނު ހުނަރުވެރި ޒުވާން ދެ ކުޅުންތެރީންގެ ވާހަކަ އޭނާ ކުރި ޕޯސްޓެއްގައި ފާހަގަކުރި އެވެ. އެއީ ޗެލްސީގެ ކޯލް ޕާމާ އާއި އިލާން އެވެ.
ނިޒާމްބެ ބުނީ ރާއްޖޭގައި ނެތީ ސިސްޓަމެއް ކަމަށެވެ. ދެ ކުޅުންތެރީން "ތަފާތު ދެ ދުނިޔެއްގައި" ތިބި ކަމަށް ބުނެ ނިޒާމްބެ ބުނީ ރާއްޖޭގެ ކުޅުންތެރީންނަށް ހަމައެކަނި ހަފުތާ ބަންދުގައި ބާއްވާ ކުޑަ މުބާރާތެއް ނުފުދޭ ކަމަށެވެ. ގެއްލިގެންދާ އަވާ މެންދުރަކަށް ވައުދުތައް ވުމުން، އެ ކުޅުންތެރީން ކުރިމަގު ގެއްލުމުގެ ޗާންސް އޮންނަނީ ސިސްޓަމެއް ނެތުމުން ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ